ރިޕޯޓް / ގާނޫނީ ބެލެނިވެރިން

ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!

"އެއީ، އަހަރެންގެ މުޅި ދިރިއުޅުން. ބަލައިގަތީ ދަރިފުޅުގެ ގޮތުގައި. މީގައި މި ދިމާވާ މައްސަލައަކީ އެހެން މީހުންނަށް އެކަން ނުވިސްނުން،"

ދަރިފުޅާ އެކު އައިޝާ ދުވުމުގައި: ހިޔާއިން ކުއްޖެއްގެ ބެލެނިވެރިކަން ހޯދީ އެތަނުގައި ތިބި ކުދިންނާ މެދު އުފެދުނު ހަމްދަރުދީއަކުން.

އާއިލާތަކުގެ އިހުމާލާ އެކު ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ބޭތިއްބުން އައިޝަތު އަބްދުއްރަހީމް (އައިޝާ) އަށް ބަލައެއް ނުގަނެވެ އެވެ. އެ ކުދިންނާ މެދު އާއްމުން ދެކޭ ގޮތާއި ލޯތްބާއި އަޅާލުމުން މަހްރޫމްކޮށްފައި ބޭތިއްބުމަކީ އޭނާއަށް އަސަރުކުރުވާ ކަމެކެވެ. އެ ކުދިން އުޅެން ޖެހިފައިވާ ހާލަތުން އުފަންވި ލޯބި އޭނާ ބަންޑުންކޮށްލީ ހިޔާގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ.

ދައުލަތުން ބެލެހެއްޓި އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހޯދުން ފަސޭހައެއް ނޫނެވެ; ކައިވެންޏެއް ނުކޮށް މަންމައަކަށް ވާން ކުރި މަސައްކަތުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ދިގު އިންތިޒާރެއް ވެސް ކުރަން ޖެހުނެވެ. އެކަމަކު ހިތްވަރާ އެކު ކުރި މަސައްކަތުން އައިޝާ ވަނީ އެ ކުއްޖާއަށް އާއިލާއެއް ހޯދައިދީފަ އެވެ.

އުފާވެރިކޮށް ހަ ވަނަ އުފަން ދުވަސް ފާހަގަކުރި އެ ކުއްޖާއަކީ މިހާރު އައިޝާގެ މުޅި ދިރިއުޅުމެވެ.

އައިޝާ އޭނާގެ ދަރިފުޅާ އެކު: އެ ކުއްޖާއަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދެވުމަކީ އާއިޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން.

"ބަނޑު އަޅައި ނުވިހިޔަސް އެއީ އަހަރެންގެ ދަރިފުޅު," އައިޝާ ކިޔައިދިނެވެ.

"އޮފީހުން ލަސްވެއްޖިއްޔާ ގުޅާނެ ގެއަށް އަންނަ އިރެއް ބަލަން. ތަނަކަށް ދިޔައަސް ވަރަށް މިސްވެގެން އުޅޭނެ. އަހަރެންނަށް މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް."

އަހަރުތަކެއްގެ އިންތިޒާރެއް!

ހިޔާ އިން ކުއްޖަކު ބެލުމަކީ ހެޔޮނުބައި ވިސްނެން ފެށި ހިސާބުން ވެސް އައިޝާ ބޭނުންވި ގޮތެވެ. މަންމައާ އެ ވާހަކަ ހިއްސާކުރުމުން ދިނީ ހިތްވަރެވެ.

އައިޝާގެ މަންމަ ވެސް އަމިއްލަ ދަރިއަކު ފަދައިން އެހެން މީހެއްގެ ކުއްޖަކު ބޮޑުކުރި އެވެ. އެއްބަނޑު އެއްބަފާ ކުއްޖެއް ނޫން ކަން އެނގުނީ, އައިޝާ ބުނި ގޮތުގައި, ވަރަށް ފަހުންނެވެ.

"އައިޝާމެންނާ އެކު މަންމަ ބެލީ ކާފަގެ ރައްޓެއްސެއްގެ ދަރިއަކު. އެކަން އެނގުނު ހިސާބުން ވެސް އާއިލާ ތެރޭގައި ބަދަލުވީ ކަމެއް ނެތް," އޭނާ ބުންޏެވެ.

