ދައުލަތުން ބަލަހައްޓަމުން އަންނަ ތުއްތު ކުދިންތަކެއް: މި ކުދިންނަށް އަޅާލައި އޯގާތެރިވަނީ ހިޔާގެ މުވައްޒަފުން.
12 އޮކްޓޯބަރ 2022 - 14:55
ވިހާފައި ދޫކޮށްލި، އާއިލާތަކުން ހަވާލުނުވި ތުއްތު ކުދިންނެވެ؛ ރަޖާ އޮޅާލައި ބައިތިއްބާފައި ތިބި އެ ކުދިންގެ ފޮޓޯ އާއްމުކުރައްވައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެދެއްވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި އެ ތިބީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ.
މަންމަ އާއި ބައްޕަގެ ލޯތްބެއް، ރަހުމެއް ކުލުނެއް ނެތެވެ. އާއިލާތަކުގެ އަޅާލުން ނުލިބުނީ އެވެ.
މިނިސްޓަރު އައިޝާގެ ކަންބޮޑުވުމަކީ އިހުމާލުތަކުގެ ސަބަބުން ދައުލަތަށް ނަގަން ޖެހޭ ކުދިންގެ އަދަދު އިތުރުވަމުން ދިއުމެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ މަރުކަޒުތަކަކީ އެންމެ ރަނގަޅު މާހައުލަށް ނުވިޔަސް އަޅާލުމާއި ލޯބިން މަހްރޫމުވެފައި ތިބި ގިނަ ކުދިންތަކެއް އެ ތަނުގައި އެބަތިއްބެވެ.
ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ދައުލަތުން 200 އަށް ވުރެ ގިނަ ކުދިން ބަލަހައްޓަމުން އެބަދެ އެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ އެކި އުމުރުފުރާތައް ހިމެނޭއިރު ކޮންމެ މަހަކު ކަހަލަ ގޮތަކަށް ދައުލަތުން ކުއްޖަކާ ހަވާލުވާން ޖެހެ އެވެ.
މިނިސްޓަރު އައިޝާ: ދައުލަތުން ބަލަހައްޓަން ޖެހޭ ކުދިން ފޮސްޓަކުރަން އެދިވަޑައިގަންނަވާ.
އޭގެ ތެރެއިން ބައެއް ކުދިންނާ މިނިސްޓްރީން ހަވާލުވާން ޖެހެނީ ވިހެއުމާ އެކު ހޮސްޕިޓަލާ ހިސާބުންނެވެ. އަނެއް ބައި ކުދިންނަށް އާއިލީ މާހައުލު ހުންނަ ގޮތް ޖާގައެއް ނެތިގެން އެ ކުދިންގެ ރައްކާތެރިކަމަށްޓަކަ އެވެ.
މިނިސްޓަރު އެދިވަޑައިގަންނަވަނީ ދައުލަތުން ބަލަހައްޓަން ޖެހިފައިވާ ކުދިންނާ ދޭތެރޭގައި "މުޖުތަމައުގެ ހިތް" ހުޅުވާލުމަށެވެ. އެންމެ ރަނގަޅު ހައްލަކީ ފޮސްޓާކުރުން ކަމަށް ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދޭން ސަރުކާރުން ވަނީ އެ ކުދިން ރަށްރަށުގެ އަމާން ވެށިތަކަށް ބަދަލުކޮށްފަ އެވެ. އެހެން ކުދިންނެކޭ އެއްގޮތަށް އުޅުމުގެ ފުރުސަތު އެ ކުދިންނަށް ލިބިފައިވިޔަސް އެ މާހައުލުގައި ވެސް އެ ކުދިންނަށް އުނި ވަނީ އާއިލާއެއްގެ ތެރޭގައި ހެދި ބޮޑުވުމެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ފޮސްޓާކުރުމުގައި މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ލުއިތަކެއް ހޯދައިދީފައި ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ފޮސްޓަކުރަން އެދި ހުށަހެޅުމުން ޖެންޑާ މިނިސްޓްރީން އެ އާއިލާއެއްގެ އެސެސްމަންޓް ހަދާނެ އެވެ. އެއީ އެ ކުއްޖާ އަށް އެންމެ ރަނގަޅު މާހައުލެއްތޯ ކަށަވަރު ކުރުމަށެވެ. އޭގެ ފަހުން އެސެސްމަންޓުގެ މައްޗަށް ބިނާކޮށް