ބީއެލްއެމްއިން 2019 ވަނަ އަހަރު ބޭއްވި ވާއު ކިޑްސް ރަންގެ ބައިވެރިން. ބީއެމްއެލްއިން ކުޅިވަރު ތަރައްގީ ކުރުމުގެ ގޮތުން މި ފަހަރު ވަނީ ތިން އެތުލީޓަކަށް ސްކޮލާޝިޕު ދޭން ނިންމާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ސެޕްޓެމްބަރ 2022 - 10:19
ބީއެމްއެލް އިން އެތުލީޓުންގެ ހުނަރު ތަރައްގީކުރުމުގެ ގޮތުން ރާއްޖޭގެ ސްކޮލަޝިޕެއް ތައާރަފުކޮށްފި އެވެ.
އެ ބޭންކުން ބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ސްކޮލާޝިޕުގެ ފުރުސަތަކީ ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ދޭން ފުރުސަތެއް ކަމަށެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަމަށެވެ. ނަމަވެސް އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތައް ބެންކުން އަދި އިއުލާނެއް ނުކުރެ އެވެ.
ބެންކުން ބުނީ އެ ސްކޮލާޝިޕުގައި ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ހުރިހާ ހަރަދެއް ބޭންކުން ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސްކޮލާޝިޕުގެ ސަބަބުން އެތުލީޓުންނަށް ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ދާނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ މިހާރު ވެސް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ގައުމީ އެކި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބީއެމްއެލް އިން އަންނަނީ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި އެ ސްކޮލާޝިޕަކީ މޮޅު އެތުލީޓުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހާސިލްކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކުރި ސްކޮލާޝިޕެއް ކަމަށް ވެސް ވިދާޅުވި އެވެ.
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕަކީ އަންނަ ނޮވެމްބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބެންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބެންކުން ކުރަން ނިންމާފައިވާ ފައިދާ ކުރަނިވި 12 ހަރަކާތުގެ ތެރެއިން 11 ވަނަ ހަރަކާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy