ރިޕޯޓް / ސްކޫލް

ނުރައްކަލުގެ އިންޒާރެއް؛ ސްކޫލަށް އެހެން ވަދެވިގެންނުވާނެ!

ބެލެނިވެރިން ބުނަނީ މިއީ ނުވާ ކަމަކަށް ހަދާފައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ނުރައްކާ އަމަލެއް ކަމަށް.

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: މިދިޔަ އަންގާރަ ދުވަހު ސްކޫލު ތެރެއަށް މީހަކު ވަދެ ވަނީ އަޑުގަދަކޮށްފައި.

ދަރިވަރުން ކިޔަވަން ތިބޭއިރު ސްކޫލް ތެރެއަށް ކޮންމެ ކޮންމެ މީހަކަށް ވަދެވިގެން ނުވާނެ އެވެ. ބެލެނިވެރިންނަށް ވެސް ހާއްސް ހުއްދައެއް ދިނުމުން ނޫނީ ނުވަދެވެ އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހު ޖަމާލުއްދީން ސްކޫލްތެރެއަށް މީހަކު ވަދެ އަޑުގަދަކޮށް ޕްރިންސިޕަލަށް ހަމަލާދޭން އުޅުމުން ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެކަން ކުރި މީހާ އަކީ ކޮންމެ މީހަކަށް ވިޔަސް، އަދި ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވިޔަސް ގިނަ ބަޔަކު ބުނަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. ސަބަބަކީ، އެ މީހާގެ ސަބަބުން އެތައް ކުދިންނަކަށް ކުރިމަތިވި ބިރުވެރިކަމެވެ. އެކަމަކު މި މައްސަލާގައި ސްކޫލުން ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާ ސިފަކޮށްދެމުން ޖަމާލުއްދީން ސްކޫލެއްގެ ގްރޭޑް 10 ގެ ދަރިވަރަކު ބުނީ އެ މީހާ ސްކޫލަށް ވަދެ އަޑުގަދަ ކުރަން ފެށުމުން ޓީޗަރުންނާއި މަސައްކަތު މީހުން ދުވެފައި ގޮސް ކްލާސްރޫމުތަކުގެ ދޮރު ލައްޕަން ފެށި ކަމަށެވެ. ވަރަށް ބާރަށް އެ މީހާ ހަޅޭއްލަވަމުން ދިޔަ ކަމަށާއި ކުދިން ތިބީ ވަރަށް ބޮޑަށް ބިރުގަނެ ހަދާނެ ގޮތް ހުސްވެފައި ކަމަށް ދަރިވަރު ބުންޏެވެ.

އެ މީހާ އަޑުގަދަކުރީ ކީކޭ ކިޔާފައި ކަމެއް ޔަގީނެއް ނޫނެވެ. އެއްބަޔަކު ބުނަނީ ސްކޫލް ތެރެއަށް ވަން ގޮތަށް އެ މީހާ ބަންގި ގޮވަން ފެށި ކަމަށެވެ. ސްކޫލުގެ ޔާޑު ތެރޭގައި ލެވި ހަޅޭކުގެ އަޑު މަތީ ފްލޯތަކަށް ވެސް އިވުނު ކަމަށް ބުންޏެވެ. އަދި ޕްރިންސިޕަލް ފެނުމާ އެކު ހަމަލާދޭން ވެސް މަސައްކަތްކުރީ އެވެ.

ސްކޫލުގައި މިފަދަ ކަމެއް ހިނގިކަން ވެސް ބެލެނިވެރިންނަށް އެނގުނީ ދަރިވަރުން ގެޔަށް ގޮސް އެ ވާހަކަ ދެއްކުމުންނެވެ.

"އަޅުގަނޑުގެ ދެ ކުދިން ވެސް އުޅޭނީ އެ ސްކޫލުގައި. ބޮޑު ކުއްޖާ ވެސް ބުނީ ވަރަށް ބިރުގަތޭ އެ ގަޑީގައި. އެންމެން ވެސް އަޑުގަދަވާން ފެށީމަ ތިބީ ހަމަ ވަރަށް ބިރުންނޭ،" ބެލެނިވެރިއަކު ކިޔައިދިނެވެ.

އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ ސްކޫލުން އެ މީހުންނާ އެ ހާދިސާގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އޭނާ ބުނީ މީޑިއާގައި މި ވާހަކަ ދެކެވެން ފެށުމުން ދަރިފުޅުގެ ގާތު އެހުމުން ކިޔައިދިން ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ ގޯތި ދެތެރޭގައި ދަރިވަރުންތަކެއް-- ފޮޓޯ: ޖަމާލުއްދީން ސްކޫލް/ ފޭސްބުކް

އެ ކުއްޖާއާ ހަވާލާދީ ބެލެނިވެރިޔާ ބުނި ގޮތުގައި އެ މީހާ މަސައްކަތްކުރީ ސްކޫލު ސިޑިން މައްޗަށް އަރާށެވެ. ނަމަވެސް އެ ވަގުތު ޕްރިންސިޕަލާއި އިތުރު ބަޔަކު ގޮސް އޭނާ ހިފެހެއްޓުމުން ޕްރިންސިޕަލަށް ހަމަލާދޭން އުޅުނީ އެވެ.

މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް އަދި ސްކޫލްގެ ބައެއް ވެސް ނުލިބުނެވެ. އެހެންވެ އަސްލު މިކަން ހިނގި ގޮތެއް އަދިވެސް އޮތީ ކަށަވަރު ނުވާ ހާލަތެއްގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް އެ ދުވަހުގެ 8:45 ހާއިރު ހުށަހަޅާފައިވެ އެވެ. އެ މީހާ ސްކޫލަށް ވަނުމަށް ފަހު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު ކަމަށް ފުލުހުން ބުނި ނަމަވެސް ތަފްސީލެއް ނުދެ އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސެއިން ފަޒީލު ކިޔާ 37 އަހަރުގެ މީހެކެވެ. އޭނާއަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މިއީ ޓެރަރިސްޓު އަމަލެއް

އެ މީހާ ސްކޫލަށް ވަތް ގޮތަށް "ﷲއަކްބަރޭ" ގޮވި ކަމަށް ބުނާތީ ބައެއް މީހުން މިއީ ދީނާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އެކަމަކު ވާހަކަ ދެއްކި ބެލެނިވެރިން ބުނީ މިއީ އެކަހަލަ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށާއި އެ ސްކޫލުގައި ދީނާ ހިލާފު އެއްޗެއް ކިޔަވައިދިނުން ފަދަ އެއްވެސް ކަމެއް ދިމާވެފައި ވެސް ނުވާ ކަމަށެވެ.

"ސްކޫލުގައި އެއްވެސް ގަޑިއެއްގައި ދީނާ ފުށުއަރާ އެއްޗެހިތަކެއް ކިޔަވައިދޭ ކަމެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް. މިއީ ދީނީ ކަމަކަށް ނުބެލެވޭ. އަޅުގަނޑަށް ބެލެވެނީ އޭނާ ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަމަށް،" ޓީޗަރުންގެ ފަރާތުން ލިބުނު މައުލޫމާތާ ހަވާލާދީ ބެލެނިވެރިއަކު ބުންޏެވެ.

އަޑުގަދަކުރި މީހާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭކަން ފާހަގަކޮށް ބެލެނިވެރިޔާ ބުންޏެވެ.

މީގެ ކުރިން ހަރުކަށި ފިކުރުގެ ބަޔަކު ތ. އަތޮޅު ތިމަރަފުށީ ސްކޫލެއް ގޮއްވާލުމަށް މަސައްކަތްކުރި ކަމަށް ފުލުހުން ބުނާ މައްސަލައާ ގުޅުވައި ވެސް މިކަމުގައި ބައެއް މީހުން ވާހަކަ ދެއްކި އެވެ.