ބެލެނިވެރިކަމާ ހަވާލުވާން ހުށަހަޅާ މީހެއްގެ އިންޓަވިއު ކުރިއަށް ގެންދާނެ އެވެ. އެ ކުއްޖެއްގެ ގާނޫނީ ބަލަދުވެރިކަން ކޯޓުން ހަވާލުކުރާނީ އޭގެ ފަހުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ގެންގޮސްގެން އާއިލާތަކުގެ ތެރޭގައި ބޮޑުކުރުމުގައި، މުޅި މުޖުތަމައުގެ ވިސްނުން އަދި ބަދަލު ނުވިޔަސް މިހާތަނަށް ކުދިން ފޮސްޓާކޮށްގެން ވަރަށް ރަނގަޅަށް ބަލަހައްޓާ އާއިލާތައް ތިބި ކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްޖެއް ބޭނުން
25 October 2022
އަހަރެން ބޭނުން ތި ތަނުން ކުއްޖެއް ގެންގުޅެން. ކިހިނެއް ހަދަންޖެހޭނީ؟؟؟
ޒިނޭ އަދަބު ދޭކަށް ނުވޭތަ
14 October 2022
މިވަރު ވާ އިރުވެސް ޒިނޭގެ ހައްޤު އަދަބު ދޭކަށް ނުވޭތ؟ އަދިވެސް މި އުޅެނީ ކަން ކުރާ ބަޔަކަށް ލުއިގޮތާއި މަގު ފަހިކޮށްދޭން ދޯ؟
ވަހުތާން
13 October 2022
ވަރަށް ދެރަވެއްޖެ! އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަޚްލާޤު ވީދިއްޖެ!
ފޮސްތާބެ
12 October 2022
ވަރަށް ދެރަވެއްޖެ. މިނިސްޓަރުކަން ލިބުނީމާ ތި ވަނީ އިގިރޭސިއަކަށް. ދިވެއްސަކަށްވެގެން ޙިކުމަތްތެރިކަމާ އެކު ތިކަން ކުރައްވާ. އެގޮތްނޭގޭ ނަމަ އިސްތިއުފާ ދެއްވާ.
ބުނެބަލަ
14 October 2022
ދެން ކަންކުރަންވީގޮތް ބުނަންވީނު.
މިރާއްޖެ
12 October 2022
އަޅާނުލާ ކޮބާ ދަރިން ތަރުބިއްޔަތުކުރުން ވެސް އެހާ ދަށްފެންވަރު. ވެއްޖެ ޕޭރެންޓިން ކޯސް ހަދުވަން. ދެން ފެންނަނީ ދަރިންނަށް ޖިންސީ ގޯނާ ކުރާތަން. ރަނގަޅު ކުރަންވީ ކަންކަން. އިސްލާމީ އުސޫލުން
ޖޯކް
12 October 2022
ފޮސްޓަރއެއް، އެޑޮޕްޓްއެއް މިގައުމުގަ ނުކުރެވޭނެ. އެއީ ގިނަ “ބޮޑު”ވެފަތިބި މީހުންނަކީ ފޮސްޓަރ ޔާ އެޑޮޕްކުރަން ޖެހިފަ ތިބިމީހުން. ދަރިންނަށް ވުރެ ގިނަ މީހުންގެ ހިތުގަ މަގު ތަކުގަ ގިނަވެގެން އުޅޭ ބުޅާތަކަށްވެސް އޮންނަ ކުލުނު ބޮޑު.
ކައުންސެލަރު
12 October 2022
ތިޔަގޮތަށް ދައުލަތުން ކުދިން ބަލަން ވެއްޖިއްޔާ ކިހިނެއް އަބަދު ތިޔަކަން ކުރާނީ؟ ދައުލަތުން ކުއްޖާ ބެލޭނެ މޮޅުގޮތެއް އޮބައޮތް. ބެލެނިވެރިޔާ ނިކަމެއްޗަސް މުއްސަންޖަސް (ބަލާނެކަމެއްނެތް) ކޮންމެ ކުއްޖެއްގެ ބޮލަށް މަހަކަށް 10000 ރުފިޔާ ނަގަންވީ ނުވަތަ އެއަށްވުރެ ބޮޑުކުރަންވީ. ކިހާދެރަކަމެއްމީދެން
އަފްރާސިޔާބު
12 October 2022
ވިހޭ މީހެއް ނެތިއްޔާ ކިހިނަކުން އާއިލާއާ ޙަވާލުކުރާނީ. މިއުޅެނީ މަސްތުވާ ތަކެތި ވިއްކައިގެން މިލިއަނުން ފައިސާ ނަގައި އެކިނަންނަމުގައި(ކަންމަތީ ފިހާރަ/ ކެފޭ/ ފްލެޓް/ރިއަލްއެސްޓޭޓް) ގައި އިންވެސްޓްކޮށްގެން ފައިސާ ޢާއިލާއަށް ލިބެމުންދާއިރުވެސް އެމީހުންގެ ކެއިންބުއިމާއި ބޭހާއި އަންނައުނާއި ރީތިވާ ސާމާނަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާ ނުލެވިގެން. ހެޔޮފުޅުކަމުން ވޯޓުގެ ބޭނުމުގައިވެސް ވެދާނެ.