މަތީ ތައުލީމަށް ރާއްޖެ އިން ބޭރުން ކިޔަވާ ނިމި ވަޒީފާއަކަށް ވަދެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ މަސައްކަތް އައިޝާ ފެށީ 2013ގަ އެވެ.

"ސިންގަލް ޕޭރަންޓުންނަކަށް ނުދޭ އޭރު ކުދިންނެއް. ފޮސްޓަރިންގެ އުސޫލް އޭރު ހަރުކަށިކޮށް އޮންނަނީ. މި ޕްރޮސެސް ލަސްވާތީ, ބައެއް މައިންބަފައިން ދޫކޮށްލާފައި ދާ އަޑު އިވޭއިރަށް އެ ކުދިން ލިބޭތޯ ވެސް ބެލިން. ހޮސްޕިޓަލަށް ގެންގޮއްސިއޭ އަޑު އިވޭއިރަށް ވެސް ދަން. އެކަމަކު އާއިލާ އިން ބަލަން ތިބިއްޔާ އެގޮތަށް ވެސް ނުލިބޭ،" އޭނާ ކިޔައި ދިނެވެ.

އައިޝާގެ ދަރިފުޅު: ދެ މީހުންގެ ދޭތެރޭގައި އިތުބާރު އުފެދި ރަނގަޅު ގުޅުމެއް ގާއިމްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި.

އުސޫލު ލުއިކޮށް ކައިވެންޏެއް ނުކޮށް އުޅުނަސް ގާނޫނީ ބެލެނިވެރިކަން ލިބޭގޮތަށް ހެދުން ވީ އައިޝާގެ ނަސީބަށެވެ.

އޮފީހުން ލަސްވެއްޖިއްޔާ ގުޅާނެ ގެއަށް އަންނަ އިރެއް ބަލަން. ތަނަކަށް ދިޔައަސް ވަރަށް މިސްވެގެން އުޅޭނެ. އަހަރެންނަށް މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް. -- އައިޝާ

ބެލެނިވެރިއަކަށް ވުމުގެ ހުރިހާ މައުލޫމާތަކާއި ބޭންކް ސްޓޭޓްމަންޓާއި އޭނާއާ ބެހޭ ގޮތުން އެ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު ހޯދަން އެއްބަސްވެ އައިޝާ އެންމެ ފަހު ފަހަރަށް ފޯމު ހުށަހެޅީ 2018 ގެ ފަހުކޮޅެވެ. އޭގެ ފަހުން ވެސް އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް އޭނާއަށް ޔަގީންކަން ލިބުނީ 2109ގެ ޖުލައި ހިސާބުގަ އެވެ.

ފުރަތަމަ ބައްދަލުވުމުގައި ހިމޭންކަން!

ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެ ކުއްޖާ ހަވާލުކުރުމުގެ ކުރިން ގުޅުން އުފެއްދުމުގެ ބައްދަލުވުންތަކެއް ފިޔަވަތީގައި ކުރިއަށް ގެންދެ އެވެ. އައިޝާ ބޭނުންވީ ވަކި ޖިންސެއްގެ ކުއްޖެއް ނޫނެވެ. ފުރަތަމަ ބައްދަލުވުމަށް ދިޔައިރު އޭނާގެ ހިތް ހުޅުވާލައިގެން ހުރީ ކޮން ކުއްޖަކަށް ކަމެއް ނޭނގެ އެވެ.

"ފުރަތަމަ ފެނުނު އިރު އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާ. ވަރަށް މަޑުން އިނީ. ކޭސްވޯކާ އިނދެފައި މި ދައްތައާ އެކީ ދާން ބޭނުންހޭ އެހީމަ ވެސް އެއްޗެއް ނުބުނޭ. ކުޑަކޮށް އުނދަގޫވެފައި އިނީ." ދަރިފުޅާ ފުރަތަމަ ބައްދަލުވި ވަގުތުކޮޅު އައިޝާ ސިފަކުރި އެވެ.

