އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ދިން 100 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިންޑިއާގެ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އޮކްޓޯބަރ 2022 - 12:45
ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް އެ ގައުމުން ދޭން ނިންމި، އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ ރާއްޖެ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދު އެވެ.
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ދިން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާއާ ސަލާންކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯދީ އިއުލާންކުރެއްވި އެހީއެކެވެ.
"އިންޑިއާ އިން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމުގެ ގޮތުން މަސައްކަތް އަވަސްކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ވެސް ވަނީ ނިންމައިފައި،" އެ ދުވަހު މޯދީ ވިދާޅުވި އެވެ.
ލައިން އޮފް ކްރެޑިޓަކީ ލޯނާ ޚިލާފަށް، ކަނޑައަޅާ ވަކި ކްރެޑިޓް ލިމިޓެއްގެ ތެރެއިން އެފަހަރަކު ބޭނުންވާ އަދަދަކަށް ފައިސާ ނެގޭ އެއްބަސްވުމެކެވެ. އަނބުރާ ދައްކަން ޖެހޭނީ ކްރެޑިޓް ލިމިޓްގެ ތެރެއިން ބޭނުންކުރި އަދަދެވެ. އޭގެ ތެރޭގައި ޕްރިންސިޕަލް އެމައުންޓާއި އިންޓަރެސްޓް ހިމެނޭނެ އެވެ. ލައިން އޮފް ކްރެޑިޓް އެއްބަސްވުން އޮތްހާ ހިނދަކު އަބަދުވެސް އެ ލިމިޓްގެ ތެރެއިން ފައިސާ ނެގޭގެ އެވެ.
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ https://t.co/Yit5z2QWPD
— Mihaaru (@Mihaarunews) August 2, 2022
އިންޑިއާ އިން ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާއިރު، މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތް ވެސް ކުރަނީ އިންޑިއާގެ ލޯނު އެހީގަ އެވެ. އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި، މާލެ އާއި ވިލިމާލެ ގުޅުވާލުން އަންނަ އަހަރު މެދުތެރޭގައި ނިންމާލާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހަދިޔާކުރި ލޯންޗު ވެސް ހަވާލުކޮށްފައިވެ އެވެ. އެއީ އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ދިން 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ދިން ލޯންޗެކެވެ.
އެ އެހީގެ ދަށުން މީގެ ކުރިން ވެސް ވަނީ ކަރެކްޝަންސް އަށް ހަތަރު ވޭނާއި ކާރެއް ހަދިޔާކޮށްފަ އެވެ.
އިންޑިއާ ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހަދިޔާކުރި ލޯންޗާ ހަވާލުވެވަޑައިގަތުމަށް ފަހު، ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކަރެކްޝަންސްގެ ފަރާތުން އެ އުޅަނދާ ހަވާލުވެވަޑައިގަތީ ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅެވެ.
އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.
މިއީ މި އަހަރުގެ މޭ މަހުގެ ތެރޭގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމަށް، ވިނޭ އައްޔަން ކުރެއްވި ފަހުން، އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ދިން 100 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވިނޭގެ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ދާނެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލުކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެ
03 October 2022
އަނބުރާ ދައްކަންޖެހޭނީ ބޭނުންކުރި އަދަދޭ ބުނާއިރު މިހާ ވަރަށް ދަރަނި ނަގަން ވަރު ހުންނަ ސަރުކާރަކުން ލިމިޓް ފޫއަޅުވާލާފަ އޮއްވާ ފެންނާނީ.
ސަލީމާއްތަ
03 October 2022
ލޯނަކަށްފަހު ލޯނެއް އިގްތިސާދީ ފުދުންތެރިކަމަށް އެއްވެސް ކަމެއް ކުރެވިފައެއްނެތް…
މމޕރސ ނަންވާނީ!
02 October 2022
ލޯނު ނެގުމަކީ މިވަގުތު ވަރައް ނުރައްކާ ކަމެއް. ދުނިޔެ އޮތީ ފައިނޭންސް ކާރިސާއެއްގައި. މޮޅުކަމަކީ މިގައުމުން ލޯނު ނަގަނީ ގައުމު ބިނާކުރާކައް ނޫން. އޭގެން ބޮޑުބައި ވައްކަން ކުރުމުގެ ބޭނުމުގައި.
ބަލާވެރިކަމެއްމީ
02 October 2022
ނުފޯރާނފަށުންބފޫގަޅަންވެސް ލޯނު ނަގަންވީ. އިންޑިޔާއިން ބޮޑެތި ޕްތޮޖެކްޓްތައް ނަގަނީ ފުދުންތެރިކަމެއް ނެތިކަން މިހިރަ އެނގެނީ. ކޮންމެ ޕްރޮޖެކްޓަކަށް ލޯނު ދިވެހިސަރުކާރުން އިމްޑިޔާއަށް އޭގެފައިދާ. މަސައްކަތް ކުރެވޭވަރުގެ ޤާބިލުކަން ނެތީމާ އެކަން ކުރަން ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިޔާއިން ލޯނު. ފައިދާ އިންޑިޔާއަށް. ބަލާވެރިކަމެއްނުމީ. މިސަރުކާރަކީ ޤައުމަށް ޣައްދާރުވާ ބައެއް. ދައުވާކުރެވެންޖެހޭނެ. މިމީހުންގެ މުދާ ދައުލަތަށް ހިފަންޖެހޭނެ.
