21 ފެބުރުއަރީ 2021: ޓްރެފިކް ފުލުހުންތަކެއް ބްރިޖަށް އަރާ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު
19 އޮކްޓޯބަރ 2022 - 11:24
ފުލުހުންގެ ޓްރެފިކް ޗެކްޕޮއިންޓަކުން ސަލާމަތްވުމަށް، މަގުމަތީގައި ސައިކަލް ޕާކުކުރި މީހަކު ބަލައި ފާސްކުރަމުން ދަނިކޮށް، އެއްލައިލި ރަބަރު ޕެކެޓަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހ. ސަތުހު، މިސްހާދު ނަޝީދުގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު ފާށަނާކިލޭގެފާނު މަގުގައި ފުލުހުން ޖެހި ޗެޕްޕޮއިންޓަކުން ސަލާމަތް ވާން، އޭނާ ސައިކަލު ޕާކު ކުރުމާއެކު، ޝައްކު އުފެދިގެން ފުލުހުން ބަލައިފާސްކުރި އިރު އެއްލައިލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން ފަސް ގްރާމްގެ މެތު ފެނުނު މައްސަލައިގަ އެވެ.
މިސްހާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ 25 އަހަރަށް ޖަލަށްލައި 100،000ރ. އިން ޖޫރިމަނާ ކުރާށެވެ.
ޓްރެފިކް ޗެކް ޕޮއިންޓުގައި ހުރި ފުލުހަކު ކޯޓުގައި ހެކިބަސް ދެމުން ބުނީ، އާންމުކޮށް ޗެކްޕޮއިންޓުތަކުން ސަލާމަތް ވާން ޕާކުކުރާ މީހުންނާ ފުލުހުން ސުވާލުކުރާ ކަމަށެވެ. އެ ދުވަހު މިސްހާދު ސައިކަލުގައި ދިޔައީ ބާރު ސްޕީޑުގައި ކަމަށާއި އެކަމަކު ޗެކްޕޮއިންޓް ފެނުމުން ސައިކަލު ޕާކުކުރީ ކަމަށް ކޯޓުގައި ހެކިބަސް ދިން ދެވަނަ ފުލުސް މީހާ ބުންޏެވެ.
މިސްހާދު ކައިރި އަށް ފުލުހުން ގޮސް ހުއްޓުވައި ސުވާލު ކުރުމުން ބިރުގަނެ ތުރުތުރުލާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ކޯޓުގައި ކިޔައިދިނެވެ. އަދި ޝައްކެއް އުފެދިގެން، މިސްހާދު ބަލައިފާސްކުރަމުން ދަނިކޮށް، އަތުގެ މުށު ތެރެއިން ބިންމައްޗަށް ރަބަރު ޕެކެޓެއް ވައްޓާލިތަން ފެނުނު ކަމަށް ދެ ފުލުހުން ވެސް ހެކިބަސް ދީފައިވެ އެވެ. އެ ފުލުހުން ބުނިގޮތުގައި އެ އެ ޕެކެޓު ނަގައި، މިސްހާދުއާ ސުވާލު ކުރުމުން އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނި ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިން އާއި ކެނަބިސް ފިޔަވައި އެ ޖަދުވަލުގައި ބަޔާންކުރާ އެހެން ހުރިހާ މަސްތުވާއެެއްޗެއްގެ އެންމެ ގްރާމެއް އަތުގައި އޮތަސް އެއީ ޓްރެފިކް ކުރަން ގެންގުޅޭ އެއްޗެއް ކަމަށް ބެލެވޭނެ އެވެ.