"އެ ދުވަހު ލައިގެން އިން ހެދުމުގައި ހުރި އެއްޗިއްސާ ހެދި ގައި ހިރުވާތީ އުޅޭތީ ސުވާލެއް ކުރީމަ އެ ތަނުގައި އުޅޭ އެހެން ކުއްޖެއްގެ ނަން ކިޔާފައި ބުނީ އެއީ އެ ކުއްޖާގެ ހެދުމެކޭ."

ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ ހުޅުމާލޭގައި ހުންނަ ފިޔަވަތި.

އެ ހިސާބުން ވާހަކަ ދައްކަން ފަށައި ދެން ކިޔައިދިނީ އޭނާގެ ދެ ކޮއްކޮއަކު ފިޔަވަތީގައި ތިބޭ ވާހަކަ އެވެ. އޭގެ ފަހުން ބައްދަލުކުރަންދާ ކޮންމެ ދުވަހަކު ވެސް ކޮއްކޮމެންނާއި އެތަނުގެ ތެރޭގައި ދިމާވާ އެކި ކަންކަން ހިއްސާކުރި އެވެ.

"ވަރަށް ހިތްފަޅައިގެންދާ ކަމެއް އަސްލުގައި, ދަރިފުޅާ ވާހަކަ ދައްކަން ފިޔަވައްޗަށް ދިޔަ ކޮންމެ ދުވަހަކު އެހެން ކުދިންނަށް ފެނޭ. އެ ކޮޓަރީގައި ބިއްލޫރިގަނޑުގައި ލޯ ޖަހައިގެން ބަލަން ވެސް ތިބޭ. ގާތްގަނޑަކަށް އެ އުމުރުގެ ކުދިން ތިބެނީ ހައްތަހާ ވެސް."

އާއިލާ އިން ބަލައިގަތުން

ފުރަތަމަ ވާހަކަ ދައްކަން ފެށިއިރު އައިޝާއަކަށް މަންމައެއް ނުކިޔަ އެވެ. އެކަމަކު ބައްދަލުވުންތަކުގައި ބޭރަށް ގެންދިއުމާއި އެކަކު އަނެކަކަށް ވާހަކަތައް ހިއްސާކުރަން ފެށުމުން އުފެދުނު އިތުބާރެއްގެ މައްޗަށް ފުރަތަމަ ގޮވީ "މިހާރުގެ މަންމަ"އޭ ކިޔާފަ އެވެ.

"އަސްލު މަންމަގެ ވާހަކަ ދައްކަންޏާ ބުނަނީ ކުރީގެ މަންމައޭ. އައިޝާއާ ވާހަކަ ދައްކަންޏާ މިހާރުގެ މަންމަ."

ހިޔާ އިން އައިޝާގެ އާއިލާ އެކު އުޅެން ގެންދަން ބޭނުންވާ ކަމަށް ބުނުމުން އެންމެ އުފާވީ މާމައެއް ލިބޭތީ އެވެ. ރޭގަނޑު ފްލައިޓުން ދަރިފުޅު ގޮވައިގެން އައިޝާ ރަށަށް ދިޔައިރު މުޅި އާއިލާ އިން އޮތީ އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފަ އެވެ.

"އާއިލާ އިން އެކްސެޕްޓްކުރުން, އެކަން ދެން ވަރަށް ބޮޑު ހިތްވަރަކަށް ވި."

ދަރިފުޅުގެ ހަ ވަނަ އުފަން ދުވަސް އާއިލާއާ އެކު ފާހަގަކުރަނީ.

އައިޝާ ބުނިގޮތުގައި ދަރިފުޅުގެ ފަރާތުން ފުރަތަމަ ފެނުނީ އެންމެ ހިތްހަމަޖެހޭ ސިފަތަކެއް ނޫނެވެ. ވަކި ތަނެއްގައި ވަކި ގޮތަކަށް އުޅެން ޖެހުމުން ހަރުލާފައި ހުރި އާދަތައް އޭނާއަށް ޖެހުނީ ބަދަލުކުރާށެވެ. އެއީ ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކިގެން އޭނާ އެކަމަށް ތައްޔާރު ވެސް ވި އެވެ.