ޖުހާ،
02 October 2022
މިސަރުކާރުން ދަރަންޏެއް ނުނަގާނެ. ލޯނެއް ނުނަގާނެ. ވައްކަމެއް ނުކުރާނެ.. އެމްޑީޕީ ލޮޖިކު.
ބަރުބާދު
02 October 2022
ތީއެއްބަސްވުމެއްތަ؟. އެހެންވިއްޔާ ބޮޑެތި އިންޓެރެސްޓްގަނަގާ ދަރަނި ނޫނީ ލޯނު ކިޔަނީ ކޮންއެއްޗަކައްބާ؟.
ހިޔާލީ އަލީ
02 October 2022
މިކަހަލަ އެހީތަށް އިންޑިޔާގެ ފަރާތުން ލިބޭތީ ޔާމީނު ލޮލަށް ނިދި ނައިސްގެން ސިޔާސީ ގޮތުން އިންޑިޔާ އައުޓޭ މި ގޮވަނީ، އާއްމު މެމްބަރުންނަށް ނޭންގޭ ވާއެއްނުވާއެއް
ރައްޔިތުމީހުނ
02 October 2022
ބަލަ މިހިރަ ބުރާންޗާ.. މަސައްކަތް ފަށާނީ އެގްރީމެންޓް ގަ ނިންމާ ތާރީހަކާ، ތާރީޚަށް ނުނިންމުނީމާ ކުރާނެ ޖޫރިމަނާ އާ އެއްޗިހި ޖަހާފަ.. މަސައްކަތު ނުނިމުނީމަ އިތުރަށް ފައިސާ ދޭކަށް ނުޖެހޭ.. އެހެން ނޫނަސް މި ފައިސާ އަކީ އިންޑިއާ އިން ކުޑަ އިންޓްރަސްޓަކަށް ޗައިނާ އިންނަގާފަ ރާއްޖެއަށް ބޮޑު އިންޓްރަސްޓަކަށް ވިއްކާ އެއްޗެއް.. އަނބުރާ މި ފައިސާ ދާނީ އިންޑިއާ އަށް.. ފައިދާވާނީ އިންޑިއާަށް.. ލޯނު ދައްކަންޖެހޭ ނީ އަހަރަމެން..
އަލީގެހިޔާލުގައި
03 October 2022
ޔާމީނު ނުނިދާ އޮވޭތޯ ބަލާނެ ކަމެއް ނެތް. ކަލޭމެންނަށް ނުނިދޭ ދުވަސް އަންނަތަން ދެން ފެންނާނީ އިންޑިއާއިން ތިހެން ލޯނު ނަގާނަގާ. ބިޔަ ރާޅެއް ޖަހާލާއިރަށް ޕްލެޓްފޯމް އޮޔާ ދިއުން ނުހުއްޓުވޭ ބައެއް ކަނޑުގަ ބޮޑު ބްރިޖެއް އަޅަން އެއުޅެނީ. އެހިސާބަށްވުރެ މާ އޮއިބާރު ވަރުނުލާ ރާޅު ނަގާ ތަނެއްގަ ބްރިޖް ހެދި ގައުމަކާ ވާދައަށް އަޅަން އުޅޭ ބްރިޖްގެ ތަނބެއް ހިއްލާލާތޯ ބަލަން އިހަށް އަލީ ހުރެބަލަ އެތަނަށް ގޮސް ކޮންމެ ދުވަހަކު ދުރުމިއަޅއިގެން
އޮނަރަބްލް އަފީފު ދީދީ
02 October 2022
ތިޔަ ހުރިހާ ދަރަނި ނެގުމުގެ ބަދަލުގައި "އެކުގައި ގުޅިގެން" ކަންކަން ކުރާންވީ ނޫންތޯ. އޭރުން ދިހަބާރަ ފަރާތަށް އަޅާންޖެހޭ ކަޓް މަދުފަރާތަކަށް ދިނީމަ ފައިސާއިން ޕްރޮޖެކްޓަށް ހޭދަވާ މިންވަރު އިތުރުވުމުން މަސައްކަތް ކޮލިޓީ ވެފައި ނިމޭލެއްވެސް އަވަސްވާނެ. # މިހާރު އެކޮޅުން ތިން ހަތަރު ފަރާތަކަށް މާލެ ކޮޅުންވެސް އެތައްބަޔަކަށް ބައި އަޅާތީ ފައިސާކޮޅު މަދުކަމަށް ފެންނަނީ. މިސަރުކާރަކީވެސް މިރޮގުން ވަކި ޔާމީނަށް ދޫކުރި ސަރުކާރެއްނޫން.
މާޝްމެލޯ
02 October 2022
އެހީ ނޫން ކަމާއި ލޯނު ކަން ލިޔެވިފައި އެބައޮތް
ކުޗީ
02 October 2022
އެންމެ މުހިންމީ ތިދޭ ލައިންއޮފް ކްރެޑިޓްގެ އިންޓްރަސްޓް ރޭޓް. ދެން ސުވާލަކީ 1.5 ބިލިޔަން ހޭދަ ކޮއްގެން އަވަސް ކޮންމެހެން އަވަސް ކުރަން ޖެހޭ އޮތީ ކޮން ޕްރެޖެކްޓެއް ތޯ ... އިތުރު ދައުރެއް ހޯދާކަން ރަށްޔިތުން ގުރުބާން ކުރަނި ކީއްވެތޯ.