މުބާރާތުގައި ރާއްޖެ ކުރިން ކުޅުނު މެޗަށް ފަހު ކުޅުންތެރިން ދަނޑުން ފައިބައިގެން އަންނަނީ: މިއަދު ލަންކާ އަތުން ރާއްޖެ ވަނީ އެއްވަރު ވެފަ --- ފޮޓޯ: އެފްއޭއެމް
31 ޖުލައި 2022 - 20:10
އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ރާއްޖެއިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ރާއްޖެއިން 1-0 ން މޮޅުވާން ދަނިކޮށް ލަންކާއިން ވަނީ ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ބުބަނޭޝްވަރު ސިޓީގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރަނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ކުރިން ކުޅުނު ދެ މެޗުގައި ބަންގްލަދޭޝް އަދި ނޭޕާލް އަތުން ބަލިވުމުން، މިއަދުގެ މެޗަށް ނުކުތް އިރު ވެސް ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބަންދު ވެފަ އެވެ.
ބުބަނޭޝަވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖެ އަށް ލަނޑު ޖެހައި ދިނީ މެޗުގެ 75 ވަނަ މިނެޓްގައި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާގެ ތެރެއިން ބޯޅަ ލިބިގަނެ އައިހަމް ވަނީ ގޯލްގެ ތިރީ ކަނަށް ބާރު ބޯޅައެއް ފޮނުވައިލައިފަ އެވެ.
އޭގެ ކުރިން ވެސް ރާއްޖެ އަށް ފުރުސަތުތަކެއް ލިބުނެވެ. އަދި ލަންކާއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޝައިހާން އަލީ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓްގައި ލަންކާގެ ކައިޔޫމް މުހައްމަދު އިހްސާން ފޮނުވާލި ބާރު ބޯޅައެއް ޝައިހާން ވަނީ ޑައިވްކޮށް ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފަ އެވެ.
ލަންކާއިން ނަތީޖާ އެއްވަރު ކުރީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ހަ މިނެޓްގެ ތެރެއިން ފަސް ވަނަ މިނެޓްގަ އެވެ. ރާއްޖޭގެ އޭރިއާގެ ބޭރުން ދަނޑުގެ ބޭރު ލައިނާ ކައިރިން ލިބުނު ހިލޭ ޖެހުން ފެނާންޑޯ ޑެރިކް އޭރިއާގެ ތެރެއަށް ނަގައިދިނުމުން، އޭރިއާގެ މެދުގައި ހުރެފައި ތެހެޝާން ތުހުޝްމިކާ ވަނީ ގޯލްގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ. އެ ވަގުތު ރާއްޖޭގެ ކީޕަރު ޝައިހާން އަށް ވެސް ހުރެވުނީ ކޮންމެވެސް ވަރަކަށް ކުރިއަށް ނުކުމެ އެވެ. އެހެންވެ ބޯޅަ ގޮސް ވަނީ ހުހަށް އޮތް ގޯލަކަށެވެ.
ރާއްޖޭގެ ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާ އާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިވަގުތު އެންމެ ކުރީގައި އޮތީ ބަންގްލަދޭޝް އެވެ. ދެވަނައިގައި އޮތީ ނޭޕާލެވެ. އިންޑިއާ އޮތީ ތިންވަނައިގަ އެވެ. އެކަމަކު އެ ޓީމަށް އަދި ދެ މެޗު އެބައޮތެވެ. މިރޭ އެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތްހިތިވާނެ
01 August 2022
ކޯޗުން އިސްތިއުފާ ދީ. ހަދާން އެބަހުރިތަ ކަލޭމެން އެމްމެންގެ ފާޑުކިޔުމާ އެކުވެސް މީހަކު އެވްރެޖު 21 އުމުރު ފުރާގެ ޓިމެއްގޮވާގެންގޮސް ސާފް ޗެމްޕިއަން ޟިޕް ކާމިޔާބު ކުރި ހަދާން!! އަދިވެސް ތިބުނާ މޮޅު ދިވެހި ކޯޗުން ބެންޗުގަ ތިބެ ގޮވާ އަޑުއިވެނީ "ބަލަހައްޓާގެން ނުތިބޭ ކާރިކުރޭ" މިނޫން ދުވަހެއް ނާދޭ. ފުރާގެން ދިޔައީ ފައިނަލް ކުޅެން، ގައުމަށް އެބުރި އަންނަނީ 100 ގޯލް ބައިކޮޅަށް ޖަހާގެން، ލަދުން ބޯހަލާކު. ދިވެހި ކަންމަތީ ޓީމްގެ ހަމަ ސުމެއް.