ޖަމާލުއްދީން ސްކޫލަށް މީހަކު ވަން ދުވަހާ އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް މީހަކު ވަދެ، ބަޑި ޖަހައި ކުޑަކުޑަ ކުދިންތަކެއް މަރާލި ހާދިސާއާ ވެސް އިއްތިފާގުން ނަަމަވެސް ދިމާވެ އެވެ. އެމެރިކާގައި ހިންގި ލާއިންސާނީ އެ އަމަލަށް އިޝާރާތްކުރަމުން އެ ބެލެނިވެރިޔާ ބުނީ ޖަމާލުއްދީނުގައި ވެސް ހިނގާފައި ވަނީ ރާއްޖޭގެ ނިސްބަތުން އެފަދަ އަމަލެއް ކަމަށެވެ. ރާއްޖޭގައި ބަޑި ނުގެންގުޅެވޭތީ ބަޑިއެއް ނެތީ ކަމަށާއި ހަތިޔާރާ އެކު ސްކޫލަކަށް ވަދެވުމަކީ ކަމަކަށް ނުހަދައި ދޫކޮށްލަންވާ ވަރަށް ވުރެ މާ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

"ޓެރަރިޒަމްގެ މައްސަލަތައް އެލާމިން ލެވެލްއެއްގައި އޮތްކަން އެނގިގެން މިދިޔައީ ސްކޫލަކަށް މީހަކު ވަދެ މިކަހަލަ އަމަލެއް ހިންގީމަ. މިއީ ހަމަ ޓެރަރިޒަމްގެ އަމަލެއް،" ކަންބޮޑުވުމާ އެކު ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިންގެ އެދުމަކީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދިނުމެވެ.

"މިއީ ކޮންމެ ދުވަަހަކު ހިނގާކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކޮންފަމޭޝަނެއް. މިކަން ދެން ތަކުރާރުނުވާނެއޭ. ސްކޫލުން އެހެން ބުނީމަ ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ،" ބެލެނިވެރިއަކު ބުންޏެވެ.

ޖަމާލުއްދީން ސްކޫލުގައި ޓީޗަރަކު ކިޔަވައިދެނީ--

ސެކިއުރިޓީ ކޮބާ؟

ކޮންމެ ކޮންމެ މީހަކަށް މާލޭގެ ސްކޫލުތަކަކަށް ނުވަދެވެ އެވެ. ސްކޫލަށް ކުދިން ބަލާ ދާ ބެލެނިވެރިޔާއަށް ވެސް ކުއްޖާ ގޮވައިގެން ދެވެނީ ސްކޫލުން ދީފައިވާ "ޕޭރެންޓް ކާޑް" އޮތް ނަމަ އެވެ. ބެލެނިވެރިޔާގެ ބަދަލުގައި އެހެން މީހަކު ކުއްޖާ ބަލާ ދާ ނަމަ، އެކަން ޓީޗަރަށް ބެލެނިވެރިޔާ އަންގަން ޖެހެ އެވެ. ނޫން ނަމަ، ކުއްޖާ ނުވެސް ފޮނުވަ އެވެ. މިހާ ވަރަށް ބަލަމުންދަނިކޮށް މީހަކު ސްކޫލަށް މިހެން ވަދެގަނެ، ޕްރިންސިޕަލަށް ބިރު ދެއްކުމުން އެންމެން ވެސް އުފެއްދީ ބޮޑު ސުވާލެކެވެ. އެމީހާއަށް ސުކޫލަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި އެމީހާ ސްކޫލަށް ވަނީ ޓީޗަރަކު ސްކޫލަށް ވަތް ވަގުތު އޭނާގެ ފަހަތުންނެވެ. އެކަމަކު 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަން އޮފިސަރުން ތިބޭ ތަނެއްގައި މީހެއްގެ ފަހަތުން ސްކޫލަށް ވަންނައިރު ވެސް ސުވާލު ކުރުމެއް ނެތި އޭނާއަށް އެތެރެއަށް ދެވެންވީ ގޮތެއް ނޭނގެ އެވެ. މި މައްސަލައާ ގުޅިގެން ސްކޫލުން ކޮމެންޓެއް ނުލިބޭތީ އެކަން ހިނގި ގޮތެއް ވެސް ސާފެއް ނުވެ އެވެ.

