މ. ލައިޓް ސިގްނަލްގޭ 5 ވަނަ ބުރީގެ އެޕާޓްމަންޓެއްގައި މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ތެރެއިން ރަޒީނާ އިބްރާހީމްގެ ހަށިގަނޑު އެ ގެއިން ނެރެގެން އެމްބިއުލަންސަށް އަރުވަނީ. -- ފޮޓޯ މިހާރު
08 ޖެނުއަރީ 2017 - 19:43
މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބައި މިއަދު ފެނުނު ދެމަފިރިންގެ މަރުގެ ތަހުގީގަށް ހަދާފައިވާ ލޭގެ ޓެސްޓެއްގެ ނަތީޖާ ލިބެންދެން އެ ދެމަފިރިންގެ ހަށިގަނޑު މޯޗަރީ އަށް ލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ދެ ހަށިގަނޑު ވަޅުލުމުގެ ކަންތައް ކުރިޔަށް ގެންދާނެ އިރެއް މުޅިން ކަށަވަރު ނުވާކަމަށެވެ. އަދި އެ ދެ ހަށިގަނޑު ބެލި ބެލުމުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ދެމަފިރިންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު ސީޓީ ސްކޭނެއް ހަދައި އެކްސްރޭ ވެސް ވަނީ ނަގައިފަ އެވެ. ނަމަވެސް ތަހުގީގަށް ބޭނުންވާ އިތުރު ޓެސްޓެއް ހަދާފައިވާތީ އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ދެ ހަށިގަނޑު މޯޗަރީ އަށް ލީ، އެނގިފައިވާ ގޮތުގައި، ގިނަ އިރު ވުމުން ކުނިވެދާނެތީ އެވެ.
ކޯރުކެނޑި މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގައި، ތިން ދަރިންނާ އެކު، ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް ރޭ ނިދަން ވަން ގޮތަށް މިއަދު ހެނދުން ސުރެ ޚަބަރެއް ނުވުމުން، އެ ގޭގައި އުޅޭ އާއިލާގެ މީހުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު 12:45 ހާއިރު އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ ދެމަފިރިން މަރުވެފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ޝާހިދާއި ރަޒީނާގެ ތިބީ ފިރިހެން ދެ ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.
މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށްވެ އެވެ. މަރުވި ޝާހިދު ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ ލޯންޗްކޮޅުގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ތަނުގައި އޭނާ ވަޒީފާ އަދާކުރާތާ 20 އަހަރެއްހާ ދުވަސްވެއްޖެ އެވެ.
އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޝާހިދަކީ އެ ރިސޯޓުގެ އެންމެ ސީނިއާ ލޯންޗް ކެޕްޓަން ކަމަށެވެ. އެހެންވެ އޭނާ ހަމަޖައްސާފައި ހުންނަނީ ޗެއާމަންގެ ލޯންޗް ކެޕްޓަންގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭނާއަށް ވުރެ މި ސަރަހައްދުގެ އެތެރެވަރީގައި ލޯންޗް ދުއްވަން ކުޅަދާނަ ކެޕްޓަނުން މަދުވާނެ. އިއްޔެ ވެސް އަޅުގަނޑުމެންނާ އެކު އޮތް މީޓިންއެއްގައި ވެސް ބައިވެރިވި. ވަރަށް ހިތްހެޔޮ މީހެއް އެއީ. އެއްވެސް ބައްޔެއް ވެގެން އުޅޭ ކަމެއް އެނގިފައެއްނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު
08 January 2017
މިދެމަފިރިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަް މިންވަރު ކުރައްވާށިއެވެ. ޝާހިދާއި ރަޒީނާ މީގެ 15 ވަރަކަށް އަހަރު ކުރިން ހެންވޭރު ކޮޅު ގެއެއްގައި ދިރިއުޅުނެވެ. އޭރުވެސް އެ ދެމަފިރިން އުޅުނީ ވަރަށް ރަނގަޅަށްކަން ފާހަގަ ކުރެވެއެވެ. އަދި ފެށުނީންސުރެއް ޝާހިދު ދިޔައީ ލޯންޗް ކެޕްޓަންކަން ކުރަމުންނެވެ. ގެއަށް ދޭތެރެ ދޭތެރެއިން ދަތުރުވަރީގައި އިސްވެސް މީހުންނަށް ވަރަށް ހެޔޮްވާނެއެވެ. އަދި ހަދިޔާ ބަދިޔާވެސް ގެނެސްދީ އުޅޭނެއެވެ. އެކަމަކު ފާއިތުވި 15 ވަރަކަށް އަހަރުތެރޭގައި އޭނާއާ ދިމާވެފައިވަނީ ވަރަށް މަދުންނެވެ. ދިމާވާ ފަހަރެއްގައިވެސް، މަންމަމެން، އަދި ކުދިންގެ ވާހަކަ އަހާނެއެވެ. މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން އޭނާ މަސްވެރިންގެ ޕާކާ ދިމާލުގައި ހުންނަ މިސްކިތަށް އަރާ ނަމާދުކުރަން ހުއްޓާ ދުށީމެވެ. އެއީ އޭނާ ހަމަލޮލުން ފެނުނު އެންމެ ފަހުފަހަރެވެ. އެކަމަކު ކަންދިމާކުރި ގޮތުން އެދުވަހު ބައްދަލުވެވޭގޮތެއް ނުވިއެވެ. މިދެމަފިރިންގެ މަރު ރަނގަޅަށް ތަހުގީގުކޮށް ފޯލްޕްލޭއެއް އުޅޭނަމަ އެކަމަށް ޒިންމާވާ ބަޔަކާމެދު ފިޔަވަޅު އެޅި އިންސާލު ހޯދާދޭނެކަމަށް އުންމީދު ކުރަމެވެ. ޝާހިދުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
ސުޒީ
08 January 2017
ލިޓިޓިލް ސިންގަފޫރުގަ ނުހުރޭތަ ޕޯސްޓްމޯޓަމް ހެދޭނެ ގޮތެއް! ކިތަމެ ޓުއަރިސްޓުން އަޔަސް ރައްތުންގެ ދިރިއުޅުމައް ހެޔޮބަދަލެއް ނާންނާނެ ރައްޔިތުންގެ ތިޖޫރިން އެތައް ބިލިޔަން ރުފިޔާއެއް ގެއްލުނީމަ މަށެއް ނޫނޭބުގެން ފަރުޖައްސާލެވޭހާހިދަކު
ހާމިދު
08 January 2017
ޕޯސްޓްމޯޓަމް ހެދުމަކީ ހަގީގަތުގައި ވަރަށް ބިރުވެރިކަމެއް. ގިނަ ދިވެހިންނަކަށް އެކަމާ ކުރިމަތިލާކަށް ނުކެރޭނެ. އެހެނީ މައްޔިތާގެ މޭފަޅައިގެން ބަލަން މިޖެހެނީ. އެވަރުގެ އޮޕަރޭޝަނެއްވެސް އަދި ދިވެހި ޑޮކްޓަރުން ކޮށެއް ނޫޅޭ. އެމީހުންނަށް އަދި ކުރަން ކެރޭހާވެސް އޮޕަރޭޝަނަކީ ވިއްސުމުގެ އޮޕަރޭޝަން. އެހެންވީމާ، މިކަމަށް އަދި ވަގުތު ނަގާނެ. މިދަނޑިވަޅުގައި އަދި ރަނގަޅުވާނީ ސިންގަޕޫރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދިއްޔާ.
ސަނާ
08 January 2017
ވަކިގޮތެއް ނުމަމޭ ބުނާއިރު އެއީ ގުދުރަތީ މަރެއްކަން ސާބިތުނުކޮއް ވަޅުލެވިގެއް ނުވާނެ
އެބަހުރި
08 January 2017
މިކަން ޖެހޭނެ ވަރަށް ރަނގަޅަށް ބަލަން. މީ ގައި ބުއްދި ގަބޫލު ނުކުރެވޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.
އިބްރާހީމް
08 January 2017
ތިން ދަރިންނައް ކެއްތެރިކަން ދެއްވާށި
ދޮންދީނި
08 January 2017
އެއީ ވވވ ބަސްއަހާ 3 ކުދިން....2 ވަނަ ކުއްޖާ މިއަދު ސްކޫލަށްވެސް ދިޔަ....ދޮށީ ކުއްޖާގެ ކިބައިންވެސް ފެންނަނީ އިންތިހާ އަށް ކެތްތެރިކަން...
މެންޓަލިސްޓް
08 January 2017
ރާއްޖޭގައިވެސް އެބަޖެހޭ ޕެތޮލޮޖިސްޓުން ތިބެން ،،، ޕޯސްޓްމޯޓަމް ހަދާ ތަޖްރިބާ ކާރުން ތިބެން ،،، އޭރުން ތިޔަކަހަލަ މައްސަލަތަކުގައި ނަތީޖާއެއް ނުކުންނާނީ ،،، ވަރަށްވެދުން ،
ދޫނި ރާއްޖެ
08 January 2017
ވަރަށް ދެރަވެއްޖެ މި ހާދިސާ. ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!