ދުނިޔެ / އިގިރޭސިވިލާތް

އެންޓީގުއާ އެންޑް ބާބިއުޑާ އިނގިރޭސި ތަޚުތާ ވަކިވަނީ

ސެޕްޓެމްބަރ 10، 2022؛ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް (ކ)، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި، އަރިހުގައި އަނބިކަނބަލުން ކެމީލާ (މ) އާއި ދަރިކަލުން އަދި ވަލީ އަހުދު އަމީރު ވިލިއަމް. --އޭއެފްޕީ

12 ސެޕްޓެމްބަރ 2022 - 09:49

5 comments

އިނގިރޭސި ރަސްކަމުން ވަކިވެ ޖުމްހޫރިއްޔާއަކަށް ބަދަލުވުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށްޓަކައި ގައުމުގައި ވަރަށް އަވަހަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ވިސްނަވާ ކަމަށް، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން މިހެން ވިދާޅުވީ، އިނގިރޭސި ރަސްކަމަށް ތަބާވާ ގައުމެއްގެ ހައިސިއްޔަތުން، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް އައްޔަންކުރެވިއްޖެކަން ރަސްމީކޮށް އިއުލާންކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ގެސްޓަން ބްރައުން ވިދާޅުވީ އިނގިރޭސި ރަސްކަމުން އެންޓީގުއާ އެންޑް ބާބިއުޑާ ވަކިވެ، ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ހިނގާ އާ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެ ކަމަށެވެ. އަދި މިއަންނަ އަހަރު އޮންނަ އާންމު އިންތިޚާބުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްޓަކައި، އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލްސްގައި، ޖޫން 8، 2022 ގައި ފެށި އެމެރިކާ ބައްރުގެ ގައުމުގަކުގެ ވެރިންގެ މަހާސިންތާ ހުޅުވުމުގެ ޖަލްސާ އަށް، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން ވަޑައިގަންނަވަނީ. --އޭއެފްޕީ

އިނގިރޭސި ރަސްކަމުން ވަކިވުމަކީ، އިނގިރޭސި ވިލާތާ ދެކޮޅުވެރިވުމުގެ އަމަލެއް ނޫން ކަމަށާއި، އިނގިރޭސި ވިލާތާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރުކަމުގެ ދެ ވަނަ ދައުރަކަށް ގެސްޓަން ބްރައުން އުންމީދު ކުރައްވާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖުމްލަ 17 މެންބަރުންގެ ތެރެއިން 15 މެންބަރުންނަކީ އޭނާ ނިސްބަތްވާ ލޭބާ ޕާޓީގެ މެންބަރުންނެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ޖުމްލަ 17 މެމްބަރުންގެ ތެރެއިން، 10 މެމްބަރުންނަކީ، ވެރިކަން ކުރާ ލޭބާ ޕާޓީގެ މެމްބަރުންނެވެ.

އެހެންކަމުން، ކުރިއަށް އޮތް ދައުރަށް ގެސްޓަން ބްރައުން އިންތިޚާބުވެވަޑައިގެން ލޭބާ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ތިރިގޭގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފި ނަމަ، އިނގިރޭސި ރަސްކަމުން ވަކިވެ ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ އިޖުރާއާތު ކުރިއަށް ގެންދިއުން މާ އުނދަގުލެއް ނުވާނެ އެވެ.

މާޗް 28، 2018؛ ބާބަޑޯސްގެ ފުރަތަމަ ރައީސްގެ މަގާމަށް އިންތިހާބުވި އެ ގައުމުގެ ކުރީގެ ގަވަރުނަރު ޖެނެރަލް ޑޭމް ސެންޑްރާ މޭސަން، 72، އަށް އިނގިރޭސި ރާނީ މަރުހަބާ ދަންނަވަނީ.