މާސޭ/ ހުއްރިއްޔާ
01 August 2022
ސުބުހާނަﷲ. މިވަރުގެ ރަނގަޅު ސްކޮޑެއް އޮތްއިރު ޓީމު މޮޅުނުވީތީ ދެރަވެއްޖެ. ގޭގައި މެޗުބަލަންއިންއިރު ނިމެން 5 މިނިޓަށްވެފައި ވަނިކޮށް ގާތްގާތުގައި ލަމާން ތަނަވަސްކޮށްދިން ރީތި ދެޕާހުންވެސް ސްޓްރައިކަރު ޒައިންޒަފަރަށް ބޯޅަ ދާގަނދުގައި ތަތްކޮށްނުލެވުނީމަ ވަރަށް ފެންކަޅިވި. ހަގީގަތުގަވެސް ރާއްޖޭގެ ކުޅުންތެރިންގެ ޓެލެންޓު އެބަހުރި. ކޯޗުންވެސް ބަރާބަރު. ނަތީޖާ ނުނެރެވޭތީ ދެރަވޭ. އުއްމީދުކުރަނީ މި ސްކޮޑް އިތުރު މެޗުތައްކުޅެ ތަޖުރިބާހޯދުން.
ހަސަންތަ
01 August 2022
ކޯޗުން ކޮންކަމަކަށް ރަނގަޅީ؟ އިސްތިއުފާދީ.
ކަޑަ ކޯޗު
01 August 2022
ޔޫތު މޮޅު ކޯޗުންނޭ ކިޔާފަ އެއްވެސް މޮޅުކަމެއް ނުފެނުނީތީ ދެރަވެއްޖެ. އެފްއޭއެމްގެ ހިންގުން ކަޑަ. އެކަން ބާއްވާފަ، ދަނޑުމަތިން ކުޅުންތެރިންގެ މައްސަލައެއް ނޫން ފެނުނީކީ.. ފާހަނގަވި ކަމަކީ ކޯޗުންގެ ނާގާބިލުކަން. އެއްވެސް ޕުލޭނެއް ނެތް. ކުޅުންތެރިން ހިތްވަރުކުރާތި ތިޔަކުދިންގެ ހިތްވަރަށް ސާބަސް.
އިސްތިއުފާ
01 August 2022
ކުރިޔަށް ކުޅުނު ނަމްބަރ 10، 11 ހަމަ ސުމެއް، ފަސްޓު ޑިވިޟަންގަ ކުޅޭ މި ދެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް. ޚާއްސަކޮށް ނަންބަރ 10 ކުޅެން އަރުވަން ޖެހޭ ސަބަބަކީ ކޮބާކަން ނުވިސްނޭ! އޭނަގެ ފަރާތުން ޓީމަށް ކުރާ އެއްވެސް ފައިދާއެއްނެތް، އެހާމެ ކެއާލެސް. 11 ވޯރކް ރޭޓް ރަނގަޅު ކޮށްލަނިކޮށް ރަނގަޅު ވެދާނެ ކަމަށް ފެންނަނީ. މުޅި ޓީމުން ފެނުނު ހަމަ އެކަނި ޕޮޒިޓިވް ކަމަކީ ޖާޒީ ނަމްބަރ 9. ވޯރކް ރޭޓް ޚަބޭސް. ކީޕް ގޮއިން 9.
ސާފު
31 July 2022
ދިވެހިން ފުޓުބޯޅަ ކުރިއަރުވަން 'ގުރާސް ރޫޓު' ރަނގަޅުކުރަން އަމާޒުކުރޭ. ރަށްރަށުގައި ބޯޅަ ފޯރިއެރުވުމާއެކު ޒުވާން ކުދިންނަށް ފުރުސަތު ދޭންޖެހޭ. ޒުވާން ލީގެއް ފަށައިގެން ރަށްތަކުގައި ތިބި ކުދިންނަށް ފުރުސަތު ދޭންޖެހޭ. އޮއްޕޮމެން ސުކޫލް ކުދިން ގޮތުގައި ސީނިއާ ޓީމުން ޖާގަ ލިބުނީ ބައެއްގެ ވިސްނުންތެރިކަން ހުރީމަ. ދަނގަޑޭ އެއް އުފަންވީ ފުރުސަތުތަކެއް ޅައިރު ދެވިގެން. ވިސްނަންވެއްޖެ. އަވަށްޓެރި ގައުމުތަކުން ކުރިއަރަނީ. ރާއްޖެ ފަހަތަށް ދަނީ!
އައްޔަ / ތޮއްޑޫ
01 August 2022
ފުޓުބޯޅަ ކުޅެން އުޅޭނެކަމެއްނެް. މަހަށްދާންވީ ބައްސާމު. ރަނގަޅު ސްކޮޑެއް އއްވާ ނަތީޖާ ނުނެރެވުނީ ކޮމްބިނޭޝަން ރަނގަޅު ނުވީމަ. ސަބަބަކީ ޕްރެކްޓިސް މެޗުތައް އެކުދިންނށް ކުޅެން ނުލިބުން.