މާލޭގެ ވިޔަފާރި ބަނދަރަށް އަލަށް ގެނައި ބައެއް ވެހިކަލްތައް: 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލުން ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އެމްޕީއެލް އިން ވަނީ ނިންމާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު.
03 ޖެނުއަރީ 2017 - 15:35
ތިލަފުށީގައި އޮތް ޓަގު ބޯޓު ބާ ދަގަނޑަށް ވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ބޯޓު ބަންނަން ފެށުމާ އެކު މައްސަލަތައް އޮތީ އުފެދިފަ އެވެ. އޭގެ ބޭނުމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކަށް ނުކުރެވެ އެވެ. އެކަމަކު އެބޯޓުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް 160 މިލިއަން ރުފިޔާ ދޭން، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ދާދި ފަހުން ހުކުމްކުރުމުން، އެތައް ބަޔަކު ހައިރާންވެ އަންތަރީސްވި އެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، މިދިޔަ ހަފުތާގައި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް އިއްވެވީ 13 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުރި ދައުވާގަ އެވެ.
އެމްޕީއެލް އަށް އެ ބޯޓު ބަނދެދޭން ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރީ 2008 ގަ އެވެ. އެކަމަކު އެ މަސައްކަތުގެ ބައެއް ނިންމާފައި އޮއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ބޮޑެތި ތުހުމަތުތަކާ ގުޅިގެން، އެކަން ހުއްޓުވައިފަ އެވެ. އޭސީސީން އަންގާފައި ވަނީ ސެންޓަ އެންޓަޕްރައިސަސް އަށް ދޭން ޖެހޭނީ އެ ކުންފުނިން ކުރި މަސައްކަތެއްގެ އަގު ކަމަށެވެ. އެ ކުންފުނިން އުޅުނީ ނުކުރާ މަސައްކަތަށް އަގު ނަގަން ކަމަށް އޭސީސީން ބުނެ އެވެ.
ޓަގް ބަނުމުގެ މަސައްކަތް ހުއްޓުމަކަށް އައީ ސެންޓަ އެންޓަޕްރައިސަސް އާއި ސަބް ކޮންޓްރެކްޓަރާ ދެމެދު ޖެހުނު ފައިސާގެ މައްސަލައެއްގަ އެވެ. ސަބް ކޮންޓްރެކްޓަރު ކުރި މަސައްކަތުގެ ފައިސާ ސެންޓަ އެންޓަޕްރައިސަސް އިން ނުދޭ ކަމަށް ސަބް ކޮންޓްރެކްޓަރު ބުނެ އެވެ. މައްސަލަ އުފެދި މަސައްކަތް ހުއްޓުމަކަށް އައީ އެ ހިސާބުންނެވެ.
އެމްޕީއެލް އާއި ސެންޓަ އެންޓަޕްރައިސަސް އިން އެއްބަސްވީ، ޓަގްގެ ކޮންމެ މަސައްކަތެއް ވެސް ނިމުމުން، އެ މަސައްކަތެއްގެ އަގު ދިނުމަށެވެ.
އެންމެ ފަހުން ސިވިލް ކޯޓުގައި ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރީ ނިންމާފައިވާ މަސައްކަތަށް ޖެހޭ 13 މިލިއަން ރުފިޔާ ނުލިބި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެއްޖެ ކަމަށް ބުނެ، އެ ފައިސާ އާއި ޖޫރިމަނާ ހޯދާށެވެ.
މިއީ މިހާ ބޮޑު އަދަދެއް ސަރުކާރު ކުންފުންޏަކުން ދައްކަން ރާއްޖޭގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވީ 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލުން ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޓަގުގެ މަސައްކަތް ހުއްޓާލުމުން މިހާރު އޮތީ ތިލަފުށީގައި ބާ ދަގަނޑަށް ވެފަ އެވެ.