ގެސްޓަން ބްރައުން ވިދާޅުވީ އެންޓީގުއާ އެންޑް ބާބިއުޑާ، އިނގިރޭސި ރަސްކަމުން ވަކިވެ ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށް އޭނާ ވިސްނެވި ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް އާންމު ރައްޔިތުންގެ މެދުގައި މާބޮޑު ބާރުއެޅުމެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނެގުމާ މެދު އާންމު ރައްޔިތުން ނުވެސް ވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ އެކު، އިނގިރޭސި ރަސްކަމުން ވަކިވުމުގެ ބަހުސް، ބައެއް ގައުމުތަކުގައި ވަނީ އަލުން ފެށިފަ އެވެ. އެ ގޮތުން އޮސްޓްރޭލިޔާގެ ނޫސްތަކުގައި ވެސް އެބަހުސް ފެށުމާއެކު، އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެކަމަށް ރައްދު ދީފަ އެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ވެސް، އެ ގައުމުގައި އެފަދަ ވޯޓެއް ނުނަންގަވާނެ ކަމަށެވެ. އޭނާއަކީ ޖުމްހޫރީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެއް ނަމަވެސް، އޭނާ ވިދާޅުވީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި އެފަދަ ވޯޓެއް ނުނަންގަވާނެ ކަމަށެވެ.

އިނގިރޭސި ތަޚުތަށް ޗާލްސް ތިނެއް އައްޔަންކުރެވިއްޖެކަން، ސެޕްޓެމްބަރ 11، 2022 ގައި ނިއު ޒީލޭންޑްގައި އިއުލާން ކުރަނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި މިއީ އޮސްޓްރޭލިޔާގެ ރާނީ އަވަހާރަވުމުގެ ހިތާމައިގައި ގައުމުގެ ރައްޔިތުން ހިތާމަ ފާޅުކުރަމުންދާ ދަނޑިވަޅެކެވެ. އެހެންކަމުން މިއީ، ރާނީއާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިހްތިރާމް ފާޅުކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ އެކު، އެ ގައުމުގެ ރަސްކަން ވާރުތަވެފައިވާ، އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން ޗާލްސް، ރަސްމީކޮށް އިނގިރޭސި ވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގަތީ، އެ ގައުމުގެ ގާނޫނުއަސާސީ އާއި ޝާހީ އާދަކާދައިގެ މަތިން، އެ ގައުމުގެ އެކްސެޝަން ކައުންސިލްގެ ފަރާތުން، މި މަހުގެ 10 ވަނަ ދުވަހު، އިނގިރޭސި ރަސްކަމަށް ޗާލްސް އައްޔަންކުރުމާ ގުޅިގެންނެވެ.

ރަސްގެފާނު ޗާލްސްއަކީ އިނގިރޭސި ވިލާތުގެ އިތުރުން، އިތުރު 14 ގައުމެއްގެ ވެސް ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. އެއީ، އެންޓީގުއާ އެންޑް ބާބިއުޑާ، އޮސްޓްރޭލިޔާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖަމައިކާ، ނިއު ޒީލޭންޑް، ޕަޕުއާ ނިއު ގިނީ، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑީންސް، ސޮލޮމަން އައިލޭންޑްސް އަދި ތުވާލޫ އެވެ.

މީގެ ތެރެއިން ގިނަ ގައުމުތަކެއް މިހާރު އަންނަނީ، އެ ގައުމުތަކުގެ ވެރިކަމުގައި އިނގިރޭސި ތަޚުތުގެ ދައުރެއް އޮތުމާ މެދު އަލުން ވިސްނަމުން ކަމަށް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ ވިދާޅުވި އެވެ. ޖުމްހޫރިއްޔާއަކަށް ބަދަލުވުމަކީ، ފުރިހަމަ ސިޔާދަތީ މިނިވަންކަން ލިބިގެންވާ މުސްތަގިއްލު ގައުމަކަށް ވުމުގެ ބުރު ފުރިހަމަވުމުގެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެރީބިއަން އެހެން ގައުމެއް ކަމަށްވާ ބާބަޑޯސް، ނޮވެމްބަރު 30، 1966 ގައި އުފެދުނީއްސުރެ، މިދިޔަ އަހަރާ ޖެހެންދެން އެ ގައުމު އޮތީ އިނގިރޭސި ރަސްކަމަށް ތަބާވާ ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް ސެޕްޓެމްބަރު 20، 2021 ގައި އެ ގައުމުގެ ގާނޫނުއަސާސީ އިސްލާހް ކުރުމުގެ ބިލެއް، ވެރިކަން ކުރާ ލޭބާ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި، އޮކްޓޫބަރު 6، 2021 ގައި އެ ބިލް ފާސްކުރުމާ އެކު، ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ މަގު ފަހިވެގެން ދިޔަ އެވެ.

