ރިޕޯޓް

މި ކުދިންނާ މެދު ބަދަލުކުރަންވީ ވިސްނުން!

އެއީ އެ އުމުރުގެ އެހެން ކުދިންގެ ފަރާތުން ވެސް ފެންނަ ކަންކަމެވެ. ހަމައެކަނި ތަފާތަކަށް ވަނީ ހިޔާއަށް ނަގާ ކުދިންގެ ތެރޭގައި އަޅާލުމާއި ލޯބި ނުލިބި މިޒާޖަށް ބަދަލު އައިސްފައިވާ ކުދިންތަކެއް ތިބި ކަމެވެ.

ށ. ފުނަދޫ ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ކުދިންނާ އެކު މިދިޔަ ހަފުތާގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވަގުތުކޮޅެއް ހޭދަކުރައްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ދެތިން ސުވާލުގެ ޖަވާބުގައި، ކުޑަ ފިރިހެން ކުއްޖާ ކިޔައިދިނީ ބާކީކުރި އޭނާގެ ދިރިއުޅުމުން ކުޑަ މިންވަރެކެވެ؛ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި "ބަންދުވެ" ތިބެން ޖެހުނު އުނދަގޫ ކަންކަމެވެ. ތޮއްޖެހުން ބޮޑު މާލޭގައި އެއްގޮތަކަށް ވެސް ދިރިއުޅެން ބޭނުން ނުވުމެވެ. ހިޔާގައި އެކުގައި އުޅުނު ބޭބެ އޭނާގެ ގާތަށް ގެންނަން ބޭނުންވެފައި ހުރި ކަމެވެ.

ށ. ފުނަދުއަށް ބަދަލުވެ ހޭދަވީ މުއްދަތުގައި، އޭނާ އަށް ހިތްހަމަޖެހުމަކީ ކުރިއާ ހިލާފު މިނިވަން ކަމެއް ލިބުމެވެ. އެހެން ކުދިންނާ އެކު ސްކޫލްގައި އުޅެވުމާއި މީހުންނާ ބައްދަލުވުމާއި މޫދަށް ދިއުން އަދި ފުޓްބޯޅަ ކުޅެން ދިއުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ.

މާހައުލު ބަދަލުކުރުމުން ލިބޭ އުފަލުގެ ވާހަކަ ދެއްކީ ހިތު ތެރޭގައި، ހުރި ޝަކުވާތަކާއި ހިތާމަތައް ނުދައްކަ އެވެ. އެއީ، މަންމަ އާއި ބައްޕަ އަދި އާއިލާގެ ލޯބިން މަހްރޫމްވުމުގެ ހިތްދަތިކަން އޮތް ވަރެވެ. މިކަން އެ ކުދިންގެ ފަރާތުން ފެންނަނީ އަދި ކިޔައިދެނީ ވެސް 24 ގަޑިއިރު ށ. ފުނަދޫ ޗިލްޑްރަންސް ސާވިސް ސެންޓަރުގައި އުޅޭ ކެއާޓޭކަރުންނަށެވެ.

ށ. ފުނަދޫ ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ދެ ކުއްޖަކު އެތަނުގެ މުވައްޒަފުންނާ އެކު: އެއީ އެންމެ ގިނަ ކުދިން ބަލަހައްޓާ ސެންޓަރު. -- ފޮޓޯ/ މިހާރު

މަންމަ އާއި ބައްޕަ ނުވަތަ ގާތް ތިމާގެ މީހަކު ކޮންމެވެސް ދުވަހަކުން ބަލައި އަންނާނެ ކަމަށް އެ ކުދިން އިންތިޒާރުކުރެ އެވެ. އެ ކުދިންނާ ބެހޭ ގޮތުން ހިތް ނޭދޭ ވާހަކައެއް އަޑު އިވިއްޖެ ނަމަ އެހެން ކުދިންނެކޭ އެއްގޮތަށް ސުވާލުތައް ގިނަވެ އެވެ. ބައެއް ފަހަރަށް ކެއާ ޓޭކަރުންނަށް ޖަވާބު ދޭން އުނދަގޫ ސުވާލުތަކެވެ.

