އެމްޕީއެލްގެ ސީއީއޯ ޖުނައިދު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އެމްޕީއެލުން ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު 138 މިލިއަނަށް އެރީ އަސްލު ޖޫރިމަނާ ދެ ބައި ކުޅަ އެއްބަޔަށް ދަށް ކުރުމުން--ފޮޓޯ: ނިޝާން އަލީ /މިހާރު
27 ޑިސެމްބަރ 2016 - 11:24
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޓަގު ބޯޓެއް ބަނދެ ދިނުމުން އެ މަސައްކަތުގެ އަގު ނުދައްކާ އޮތް މުއްދަތަށް 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެމްޕީއެލްގެ މައްޗަށް އެ ހުކުމް އައީ ނޮވެމްބަރު، 2008 ގައި އެ ކުންފުންޏަށް ޓަގު ބޯޓެއް ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރުމުން އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު 13 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވުމުން ޖޫރިމަނާ އާއި އެހެނިހެން ފީތަކުގެ ގޮތުގަ އެވެ.
ގާޒީ މުހައްމަދު ހަލީމް، ވަކިވަކިން އިއްވެވި ދެ ހުކުމުގައިވާ ގޮތުން 160 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި އެމްޕީއެލް އިން ކޯޓަށް ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން 138.9 މިލިއަން ރުފިޔާއަކީ ފައިސާ ނުދައްކާ އޮތް މުއްދަތުގެ ޖޫރިމަނާ އެވެ. ބާކީ 21.1 މިލިއަން ރުފިިޔާއަކީ މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާ އާއި ސާޗާޖުގެ ގޮތުގައި 6.3 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި އަށް ލައްކަ ރުފިޔާ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އިންވޮއިިސްއަށް ފައިސާ ނުދައްކާ އޮތް މުއްދަތުގެ ޖޫރިމަނާގެ ގޮތުގައި 277 މިލިއަން ރުފިޔާ އަސްލު އަރަ އެވެ. އެކަމަކު އެހެން ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު، 277 މިލިއަން ރުފިޔާގެ ދެބައި ކުޅަ އެއް ބައި ކަމަށްވާ 138 މިލިއަން ރުފިޔާ އަށް ޖޫރިމަނާ ދަށްކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެމްޕީއެލް އިން ދައްކަން ޖެހުނު ޖޫރިމަނާ ބޮޑުވީ ސެންޓަ އެންޓަޕްރައިސަސް އިން އެމްޕީއެލަށް ފޮނުވި އިންވޮއިސްގައި، ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ދެ ޕަސެންޓްގެ ޖޫރިމަނާ އަރަމުންދާނެ ކަމަށް ބުނެފައި އޮތުމުންނެވެ. ސެންޓަ އެންޓަޕްރައިސަސް އިން އެދުނީ ޖޫރިމަނާގެ ގޮތުގައި 293 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.
ޓަގު ބޯޓުގެ މަސައްކަތް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށްފައި ވަނިކޮށް އެމްޕީއެލް އިން ވަނީ ންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެން ކަމަށް ބުނެ އެ މަސައްކަތް ހުއްޓުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
29 December 2016
ޓަގްބޯޓުވެސް ނުހެދޭ، އަގުވެސް ދައްކަންޖެހުނީ......!!!
އަހައްމަދު އަހައްމަދޭ
28 December 2016
ހުކުމުގެ ފަހަތުގަ ފޮރުވިފަ އޮތް ހުކުމެއްނެތިއްޔާ ރަނގަޅު އެމްޕީއެލަކަސް އެހެންތަނަކަސް ދައްކަންޖެހޭ އެޗެއް ނުދައްކައިފިއްޔާ ހައްގު ބަދަލު ނަގާ ދޭންޖެހޭނެ ،އެކަމަކު 13 މިލިއަނުގެ އަގުހުރި މަސައްކަތެއްގެ ބަދަލުގަ 160 މިލިއަން ނަގާދިނުމުން އެތައް ފަރާތަކަށް އެލާރިން ރިޝްވަތު ބެހެވިގެންދާނެކަމީ ކުޑަވެސް ޝައްކެތް ހުރި ކަމެއްނޫން ،އެހެންވީމައޭ މިގައުމުން ކޮރަޕްޝަން ނުހުއްޓުވިގެން މިއުޅެނީ ، 160 މިލިއަނަކީ 160 ރުފިޔާއެއްނޫނޭ .
އާދަމް ޝަރީފް
28 December 2016
މިކޭސް އެއްކޮށް ބެލިގެން އެނގޭނީ މިކަމުގަ އިހުމާލުވާ ބައެއް. ވެދާނެ އޭ.ސީ.ސީ އިން މަސައްކަތް ހުއްޓުވުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމެއްކަމަށް ވެސް. އޭ.ސީ.ސީ ގެސަބަބުން އެބަހުރި ދައުލަތަށް ގެއްލުޔން ވެފަ. ބޯޑަރ ކޮންޓްރޯލް ކޭހުގަވެސް 15 މިލިއަން ޑޮލަރ އެ ވެސް އޭ.ސީ.ސީ ގެ ސަބަބުން މެދުވެރިވި ގެއްލުމެއް. އޭ.ސީ.ސީޯ އިން ދައުލަތަށް ވާ ފައިދާއަށްވުރެ ދޭ ގެއްލުން ބޮޑުކަމަށްވެސް ބެލެވޭ . އެބަޖެހޭ ދިރާސާއެއް ކުރަން.
