އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ގަރާރެއް ހުށަހަޅަނީ: ޕާޓީގެ ކޮންގްރެސް ބާއްވަން ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހު 16 ގައި. -- ފޮޓޯ | އެމްޑީޕީ
21 ޖުލައި 2022 - 13:07
އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް އެއްގޮތް ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
އަންނަ މަހު 16ގައި ބާއްވަން ހަމަޖައްސާފައިވާ ޕާޓީގެ ކޮންގްރެސްއާ ދިމާކޮށް އަސާސީ ގަވާއިދަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގައި އެ އިސްލާހުތަކާ މެދު ގޮތެއް ނުނިންމައި ކޮމިޓީއެއް އެކުލަވާލީ އިސްލާހުތައް އެއްގޮތް ކުރުމަށް ފަހު އަލުން ގައުމީ މަޖިލީހަށް ހުށަހެޅުމަށެވެ.
ގައުމީ މަޖިލީހުގެ މެމްބަރު އަދި މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް އެއްގޮތް ކުރުމަށާއި މިހާރު ގަވާއިދުގައި ހުރި ފުށުއެރުންތައް ހޯދައި ބެލުމަށް ކޮމިޓީއެއް ނަގައި ދެން އޮންނަ ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އިސްލާހުތައް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"އިސްލާހުތަކާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ރޭ ނިންމީ،" އޭނާ ވިދާޅުވި އެވެ.
އަސާސީ ގަވާއިދަށް ހުށަހަޅާފައި ވަނީ ކޮން އިސްލާހުތަކެއް ކަމެއް ޕާޓީން އަދި އާއްމެއް ނުކުރެ އެވެ. އެ އިސްލާހުތައް އެއްގޮތް ކުރަން ނެގި ކޮމިޓީގައި ނުވަ މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ.
- ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް
- ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
- މީދޫ ދާއިރާގެ މެމްބަރު އަދި އަންހެނުންގެ ހިތްވަރުގެ ރައީސް ރޮޒައިނާ އާދަމް
- މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު
- އެމްޑީޕީގެ ފަނޑިޔާރުންގެ ކޮމިޓީގެ މެމްބަރު އަހްމަދު މައުރޫފް
- ޔޫތު ވިންގުގެ ރައީސް ރިފްގާ ޝިހާމް
އެމްޑީޕީގެ އަސާސީ ގަވާއިދަށް އެންމެ ފަހުން މައިގަނޑު އިސްލާހެއް ގެނައީ 2018 ގައި 700 މެމްބަރުންނާ އެކު އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގަ އެވެ. އެއީ ރާއްޖޭގެ ސިޔާސީ ހާލަތު އޭރު އޮތް ގޮތުން، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ގުޅޭ ނިންމުމެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ޓެރަރިޒަމްގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވުމުން ގައުމީ މަޖިލީހުން ނިންމީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގައި މުހިއްމު އެއް ނިންމުމަކަށް މިފަހަރު ވެސް އޮންނާނީ ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމުމެވެ. ޕާޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ނަޝީދުގެ ފެކްޝަނެއް އޮތް އިރު ޕްރައިމަރީއެއް ބޭއްވުމެއް ނެތި ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބިރު އޮތް ކަމަށް ނަޝީދުގެ ފެކްޝަނުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އެކަމަކު ޕާޓީން އަމަލުކުރަން އޮންނަ ގަވައިދުތަކާއި އުސޫލްތަކުން ބޭރުން ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އާއްމު މެމްބަރުންނަށް ދެއްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، އަމާޒަކީ އެމްޑީޕީއަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ކަށަވަރު ކޮށްދެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޗީ
23 July 2022
ޑިމޮކްރެޓިކް ޕާޓީ ގަ ޑިމޮކްރެސީ ކޯދުލާފަ އަރާތަން ފެނުނު އެންމެ ފަހުން ބޭއްވި ޕާޓީގެ އިންތިހާބުގަ. ވޯޓު ފޮށި ތެރެއިން ނެގި ކަރުދާސްތެއްވެސް ހުރީ ބޮނޑިބޮނޑިޔަށް ... ކަލޭމެންގެ ޕާޓީގެ ނަމާއި ލޯގޯ ބަދަލު ކުރަން ފެނޭ ....