ސަހަރޯއޭ
12 October 2022
އޭރު މައިންބަފައިން މިހާރު ބަލާހެން ބަލާނީ. ލޯތްބާއެކު ނުބެލޭނެ. ފައިސާއަށްޓަކައި ބަލާނީ. މައިންބަފައިންނަށް ދޭ ފައިސާވެސް ވަރަށް ގިނަ ބަޔަކު ނުހައްޤު ގޮތުގަ ބޭނުންކުރޭ. ނުފޫޒުން މައިންބަފައިން ބަލާ މީހާގެ ބަދަލުގައި ކޭޝްކާޑު ބޭނުންކުރަނީ އާއިލާގެ ނުފޫޒުގަދަ މީހާ. އެއްކަލަ މައިންބަފައިން ބަލާމީހާއަށް މަސައްކަތް. ފައިސާ ކުޅިބަލަންހުންނަ މީހާއަށް.
ރައްޔިތު މީހާގެ އަޑު
12 October 2022
ތިކަން ގޮސް ހުއްޓުވެނީ ޑްރަގާ. ޑްރަގް ޑީލަރުން ނުހުއްޓުވޭ ނަމަ އެތައް ކުދިންނެއް ނިކަމެތިވެ އެތައް ޢާއިލާއެއް ހަލާކުވެގެން ދާނެ .މިހާރުން މިހާރަށް ޑްރަގް ގޭންގުތައް ތަޅާ ސުންނާފަތިކޮށްލަން ޤައުމީ ސަލާމަތީ ބާރުތަކަށް ގޮވާލަން.
މައީ
12 October 2022
އަހަރެން ތިތަނުން ކުއްޖެއްބޭނުން. އެކަމަކު ފޮސްޓާ ކޮށްގެނެއްނޫން. އެޑަޕްޓް ކޮށްގެން. މިކަމަށް މަގުފަހި ކޮށްދީ!
ހަމަބުނެލީމި
12 October 2022
އަމިއްލަ ދަރިއެއްކަމަށް ލިޔުމެއްގައި ލިޔެފައި ނެތިއްޔާ، ޔަތީމު ކުއްޖަކު ހަަމަ ތިމާގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުނުކުރެވެންވީ އެއްވެސް ސަބަބެއް ނުވިސްނޭ. ވާރުތައިންވެސް، ވަސިއްޔަތް މެދުވެރިކޮށް އެކުދިންނަށް ދެވޭނެ.
ޙައިރާ
12 October 2022
ފުރަތަމަ ފޮސްޓަރ ކޮށް ކުއްޖާ ބަލާތާ އަހަރެއްހާދުވަސް ފަހުން އެސެސްމަންޓެއް ހަދާފަ ގާނޫނީ ބެލެނިވެރިކަން ހަވާލުކުރާނެ. އެއީ އެޑޮޕްޝަންއަށް އަޮތް މަގަކީ.
ވެދާނެެ
12 October 2022
ދަރިން ނުލިބިގެން އުޅޭ މީހުން ވަރަށް އަގުބޮޑު ފަރުވާ ހޯދާ ދަރިން ހޯދުމަށް. އެހެނިހެން ގޮތްގޮތުން ބައެއް މީހުންނަށް ދަރިން ލިބި މަހުރޫމްވެފައިވޭ. އެހެން ދިމާލެއްގަ އެބަ ތިބި މައިންބަފައިން ނުލިބިފައި ތިބި ކުދިންކޮޅެއް. ވަންހަނާވެފައި އެކި ގޮތްގޮތަށް އަބަދުވެސް ބެލެންސެއް އޮންނާނެ ކަމަށް ލަފާކުރެވެނީ.