އެކަމުގައި ރުޅި ގަދަވެ އެވެ. ރޮއެ، ބޮޑާހަކައި ވެސް ހަދަ އެވެ. ބައެއް ފަހަރަށް ވާހަކަ ދައްކައިގެން ކޮންޓްރޯލް ކުރަން އުނދަގޫވާ ހިސާބަށް ދެ އެވެ. އާއިލާގެ ކޮންމެވެސް މީހަކަށް ގުޅައި އެތަނުން ގެންގޮސްދޭން އެދުމަށް ކެއާވޯކަރުން ގާތު ބުނެ އެވެ.

ކެތްތެރިކަމާ އެކު އެ ކުދިންގެ ކަންކަމުގައި ކެއާޓޭކަރުން އުޅެނީ ވަޒީފާއެއްގެ ގޮތުގައި ދެކިގެންނެއް ނޫނެވެ. އާއިލާގެ ލޯބިން މަހްރޫމްވެ، އަޅާލުމާއި ކުލުނު ނުލިބުނު އެ ކުދިން ތަހައްމަލްކުރާ ކަންކަން އެންމެ ގާތުން ފެންނަ ބައެއްގެ ހައިސިއްޔަތުން ކުލުނު ވެސް އުފެދިގެންނެވެ.

އެއީ ގޯސްކުދިން ކަމުގެ ވިސްނުމާއި ގޮންޖެހުން!

މައިންބަފައިން އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެ ކުދިން ރަށްރަށުގެ ސެންޓަރުތަކަށް ބަދަލުކުރީ އެހެން ކުދިންނެކޭ އެއްގޮތަށް އާއިލީ މާހައުލުގެ ތެރޭގައި އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އެކަމަކު ރަށްރަށަށް ބަދަލުކުރިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވީ މުޖުތަމައުގެ ބައެއް މީހުން އެ ކުދިން ބަލައިގަތުމަށް ދެކޮޅު ހެދުމެވެ. އެ ކުދިންނާ މެދު ގެންގުޅޭ ވިސްނުން ބަދަލު ނުވެ އޮތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުގައި އަރިހުގައި ވަޑައިގަތް އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން، ފުނަދޫ ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަނުގައި ހުރި ދަތިތައް އޮޅުންފިލުއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

މިއީ، ހަމަ އަަހަރެމެންގެ ތެރެއިން ބަޔަކު އަށަގެންނުވި ވިސްނުމެކެވެ: ވިލިމާލެ ހިޔާއިން ބޭރަށް އެކަނި ނުކުމެއްޖެ ނަމަ ފާރެއް ނުވަތަ ފުރާޅެއްގެ މައްޗަށް އެއިން ކުއްޖަކު އަރައި ހުއްޓާ ފެނިއްޖެ ނަމަ އެ ކުއްޖެއްގެ އަހުލާގާ މެދު ސުވާލު އުފައްދައި އިނގިލި ދިއްކުރީ އެވެ. ކެއާ ވޯކަރުންނަށް ނުބެލިގެން ފާރުމައްޗަށް އެރީ ކަމަށް ބުނެ ބޮޑު މައްސަލައަކަށް ހަދައި ފޮޓޯ/ވީޑިއޯ ސޯޝަލް މީޑިއާ އަށް ލަ އެވެ. އެކަން ސިފަކުރަނީ އެ ކުދިން ކުރާ ބޮޑު ކުށެއްގެ ގޮތުގަ އެވެ.

އެކަމަކު އެއީ އެ އުމުރުގެ އެހެން ކުދިންގެ ފަރާތުން ވެސް ފެންނަ ކަންކަމެވެ. ހަމައެކަނި ތަފާތަކަށް ވަނީ ހިޔާއަށް ނަގާ ކުދިންގެ ތެރޭގައި އަޅާލުމާއި ލޯބި ނުލިބި މިޒާޖަށް ބަދަލު އައިސްފައިވާ ކުދިންތަކެއް ތިބި ކަމެވެ.