"ފަސޭހަ ކަމެއް ނޫން. އެހެންވިޔަސް އައިޝާ ބޭނުންވެގެން ކުރި ކަމެއް ވީމަ މަޑުމަޑުން ރަނގަޅު ކުރުވީ. ފަހުން ސްކޫލަށް ވައްދައި އެކްޓިވިޓީސްތައް ކުރިއަށް ގެންގޮސް އެކީގައި ވަގުތު ހޭދަކުރަން ޕާކަށް ގެންގޮސް ހަދަން ފެށީމަ މަޑުމަޑުން ހަމައަކަށް އެޅުނީ," އައިޝާ ކިޔައިދިނެވެ.

"[ނަން އުނިކޮށްފައި] އަހަރެން ބަލައިގަތީ މަންމަގެ ގޮތުގައި. އަހަރެން ބަލައިގަތީ އެއީ ދަރިފުޅުގެ ގޮތުގައި. މީގައި މި ދިމާވާ މައްސަލައަކީ އެހެން މީހުންނަށް އެކަމެއް ނުވިސްނޭ,"

މަލާމާތާއި އިހާނާތުގެ ބަސްތައް!

ޒުވާންކަމުގައި ދެމިހުންނަން އަމިއްލައަށް ދަރިއަކު ނުހޯދަންވެގެން ހިޔާއިން ކުއްޖަކު ގެނެސްގެން ބަލަނީއޭ ވެސް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ. ކިޔަވަން އުޅުނު އިރު ވިހާފައި ހިޔާއަށް ލީ ކުއްޖަކު އަލުން ގެނައީ ކަމަށް ވެސް ބުނެ ބައެއް މީހުންގެ އިހާނެތި ބަސްތައް އަޑު އިވުނެވެ.

"އެކުގައި ފެނުނީމަ ބައެއް މީހުން އަހާނެ މިއީ ކޮން ކުއްޖެއް. އަހަރެންގެ ދަރިފުޅޭ ބުނާއިރަށް ބުނާނެ އެހެން ނުވާނެ. އަދި މީހަކާ ނީންނައިރު ކިހިނެއްހޭ ދަރިއަކު ހުންނާނީ. ދެން އަހާނީ ދަރިފުޅު ކައިރިން. އެއީ ތެދެއް މިއީ މަންމަ؟،"

ދަރިފުޅާ އެކު އައިޝާ ބީޗުގައި: ގާނޫނީ ބެލެނިވެރިކަން ހޯދައި އެ ކުއްޖާ ބަލަމުން އަންނަތާ ތިން އަހަރު ވެއްޖެ.

އެ ސުވާލުތަކުން ހިތްހަމަނުޖެހޭ ކަން ދައްކަން ބޭނުންވިޔަސް ދަރިފުޅު ކުރިމަތީގައި އެއްޗެއް ބުނަން ބޭނުން ނުވަނީ ކަމަށް އައިޝާ ބުންޏެވެ.

ދަރިފުޅާ ވާހަކަ ދައްކަން ފިޔަވައްޗަށް ދިޔަ ކޮންމެ ދުވަހަކު އެހެން ކުދިންނަށް ފެނޭ. އެ ކޮޓަރީގައި ބިއްލޫރިގަނޑުގައި ލޯ ޖަހައިގެން ބަލަން ވެސް ތިބޭ. ގާތްގަނޑަކަށް އެ އުމުރުގެ ކުދިން ތިބެނީ ހައްތަހާ ވެސް.

"އާއިލާއަކީ އެ ކުދިންގެ ހައްގެއް"

ހިޔާގައި ބޮޑުވާ ކުދިންނާ މެދު ބައެއް މީހުންގެ ވިސްނުން ގޯހެވެ. އެއީ ވިޔާނުދާ ކުދިން ކަމެވެ. އެ ކުދިން ތިބެން ޖެހޭނީ އެތަނުގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި ކަމެވެ. އެކަމަކު, ހަގީގަތަކީ އެ ކުދިން ތަހައްމަލްކުރަން އެ ޖެހެނީ ބަޔަކު ދިން ވަރަށް ބޮޑު އަނިޔާ އެކެވެ.

