ބޫލް ބުލައްޔާ 2 ގެ ޕޯސްޓަރެއް.
22 މެއި 2022 - 07:05
ޒުވާން ތަރި، ކާތިކް އާރިޔަން ލީޑުން ފެންނާނެ "ބޫލް ބުލައްޔާ 2" ހުކުރު ދުވަހު ރިލީޒްކުރުމާ އެކު ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ކާތިކްގެ އިތުރުން ކިއާރާ އާއި ތާބޫ އަދި ރާޖްޕަލް ފެންނަ، އެ ފިލްމު އެޅުވި ދުވަހު ބޮކްސް އޮފީހުން ބޮޑު ތަރުހީބެއް ލިބުނެވެ. އެ ދުވަހު އެކަނި ވެސް 14.11 ކްރޯޑް ރުޕީސް ފިލްމަށް ލިބުނެވެ. އެއީ ކާތިކް ލީޑު ރޯލުން ފެންނަ ފިލްމެއް ރިލީޒްކުރި ދުވަހު އެހާ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފިލްމަށް ވަނީ ވެފަ އެވެ.
ކާތިކްގެ "ލަވް އާޖް ކަލް" އަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ. އެކަމަކު އެ ފިލްމު ރިލީޒްކުރި ދުވަހު އެ ފިލްމަށް ލިބުނީ 12 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭ ދުވަސްވަރެއްގައި އެޅުވި އެ ފިލްމާ އެކު ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބެއް ކާތިކް ވެސް ވަނީ ޝުކުރު އަދާކޮށް އިއްޔެ ހެނދުނު ޕޯސްޓެއް ވެސް ކޮށްފަ އެވެެ.
ބޫލް ބުލައްޔާ 2 ބެލުމަށް ފަހު ސަޕޯޓަރުން ވަނީ ކާތިކާއި ތާބޫގެ އެކްޓިން ވަރަށް ބޮޑަށް ކަމުގޮސްގެން އެ ވާހަކަދައްކައިފަ އެވެ.
ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.
ފަރްހާދް ސަމްޖީ އާއި އާކާޝް ކޯޝިކް ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރި އެ ފިލްމު ޑައިރެކްޓްކުރީ އަނީސް ބަޒްމީ އެވެ. އެ ފިލްމުގެ ޕްރޮޑިއުސްކުރީ ޓީ-ސީރީޒާއި ސިނެއި ވަން ސްޓޫޑިއޯ އިންނެވެ. ފިލްމުގެ ކުރިން ނެރުނު ލަވަތަކާއި ޓްރެއިލާ އަށް ވެސް ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނުއިރު، އެ ފިލްމުގެ ފެށުން އެހާ ރަނގަޅުވުމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަވާލް
22 May 2022
ތާބޫ ގެ ރޯލަކީ ކޮބާ ތި ފިލްމު ގަ