ޖަމާލުއްދީން ސްކޫލްގެ މައި ގޭޓް: ސެކިއުރިޓީ އޮފިސަރުން އެތަނުގައި އަބަދުވެސް ތިބޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެކަމަކު ބެލެނިވެރިންގެ އޮތް ކަންބޮޑުވުމަކީ ސްކޫލުގެ މައި ދޮރުން ބެލެނިވެރިއަކަށް ކާޑު ދައްކައިގެން ނޫން ގޮތަކަށް ނުވަދެވޭއިރު އެހާ ފަސޭހައިން އެހެންވެ މީހަކަށް ވަދެވުނީތީ އެވެ.

"އަޅުގަނޑުމެން ދަރިން ބަލައި ގޮސް ކާޑު ނެތިއްޔާ ނުވެސް ވައްދާ. މިހާ ރަނގަޅަށް އެތަނުގައި ސެކިއުރިޓީ ބަލަހައްޓަމުން ގޮސް ދެން އެވީ ގޮތެއް ހަމަ ނޭނގެ. ކޮންމެ ގޮތަކުން ވިޔަސް ސްކޫލަށް އެހެން ވަދެވިގެން އަހަރެމެންގެ ދަރިންނަށް ބިރު ދެއްކިގެން ނުވާނެ."

ބެލެނިވެރިއަކު ދެން ފާހަގަކުރީ ބޮޑު މައްސަލައެކެވެ. ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ޑިއުޓީގައި ތިބެގެން ނިދާ މައްސަލަ އެވެ. ތަންކޮޅެއް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ތަންތަނުގެ ސެކިއުރީޓީ ބަލަން ތިބެން ޖެހޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން އެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަކީ ދެ ތަނެއްގައި ވެސް ސެކިއުރިޓީ ބަލަން ތިބޭ މީހުން. ރަނގަޅަށް އަރާމު ނުލިބި އަނެއްކާ ގޮސް މި އިންނަނީ އަނެއް ތަނުގެ ސެކިއުރިޓީ ބަލަން. އެގޮތަށް ސްކޫލުތަކުގެ ބަޖެޓް ތާށިވީމާ ކުރާ ކަމަކަށް ވެސް ވެދާނެ. އެކަމަކު މިއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް،"

މިފަހަރު މީހަކަށް އަނިޔާއެއް ނުވެ ސަލާމަތްވިޔަސް މިއީ އިންޒާރެކެވެ. ބެލެނިވެރިން އެދެނީ ފިޔަވަޅުތައް ހަރުކަށިކޮށް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށެވެ. އެއީ ނުވާ ކަމަކަށް ހަދައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑު މައްސަލައަކަށް ވާތީ އެވެ.

42 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 71%
icon angry icon angry 12%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިކަލް

30 May 2022

މާލޭގެ މަގުތައް، ސްކޫލްތަކުގެ މަގުތައް ފުރިފައިވަނީ އަދި މީހަކަށް އަނިޔާއެއް ވާން އެންމެ ގާތީ މާލޭގައި ކޮންޓްރޯލެއް ނެތި އިތުރުވަމުންދަ މޮޓޯސައިކަލްތަކުން. އަހަރެންނަކީ ހިނގާ މީހެއް ގޮތުން، އެއަށް ވުރެ ޓެރަރައިޒން (ބިރުވެރި) އެެއްޗެއް ނެތް. ކުޑަކުއްޖަކަށް މުސްކުޅިއަކަށް މާލެގެ މަގުތަކަކީ އަމާންތަނަކަށް ނުވޭ. އެތައް އެކްސިޑެންޓެއް. އެތައް މަރެއް.