ހުޅުމާލެ ފިޔަވަތީގެ ދޮރުމަތީގައި މީހަކު ހުއްޓިލައިގެން: މިތަނުގައި ތިބީ އާއިލާތަކުން އިހުމާލުވެ އަޅާލުމާއި ލޯބިން މަހްރޫމްވެފައި ތިބި ކުދިންތައް.

ހިޔާ އަކީ އެ ކުދިންނަށް އެންމެ ރަނގަޅު މާހައުލަށް ނުވާތީ ސަރުކާރުން މިހާރު ވަނީ ރަށްރަށުގައި އަމާން ހިޔާތަކެއް ހަދައި ގިނަ ކުދިންތައް ބަދަލުކޮށްފަ އެވެ. މާލޭގެ މަރުކަޒުތަކުގައި ބަންދުވެފައި ތިބުމަށް ވުރެން އެ ކުދިންނަށް އެތަނުގައި ހިތްހަމަޖެހުން ބޮޑެވެ. އެކަމަކު ސަރުކާރުން އަދިވެސް ބާރުއަޅަނީ އާއިލާތަކުން އެ ކުދިންނާ ހަވާލުވެ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ.

މި ވިސްނުމުގައި ސަރުކާރުން މިހާރު ވަނީ ފޮސްޓަކުރެވޭނެ އުސޫލު ކުރިއަށް ވުރެން ވެސް ފަސޭހަކޮށް, އަވަސް ކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުގައިވާ ގޮތުން މި އަހަރު ތިން ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފި އެވެ. އަދި 11 ކުއްޖަކަށް އެދި ވަނީ ހުށަހަޅައިފަ އެވެ.

"މި ކުދިންނަށް ބޭނުންވަނީ އަހެރެންމެގެ އަޅާލުމާއި ލޯބި. އަމިއްލަ ދަރިއަކަށް ނުވިޔަސް އައިޝާ ގަބޫލުކުރާ ގޮތުގައި މިއީ އެ ކުދިންނަށްޓަކައި ކޮށްދެވޭނެ ކަމެއް."

ހިޔާގައި ކުދިންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ލޯތްބާއި ކުލުނާއި އަޅާލުމުން މަހްރޫމްކޮށް މަރުކަޒުތަކުގައި މުސްތަގުބަލް ބިކަވާން ދޫކޮށްލާނީ ހެއްޔެވެ؟ ދައުލަތާ ހަވާލުކޮށް މި ކުދިންނަށް މި ހިތްދަތިކަން ދިން މީހުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ވެސް ނެތީ ހެއްޔެވެ؟

އައިޝާ ހޯދީ ހިތު ތެރޭގައި އުފަންވި މި އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. އޭނާގެ އުއްމީދަކީ ދަރިފުޅަށް އުފާވެރި ދިރިއުޅުމެކެވެ. އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމަކާ ކުރިމަތިލާން އޭނާ ތައްޔާރެވެ.

32 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 1%
icon inlove icon inlove 82%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

23 December 2021

ތިކުއްޖާއަށް މަންމައެއްގެ ލޯބި ލިބޭނެކަމަށް ބެލެވެންފެށި ނަމަވެސް އަދިވެސް އާއިލާ ފުރިހަމަ ނުވެއެވެ. އެކަން ވެސް ފުުރިހަމަ ކޮށްދިނުމަކީ މިހާރު އައިޝާގެ ޒިންމާއެއް. ބައްްޕަގެ ލޯބިވެސް ބޭނުންވާނެކަން އައިޝާއަށް ވެސް އެނގެންޖެހެއެވެ. އަންހެނަކާއި އަންހެނަކު ނުވަތަ ފިރިހެނަކާއި ފިރިހެނަކު ގުޅިގެން ކުއްޖަކު އެޑަޕްޓް ކުރިއަސް އެއީ އާއިލާއަކަށް ނުވެއެވެ.

The name is already taken The name is available. Register?