ފުނަދުއަށް އެ ކުދިން ބަދަލުކޮށްގެން އުޅުނު ދުވަސްކޮޅުގައި ވެސް އާއްމުން ބޭނުން ނުވާ ބައެއް ކަންކަން އެ ކުދިންގެ ފަރާތުން ފެނުނެވެ. އެ ކުދިން އެ މާހައުލަށް ބަދަލުކުރާކަން ރައްޔިތުންނާ އެކަށީގެންވާ މިންވަރަކަށް ހިއްސާނުކޮށް އޮތުމުން ނުވަތަ އެސެސްމަންޓް ނުހެދުމުން އެކަން ނެގުނީ އިވިފައިވާ އަޑުތަކަށް ބަލައި ވެސް ވަރަަށް ބޮޑު ކަމެއްގެ ގޮތަށެވެ.

ށ. ފުނަދޫ އަމާން ހިޔާގެ ކުދިން: އެ ކުދިންނަށް މަސައްކަތް ދަސްކޮށްދީ ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން އަންނަނީ މަސައްކަތް ކުރަމުން. -- ފޮޓޯ/ ރައީސް އޮފީސް

ބައެއް މީހުންނަށް ގަބޫލުކުރެވުނީ ކުޑަކުދިންގެ ހިޔާގައި ތިބި ގޮތަށް އެ ކުދިން ފުނަދޫގައި ވެސް ތިބެންވާނީ ވަކިން އެކަހެރިކޮށްފަ އެވެ. ދައުލަތުގެ މަރުކަޒުގެ ތެރޭގައި "ބަންދު"ވެފަ އެވެ. އެއީ ހިޔާގެ ކުދިންނެވެ. އަހުލާގު ގޯސްވާނެ އެވެ.

ފުނަދޫގައި އެކަންޏެއް ނޫނެވެ؛ ކުދިން ބަދަލުކުރި އެހެން ރަށްތަކުން ވެސް މި ގޮންޖެހުން ކުރިމަތިވި އެވެ.

"ކުދިން ބަލައިގަތުމުގެ ހިތްހަމަޖެހުން"

ފުނަދޫ ޗިލްޑްރަން ސާވިސް ސެންޓަރަކީ އެންމެ ގިނަ ކުދިން އެއްފަހަރާ ބަލަހައްޓާ ތަނެވެ. އެތަނުގައި މި ހަފުތާ ނިމޭއިރު 8-16 އަހަރާ ދެމެދުގެ 18 ކުދިން ތިބޭނެ އެވެ.

އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ އަލީ "މިހާރު"އަށް ވިދާޅުވީ ބަންދު މާހުލަކުން މިނިވަން ތަނަކަށް އާދެވުމުން ވެސް އެ ކުދިން ތަންކޮޅެއް ހަލަބޮލިވި ކަމަށެވެ. އެއީ އެ ރަށުގެ މާހައުލުން އެ ކުދިންނަށް ބޮޑު މިނިވަންކަމެއް ލިބުނު އިރު މާލޭގައި އެ ކުދިން ގެންގުޅު މާހައުލުގައި ބޮޑު ތަފާތެއް ހުރުމުން ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މި ބަދަލާއި ބައެއް ކުދިންގެ ފަރާތުން ފުރަތަމަ ކޮޅުގައި ފެނުނު އަހުލާގީ ބައެއް މައްސަލަތަކާ މެދު ރަށުގެ ބައެއް މީހުންގެ ހިތްހަމަނުޖެހުނެވެ. ސްކޫލަށް އެ ކުދިން ކިޔަވަން ގެންދިއުން ވެސް ބަލައިނުގަނެވުން މީހުން ތިއްބެވެ. ޝަކުވާ ހިފައިގެން ރަސްމީ އިދާރާތަކަށް ވެސް ދިޔަ އެވެ.

