ވިލިމާލެދާއިރާއަށް ވާދަކުރެއްވި ސަލީމް އާއި މުހައްމަދު އިސްމާއިލް: އެ ދާއިރާގައި މުހައްމަދު އިސްމާއީލް ކުރި ހޯއްދެވި ގޮތާ މެދު ސަލީމް ވަނީ ތުހުމަތުކުރައްވާފައި.
07 ނޮވެމްބަރ 2022 - 11:49
ވަކި ކެންޑިޑޭޓުންތަކެއް ޗެނަލް13 އިން ޕްރޮމޯޓްކުރުން ޕާޓީގެ ލީޑަޝިޕުން ބަލައިނުގަންނަކަން އިއުލާންކުރުމަށް ފަހު ބޭއްވި ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އިތުރަށް ވޯޓު ކަރުދާސް އަޅައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ތުހުމަތު ކުރައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ އިންތިހާބުގައި އޭނާގެ މައްޗަށް ކުރި ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕާޓީގެ ހަރަކާތް ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއިލް އެވެ.
ޕީޕީއެމުން މި އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އާއްމުނުކުރިއަސް އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަތް ވޯޓުގައި ބޮޑު ފަރަގެއް ހުރި ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ގާނޫނީ ބައެއް ކަންކަމުގައި އިސްކޮށް އުޅުއްވާ ރޭނިސް ސަލީމް ވަނީ، ވިލިމާލެ ދާއިރާގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ކުރައްވައި ޕާޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅުއްވައިފަ އެވެ. ވޯޓު ނެގި ދުވަހު ވެސް އޭނާ ވަނީ ވޯޓުލާ މަރުކަޒުގައި ވެސް އިތުރަށް ކަރުދާސްއަޅާފައިވާ މައްސަލަ ނަންގަވައިފަ އެވެ.
ރޭނިސް ސަލީމް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ބައެއް އިސް ބައެއް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޔާމީނާއި ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެގެން ކަަމަށް ބުނެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓު ކަރުދާސް އަޅާފައިވާ ކަމަށެވެ. ޕީޕީއެމްގެ ތެރެއިން ވޯޓު ކަރުދާސް މުހައްމަދު އިސްމާއީލާ ހަވާލުކުރީ، ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޝިޔާމްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ހިމެނިވަޑައިގެންނެވެ.
"މިކަމުގައި ބައިވެރިވި އެހެން ބޭފުޅުން އަޅުގަނޑުގެ ގާތުގައި އެކަމަށް ވަނީ އިއުތިރާފުވެފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑު އެދެނީ ކުރިއެރުމާއި ކާމިޔާބު. އަޅުގަނޑުގެ ހިތުގައި ތި ބޭފުޅުންނާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް. ވަރަށް ހެޔޮއެދުމާއި ސަލާމް،" އޭނާ ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.
ސަލީމްގެ މި ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ. ސަލީމް ވެސް އަދި މި މައްސަލާގައި ވާހަކައެއް ނުދައްކަވަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅެއްގެ އަތްޕުޅަށް ވޯޓު ކަރުދާސް ނާރާނެ ކަމަށެވެ. އިންތިހާބު ކުރިއަށް ގެންދިޔައީ ވަކި ކޮމިޓީއަކުން ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ވޯޓު ނެގުން ކުރިއަށް ދިޔައިރު ވޯޓުލާ މަރުކަޒެއްގައި އެ ޕާތީގެ މެމްބަރުންތަކެއް މަޑުކޮށްލައިގެން. -- ފޮޓޯ | ޕީޕީއެމް
ތޮލާލް ވިދާޅުވި ގޮތުގައި ވިލިމާލެ ވޯޓު ފޮށީގައި ވޯޓުލީ މީހުންނަށް ވުރެ އިތުރަށް ކަރުދާސް ހުރި މައްސަލަ ވަނީ އަނގަބަހުން ހުށަހަޅައިފަ އެވެ. އެ ޝަކުވާއަކީ އެ ފޮށީގައި އިތުރަށް ހަތަރު ވޯޓު ކަރުދާސް އޮތުމެވެ.
"އެއީ، ނަތީޖާއަށް އަސަރުކުރާ ވަރުގެ ކަމެއް ނޫން. ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ބޮޑު. ހުށަހެޅި ޝަކުވާ ކޮމިޓީއަކުން އަންނަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގައި ވެސް ވޯޓުލީ މީހުންނަށް ވުރެ ކަރުދާސް އިތުރުވި މައްސަލައެއް އަންނަނީ ބަލަމުން ކަމަށެވެ.
މިގޮތަށް މައްސަލައެއް ދިމާވިޔަސް ޕީޕީއެމުންގެ ވޯޓު ކަރުދާސްތައް ނަގައި ފޮށިތަކަށް އެޅުމުގެ ޖާގައެއް އިންތިހާބު އިންތިޒާމްކޮށްފައި އޮތް ގޮތުން ނޯންނާނެ ކަމުގެ ޔަގީންކަން ތޮލާލް ދެއްވަ އެވެ.
"ވޯޓުލުމާ ހަމައަށް އެއްވެސް ބޭފުޅަކަށް ވޯޓު ކަރުދާސް ފެނިފައެއް ނޯންނާނެ، ނަމޫނާއެއް ވެސް ދައްކާފައެއް ވެސް ނޯންނާނެ،" ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނަށް އަމާޒުކުރި ތުހުމަތު ދިފާއު ކުރައްވައި ތޮލާލް ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެ އިންތިހާބަކީ އެހެން ޕާޓީތަކަށް ދެއްކި ނަމޫނާއެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު، އެ މަނިކުފާނުގެ ވެރިކަމުގައި ސިމެންތިގަށާ މެޝިންތަކާއި ތާނގީތަކަށް އަޅައިގެން ނަތީޖާ އިއުލާންކުރި ގޮތަށް ޕީޕީއެމުން ނުކުރާނެ ކަމަށް ވިދާޅުވެ، ޔާމީން ފާޑުވިދާޅުވި އެވެ.