އޯކޭ
23 July 2022
ފައިބާ ތިހުރިހާ ޕާލިމެންޓު އެންމެން. އާބަޔަކު މިކަންކުރަންވީދެން. ދެވިއްޖެ ދޯ ވޯޓު ތި ޕާޓީތަކައް؟ ވިކަމެއް ހަރާން. ގައުމު ގެނޭދެން!
އޮނަރަބްލް އަފީފު ދީދީ
21 July 2022
ކޮންގްރެސްގައި އެންމެބޮޑަށް ބަޙުސްކޮށް ގޮތްނިންނާންވީ ޕާޓީ ޑިސެންޓްރަލައިޒްކޮށް "މަލްޓިޕާޓީ ޑިމޮކްރަޓިކް ނިޒާމްގެމަތިން ރައްޔިތުން ފޫހިވެދާނެކަމުގެ ބިރަށްޓަކާ" މިޕާޓީގެބާރުތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުނަށް ޙިއްސާކުރުމުގެ ފުރުސަތުދިނުމަށްޓަކާ ރާއްޖެ އިދާރީ 3 ދާއިރާއަކަށް ބަހާލުމަށްފަހު ކޮންމެ ދާއިރާއެއްގެ މެންބަރުން އިންތިޙާބްކުރާ ރައީސަކާއި ނައިބް ރައީސެއްގެ އިތުރުން މުޅިރާއްޖެއިން އިންތިޙާބްކުރާ ޗެއަރޕާސަން އެއް ޕާޓީގައި ބެހެއްޓުމަށް.
އޮނަރަބްލް އަފީފު ދީދީ
21 July 2022
ޕާޓީ އުފެދުނު ދުވަސްވަރާއި ޙިލާފަށް ޕާޓީގެ މިހާރުގެ ލީޑަރޝިޕް ހީކުރަނީ "ފައިސާކޮޅެއް ދީފައި" ހުރިހާ ކަންކަން ހަމަޖައްސާލެވޭނެ ކަމަށް. # ދަންނަވަންތޯ؟! އަހަރުމެން ތިޔަ ދާއިރާ ފައިސާކޮޅާއި ހަރުގެތަކާއި ޕާޓީގެ ޙަރަކާތް ތަކެއްވެސް ބޭނުމެއްނޫން. އަހަރުމެން ބޭނުން ވަނީ ޤާނޫނުއަސާސީ ކަށަވަރުކޮށްދިން އަސާސީހިދުމަތް އައްޑޫސިޓީއަށް ލިބުމަށާއި، ދައުލަތުގެ އަހަރީބަޖޭޓް އަދުލުވެރިކަމާއި އެކު ޙިއްސާކޮށް ވެލްތް ޑިސްޓްރިބިއުޓް ކޮށް ދިނުމަށް. އެކަން ފުރިހަމަކުރޭ.
ކަލާޖު.
21 July 2022
ތިބޭފުޅާ މިފަހަރުގެ ކޮންގްރެސްގައި ބައިވެރިވެލެއްވިންތޯ ؟
އަލިދީ
21 July 2022
ހިންގާލަން އައިމީހާގެ ހިލަމެއް ނުވޭ
ލިިލަކަކަކަ
21 July 2022
އިބޫގެ ބޭނުންވާގޮތަށް ދެން އެމްޑީޕީ ކުރިޔަށް ދާނީ. އަންނި އަދި އިދިކޮޅު ޕާޓީތައް ތިބޭ ކުޅިބަލަން. 2023 ގަ ވެސް ހަމަ އިބޫ.
ސަބުރީ
21 July 2022
ބަލަންމިތިބީ. ނަޝީދުގެ ފެކްޝަނުން ހުށަހަޅާ މައްސަލަ ތަކަކީ މިހާރު ވެރިކަމުގައި ހުރި މީހަކު ދެވަނަ ދައުރެއް ނުދިނުން ކަމަށްވެސް ވެދާނެ ވިއްޔަ