ފުނަދޫ ސެންޓަރުގެ ކުދިން ކިޔެވުމުގައި: ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބިއިރު ފަހިނުވާ ގިނަ ފުރުސަތުތަކެއް ރަށްރަށުގައި އެ ކުދިންނަށް އޮތީ ފަހިވެފައި. -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު އެ ކުދިން އެ މާހައުލަށް ހޭނި، ބައެއް ބަދަލުތައް ގެނެވެންދެން އިސްކުރީ ކެތްތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގައި ކައުންސިލާއި ސްކޫލާއި ހޮސްޕިޓަލް ފަދަ ތަންތަނުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ކުދިންނާ ގުޅޭ ގޮތުން ރަށުގެ މުއައްސަސާތަކާ އެކު ބައްދަލުވުންތައް ބާއްވަން ޖެހުނު ކަމަށެވެ. އެ ކުދިންނަށް އެންމެންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވެފައި ތިބި މިންވަރު ކިޔައިދެއްވަން މަސައްކަތް ކުރަން ޖެހުނު ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިން ދުވަހަކު ވެސް ނުކުރާ ކަމެއް ރަށްރަށުގައި މި ކުދިން ގެންގުޅުމަކީ. އެ ބަދަލުގެ ތެރެއިން އެ ކުދިންގެ ފަރާތުން ފެނުނު ކަންކަން. އެކަންކަމަށް މަޑުމަޑުން ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު އަޅުގަނޑުމެން އެޓެންޑްވީ،" އޭނާ ވިދާޅުވި އެވެ.

"މިއީ ކުށެއް ކޮށްގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބޭ ކުދިންނެއް ނޫން. އެގޮތަށް ވިސްނައިދޭން މަސައްކަތް ވެސް ކުރީ."

އަބްދުﷲ ވިދާޅުވި ގޮތުގައި އެ ކުދިންނަށް ބޭރަށް ނުކުމެ އާއްމު ދިރިއުޅުމުގެ ކަންކަން ވެސް ހިއްސާކުރެވެ އެވެ.

"ޕާޓީތަކާއި ބާއްވާ ބައެއް ކަންކަމަށް އެ ކުދިންނަށް ދައުވަތު ލިބޭ. އަޅުގަނޑުމެން ބާރުއަޅާ ކަމެއް އެ ކުދިން މިތަނުން ބޭރަށް ނުކުމެ ހެދުން. އެއީ އާއްމުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި މީހުންނަށް ވެސް އަންގައިދޭން ބޭނުންވީ އަޅުގަނޑުގެ ދަރިފުޅު ކަންތައްތަކުގައި ބައިވެރިވާ އުސޫލުން އެ ކުދިންނަށް ނެރެން ޖެހޭނެއޭ،" އޭނާ ވިދާޅުވި އެވެ.

"އެ ކުދިންގެ ތިބީ އަހަރެމެން"

"[އެ ކުދިންނާ މެދު ގެންގުޅުނު ވިސްނުން] އެންމެންގެ ތެރޭގައި މިހާރުވެސް ނެތެކޭ ބުނަން އުނދަގޫ. އެކަމަކު މި ރަށުން މި ކުދިން ބަލައިގަނޭ. ހާއްސަކޮށް ޒުވާނުން އެބަ އިސްނަގާ މި ކުދިންގެ އެކި ކަންކަމުގައި،" އޭނާ ވިދާޅުވި އެވެ.

"އެންމެން ވެސް އެބަ ގަބޫލުކުރޭ އެ ކުދިންގެ ތިބީ އަހަރެމެންކަން."

ބައެއް ކުދިންނަށް ޓިއުޝަން ދިނުން ފަދަ ކަންކަން އަގަކާ ނުލައި ހިލޭކޮށްދެ އެވެ. އެ ރަށުގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީ ޖަމިއްޔާގެ ހަރަކާތްތަކުގައި ވެސް އެ ކުދިން ބައިވެރިކުރެ އެވެ.