The name is already taken The name is available. Register?

ޛސހހ

30 May 2022

ދިވެހިންނަކީ މީހަކު ކުރީމަ ވަރަށް ފޯރިނަގާބައެއް. މައިން ބަފައިން ސްކޫލަށް ދަރިން ފޮނުވާފަ ދެން ތިބެންވީތަ.ސްކޫލަށް ވޭޕް ގެންދިއުން ކަހަލަ ކަންތަކުގެ ޒިންމާ މައިންބަފައިން ނަގަން ޖެހޭނެ.ސެކިއުރިޓީ ކުދިންގެ މެދުގައިވެސް ނެތް. ޥަރަށްގިނަ ބެލެނިވެރިންނަކީ ހަމަ ފަރުވާކުޑަ ބައެއް.

The name is already taken The name is available. Register?

ކަރީމާނީ

30 May 2022

ދިވެހިންނަކީ ކޮންމެ ކަމެއްވެސް ވަރިހަމަ ކަންފަސޭހަ، އުސޫލުން ބޭރުން އަދި ބޮޑުންނަށް އަދި ބޮޑުންގެ ގާތް މީހުންނަށް މޮޅުގޮތް ހޯދާ ކަންނެތް ބައެއް! ނިކަން ގ.ކެނެރީގެ ކައިރީގައި ނަޝީދަށް ދިން ހަމަލާ ބަލާބަލަ! ނަޝީދު ސެކުއުރިޓީގެ އުސޫލާއި ހިލާފުވި! ދެންވެސް ދައުލަތުން އުޅޭނެ ސެކުއުރިޓީ ބެލެހެއްޓޭނެ ތަނެއް ދިނީމަ މުޅި ދުވަހު އައިސް ގ.ކެނެރީގޭ ގޯޅި ބަންދުކޮށްގެން! އަބްދުﷲގާޒީ ހައްޔަރު ކުރި މައްސަލަވެސް އެއީ ނަޝީދު އުސޫލުން ބޭރުން ކުރިކަމައް!

The name is already taken The name is available. Register?

ރައްޔިތު ހޫރޭ

30 May 2022

ބުރޯ . އަަބދުވެސް މީހެއްގެ މަސް ކެވޭތޯ ތިބައްލަވަނީ ދޮއްތޮ؟

The name is already taken The name is available. Register?

ހުސެން

29 May 2022

އަދިވެސްކަންކަން ދިމާވާނެ މާނުރަށްކާވެސްވާނެ، ސެކިއުރިޓީގާޑު ފަކީރަށް ކުރެވޭނެ މާބޮޑުކަމެއް އަސްލުނޯންނާނެދޯ އެއީ ހަތިޔާރު ދީފަހުންނަމީހެއްނޫން، ދަރިވަރުންނާ ޓީޗަރުން އަދި ޕުރިންސްޕަލުވެސް ސެލްފުޑިފެންސް ކިޔަވަންވީ، ނުވަތަ ސުކޫލުތަކުގައި ސެލްފުޑިފެންސްކިޔަވާދޭންވީ!، މިހާރުވެސް މާލޭގައި ހިންގާ ބައެއް އިންޓަރނޭޝަނަލް ސުކޫލުތަކުގައި ކުދިންނަށް ސެލްފުޑިފެންސްކިޔަވާދޭ!! ގުރޭޑު 9، 10 ގައިއުޅޭ ބޮޑެތިކުދިން ކަމެއްވާއިރަށް ގޮތްހުސްވެބިރުގަންނާކަށްނުޖެހޭނެ

The name is already taken The name is available. Register?