ސެންޓަ އެންޓަޕްރައިސަސް އިން އެ މަޝްރޫއު ނެގުމަށް ފަހު ބޯޓު ބަންނަން ހަވާލުކުރި ސަބް ކޮންޓްރެކްޓަރާއި ސެންޓަ އެންޓަޕްރައިސަސްއާ ދެމެދު ވެސް ސިވިލް ކޯޓުގައި މައްސަލައެއް ކުރިއަށް ދާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"ޓަގު ބޯޓަކީ ސްޓީލުން ހުންނަ އެއްޗެއް. ގިނަ ދުވަސް ވާ ވަރަކަށް އޭތި ހަލާކުވަމުން ދާނީ. މިހާރު އޮތީ އެ ބޯޓު ބާ ދަގަނޑަށް ވެފައި ތިލަފުށީގައި،" ޖުނައިދު ވިދާޅުވި އެވެ.
"ދެން 60 ޕަސެންޓް މަސައްކަތް ނިންމީއޭ އެ މީހުން ބުންޏަސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެވަރަށް މަސައްކަތް ނިންމި ކަމަކަށް."
އޭނާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ ގޮތުގައި ކޯޓުން ނަގައިދިނީ އެއްގޮތަކަށް ވެސް ގަބޫލުކުރެއްވޭ ވަރުގެ އަދަދެއް ނޫނެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ބައްލަވާ، 160 މިލިއަން ރުފިޔާއޭ ބުނާއިރު އެއީ ކިތައް ޓަގު ބޯޓު ގަނެވޭނެ ފައިސާތޯ؟ ކިތައް ރަށުގެ ބަނދަރު ހެދޭނެ އަގުތޯ؟ އެހެންވީމަ އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ އަދަދެއް ނޫން،" ޖުނައިދު ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ފައިސާ ދެއްތޯ؟. ދެން ކޯޓުގެ އެ ހުކުމް އައީ ކިހިނެއް ކަމާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. އެކަމަކު އަޅުގަނޑުމެން އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފް ކުރާނަން. ހައި ކޯޓުން ނުވިއްޔާ ސުޕްރީމް ކޯޓަށް ވެސް ދާނަން."
ޖުނައިދު ވިދާޅުވީ އެ މައްސަލާގެ އިސްތިއުނާފް މަރުހަލާގައި ދައުލަތުން ވެސް އެމްޕީއެލްއަށް އެހީތެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކޯޓުގެ ހުކުމުގަައިވާ ގޮތުން ޖޫރިމަނާ އާއި ޖީއެސްޓީ އާއި މަސައްކަތުގެ އަގުގެ ގޮތުގައި އެމްޕީއެލް އިން ދައްކަން ޖެހެނީ 293 މިލިއަން ރުފިޔާ އެވެ. އެކަމަކު ބައެއް ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް، އެ އަދަދު އޭގެ ދެ ބައި ކުޅަ އެއްބަޔަށް ވާ 160 މިލިއަން ރުފިޔާއަށް ދަށްކުރެއްވީ ކަމަށް ގާޒީ ހަލީމް ކުރެއްވި ހުކުމުގައިވެ އެވެ.
ޖޫރިމަނާ އެހާ ބޮޑުވީ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދައްކައިފި ނަމަ، ދުވާލަކަށް އަރާ ޖޫރިމަނާ ބޮޑުކަމުންނެވެ. އެގްރިމެންޓްގައި ބުނާ ގޮތުން ދުވާލަކަށް ދެ ޕަސެންޓްގެ ޖޫރިމަނާއެއް އަރާނެ އެވެ. އެއީ 13 މިލިއަން ރުފިޔާ އަށް ބަލާ ނަމަ ދުވާލަކު 260،000ރ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
04 January 2017
ރީނދޫފިކުރުގެ މީހުން ޚިޔާނާތޭ ފަސާދައޭ ފެލާލިއްޔޭ ކިޔައިގެން ކޮމެންޓް ކޮށް ނިމުނުފަހުން މި އެނގުނީ މީ ރީނދޫ ކަލޭފާނުގެ 3 އަހަރުގެ ދައުރުގައި ކޮށްފަ އޮތް ކަމެއްކަން. އެހިސާބުން ރާގު ބަދަލުކޮއްލާފަ ބުނަނީ ދޭންޖެހޭ އެއްޗެއް ދޭންޖެހޭނެޔޯ....!!! ހައްހައް.