"މިގޮތަށް މިކަން ވަނީ މިތަނުގެ މުވައްޒަފުން ވެސް އެ ކުދިންނާ މެދު އަޅާލައި ބަހައްޓާ ކުލެނެއްގެ ސަބަބުން." އޭނާ ވިދާޅުވި އެވެ.

ށ. ފުނަދޫ އަމާން ހިޔާ: ފަސް ސަރަހައްދެއްގައި އަމާން ހިޔާތައް ހެދީ ކުދިންނަށް އާއިލީ މާހައުލެއްގެ ހިތްހަމަޖެހުން ހޯދައިދޭން. -- ފޮޓޯ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކެއާ ވޯކަރުންގެ މަސައްކަތާއި މުޅި އަމާޒު ހިފާފައި ވަނީ އެތަނުގައި ތިބި ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި ބޭނުންތެރި މީހަކަށް ހެދުމެވެ. އެ ސެންޓަރުގައި އެ ކުދިންގެ އުމުރު ނަގާލަން ނުޖެހޭނެ މަގެއް ހޯދުމެވެ. މިދިޔަ އަހަރު އޯ ލެވެލް ނިންމި ކުއްޖަކު އެތަނުގައި ހުރި އިރު އޭނާއަށް ވަނީ ރަށުގެ ވިޔާފާރިއެއްގެ ތެރެއިން ވަޒީފާގެ ފުރުސަތު ދީފަ އެވެ. ސެންޓަރުން އަންނަނީ ރިސޯޓްތަކާ އެކު ވެސް ވާހަކަ ދައްކަމުންނެވެ.

އޯލެވެލް ނިންމާ ކުދިން، މަތީ ތައުލީމަށް ކިޔަވަން ނުވަތަ ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގައި އަދިވެސް އެހީތެރިކަން ބޭނުންވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އެ މަސައްކަތް އެތަނުން ކުރާއިރު އޭނާ އަށް އަދި އެތަނުގެ މުވައްޒަފުންނަށް ވެސް މިހާރު އޮތް ހިތްހަމަޖެހުމަކީ ފުނަދޫން އެ ކުދިން ބަލައިގަތުމެވެ.

އެ ކުދިންނާ ތެރޭގައި އޮތް ވިސްނުން، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. އެ ރަށުން އެ ކުދިންގެ އަތުގައި ހިފައި "ބޮޑު އާއިލާއެއް"ގެ އަޅާލުމާއި އޯގާތެރިކަން ދެ އެވެ. ކުޑަ ފިރިހެން ކުއްޖާ އެ ކިޔައިދިން އޭނާ އަށް ލިބޭ ހިތްހަމަޖެހުމުގެ ވާހަކައަކީ އެ އެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 14%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ހަސަނު

16 September 2021

އަލްހަމުދުލިﷲ. ވަރަށް އުފާވެއްޖެ. ތި ވިސްނުން ތިގޮތަށް ބަދަލުވެގެން އަޢުމަކީ ވަރަށް އުފާވާ ކަމެއް. އެކުދިންގެ އިޙްސާސްތަކުގެ މަތިން ހިތައްއަރާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ އާދޭ. އަހަރެންމެ ހެޔޮ ދުޢާ އަބަދުވެސް މިފަދަ ނިކަމެތި ކުދިންނާއެކު ވާނެ.

The name is already taken The name is available. Register?

2021

16 September 2021

މާލެގައި ދިރިއުޅޭ ގިނަ މީހުނާ ޚިލާފަށް އަތޮޅުތަކުގެ މީހުންނަކީ ހިތްހެޔޮ އޯގާތެރި ބައެއްކަން ހަމަ އެކަނި މި ލިޔުމުންވެސް ހާމަވެއްޖެ. ފުނަދޫގެ ރައްޔިތުންނަށް ހެޔޮރަހްމަތް ލައްވާށި. އެކުދިންނަކީ އަޚްލާޤު ރަގަޅު މުޖްތަމަޢަށް ފައިދާހުރި ކުދި ބައެއްކަމުގައި މިންވަރު ކުރައްވާށި

The name is already taken The name is available. Register?

