ގއ. ވިލިނގިލީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖޫން 2022 - 22:49
ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި، އިނގިލި ބުރިކޮށްލި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 3 ގައި ވިލިނގިލީގެ ގެއަކަށް ވަދެ އެ ގޭގެ މީހުންނާ ޒުވާބުކޮށް ތަޅައި، މާރާމާރި ހިންގާފައިވާ މައްސަލައެއްގަ އެވެ.
ތުހުމަތުވާ އުމުރުން 35 އަހަރުގެ ފިރިހެން މީހާ ބަންދުކުރަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރު ކޮށްފަ އެވެ. އޭގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި 150 ދުވަހަށް ޖަލަށްލުމަށް ވެސް އެ ކޯޓުން އަމުރު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާގެ ޝަރީއަތް ރިވިއު ކުރަން އެދުމުން ކޯޓަށް ހާޒިރުކޮށް މި މަހު 1 ގައި އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ.
އޭނާ ހިންގި ކަމަށް ތުހުމަތު ކުރެވޭ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ އިނގިލި ބުރިވި 39 އަހަރުގެ އަންހެން މީހާ އާއި 74 އަހަރުގެ ފިރިހެނަކާއި އުމުރުން 60 އަދި 31 އަހަރުގެ އަންހެނަކަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ފިރިހެން މީހާ ދަތް އަޅައި، އިނގިލި ބުރިކޮށްލީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ އެވެ. އަނިޔާވި މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަންހެނުން ވެސް ހިމެނެ އެވެ. އެ ފިރިހެން މީހާ މަސައްކަތް ކުރީ އެ ކައިވެންޏަށް ލިބިފައި ތިބި ކުދިން އަތުލުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންގު ފަރީދު
05 June 2022
އިނގިލި ބުރިކޮށްލުމާ ކަނޑާލުމާ އެއީ ދެކަމެއް. ބުރިކޮށްލީއޭ ބުނީމާ އަނެއް ބުރި އޮންނާނީ އިނގިއްޔާ ވަކިވެފަ.
މިރިހި ފަތް
05 June 2022
ހިންދީ ފިލްމުތަކުގައި ކަންހިނގާކަމަށް ދައްކާގޮތާއި ދިވެހި ރާއްޖެގައި ކަންހިނގާގޮތުގެ އެއްވެސްތަފާތެއްނެތް. މައުމޫނު އަބުދުލްގައްޔޫމް ވެރިކަމުގައި ސިޔާސީ މީހުންބުނާގޮތުން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ވެރިކަން ކުރިއިރު ގައުމު އަމާން. ސުލްހަ މަސްލަސްކަންއޮތް. މީހުންމެރުންފަދަ ކުށްތައްމަދު. ގޭންގުތަށް އުފެދުނަކަ ނުދޭ. ސަރުކާރު ބަރުބޮޑެއްނޫން. ނުދެއްކޭވަރުގެ ލޯނުތަކެއް ނެތް.
އަޙްމަދު ވަހީދު
05 June 2022
ދަތްތަށް އުފުރާފައި ދޫކޮށްލިނަމަ..
ނާގޯށި
04 June 2022
އެއީ އޭނާގެ އަނބި މީހާއަށްވީމާ
މިތުރުކަލޯ
04 June 2022
ހާދަހާވާ ދެރަކަމެކޭ މިކަހަލަކަންކަން ދިމާވާތީތާއޭ ޝަރުއީނިޒާމަށް މީހުންގެ އިތުބާރުގެއްލެނީ، އަނެއްކާގޮސް އިނގިލި ބުރިކޮށް ނުލިއްޔާވެސް ރަނގަޅޭ މިހާރު އެހެރީ މިނިވަން ވެފަވިއްޔާއޭ
ފަސާދަވެފަ އޮތް ޤަޢުމެއް
04 June 2022
އަޅެ މީ ފަހެ ކޮންކަހަލަ ޤަޢުމެއްތަ؟ ހުރިހާ ކުއްކުރާމީހުން މިނިވަންކޮށް ވަގުންނާ، މީހުންމަރާ މާރާމާރީ ހިންގާ މީހުންނާ ޑުރަގު ލޯޑުން.
ރޫޓް
04 June 2022
ދެން ތިޔަމީހަކު ދަތްއަޅައި ބުރިކޮށްލާނީ ކޯއްޗެއްކަމެއްވެސް ނޭނގެ.