މ. ކޮޅުފުށި: ދެ ދޯނި ދޭތެރޭގައި މީހަކު މަރުވީ މި ރަށަށް ކައިރި ކޮށްގެން އުޅުމުގެ ތެރޭގައި.
10 މެއި 2022 - 19:27
މ. ކޮޅުފުށި ކައިރީގެ ފަޅު ރަށަކަށް ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި ފިތުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވި ބ. ހިތާދޫ އަބްދުﷲ އަހުމަދު، 60 އަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު "މިހާރު" އަށް ވިދާޅުވީ އައްޑު އަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި މަޑުކުރީ މ. ތުވަރު ކައިރީގައި ކަމަށެވެ.
އެ ދޯންޏާއެކު، އިތުރު ދޯންޏެއް ވެސް ދަތުރުކުރަމުން ދިޔައިރު، ދެ ދޯނި އެ ތަނުގައި ބަންނަން އުޅެނިކޮށް، އަބްދުﷲ އަހުމަދު ދޯނިން ކަހާލައިގެން ވެއްޓި އަނިޔާވި ކަމުގެ ރިޕޯޓް ހޮސްޕިޓަލަށް ލިބުނީ ހަވީރު 5:15 ހާއިރު ކަމަށް ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުން އެމްއެންޑީއެފްގެ އުޅަނދެއްގައި އެ ސަރަހައްދަށް ދެވުނީ 5:40 ހާއިރެވެ. އޭރު ވެސް އަބްދުﷲ އަހުމަދު އޮތީ މަރުވެފައި ކަމަށާއި އެކަމަކު އިތުރަށް ތަހުގީގު ކުރުމަށް ހޮސްޕިޓަލަށް ހަށިގަނޑު ގެނައީ ކަމަށް ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަބްދުﷲ އަހުމަދުގެ މޭމަތިން ތަނެއް މަށައިގެން ދިއުން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. އެކަމަކު ހޮސްޕިިޓަލުން ހެދި އެކްސްރޭ އިން ދައްކާ ގޮތުގައި އަބްދުﷲ އަހުމަދުގެ މޭމަތީގެ ގިނަ ކަށިތައް ހުރީ ބިނދިފައި ކަމަށް ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަބްދުﷲ އަހުމަދުގެ ހަށިގަނޑު މާލެ ގެންނަން އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަބްދުﷲ އަހުމަދުގެ ފަސް ކުދިންނާއި އަންހެނުން އަދި އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ، ދެ ދޯނީގެ ދޭތެރޭގައި ތާށިވި މީހާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހަވީރު 4:40 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކަނޑުމަތީގެ މި ހާދިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރެންޖް
11 May 2022
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން. އަޅުގަނޑުގެ ކާފަވެސް 1960ހާތާގަ ނިޔާވީ މާލޭ ފަޅުގައި އޮތް ދެ ދޯންޏެއް ދޭތެރޭ ފިތިގެން ލިބުނު އަނިޔާއަކަށް ފަހު ވަރަށް ޒުވާން އުމުރުގަ.
ށަވިޔަނި
11 May 2022
ކޮންމެ ކަމެއްކުރާއިރު ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ. މަރުޙޫމަށް ސުވަރުގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި. اللهم اغفرله وارحمه وادخله في الجنة آمين
އަޙުމަދު
10 May 2022
ކޮޅުފުއްޓާ ތުވަރާ އެއީ ދެރަށެއްހެން ހީވަނީ
ޟިޔަރު
10 May 2022
މިއަދު މިޔަރުދަތްއެޅި މައްސަލާގައި ފުލުހުން ބަލަންޖެހޭކަމެއް ނެތްތަ؟
ބިޔަރޭ
10 May 2022
މިޔަރު ވަނީ ހިމާޔަތް ކުރެވިފަ. އިންސާނު މިގައުމުގަ ހިމާޔަތް ނުކުރެވި ވަނީ. ވަރައް ވެދުން.