އެ ބިލް ފާސްވުމާއެކު، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގައި، އިނގިރޭސި ރަސްކަމުން ބާބަޑޯސް ވަކިވެ، ނޮވެމްބަރު 30، 2021 ގައި ޖުމްހޫރިއްޔާއަކަށް ބަދަލުވި އެވެ. އެ ބަދަލާއެކު، އެ ގައުމުގެ ގަވަރުނަރު ޖެނެރަލްގެ މަގާމަށް ރާނީ އައްޔަންކުރައްވާފައި ހުންނެވި ސަންޑްރާ މޭސަން، އެ ގައުމުގެ ފުރަތަމަ ރައީސް ކަމުގެ މަގާމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަންކުރި އެވެ.

5 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަގަޅު

12 September 2022

ދުނިޔެ ހުރިހާ ގޮތަކުން ކުރިއަރާއިރު ކުރިއެރުން އަންނަ ގައުމުތަކުން އެހެން ގައުމެއްގެ ހިޔަނިން ނެއްޓި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ބޭނުންވާނަމަ އެކަން ވާންޖެހޭ. އެބައެއްގެ ގާބިލްކަން ހުރި ވަރަކުން މިނިވަންކަން ހޯދައި ލިބިގަންނަންޖެހޭ. ޒަމާން އެތައް ގޮތަކަށް ބަދަލުވެފައިވާރު އެހެން ގައުމުތަކުގެ ދަށުގަ ތިބޭ ތިބުމަށްވެސް ނިމުން އަންނަންޖެހޭ.

The name is already taken The name is available. Register?

ހިޔާލީ އަލީ

12 September 2022

ދެން ފެންނާނީ ގަބީލާތަކާ ގުރޫޕުތައް ނިކުމެ އެތައް ވެރިކަމެއް ހަދައިގެން އަބަދު ހަނގުރާމަައާއި ލޫޓުވުން

The name is already taken The name is available. Register?

ސަރު

12 September 2022

އިގިރޭސި އިސްތިއުމާރަކީ ޖުމްލަގޮތެއްގައި އިންސާނުން ތަހުޒީބުގެ މަގު ކުރުކޮށްދިން ވެރިކަމެއް.

The name is already taken The name is available. Register?

ވޯޓުއޮޅުވާލިޖިންނި

12 September 2022

ފުރިހަމައަށް އޯރގަނައިޒްވެފަ އޮންނަވެރިކަމަގެނިޒާމަކުން ވަކިވެ ތިބުނާ ފަދަ އަމިއްލަ ޖުމްހޫރީނިޒާމަކަށް ދިއުމުން ޚާއްސަގޮތެއްގައި މިފަދަކުދިޖަޒީރާޤައުމުތަށްވެއްޓެނީ ކޮރަޕްޝަންގެއަނދަވަޅަކަށް. ވެރިކަމުގަތިބޭ ސިޔާސީމީހުން މުއްސަނދިވިޔަސް އޭގެދެރައާއި ނިކަމެތިކަން އެންމެފަހުންލިބެނީ އާންމުރައްޔަތުންނަށް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

12 September 2022

ސާބަހޭ.އިނގިރޭސި ދިދަ ގައުމުގެ ދިދައިގެ އެއްކަނުގަ ޖަހައިގެން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ.ރައްޔަތުން ނިންމާނީ ވަކިވާން.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454