ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ލީގުގައި ޗެލްސީ ކޮޅަށް ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑުން ޔުނައިޓެޑަށް ޕޮއިންޓެއް

ޔުނައިތެޑަށް އެއްވަރު ކޮށްދިނުމަށް ފަހު ރޮނާލްޑޯ އާއި އޭނާ އަށް ލަނޑުޖަހަން އެހީވި މަޓިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ލަނޑުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ އަތުން ޕޮއިންޓެއް ހޯދައިފި އެވެ.

އޯލްޑް ޓްރަފޯޑުގައި މިރޭ ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޗެލްސީ އެންމެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި މޮޅުވީ 2013 ވަނަ އަހަރުގެ މެއި މަހު އެވެ. އެއީ ސާ އެލެކްސް ފާގަސަން ޔުނައިޓެޑަށް ކޯޗު ކޮށްދިން އެންމެ ފަހު ސީޒަނެވެ. އޭގެ ފަހުން، މިހާތަނަށް ނުވަ މެޗު ކުޅެފައި ވާއިރު އޭގެތެރެއިން ޔުނައިޓެޑް ވަނީ ފަސް މެޗު ކާމިޔާބު ކޮށްފަ އެވެ. މިރޭގެ ނަތީޖާއާ އެކު، ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑެއް ނުޖެހުނުއިރު ތަފާތަކަށް ވީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. އޭނާ ވަނީ ޗެލްސީ އިން މި ހާފުގައި ހޯދި ހުސް ފުރުސަތުތަކުގައި ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވަރަށް ހަމަޖެހިލައިގެން ދިފާއު ކޮށްފަ އެވެ. ރީސް ޖޭމްސް އާއި އެންގޯލޯ ކަންޓޭ އަދި ޓިމޯ ވާނާގެ ހަމަލާތައް ޑެހެއާ ހުއްޓުވިއިރު އޭނާ ވަނީ ކައި ހަވާޓްޒް ހުސްކޮށް ހުރެ ފޮނުވާލި ދެ ހަމަލާއެއް ވެސް މަތަ ކޮށްފަ އެވެ.

ޔުނައިޓެޑުގެ ކުރިޔަށް ކުޅެމުން ދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި ހާފުގައި މާ ރަނގަޅު ބޯޅަތަކެއް އެޓީމު ކުޅުންތެރިންނަށް ފޯރުކޮށްދެވިފައެއް ނުވެ އެވެ. ނަމަވެސް ކޯނަރަކުން ލިބުނު ބޯޅައެއްގައި އޭނާ އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ބޭރުވީ ހުރަސް ދަނޑި މަތިންނެވެ.

ޗެލްސީ އަށް ލަނޑު ޖަހައިދިން އޮލޮންސޯ، ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ލީޑު ނެގީ މެޗުގެ 60 ވަނަ މިނިޓުގައި މާކޮސް އޮލޮންސޯ ޖެހި ގޯލުންނެވެ. ޖޭމްސް ނަގައިދިން ހުރަހެއް ހަވާޓްޒް ބޮލުގައި ޖެހިފައި ލިބުނީ ފާ ޕޯސްޓުގައި ހުސްކޮށް ހުރި އޮލޮންސޯ އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ޗެލްސީގެ ގޯލަށް ފަހު މާ ގިނަ އިރެއް ނުވެ 62 ވަނަ މިނިޓުގައި ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޗެލްސީން ކުރިޔަށް ޖެހެން މަސައްކަތްކުރި ގަޑީގައި ކަންޓޭ އަތުން ދޫވި ބޯޅަ ނިމަންޔާ މަޓިޗް ހޯދައި އޭނާ ވަނީ ކުރިޔަށް ދުވި ރޮނާލްޑޯ އަށް ޖައްސާލައިފަ އެވެ. ޑިފެންޑަރުން ބޯ މަތިން މަޓިޗް ދިން ބޯޅަ ހޯދައި އެއްފަހަރުން ކޮންޓްރޯލް ކޮށްލައި ގޯލަށް ފޮނުވާލި ބޯޅައިން ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާ ޕްރިމިއާ ލީގުގައި ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް ޔުނައިޓެޑްގެ ޖޯޒީގައި އޭނާ ވަނީ 2008 ގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މިއީ ރޮނާލްޑޯ މި ސީޒަނުގައި ޔުނައިޓެޑަށް ޖަހައިދިން 23 ވަނަ ލަނޑެވެ. ލީގުގައި އޭނާ ވަނީ 17 ލަނޑު ޖަހައިފަ އެވެ. މިއާ އެކު އޭނާ ވަނީ 17 ލަނޑު ޖަހައި ލީގު ލަނޑު ލިސްޓުގެ ދެވަނައިގައި އޮތް ޓޮޓެންހަމްގެ ސޮން ހެއުން މިން އާ އެއްވަރު ކޮށްފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ 22 ލަނޑު ޖަހާފައިވާ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