ޕީޕީއެމާއި އެމްޑީޕީގެ އިންތިހާބުގެ ތަފާތު ދައްކަވައި އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކަން ޔާމީން އެދިވަޑައިގަތުމުން، އެ ހާލަތު ކުރިމަތިކުރުވީ ހައްގުތައް ހިފަހައްޓަވައި އެމަނިކުފާނުގެ ވެރިކަމުގައިކަން ހަނދާންކޮށްދީ އެމްޑީޕީގެ މެމްބަރުން ވެސް ގެންދަވަނީ ރައްދު ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާނު
09 November 2022
މާގިނަ އަނގަތަޅާނެ ކަމެއް ނެތް. އިންތިޚާބް އެއޮތީ ނިމިފައި. ދެން މަޑުންތިބޭ އެންމެން. ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ.
ރިޔާޒު
08 November 2022
އާރުސީސީއިން ހުޅުމާލޭގައި އަޅަމުންދާ ފުލެޓުން ހަމްދާނުއަށް ވަނީ ފުލެޓް އެއްދީފައި ވޯޓު ލިސްޓު ގަޑުބަޑު ކުރުމަށް، ބޭނުންވީ އިންތިހާބު ހަތިޔާރަކަށް ހަދާ ޕާޓީ ފަޅި ކޮށްލަން! ޕީޕީއެމް އިންތިހާބުއާއި ދިމާކޮށް އެމްއެންޕީ އިދިކޮޅު ޕާޓީއެއް ކަމަށް އިއުލާން ކުރީ މިސަބަބުއާއި ހެދި، ހުރިހާ ފާއިދާ އެމްއެންޕީ އަށް
ޝިއުނީ
08 November 2022
ޕާޓީ ހަލާކުވެއްޖެ! އަލްޓަނޭޓިވް އެއް ބޭނުންވޭ! އަދުރޭ އަޅުގަނޑުމެން މިތިބީ ޕީއެންސީ އެކު ކުރިޔަތް ދާން ހިއްވަރާއެކު ކޯލިޝަން އުވާލާފަ ނިކުންނަމާ
އިނާޔާ
08 November 2022
ހަމްދާނު ހައްޔަރު ކުރޭ! ފާއިސާ ދަހިވެތިކަމުގައި ބައެއްްގެ ހައްގު ގެއްލުވާލި ގައްދާރެއް
އިރޫ
08 November 2022
ޕާޓީ އެއްނެތް! ބަޔަކު ގަސްތުގައި ކުރިކަމެއް ހުރިހާ ފާއިދާ އެއް އެމްއެންޕީ އަށް އިއްތިފާގެއް ކުއްލިޔަކަށް އެއީ އިދިކޮޅުޕާޓީ ކަމަށް އިއުލާން ކުރުން؟ އާރުސީސީން ހަމްދާންއަށް އެޕާޓްމެންޓެއް ވަނީ ދީފައި
ނިއުސަމް
08 November 2022
ޕާޓީން ވަނީ އަދުރޭ ޝިޔާމު ސުޖާއު ގައްސާން ތޮލާލު އެކަހެރި ކޮށްފައި! އެކަމަކު ހާލުގަ ޖެހި ޖަލަށްލި ދުވަހު ތިބީ މިމީހުން
ނާޒު
08 November 2022
ނިމިނު އިރު އީސީ ޝަރީފުއަށްވުރެ ހަމްދާނުގެ ނުލަފާ ކަންފެނިއްޖެ! އެވެސް އަމިއްލަ ޕާޓީ މީހުންގެ ހައްގުތަކަށް އަރައިގެން ހުރި ކޮރަޕްޝަނުން ތައްތެޅިފައި ހުރި މީހެއް
ހައްނާނު
08 November 2022
ހަމްދާނުއަށް ލާރި ހަވާލުކުރީ ނަރީޝް މެދުވެރިވެގެން!! އަސްލު އަޑީގައި ތިބީ ސައީދު އާއި ޝަވީދު!!! މަސައްކަތް މިކުރަނީ ޔާމީން ޖަލައްލާފިއްޔާ ޕާޓީގެ ކޮންޓުރޯލު ނަގައި ރިޔާސީ ޓިކެޓު ހޯދުމަށް! ސައީދު އަށް ރައީސް ކަން ނަރީޝުއަށް ނާއިބު ރައީސް ކަން! ޝަވީދުއަށް ޔޫތު މިނިސްޓިރީ، ހީނާއަށް ފޮރިންމިނިސްޓަރުކަން!!! މިއީ އެއް ޓީމެއް ސަމާލުވޭ
ސިޔާނާ
08 November 2022
މަންޒަރު ހުރިގޮތުން މުޅި އިންތިހާބު ބާތިލް ނުކޮށް ޕާޓީ އެއްބައި ނުކުރެވޭނެ، ގޯސްތަކެއް ބަޔަކު ހަދާފި ކަން ގަބޫލުކޮށް މިކަންތަށް ހައްލުނުކޮށް 2023 ނުލިބޭނެ
ސާން
08 November 2022
ކުޑަ ކުއްޖެއްގެ އަތަށް ބާރުދިނީމަ ރިޝްވަތުނަގާ ލިސްޓު ވިއްކާލީ