އެއީ ނަޞީބުގަދަ ކުދިން.....

16 September 2021

ސަރުކާރުން އެކުދިން ބެލެހެއްޓުމަކީ އެކުދިންގެ މައްޗަށް އޮތް ﷲ ގެ ރަޣްމަތްފުޅެކެވެ. ބޮޑު ނިޢުމަޔެކެވެ. މައިންބަފައިންނާ ޢާއިލާ އާ އެކު ދިރިއުޅޭ އެތަކެއް ކުދިންނަށް ނުލިބޭ އަޅާލުމާއި، އެހީތެރިކަން ހިޔާގެ ކުދިންނަށް ލިބެއެވެ. ބޭނުންވަގުތަކު ކުޑަކުދިން ބޭރަށް ނިކުމެ އުޅުމުގެ ފުރުޞަތު ލިބުމަކީ މުހިންމު ކަމެއް ނޫނެވެ. އެއީ ނުރައްކަލެކެވެ.

The name is already taken The name is available. Register?

ދިސްވޭއިން

16 September 2021

ވިލިމާލޭ ކުޑަ ކުދިންގެ ހިޔާ ގައި ކުދިން ގެންގުޅުން އެއީ ފަސަެހަ ކަމެއް ނޫނޭ އަދިވެސް ކުދިންގެ އަދަދު އަންނަނީ ގިނަ ވަމުންނޭ މިކަން ކަން ހައްލު ކުރެވޭނީ ކަމުގެ ފެށުން ހައްލު ކޮށްގެން ހުރިހާ ވެސް މައްސަލަ އަކީ މާލޭން ދިރިއުޅެން ބިން އެ ބޭނުން ކޮންމެ މީހަކަށް ފަސޭހައިން ނުލިބުން މިކަން ހައްލު ނުކޮށް ރާއްޖޭގައި ހުރި އެއްވެސް އިޖްތިމާއީ މައްސަލަ އެއް ހައްލު ނުވާނެއޭ ސަރުކާރުން އެކަން ފޮރުވަން ނޫޅެ އެކަން ކުރަންވީ މިހާރުން މިހާރަށް

The name is already taken The name is available. Register?

ވޯލް

16 September 2021

ތިޔަ ރަށުގައި ތިބި ތިޔަ ކުދިން ބަލައިގަން އެންމެނަށް ހެޔޮ ރަހުމަތް ލަށްވާށި. އަދި އެކުދިންނާމެދު އެހެން ނަޒަރަކުން ދެކޭ މިހުންގެ ވިސްނުންވެސް ބަދަލުކޮށްދެއްވާ މުޅި މުޖުތަމައު އިން އެކުދިން ބަލައި ގަނެ އެކުދިންނަށް ލޯބި ދިނުމަށް މަސައްކަތް ކޮށްދެވާ. މާލޭގައި އެކުދިން ބޭކާރު ކޮށްލިއަށް ތިޔަ ރަށްރަށުގައި އެކުދިނަށް ރަގަޅު މާހައުލެއް ލިބުމުގެ ފުރުސަތު ބޮޑު.

The name is already taken The name is available. Register?

ރަގަޅު

16 September 2021

ވަރަށް ރަގަޅު ކޮމެންޓެއް، ޝުކުރަން. އަޅުގަޑު ހިތަށްއަރާ، މިފަދަ ކުދިންނަށް އެކި ސިފަސިފާގާ އެހީތެރި ވެދެވިދާނެ ގޮތްތައް ބަޔަކުމީހުން ހެދުން ކިހިނެއް ވާނެބާއޭ؟ ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާ މުޖުތަމާ ތެރެއަށް ނެރުން އަވަސް ކުރުން މުހިއްމު ނޫންބާއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454