މިސްހާދު، ދައުވާ އަށް ކުރީ އިންކާރެވެ. ދިފާއުގައި މައިގަނޑު ގޮތެއްގައި ބުނީ ސީނުން ނެގި ޑްރަގް ފުލުހުން އެވިޑެންސް ބޭގަކަށް ލާފައި ބަންދުކޮށްފައި ނެތުމުން، ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މިސްހާދު ހައްޔަރުކުރި ފުލުހުން ޝަރީއަތުގައި ބުނީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަަމަށާއި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. ކޯޓުގައި ހެކިބަސް ދިނީ، އޭރު ޓްރެެފިކް ޗެކްޕޮއިންޓެއް ޖަހައިގެން ތިބި ދެ ފުލުހުން ކަމަށާއި އެ މީހުން އަތުގައި އެވިޑެންސް ރައްކާ ކުރާނެ އެއްޗެހި ނުހުންނާނެކަން ފާހަގަ ކުރި އެވެ.
ހުކުމުގައި ވަނީ ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީގައި ހުރިހާ ކަމެއް ފުރިހަމަކުރި ކަމަށެވެ. އެވިޑެންސް ބަންދު ކުރުމަށް ކުޑަވަގުތުކޮޅެއް ނެގި ނަމަވެސް އެއީ ޝަރީއަތަށް ބަލައިނުގަނެ ދޫކޮށްލަން ޖެހޭ ފަދަ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.
ޗެކްޕޮއިންޓުގައި ތިބޭ ފުލުހުން އަތުގައި އެވިޑެންސް ބޭގު ފަދަ އެއްޗެހި ނޯންނާނެކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ. އެ މީހުންނަށް ވެސް ޖިނާއީ ކުށެއް ކުރާ ތަން ފެނިއްޖެ ނަމަ އެކަން ހުއްޓުވައި ހެކި ހޯދައި ހިފެހެއްޓުމުގެ ހުއްދަ އޮންނާނެ ކަމަށް ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރުދާ
20 October 2022
ކިހާ ސަޅި.5 ގުރާމް ފެނުނީމަ 25 އހަރުގެ ޖަލު ހުކުމް.އެކަމަކު 100 ކިލޯ ފެނުނަސް ކަމެއްނުވޭ...ސާބިތެއްވެސް ނުވޭ...
ބަޑިތަކުރު
20 October 2022
އަލްޙަމްދުލިއްލާހި. އެއްލައިލީމާ ޗެއިންގެ ބޮޅެއް ނުބެދިގެން ކުށުން ބަރީޢަވުންފަދަ ކަމެއް ނުވެ މިގޮތަށް މިއަށްވުރެ ބޮޑެތި ކުށްކުރާ މީހުންގެ މައްޗަށްވެސް އިޖްރާޢީ ނުކުތާތަކެއް ފެންމަތިނުވެ ކަންކަން ސާބިތުކުރެވޭނަމަ ޑްރަގާއި މީހުން މެރުންފަދަ ބޮޑެތި ކުށްކުރުން ތަންކޮޅެއްނަމަވެސް ލާހިކުވީހެވެ.
އެމްސް
19 October 2022
ރެޑް ހޭންޑްކޮށް ހިފުނީމަވެސް ޙުކުމަކާއި ހަމައަށް ދާން 2 އަހަރު! ތަރައްޤީގެ ދުވެލި ރޮކެޓް ސްޕީޑްގަ ބަހައްޓަން ހުރިހާ މުވައްސަސާތަކަށްވެސް ރޮކެޓް ޕްރޮޕެލަންޓްސް އަޅަންޖެހޭ!
ޑަބިޔާ
19 October 2022
ޒުވާނެއްގެ މުށުތެރޭން އަތުވި ކުޑައެތި ކޮޅަކަށް 25 އަހަރު. 195 ކިލޯ ޢާއި އެކު އަތުލައިގަތް ޑުރަގް ޑީލަރު ގެ މައްސަލަ ސާބިތެއް ނުވި . ތަހުގީގު ބަޔާން ޑީލަރުން ބޭނުންވާ ގޮތަކަށް ލިޔެދީ ގަނެވިއްކާ ބާޒާރެއްގައި މިލިއަނުން ފައިސާ ދީގެން ޑީލަރުން ސަލާމަތްވާނެ
ބަލަގަ
19 October 2022
ބަޔާން ލިޔަން ޖެހެނީ ބަޔާން ދޭ މީހާ ބުނާގޮތަށް. އެހެންނޫނިއްޔަ އެބަޔާނުގައި ސޮއިނުކޮށް ހުރެވޭނެ.