ސޮލް

23 December 2021

ތިގޮތަށް ކުދިން ބޭނުންވާ ވަރަށްގިނަ މީހުން އެބަތިބި.މައްސަލައަކީ އޮންނަ ޕްރޮސެސް ބޮޑުކަމުމުން އެކަމެއްނުވަނީ.ކޮންމެ ކަމެއްވެސް ރޭވިފައޮންނަނީ ރައްޔަިތުމީހާ ހަނާވާގޮތަށް.އަހަރެންވެސް ބޭނުން ކުއްޗެއް،އެކަމަކު ކީއްކުރާނީ..ތިކަހަލަ ކިތެންމެ އައިޝާއެއް އެބަތިބި ތިފަދަ ދުވަހެއްގެ އިންތިޒާރުގަ.މަންމަ އެއްގެ އިޙްސާސް ތަކާއި އެކު ތި މައުސޫމް ކުޑަކުއްޖާ ބެލުމުގެ ތަޢުފީގު އައިޝާއަށް ދެއްވާށި. އާމީން.

The name is already taken The name is available. Register?

ނަސީމް

22 December 2021

މަންމަ އެއްގެ އިޙްސާސް ތަކާއި އެކު ތި މައުސޫމް ކުޑަކުއްޖާ ބެލުމުގެ ތަޢުފީގު ތި ކަނބުލޮއަށް ދެއްވާށި. އާމީން.

The name is already taken The name is available. Register?

ސަމްވަން އެލްސް

22 December 2021

ގޯޑް ބްލެސް ޔޫ އެންޑް ޔޯ ޑޯޓަރ އައިޝާ!

The name is already taken The name is available. Register?

އަބްޑޫޅް

22 December 2021

ރާއްޖޭގަ އަމަލުކުރެވޭ ގާނޫނީ ނިޒާމުގަ، ކުއްޖަކު ގާނޫނީގޮތުން ދަރިޔެއްކަމުގެ ހެދެވޭނެ ގޮތެއް ނޯވެ. މިއީ ވަރަށްބޮޑު އުނިކަމެއް. މިކަން ބަދަލުކުރެވޭނެ ގޮތެއްވެސް، އަދިއެއް ނެތް. މީގެ އަށްގަރުނެއްހާ ދުވަސް ކުރިން ރާއްޖޭގެ ގާނޫނީ ނިޒާމަށް ގެނެވުނު ބަދަލެއްގެ ސަބަބުން މިހެން މިވަނީ. މިކަން ގުޅިފައިވަނީ، މީގެ 14 ގަރުނެއްހާ ދުވަސް ކުރިން އަރަބިކަރައިގަ ކުރެވުނު ކާވަންޏަކާ. މިއީ ނުހަނު ބޮޑު އުނިކަމެއް.

The name is already taken The name is available. Register?

ސައި

22 December 2021

މާތްﷲގެ ރަހުމަތްފުޅުން ތިބޭފުޅުންނަށް ދަރިންވަނީލިބިފަ ނަމަވެސް ދަރިންނުލިބޭ މީހުންގެ ހިތާމަތަކެތް ދަރިން ތިބިމީހުންނަކަށް އިހުސާސްއެއް ނޭގޭނެ އެއްމެންނެއް ބޭނުމެއްނުވާނެ ހިޔާއިން ކުދިންގެންނާކަށް

The name is already taken The name is available. Register?

ދައްތަ ދޮން

22 December 2021

އެކިމިހުން އިމްތިހާން ކުރައްވާނީ އެކިގޮތަށް މިހާރުވެސް ދަރިއަކު ނެތި ހިޔާފުލެޓް ލިބުން މީހުން އެބަޅޭ އެކަމް ބޭނުމެއްނުވޭ މުސްކުޅިވާއިރުވެސް މިފަދަކުއްޖަކު ބަލާބޮޑުކުރާކަށް

The name is already taken The name is available. Register?

ޢަވައްޓެރިޔާ

21 December 2021

ޢޯގާތެރިކަމާ ލޯބިން ހިނިތުންވެލާފައި ނިކަމެތި ކުއްޖަކާ އަގައިން ބުނެލާ، އެވަގުތަކު ދެވެން އޮތް އެހީތެރިކަމެއް ވެސް ދޭންވީ. ޙަމަ ކޮންމެ މީހަކަށް ވެސް މިވަރު ކުރެވޭނެ. ޙިޔާގައި ނޫނަސް ވ ގިނަ ނިކަމެތި ކުދިން. ޚިތަންމެ ބޭނުންވިޔަސް ކޮންމެ މީހަކަށް ދަރިއެއް ފަދައިން މީހެއްގެ ދަރިއެއް ނުބެލިދާނެ. ޢައިޝާ އަށް ހެޔޮދުޢާ ކުރަން.

