ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހަކު ނަގަނީ: އެ ބެނާ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި. ---ފޮޓޯ: ނިޝާން އަލީ| މިހާރު
01 ޖޫން 2022 - 11:13
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ހުރި "އިންޑިއާ އައުޓް"ގެ ދޮޅުލައްކަ ރުފިޔާގެ ބެނާ އާއި އެހެން ގެތަކުން ނެގި ބެނާތައް ފުލުހުން ގެންގޮސް ނައްތާލާފައިވާ ކަމަށް އިދިކޮޅުގެ ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ޔާމީން އިސްވެ މުޅި ރާއްޖޭގައި ހިންގަވާ އިންޑިއާ އައުޓް ކެމްޕޭންގައި، އެމަނިކުފާނުގެ ގެކޮޅުގައި ނެގި ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަގައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ނިންމާފައި ވަނީ ބެނާ ނެގުމުގެ އަމުރު ގޯސްކަމަށެވެ.
ކޯޓުގެ އެ ނިންމުމާ އެކު ބެނާ ހަވާލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް ބޭފުޅުންތަކެއް ހޯމަ ދުވަހު ވަނީ ފުލުސް އޮފީހަށް ހާޒިރުވެ ބެނާ ހަވާލުކޮށްދޭން އެދިފަ އެވެ. އެކަމަކު އެ ދުވަހު ފުލުހުންގެ ވާހަކަތަކުން އެނގުނީ އަގު ބޮޑު ބެނާތައް މިހާރު ނައްތާލާފައިވާ ކަން ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބެނާތައް ނައްތާނުލާ ކަމަށެވެ. އެކަމަކު ޕީޕީއެމުން އެެދުނު ގޮތަށް ހަވާލުކުރާނެތޯ ނޫންތޯ ސުވާލަށް އޮފިޝަލް ޖަވާބެއް ނުދެއްވި އެވެ.
"ބެނާތައް ނައްތާނުލާ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ ބެނާއަކަށް 75،000ރ. އާއި 100،000ރ. އާ ދޭތެރޭގައި ހަރަދުވެފައިވެ އެވެ. މިހާ ބޮޑު އަގުގައި ހެދި ބެނާތަކެއް ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އިންޑިއާ އައުޓް ހަރަކާތުގައި އެކި ގޭގޭގައި އިންޑިއާ އައުޓް ބެނާ ނުނެގޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ ކުރިން ބެނާ ދެމި ހުރިހާ ގެތަކުގެ ބެނާތައް ފުލުހުން ވަނީ ނަގައިފަ އެވެ. އެއީ، އިންޑިއާ އައުޓް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގެ ދަށުންނެވެ.
ރައީސް ގަރާރު ނެރުއްވީ "އެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތް ހުއްޓުވުމަ"ށެވެ. އިންޑިއާ އައުޓް ހަރަކާތް ނަފްރަތާއި ރުޅިވެރިކަމުގެ ހަރަކާތަކަށް ބަދަލުވުމުން ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އެ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ގާނޫނީ ގޮތުން ދިރިއުޅެމުންދާ ވަކި ގައުމަކަށް ނިސްބަތްވާ ރައްޔިތުންތަކަކަށް ގެއްލުން ދީފާނެ ނުވަތަ ގެއްލުމެއް ދިނުމަށް ގޮވާލާފާނެކަމުގެ ބިރަށް ކަމަށް އެ ގަރާރުގައިވެ އެވެ.
އެކަމަކު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަމަށްވާ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް މި ގަރާރުން ހުރަސްއެޅޭތީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައިދޭން އިދިކޮޅުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފީސީ
02 June 2022
ޔާމީނުގެ ކޮން ގެކޮޅެއްތޯ ގޭ ކޮޅުކޮޅަށް ފޮދުފޮދަށް ޔާމީނު ވެރިކަމުގަ ހުރެ އަމިއްލަ ގޯތި ބޮޑުކުރީ
ބޮޑުމީހާ
01 June 2022
ފުލުހުންވެސް ސިޔާސީ މަޅީގައިޖެހި ހަލާކުވެއްޖެ! މިހާރު ފުލުހުންވެސް ވަރށް އަންޕްރޮފެޝަނަލް
މަހޯލި
02 June 2022
ކަމެއް ނުބަލަންޏާ ޕްރޮފެށަރު ކަމެއް ބަލަންޏާ އަން ޕްރޮފެށަރު
ކައްކާ
01 June 2022
ބެނާއެއްނޫން، ބެނާފުޅު.
ޢަބްދުބޭ
01 June 2022
ފުލުހުން އެބަޖެހޭ ގާނޫނު ދަންނަ ބަޔަކައްވާން މިފަދަ ގައިރުގާނޫނީ އަމުރުނެރޭ ނުކިޔަވާ ވެރިންނައް ގާނޫނުގަ އޮތްގޮތެއް މަންމަނު ބަހުންވިޔަސް އެނގޭވަރު ކޮއްދޭން މިކަމުގެ ހުރިހާ ހުތުރެއް ފުލުހުން ބޮލުގަ އެޅުމުން ޕޮލިހުގަ އުޅެންވެސް ލަދުގަނޭ މިސާލަކައް ގަރާރެއްނެރެފަ އެވަނި މީހަކު މަރާލާފަ ބޯބުރި ގެންނާށޭބުނީމަ އެއަމުރައް ފުލުހުން ނުޖެހޭނެ ތަބާވާކައް މިގޮތައް އެބަހުރި ވަރައްގިނަ ކަންކަން ތާކުހުންނަހާ ދިދަޔަކާ ތާކުހުންނަހާ މީހަކު ހައްޔަރުކޮއް އަނިޔާ ކު
ޖަމީލުބެ
01 June 2022
އަދުރޭއާ ހަވާލުކުރާކަށް ހުކުމަކު ނެތް!
ހަސަން ކަލޯ
01 June 2022
ވެރި ކަމުގައި އެއްކަމެއް ވެސް ނުވެގެން އުޅޭ ބަޔަކަށް އޭތިަަަ؟ ކިހިނެތް ނަތްތާލެވޭނީ؟ ތި މީހުންގެ ވެރި ކަމުގައިނަމަ މިހާރު އޭތި ވުޖޫދަކު ވެސް ނޮއޮންނާނެ ކަން ޔަޤީން
ސަސ
01 June 2022
ދެން ނައްތާ ނުލާނަމަ އަދުރޭއާ ހަވާލު ކުރަންވީނު. ތި ގޮތަށް ކިނބުލަކާ، ކަރޕެޓެއްވެސް ގެއްލިގެން އުޅުނު
ރަދީފްއޮފިޝަލް
01 June 2022
ފުލުހުން އުޅެނީ ކޮންމެ ކަމެއްގަ ވެސް #ވީވަރަކުން.