ނުރަ2ބޯ
04 January 2017
ލިޔުމުގައި އޮތީ 2008 ގަ މަސައްކަތް ހަވާލުކުރިވާހަކަ، ކުރިމަސައްކަތުގެ ބިލްކުރި ތާރީޙެއް، ޖޫރިމަނާ އަރަންފެށީ ކިހާހިސާބަކުން ކަންލިޔުމުގައި ނެތް. ދެންކިހިނެތް ވަކިބަޔެއްގެ ބޮލަށް ތިކަނޑާލަނީ... މިސަރުކާރުން ކުރާ ކަންކަން ހަމަރަގަޅީތަ!
ހަޑިގިއްލާ
04 January 2017
މިކަަމެއްހިނގީ 2008 ގެ އޮގަސްޓުމަހުގެ ތެރޭގަ، ރީނދޫމީހުން ވެރިކަމަށްއަޔަނުދިނުމަށް އޭރުގެ ޑީއާރުޕީއިން ދައުލަތުގެ ހުރިހާވަސީލަތެއް ބޭނުންކުރަމުން ދިޔަ ފޯރިގަދަ ކެމްޕޭނެ ދުވަސްވަރު! ރީނދޫމީހުނަށް ވެރިކަންލިބުނީ 11 ނޮވެމްބަރ 2008 ގަ! ބޮލުގަ ނުރަޖަހާފަތިހުރީ ނިދާފައޮއްވާ ވިއްޔާ!
ބޭރު
04 January 2017
ސުވާލަކީ އެގްރީމެންޓްގައި ނިމިފައިވާ މަަސައްކަތައް ފައިސާ ދައްކަންޖެހޭނެ ކަމަށް އޮވެ އެ ފައިސާ ނުދައްކާ މިހާ ދުވަސްވީ ކީއްވެހެއްޔެވެ. އިންވޮއިސްއާމެދު މައްސަލައެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އެކަން ނުކޮށް ފައިސާ ނުދައްކާ އިންވޮއިސް ބޭއްވީ ކީއްވެހެއްޔެވެ.
ޓުކުރި
04 January 2017
ކޯޓުގެ ޙުކުމް އަށް ބަލާއިރު އަޅުގަނޑަށް ވިސްނެނީ ޙުކުމް ކޮށްފައި އޮތީ ވަކި ބައެއްގެ މަސްލަޙަތު ދިފާޢުކުރަށް ކަން. ކޯޓު މަރުޙަލާގއި އެމް ޕީ އެލް އިން ފާޅުގައި އިންކާރުކޮށްފައިވާކަން ސީއީއޯގެ ވާހަކަތަކުން ދޭހަވެއެވެ. އަދި އަޅުގަނޑުމެން މި މައްސަލަ ކިޔާލުމުން ރަނގަޅަށް އެނގި ސާފްވެގެންދަނީ އަސްލު މައްސަލައަކީ ކޮންޓްރެކްޓަރާއި ސަބްކޮންޓްރެކްޓަރގެ ފައިނޭންޝަލް މައްސަލަކަމެވެ. އެންޓީ ކޮރަޕްޝަން ކޮމިޝަންއިން އިން މަސައްކަތް ހުއްޓުވީ ކީއްވެތޯ ކޯޓުން ސުވާލުކުރިބާ؟ މިހާ ގިނަ އަދަދެއްގެ ފައިސާ ދޭން ހުކުމް ކުރާވަރުގެ މައްސަލައެއްބާ މިއީ؟
ނުރަބޯ
04 January 2017
ހަލީމޫ.... ތިޔައީދެން ބޮޑުވަރެއް......!!!
