ކްރިމިނަލް ކޯޓް: އެ ކޯޓުގައި ހުރި ދުވަސްވީ މައްސަލަތައް ނިންމުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. -- ފޮޓޯ: މިހާރު
28 މެއި 2022 - 18:38
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން އެ ކޯޓުގެ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.
އެ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބެކްލޮގް ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކޯޓުގައި އާންމުކޮށް މައްސަލަތައް ތާވަލުކުރަމުން އަންނަ ވަގުތުގެ އިތުރުން، މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް މައްސަލަތައް ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.
ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި ޝެޑިއުލް ނުކުރާ މައްސަލާގައިި މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އެ ބައްދަލުވުންތަކުގައި ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ހުސްކުރަން 16 އަހަރު ނަގާނެ ކަމަށާއި އެއް އަހަރު ތެރޭގައި އެ މައްސަލަތައް ނިންމޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.
ޖުޑީޝަރީ ކޮމިޓީގައިޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ 2019 ވަނަ އަހަރު އެ މެންބަރުން ޖޭއެސްސީއާ ހަވާލުވި އިރު ކްރިމިނަލް ކޯޓުގައި 2022 މައްސަލަ އޮތް ކަމަށާއި އޭގެ އިތުރުން ކޮންމެ އަހަރަކު އެވްރެޖްކޮށް 900 މައްސަލައެއް އެ ކޯޓަށް ހުށަހަޅާ ކަމަށެވެ.
އޭރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް ކްރިިމިނަލް ކޯޓުގެ ބެކްލޮގްގައި 1،182 މައްސަލަ އޮތް ކަމަށާއި ހުކުމްކުރުމާ ހަމަޔަށް ކޮންމެ މައްސަލައަކަށް މަދުވެގެން 10 އަޑުއެހުން ބާއްވަން ޖެހޭ ކަމަށް ވެސް ހިސާން އޭރު ވިދާޅުވި އެވެ.
ބެކްލޮގް މައްސަލަތައް އަވަަހަށް ނިންމަން ހައްލެއްގެ ގޮތުގައި އޭރު ވެސް ހިސާން ވިދާޅުވީ މެންދުރުފަހު 2:00 އިން 5:00 އަށް ކޯޓުގެ ވަގުތު އިތުރުކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
29 May 2022
ތިޔަ ބެކްލޮގް ސާފުކުރުމަށް ވުރެން ރަނގަޅުވާނެ ކްރިމިނަލް ކޯޓުގެ ޤާޒީން ގަޑިޔަށް ހާޒިރުވެ ޝަރީއަތް ފެއްޓިޔާ، ކްރިމިނަލް ކޯޓުން އަންގާ ގަޑިޔަށް ގޮސްފަ އެތާއެބަ އިންނަންޖެހޭ ކަޅުކަނޑުން ތިނޯހެއް ފެންނަންދެން..
ގުދާރު
29 May 2022
ޖިނާޢީ ކޯޓުގަ ބަލާނެ ސިޔާސީ މީހުންގެ މައްސަލައެއް ނެތީމަތޯ؟ އެހެންވިއްޔާ ރަނގަޅު ވަގުތު އިތުރުކޮށްގެން އަވަހަށް މައްސަލަތައް ނިންމަން. މައްސަލަތައް ފުނިޖެހި ކޯޓު ބެކްލޮކްވާން ޖެހުނީ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރާ ސިޔާސީ މީހުންގެ މައްސަލަތަކަށް އިސްކަން ދިނުމުގެ ސަބަބުން.
ސަނާމުގު
29 May 2022
ދުވަސްވީ މައްސަލަތައް ބެލުން. މީހުންގެ ހައްޤުތައް ހޯދައިނުދީތިބެ ދުވަސްވީ މައްސަލަ ތައްނިންމުން ކީމާތާހިރެއްނޫން. ހަޔާތް ކުޑަކަންތިޔައީ. ހަދިޔާ ދޭން ނުލިބޭ ނިކަމެތިންގެ ޙައްޤުތައް އަތްދަށުލައިގެން މައްސަލަ ނިންމަދޭން ބޭނުންނުވާތީ ފުނިޖައްސާފަ ތިހުންނަނީ. ސުޕްރީމްކޯޓާއި ހައި ކޯޓުވެސް ހަމަ ތިޔަވަރު. ސިޔާސ ވެރިންގެ މައްސަލައެކަނި ނިންމެނީ. ހައްގު ހޯދުމާ އިންސާފު ޤާއިމުކުރަން އައިމީހުން ހާލު މިހުރީ
ޣަނީ
29 May 2022
ކިހިނެއް ތިކަން ކުރަނީ. މިހާރުވެސް މި އުޅެނީ ގަޑިއަށް މުއްދަތު މަޖްލިސް ބޭއްވޭނެ ވިސްނުން އިސް ޤާޟީގެ ކިބާގައި ނެތިގެން. މެންދުރު 1 ޖަހާއިރު ފަށަންޖެހޭ މުއްދަތު މަޖްލިސް ނުފެށިގެން ދިފާއީ ވަކީލުންނާއި، ފުލުހުންނާއި، ޓްރާސްލޭޓަރުން މެންދުރުން ފެށިގެން ތަނަކަށް ގުޑައިނުލާ، އިންތިޒާރުގައި ތިބެން މި ޖެހެނީ. މީ ކިހާބޮޑު އިސްރާފެއްތޯ؟ ކިހާބޮޑު ތަކުލީފެއްތޯ؟
ފ231
28 May 2022
ނާ ތިހެން ނަހަދާ! މަޑުކޮއްލާ، ވަލުދޮރާށިން ގޮތެއް ވަންދެކަ!