އަފްރާސިޔާބު
19 October 2022
ބަޔާން ލިޔަން ޖެހޭނީ މައްސަލާގެ ފެކްޓުގެ މައްޗަށް ބަޔާން ދޭ މީހާއާ ސުއާލުކޮށްގެން. ކޮންމެހެން އޭނާ ބުނާހާ އެއްޗެއް ބަޔާނުގައި ލިޔެ ސޮއިކުރުވާކަށް ނުޖެހޭނެ. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަގޮތެއްނޫން ރާއްޖެ ފިޔަވައި.ކާކުތޯ ވައްކަން ކުރީމޭ ބުނާނީ އޭނާ ބުނާއެއްޗެއް ލިޔާނަމަ. އެވާހަކަވެސް ލިޔަންވާނެ އެކަމަކު ހަދާ ދޮގު ނުވަތަ ތެދުވެސް ސާފުކޮށް ގެނގޭގޮތަށް ސުއާލުކުރެވި އެވާހަކަތައްވެސް ލިއުނީމާ ބަޔާނަކަށް ވާނީ.
ޖަމީލުބެ
19 October 2022
الحمد لله އެބަ ރަނގަޅުވޭ! އުއްމީދަކީ މިކަމުގެ ނަތީޖާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނުން
ހިބިރިންބެއްޔާގެ ކުޑަސޮރު
19 October 2022
ހުރިހާނުބައެއްގާ އުޅެނީ ހަމައެއްބައެއް. އެކަމަކު އެމީހުންގެ ގައިގާ ޖެހުން މަނާ ދިމާގުރާތި ހަމަތަކުގެތެރެއިން.
ޖުޖު
19 October 2022
ކޯޓުން ބުނާނެ ތިއީި ސަލާމާތް ވާން އުޅެނިކޮށް އެޅުނު އެއްޗެއް ކަމަށް. ޒިންމާވަން ޖެހޭނީ ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރު ތަކުގެ ތެރެއިން ފިޔައިގަ ރަތް ލައްގަނޑެއް ޖހިފައި އިން ކޮތަރުކމަށް
ހަސަން ބަޝީރު
19 October 2022
ގާޒީ ޝަފީއުއަކީ ޒުވާން އަދި ކްރިމިނަލް ކޯޓްގައި މިވަގުތު މަސައްކަތްކުރާ އެންމެ އިލްމީ ގާޒީ. ޑްރަގު ބޮޑުން ވަރަށް ޖެހިލުންވާ ގާޒީއެއްކަމަށް ރަށުތެރޭ އަޑުއިވޭ. ޢެހެން ގާޒީއެއްނަމަ ޗޭނޭ ކިޔާފަ ސާބިތުނުކުރާނެ.
ކަލޯ25
19 October 2022
ހެހެހެ.. ކުޑަ ރަބަރު ޕެކެޓެއް ވީމަ އެހެން އެވީ. 2-3 ކިލޯ ނަމަ ސަލާމަތްވީސް. 50 ކިލޯ އިން މަތި ވީމަ އޮޅިގެން ދޫވާނީ..
1828
19 October 2022
50 ނުވަތަ 100 ކިލޯ ނަމަ ސާބިތެއް ނުވާނެ. ގްރާމުން ވެއްޖެއްޔަ ސާބިތުވުމުގެ ފުރުސަތު ވަރަށް ބޮޑު.
ޢަސްލުމީހާ
19 October 2022
ތިވާނީ ތަންކޮޅެއް ނިކަމެތި ސޮރެއްކަމަށް އެހެން ނޫނީ ކޮންމެވެސް ޑޮކިއުމެންޓެއް މަދުވެގެން ސަލާމަތް ވީސް.