ބޭޒުބާން
04 January 2017
އެގްރީމެންޓެއްގައި ސޮއިކުރަންވާނީ އޭގައި ލިއެފާއޮތް އެއްޗެއް ރަނގަޅަށް އެނގިހުރެއެވެ. އޭގެ ފަހުން އެގްރީމެންޓާ ޚިލާފް ވެއްޖެނަމަ އެކަމުގެ ޒިންމާނަންގަވަން ޖެހޭނެއެވެ. ހަތްއަހަރު ފާއިތުވެގެން ދިއައިރު އެމް. ޕީ. އެލް. އަށް ކިތަން ވެރިން އަތުވެއްޖެހެއްޔެވެ ؟ ޓަގުބޯޓުބަނުމުގެ މައްސަލަ ހަނދާންހުރި ބޭފުޅަކު ނެތެވެ. ރައްޔިތުންގެ ފައިސާއިން ނަންގަވާ މުސާރަ ހަލާލުކުރައްވާށެވެ.
ހަނު
04 January 2017
ހިތައް އަރަނީ ކޮންވެރިކަމެއް ގާބާވަޔޭ 2009ގާ ވެއްޖެޔާ އޮތީ އޭރު ގެ ވެރިން ގެ ޒިންމާ ކޮބާ ބާވަޔޭ
ބޭރު
04 January 2017
ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރީ ނިންމާފައިވާ މަސައްކަތަށް ޖެހޭ 13 މިލިއަން ރުފިޔާ ނުލިބި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެއްޖެ ކަމަށް ބުނެ، އެ ފައިސާ އާއި ޖޫރިމަނާ ހޯދާށެވެ. މީގެ ތިން އަހަރު ކުރިން ވެރިކަމުގައި ތިބީ ކޮންބަޔަކުބާ؟؟
ޢަހުމަދު ސާހު
04 January 2017
ކަމެއްވާއިރަށް ހަވާ ނާރުވާ އެލާރިކޮޅު ސޮދަގާތް ކޮށްބަލަ. ޢަދިވެސް ދައްކަނީ އާގުބޯޓު ހެދޭ އަދަދުގެ ވާހަކަ ކިތަށް ނިކަމެތިންނަށް ކާންދެވޭނެތަ ހައާ އައް ވަަ އެތިކޮޅު ސަލާ މަތް ކޮށްބަލަ
ލިޓްލް ސިންހަެ
03 January 2017
ކެމްޕޭނަށް ޚަރަދު ކުރާނެ ފައިސާ އެންމެ ފަސޭހައިން ލިބޭނީ މިކަހަލަ ގޭމް ޖައްސައުގެން. ތިޔަ ބާތުގެވެސް ހޮނގަނީ ވަކިވަކި މައްސަލަތަކެއް.
ލިލޯލީލޯ
04 January 2017
100% ތެދުވާހަކައެއް
އުމަރު
03 January 2017
ވަރަށް ރަނގަޅު، އެކަމަކު ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓް ބަލަހައްޓަން ބަޔަކުތިބޭ އެކަމަކު މިއަދު 160 މިލިއަން ދައްކަންޖެހުނީ ރައްޔިތުންގެ ފައިސާއިން، ޒިންމާވާނެ ރައީސެއް، ސީއީއޯއެއް އޮޑިޓަރެއް ފިނޭންސް މިނިސްޓަރެއްނެއް، ހަމަ އޯކޭ އަދިވެސް ހަމަ ތިޔަ ސީއީއޯ ބެހެއްޓޭތޯބަލާތި
ޓަގް
03 January 2017
މިހެންވީމާ ކިޔަނީ "ވަށާ ޖެހިފައިވާ ކޮރަޕްޝަން".