ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ރައީސް ހިސާން ވާހަކަ ދައްކަވަނީ: ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި އެ ކޮމެޓީ އާއި ޖޭއެސްސީ ވަނީ ޚިޔާލު ތަފާތުވެފައި -- ފޮޓޯ/މިހާރު
19 މެއި 2022 - 13:57
ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިޔާލު ތަފާތުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން ޖުޑިޝަރީ ކޮމިޓީގެ ނިންމީ އެ ކޮމިޝަނުން އަމަލުކުރީ އިޖުރައާތު ގޯސްކޮށް ކަމަށެވެ. އަދި އެ މައްސަލަ އަލުން އެ ކޮމިޝަނަށް ފޮނުވުމަށެވެ. މިއީ ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީގެ ނިންމުމަކަށް ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރިޔާސަތު ބަލަހައްޓަވާ އެ ކޮމިޓީގެ ނިންމުމާ އެކު، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައީސް ކަން ކުރައްވާ ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮމިޓީގެ ތުހުމަތުތައް ދޮގުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރައާތާ ހިލާފަށް އެއްވެސް ކަމެއް އެ ކޮމިޝަނުން ކޮށްފައި ނުވާ ކަމަށެވެ.
ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިންތި -- ފޮޓޯ/މިހާރު
ޖޭއެސްސީގެ ބަޔާން ލިޔެފައި އޮތީ ކޮމިޓީގެ ނިންމުން މީޑިއާ އިން ގެނެސްދިނުމުން މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެވެ. އެހެންވުމުން އެ ބަޔާން ނެރުނީ ކޮމިޓީގެ އެ ނިންމުން ރަސްމީކޮށް އެ ކޮމިޝަނާ ހަމައަށް ވެސް ނުދަނީހެވެ. ކޮމިޓީގެ އެ ނިންމުން ފާސްވާނީ ވެސް މަޖިލީހުގެ ތަޅުމުންނެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން، ތަހުގީގު ކޮށްފައި ވަނީ ތުހުމަތުކުރި ސުލޫކީ މައްސަލަ ނޫން ކަމަށް ކޮމިޓީން ބުންޏަސް، މައްސަލައިގެ ބޭރުން އެއްވެސް ކަމެއް ތަހުގީގު ކޮށްފައެއް ނުވެ އެވެ. އަދި ތަހުގީގު ކޮމިޓީން ނެރުނު ފުރަތަމަ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެ ފަނޑިޔާރުންނަށް ދިން ކަމަށާއި ފައިނަލް ރިޕޯޓަށް ޖަވާބުދިނުމުގެ ފުރުސަތު ނުދިނީ އެ ގޮތަށް ގާނޫނުގައި ބުނެފައި ނެތުމުން ކަމަށް ޖޭއެސްސީން ބުނެ އެވެ. މީގެ ކުރިން ވަކިކުރި ފަނޑިޔާރުންނާ މެދު ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.
"މިގޮތުގެ މަތިން ހިންގަވާފައިވާ ތަހުގީގުތަކަކީ އިޖްރައާތުތަކާ އެއްގޮތަށް ހިންގަވާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމެޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފަ އެވެ،" ކުރީގެ މައްސަލަތަކާ ހަވާލާދީ ޖޭއެއްސީން ބުންޏެވެ.
ތަހުގީގު ކޮމިޓީ ބަދަލުކުރި ކަމަށް ޖުޑިޝަރީ ކޮމިޓީން ބުނާ ވާހަކަ ދޮގުކޮށް، ޖޭއެސްސީގެ ބަޔާނުގައިވަނީ ކުރިން ހުންނެވި މެެމްބަރަކު އިސްތިއުފާ ދެއްވުމުން އާ މެމްބަރަކު އައްޔަން ކުރުން ނޫން އިތުރު ބަދަލެއް ކޮމިޓީ އަށް ގެނެސްފައި ނުވާނެ ކަމަށެވެ. އެހެންވެ، އެ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރައާތާ ހިލާފް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.
އެ ކޮމިޝަންގައި ހިސާންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރު މަސްތޫރު ހުސްނީ އާއި ވަކީލުންގެ މެމްބަރަކާއި އާންމު މެމްބަރެއް އަދި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިންމުން ދެންފަހެ
20 May 2022
ޖޭސީގަ ހިސަން ހުރެގެ ޖަހާ ސަކަރާތުގެ ސަމާލިކަން މިފަހަރު ލިބޭނެ
އާބިދާގެ ބަޔާން
19 May 2022
އިންތި އިންތިހާބުން ފެއިލްވުމުން އަންނި އާ ދެކޮޅަށް ނުކުތީ؟ މިއީ ކެނެރީގެއަށް ރުޅި ބާލަންޖެހޭ ކަމެއް ނޫން ދޯ؟
އައްޅޯ ޝާޑު
19 May 2022
ދެން މައްސަލައިގެ އުޅޭ 2 މީހުން ކިހާ ހިންޏެއް އަންނާނެ. ސިޔާސީ ކޯޅުމާހެދި ކޮރަޕްޝަނެއްވެސް ތަހުގީގުކޮށް ފިޔަވަޅު ނޭޅުނުވިއްޔަ. އެހެންނޫނަސް ދެން ކޮން ވާހަކައެއްބާ ދައްކަން އޮތީ؟ އަރީފުމެންނަށް ފުލެޓު ދިން ދުހު މުޅި ކޯޓު އެންމެންނަށް ބެއްސޭ. ތިތަން ގޮތަށް މައްސަލައަކާ ދިމާކޮށް އެންމެ 5 މީހުންނަށް ދިންގޮތަކަށް ނޫނޭ. މިހާރު ކޮފީ ބޮމުން ހޭން އިންނާނީ ޑެޕިޔުޓީ. އަސްލު މަ ހިތުން ފުލެޓުތައް އަތުލަންވީ.
އަޙްމަދުދީދީ
19 May 2022
ލޯ ފާމްތަކުގެ އިސްވެރިން ޖުޑީޝަރީ ހިންގުމަށް ތިބިހާ ހިނދަކު،ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، މަސައްކަތް ކުރުމަށް ހުރަހަކަށްވެދޭ. ޙިސާން ލޯ ފާމެއް،މަސްތޫރު ލޯފާމެއް،މާނިއު ލޯފާމެއް،އޭޖީ ލޯ އޮފީހެއް، ކޯޓުތަކުގައި މި ފަރާތް ތަކުގެ މަސްލަހަތު ނުވަތަ މާލީ މަންފާ ހިމެނޭ މައްސަލަތައް ވަރަށް ގިނައެވެ.
ޒޫނާ ،
19 May 2022
ދުވަހަކު ތަޙްޤީޤެއް ކުރުމަށް ޢަމަލީގޮތުން ނޫޅުއްވާ ބޭބޭފުޅުން ސިޔާސީ ބޭފުޅުންނާއެކު ޖޭ.އެސް .ސީ .ގައި ތިއްބެވުމުން ކޯޓުތަކުގެ އިދާރީ އޮނނިގަނޑު ސިޔާސީކޮށް ޚަރަދު ބޮޑު އުދަގޫ ގޮތަކަށް ދާކަމުގެ ވާހަކަ ދެކެވެއެވެ. އަދި ފަނޑިޔާރުންގެ މިނިވަންކަން ކުޑަކޮށް ބިރުންތިބެ ޙުކުމް ކުރާ ކަމުގެ ވާހަކަ ވެސް ދެކެވޭލެއް މަދެއް ނޫނެވެ.