ހައްޖުވެރިން އަަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއް ރަހްމާގައި. --ފޮޓޯ:އޭއެފްޕީ
07 ޖުލައި 2022 - 11:19
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާ އަށް ގޮސް ތިބި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން، ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން އިހްރާމް ބަނދެ ތަލްބިޔާ ކިޔަމުން މިނާ އަށް ޖަމާވާން ފަށައިފި އެވެ.
ސައޫދީ ސަރުކާރުން ބުނާ ގޮތުގައި ހައްޖުވެރިން މިނާ އަށް ޖަމާވާން ފެށިއިރު، މިނާގެ ފޭލިގެތައް ހުރީ ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ފުރިހަމަ އަށް ތައްޔާރުކޮށްފަ އެވެ. އަދި މިނާގެ ފޭލިގެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބެލެހެއްޓުމަށް އިތުރު ސިފައިންނާއި ފުލުހުން ނެރެފައިވާ އިރު، މިނާގައި ހުންނަ ވަގުތީ 26 ސިއްހީ މަރުކަޒާއި ހަތަރު ހޮސްޕިޓަލް ވެސް މިހާރު ވަނީ ފުރިހަމަ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
ހައްޖުވެރިންނަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް، 175 އެމްބިއުލާންސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ކުއްލި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސައޫދީ ރެޑް ކްރެސެންޓްގެ 320 އެމްބިއުލާންސާއި ހަ އެއާ އެމްބިއުލާންސްއާ އެކު، 1288 ސިއްހީ ހިދުމަތްތެރިން ފުރިހަމަ ތައްޔާރީ ހާލަތުގައި ތިބޭނެ އެވެ.
މިނާ އަށް ހައްޖުވެރިން އުފުލުމަށް ޚާއްސަ ބަސްތަކެއް ހަމަޖައްސާފައިވާ އިރު، ފައި މަގުގައި މިނާ އަށް ދާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން، އެ މަގުތަކުން އެއްގަމު އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. މިނާގެ ފޭލިގެތަކުގައި އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތް ބެލުމަށް، ސައޫދީ ސަރުކާރުގެ މަތި ފެންވަރުގެ ޚާއްސަ ޓީމެއް އިއްޔެ މިނާ އަށް ޒިޔާރަތް ކުރެއްވި އެވެ.
ކޯވިޑް-19ގެ ވަބާ އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި އޮންނަތާ ދެ އަހަރު ފަހުން، މިއަހަރުގެ ހައްޖުގައި ބޭރު ގައުމުތަކުން އެއް މިލިއަން މީހުން ބައިވެރިކުރަން ސައޫދީން ވަނީ ނިންމައިފަ އެވެ. މިދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ހައްޖުގައި ވެސް ބައިވެރިކުރީ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ބައެއް ރައްޔިތުންނެވެ.
ކޯވިޑް-19އާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު، 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ އެންމެ 1000 މީހުންނެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ހައްޖުގައި، 60،000 މީހުން ބައިވެރިކުރި އެވެ.
މިއަހަރުގެ ހައްޖުގައި، ބޭރު ގައުމުތަކުން އެއް މިލިއަން މީހުން ބައިވެރިކުރަން ސައޫދީން ނިންމީ، އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެންނެވެ. ނަމަވެސް މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިކުރަނީ، އުމުރުން 65 އަހަރު ނުފުރޭ މީހުން އެކަންޏެވެ.
ހައްޖުވުމަށް ސައޫދީ އަށް އެތެރެވާ ކޮންމެ މީހަކު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ސައޫދީ އަށް ދަތުރު ފެށުމުގެ 72 ގަޑިއިރު ކުރިން ހެދި ޓެސްޓަކުން ނެގެޓިވް ނަތީޖާއެއް ލިބިފައި އޮތުން ވެސް، ސައޫދީން ވަނީ ޝަރުތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިދާ
08 July 2022
މިނާއަށް ޖަމާވާން ފަށައިފިޔޭ ބުނެފަ އަރަފާތު ގެ ފޮޓޯއެއް
އަބްޑޫޅް
07 July 2022
މީނާ ކުޑޭ އަށް ސަލާން ބުނައްޗޭ، އިނގޭ!
ރަދީފްއޮފިޝަލް
07 July 2022
އަހަރެން ވެސް ވަރަށް ބޭނުން ހައްޖަށް ދާން.