ސުއްބޫހުން
28 December 2016
ވާސަރީ ކޮންކަހަލަ ސަޅިހުކުމެއް، ދެންބަލާ ސެންޓަރ އެންޓަރޕްރައިސް ތިއީ ކާކުގެ ކުންފުންޔެއްތޯ...ޔަގީން ތިއީ މިސަރުކާރުގެ ކޮންމެވެސް އިސްމީހެއްގެ މަސްލަހަތު އޮންނަ ކުންފުންޔަކަށްވާނީ
އަބްދުއްލާ އަލީ
27 December 2016
ދަވްލަތުގެ މާލީ ނިޒާމް ކުރިން ހަމަޖެހިފާ އޮންނަނީ ދަވްލަތަށް ހުށަހަލާ އެއްވެސް ބިލެއްގާ ބިލްގާ ދައްކަން ޖެހޭ ފައިސާ ފިޔަވައި ޖުރިމާނާ ވިޔަސް އެނޫންފައިސާއެއް ހިމަނައިގެން ނުވާގޮތަށް ، އެމްޕީއެލް އަށް މިގޮތަށް ބިލް ކުރުމުން އެބިލް ބޭއްވުމަކީވެސް ގޯހެެއް . ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ ނަންބަރުގައިވާގޮތުން މި މައްސަލާގަ ދަވްލަތުގެ ކޮންމެވެސް މުވައްޒަފުންތަކެއްގެ އިހުމާލު ހިމެނޭ.ގާނޫނު ބުނާގޮތުން އިހުމާލު ވާފަރާތްތަކާ އިހުމާލުގެ ޒިންމާ އުފުއްލަން މަތިކުރުވަންޖެހޭނެ.
ކުޑަދޫއަހްމަދު
27 December 2016
ސަޅި ޑީލެއް. އަދި އިނގޭނެ! ފަހުން އޯކޭ ވާނެ. މިއަދު މިހެން. މާދަން ބްރޯ ސްޓައިލަށް. ވާސަރީވާ! ބްރޯވެސް ޖަލުގައި، އަދި އޯކޭވާނެ. ކަންކަން ތިލަވާނެ. ލާރި ހަދާ މެޝިންތަކުން ލާރި ހެދިދާނެ. އަދި އޯކޭވާނެ.
ކަނޑުކޮސް
27 December 2016
"އެމްޕީއެލް އިން ދައްކަން ޖެހުނު ޖޫރިމަނާ ބޮޑުވީ ސެންޓަ އެންޓަޕްރައިސަސް އިން އެމްޕީއެލަށް ފޮނުވި އިންވޮއިސްގައި، ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ދެ ޕަސެންޓްގެ ޖޫރިމަނާ އަރަމުންދާނެ ކަމަށް ބުނެފައި އޮތުމުންނެވެ." އަދި އިންވޮއިސް ގައި އޮތަކަސް ނުވާނެއެވެ. އެއްބަސްވުމުގައި އެގޮތަށް ބަޔާންކޮށްފައި ނެތްނަމަ އެގޮތަކަށް އަމަލެއްނުކުރެވޭނެއެވެ. އެއްބަސްވެ ގަންނަން ނިންމުމުން އެ ވިޔަފާރި އެނިމުނީއެވެ. ދެން އޮންނާނީ އަގުއަދާކުރުމެވެ. އެއްބަސް ނުވެވޭކަމެއް ފަހުން ގެނައުމުގެ ބާރު 2 ފަރާތުން އެއްފަރާތަކަށްވެސް ލިބިގެންނުވެއެވެ. ވީމާ ހަމަ އިންވޮއިސްގަ އޮވެގެން ތިހުކުމެއް ތިހެނެއް ކޯޓަކުނިއްވާނެއެވެ.
އިޙްސާންތެރިޔާ
27 December 2016
މިއޮތީވާ ޤައުމެއް. ޤާނޫނާއި ޤަވާއިދުތަކާއި ހެދިފައިވާ ސައްޙަ އެއްބަސްވުންތަކުގެ ބޭނުމެއް އެބައޮތްބާ؟
ދޮންތުއްތު
27 December 2016
މަޖިލިސް އިންތިޚާބަށްވެސް ލާރި ހޯދި ކުންފުނީން ކައުންސިލް އިންތިޚާބަށްވެސް ލާރި ހޯދުމުގެ އާ އެޕިސޯޑެއް،
ޢަހްމަދު
27 December 2016
ކުންފުނީގެ ކޮންމެސްމީހަކު މިކަމުގައި ޒިންމާނަގަންޖެހޭނެ. ކިހިނެއް އިނގެނީ ބަޔަކު ރާވައިގެން ކުރިކަމެއްނޫންކަންވެސް.