މަޒް

29 May 2022

އޭނާ އެގޮވީ ހަމަ ތެދު. ﷲ އަކްބަރް އެއީ މާތް މަތިވެރި ގޮވުމެއް.. ﷲ އަކްބަރް ގޮވީމާ އެއީ ޓެރަރިޒަމާ އަޅުވަންޖެހޭ ކަމެއް ނޫން.. ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުން އެއީ ބޮޑު އަނިޔާވެރިކަމެއް.. ދަރިވަރުން ބިރުގެންނެވުން އެއީ ބޮޑު ކުށެއް.. އޭނާއަށް ހައްގު އަދަބުދީ.. ﷲ އަކްބަރް

The name is already taken The name is available. Register?

ޙާމަ

29 May 2022

ސްކޫލުން ކާޑެއްދީފަ އޮއްނަނީ ނަމަކު . ބޭނުންމީހަކައްސްކޫލްއަށްވަދެވޭ..ސެކިއުރިޓީގަރޑް އަށްއިންނަނީ ބޭރުމީހެއް..އޭނައަކައްނޭގޭ ކިޔާނުކިޔާއެއްޗެ އް.

The name is already taken The name is available. Register?

އިޙްސާސް

29 May 2022

ތިޔަތަނަށް ވަނީ ސްކޫލުގެ ބެލެނިވެރިއަކަސް އޭނާ އުޅޭ ނޫޅޭ ގޮތް ސެކިއުރިޓީއަށް ބެލެންޖެހޭނެ. ކުދިންގެ ވާހަކައިން އެނގޭ އޭނާ ތިރީގައި ހުރެ ބަންގި ގޮވިކަން. އަދި އަޑިގަދަ ކުރިކަން. ވީމާ ސެކިއުރިޓީން އޭނާ ހުއްޓުވަންޖެހޭ. ސްކޫލުގެ ގޭޓު ހުޅުވާ ލައްޕާލަދޭ ސެކިއުރިޓީންނެއްނޫން ތިބެންޖެހޭނީ.

The name is already taken The name is available. Register?

ހަމީދުބ

29 May 2022

ދިވެހި ސިފައިންގެ މީހާއާއި ފުލުހުން ޔުނިފޯމްގަވެސް ނުވަދެވޭ ތިޔަފާހެއް ނެތި. މި ވަރުގެ ހައިސެކިއުރިޓީ ތަނަކަށް ޕާޓޭއަކަށް އެހާ ފަސޭހައިން ވަދެވުން އެއީ މައްސަލައެއް!! ވެދާނެ މިހާރު މކިޔާ ބަލިކުއްޖަކަށްވެސް

The name is already taken The name is available. Register?

ހިތަދޫ 2

29 May 2022

ވަގަށް ވަދެވޭނެ ކޮންމެމީހަކަށްވެސް، މަނާ ވަނީ ފަޅާއެރީމަ! އެއީ ކަންނޭނގޭ ތިވީގޮތަކީ! ހަހަ

The name is already taken The name is available. Register?

އަހަންމާ7

29 May 2022

މި ފެންނަނީ ހުރިހާ ކަމެއް ފެއިލް ވެއްޖެކަމުގެ ނިޝާންތައް. ކުށްކުރާ ހުރިހާ މީހުން ތިބީ މަގުމަތީގައި. ޖަލުތައް ފުރިފައި. މައްސަލަތަކުން ކޯޓުތައް ފުރިފައި. ކުށްކުރާކަށް ޖެހިލުންވަނީކީ ނޫން. ތަންތަން ބަންދުކޮށް ދެން މިޖެހުނީ ސްކޫލްތަކާ މިސްކިތްތަކުގައިވެސް ފުލުހުން ބަހައްޓައިގެން ފޯރިމަރަން. މީހުން ބަލިވީމަ ގެންދާ ހޮސްޕިޓަލުގައިވެސް ފޯރިމަރަނީ ފުލުހުން.

The name is already taken The name is available. Register?

އަލި

29 May 2022

ސްކޫލުން އަދި ވީގޮތް ހާމަ ނުކުރަނީސް އެމީހަކު ހިތައްއެރި އެއްޗެއް ގޮވީމަ މައްސަލަ ހައްލުވޭތަ؟.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454