ރަށްރަށަށް ފޮނުވަން ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކެއް: ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޖޫން 2022 - 15:36
ފަރުވާ ލިބުން ލަސްވެ، ކޮވިޑުގައި މިދިޔަ އަހަރު ނިޔާވި މިޝްކާ މުހައްމަދުގެ މައްސަލަ އޮތީ ތަހުގީގުގެ ފަހު މަރުހަލާގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދިހަ އަހަރުގެ މިޝްކާ އަށް ފަރުވާ ދިނުމުގައި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއްގެ އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ބުންޏެވެ. ނަމަވެސް، އެ މަރަށް މިއަދު އެއް އަހަރުވެގެން ދިޔައިރު ވެސް އެއްވެސް މީހަކާ ދެކޮޅަށް ފިޔަވަޅެއް އެޅި ކަމެއް ކަމާގުޅޭ އިދާރާއަކުން ނުބުނެ އެވެ.
އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ޕޮލިހުގައި އެދިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި ނިންމާފައިވާ ކަމަށެވެ. މިހާރު އޮތީ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 28 ގައި ނެގި ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު މިޝްކާގެ ހާލު ސީރިއަސްވެ ނިޔާވީ މިދިޔަ އަހަރުގެ ޖޫން ދެ ވަނަ ދުވަހުގެ ރެ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ވާން ފެށުމުން އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އާއިލާއިން އެދުމުން ވެސް އެކަން ކޮށްދީފައި ވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންކަން ހެލްތު މިނިސްޓްރީގެ ރިވިއުން އެނގެ އެވެ.
އެ ރިވިއުގައި ބުނީ މިޝްކާއަށް ފަރުވާ ދިނުމުގައި އެޗްއީއޯސީގެ ހުރިހާ މަރުހަލާއެއްގައި ބޮޑެތި ލަސްތަކެއް އުޅުނުއިރު، ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު ބެއްލެވި ޑޮކްޓަރުން ވެސް އެ ކުއްޖާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެފައި ނުވާކަމަށެވެ.
ކޯލް ސެންޓަރުން މިޝްކާގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ކުއްޖާ ބަލައި އެމްބިއުލާންސް ފޮނުވާކަމަށް ތަކުރާރުކޮށް ބުނާފަދަ އިބާރާތުން މުއާމަލާތް ކޮށްފައިވިޔަސް އެ ރޭ 11:32 އާ ހަމައަށް ވެސް އެމްބިއުލާންސް ފޮނުވާފައިނުވެ އެވެ. އެ މައްސަލައިގައި ކޯލު ސެންޓަރުން ޖަވާބު ދިން މުވައްޒަފުން، ކުއްޖާގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގުކޮށް ހުރިހާ ކޯލެއް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ފުރިހަމަކޮށްފައި ނުވެ އެވެ.
"މި ހާދިސާގައި އެޓެންޑުވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވެފައިވާނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ،" ރިވިއު ރިޕޯޓުގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy