ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ--ފައިލް ފޮޓޯ: މަޖިލިސް
07 ނޮވެމްބަރ 2022 - 10:06
ބ. ފުޅަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު އޭނާގެ ވިޔަފާރި މަސްލަހަތު ފުށުއަރާ މައްސަލައެއް ބެއްލެވިކަން ސާބިތުވެ، ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ، ފުޅަދޫ މެޖިސްޓްރޭޓުން ބަލަމުން ދިޔަ ގަޒިއްޔާއަކީ ނިޝާރުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވާތީ ތަނާޒިލުވާން ޖެހޭ އިޖުރާއަތާ އެއްގޮތަށް އޭނާ ތަނާޒިލުވެ، އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރި ކަމަށެވެ.
ނަމަވެސް ފަހުން އިޖުރާއަތުތަކާ ހިލާފަށް ނިޝާރު އަމިއްލަ އަށް އެ ގަޒިއްޔާ ބެއްލެވުމަށް ހަވާލުވި ކަމަށާއި ދެވަނަ ފަހަރަށް ގަޒިއްޔާ ބައްލަވަމުން ގެންދެވި އިރު، ދައުވާ ލިބޭ ފަރާތުން ނިޝާރަށް ދޭން ޖެހޭ ފައިސާއެއް ހޯދުމުގެ މަސައްކަތް އޭނާ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ކުރަމުން ދިޔަ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި، ދައުވާ ލިބޭ ފަރާތާއި ނިޝާރާ ދެމެދު ކުރަމުން ދިޔަ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ ފައިސާ ވަންނަވަމުން ދިޔައީ ސީދާ ނިޝާރުގެ އެކައުންޓަށެވެ. އޭނާ އެ މައްސަލަ ބައްލަވަމުން ގެންދެވި އިރު ވެސް ދައުވާ ލިބޭ ފަރާތާ ދެމެދު ވިޔަފާރީގެ މުއާމަލާތުތައް ކުރިއަށް ދިޔަ ކަން ތަހުގީގަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ހިލާފަށް އެ މައްސަލަ ބަލަމުން ދިޔަ އެ ޝަރީއަތުގެ އަޑުއެހުންތައް ނިމުމުގެ ކުރިން މައްސަލައިގެ ހުކުމާއެކު ރިޕޯޓް ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ބަލަމުން ދިޔަ ސުލޫކީ މައްސަލަ ސާބިތުވެ، ނިޝާރު ކުރި އަމަލަކީ ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ އޭނާ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް އެ ބުންޏެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމެވީ އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމެދާ
07 November 2022
ބާ، ފުޅަ ދޫ… ހާދަ ހަޑި މުޑުދާރު ނަމެއް ކިޔާ ރަށެކޭ. ރަށުގެ ނަން ބަދަލުކުރަން ހުށައަޅަން.