ރޮނާލްޑޯ ޔުނައިޓެޑުން އެއްވަރުކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ޗެލްސީގެ ޖޭމްސް އަށް ވަނީ އަލުން ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ކައުންޓާ އެޓޭކެއްގައި ހަވާޓްޒް އޭރިއާ ބޭރުން އަރިމައްޗަކަށް ހުސްކޮށްލި ބޯޅަ ޖޭމްސްގެ ވާތު ފައިން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފަ އެވެ. އިތުރު ވަގުތުގެ ފަހު މިނިޓުގައި ކޯނަރަކުން ލިބުނު ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓާ ލިންޑެލޯފަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

މި ނަތީޖާއާއެކު ކުޅުނު 35 މެޗުން 55 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ލީގުގެ ހަވަނައިގަ އެވެ. ޔުނައިޓެޑަށް ބާކީ ތިން މެޗު އޮތްއިރު، ފަސްވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް އާސެނަލް އަށް ވެސް ބާކީ ފަސް މެޗު އެބަ އޮތެވެ. ޗެލްސީ އަށް ވެސް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު އެޓީމު ތިންވަނައިގައި އޮތީ ޔުނައިޓެޑަށް ވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މި ސީޒަނުގައި ފުރަތަަ ކުޅުނު މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ. އެ މެޗަކީ ސީޒަން ފެށުނުއިރު ޔުނައިޓެޑުގައި ހުރި ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކޮށް، ރަލްފް ރަންގްނިކް މަގާމަށް ހަމަޖެއްސުމުގެ ކުރިން، ކެއާޓޭކާ ކޯޗު ގޮތުގައި މައިކަލް ކެރިކް އެޓީމަށް ލީގުގައި އިރުޝާދުދިން ފުރަތަމަ މެޗެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންޓެ

29 April 2022

ވަރަށް އާދައިގެ ޗެމްޕިނައަންޝިޕް ލެވެލް ގެ ޓީމެއް ކޮޅަށް 15 ފުރުސަތުން ތަނަވަސް ކޮށް، 6 ފުރުސަތު ގޯލަށް އަމާޒުވިިއިރުވެސް 1 ގޯލެއް ޖެހުމަކީ ކުރިއަށް އޮތް ސީޒަނުގަ ޓީމުގެ ސްޓައިލަށް ފިޓްވާ ރަގަޅު ސްޓަރައިކަރެއް ބޭނުންވާކަން އެނގިގެންދިޔަ ކަމެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

29 April 2022

މަރުހަބާ ކޮންޓެ ބްރޯ.ކޮންޓެ ބުނީ މެންޔޫ އެއީ އާދައިގެ ޓީމެއްކަމަށާއި އެ ޓީމްކޮޅަށް ގިނަ ލަނޑުތަކެއް ޖެހޭނެކަމަށް.ނަމަވެސް ރޭގެ ނަތީޖާ މުޅިން ތަފާތު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454