The name is already taken The name is available. Register?

އޮނީ

21 December 2021

ދަރިން ނުލިބިގެން އުޅޭ މީހުން މިކަމާ ފުންކޮށް ވިސްނާނަމަ. އެހެން މީހެއްގެ ދަރިއަކު ބަލާ ބޮޑުކުރުމަކީވެސް އެހާ ހެޔޮ ލިބޭނެކަމެއް. ތިމާމެންނަށް އަދި ދެއްވަން ނެތް ނިއުމަތެއް ހޯދުމަށް ދުނިޔޭގެ އަގުބޮޑު ފަރުވާތަކަށް ފައިސާ ހުސްކުރަން އަހަރުތައް ވޭތުކުރަން ނުއުޅެ މި ގޮތަށް ދުނިޔެއަށް މިހާރު އުފަންވެފައިވާ ކުދިންނަށް ދިރިއުޅުމެއް ހޯދަދިނުމަކީ ކުރަން ހަމަ އެހާ ރަގަޅު ކަމެއް.

The name is already taken The name is available. Register?

ާއަލިމޯޑު

21 December 2021

މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަހަރެންނަށް ދަރިން ވަނީ ދެއްވާފައި. ތިބޭފުޅާގެ ކޮމެންޓަށް ބުނެލަން އޮތީ ކޮންމެ ކަމެއްގައިވެސް އެކަމެއްގައި ހުންނަ ފޮނިކަމަކާއި އުފާވެރިކަމެއް އަދި ހިތްދަތިކަމެއް ވެސް އެނގޭނީ އެކަމެއް ތިމާއަށް މެދުވެރިވީމައެވެ.ތިމާއަށް ދަރިން ނުލިބޭނަމަ އެކަން ވާނެ ގޮތެއް ހޯދަން ތިމާގެ ފުލް ކެޕޭސިޓީގަ މަސައްކަތް ކުރާނެ ކަމީ ކަށަވަރު ކަމެއް.އެހެން މީހުންނަށް އިހުތިރާމުކުރުން އެދެން

The name is already taken The name is available. Register?

އޮނީ

21 December 2021

ތިޔައީ ވަރަށް ބޮޑު ކުށްހީއެއް. އެންމެންނަކީ އެހެން އެންމެން ބޭނުންވާ ކަންކަން ބޭނުންވާ ބައެއް ނޫން. ވަކި ދޮރެއް ބަންދުވެފަ ހުރުމުން އެ ހުޅުވަން އެތައް ވަގުތަކާ ފައިސާއެއް ބޭކާރު ކުރުމަށްވުރެ ދެން ހުޅުވިފަ ހުރި އެތައް ސަތޭކަ ދޮރަކަށް ބެލުން މާ މުހިއްމު. ބައެއް ފަހަރު ތިމާއަށް ދިމާވިއޭ ހީވާ ދެރަ ކަމަކީ ތިމާގެ ފައިދާއަށް ނުވަތަ އެހެން ބައެއްގެ ފައިދާއަކަށް ނުވަތަ އެހެން ބަޔަކަށް ޚިދުމަތް ކުރުމަށް މަގުފަހިކުރަން ލައްވާފައިވާ ކަމަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

ހާލު ފޮޅި

21 December 2021

އައިސަތު އަބުދުލްރަހީމް ބެނިސަން ހދ ކުޅުދުއްފުށީ އަކީ ވަރަށް ރަނގަޅު ހިތްހެޔޮ ކަނބަލެއް

The name is already taken The name is available. Register?

ކުޗީ

21 December 2021

އައިޝާ ތިކުރަނީ ވަރަށް ހެޔޮ ކަމެއް. ވަރަށް އަސަރުކޮއްފި. އެކުދިންގެ އެއްވެސް ކުށެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454