އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ރެސްޕޮންސް ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
10 ނޮވެމްބަރ 2022 - 09:08
"މަގޭ ކޮއްކޮ ގެއްލިއްޖެ. މާފަންނު ސްޓޭޑިއަމްގައި ވެސް ނެތް،" އިންޑިއާގެ އަންހެނަކު ފުލުހަކާ ރޮމުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ.
"މަރުވީ ކޮންބައެއް؟" އޭނާ ސުވާލު ކުރި އެވެ.
މ. ސެންރޯޒް ހުޅަނގު ބައިގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި، ބަންގްލަދޭޝް އާއި އިންޑިއާގެ ވަރަށް ގިނަ މީހުން ދިރިއުޅޭ ދެ އެޕާޓްމަންޓް ވަނީ އަނދައި ހުލިވެފަ އެވެ. މިހާތަނަށް 10 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެކޮމަޑޭޝަން ބްލޮކެއް ގޮތަށް، ބައެއް މީހުން ސިފަކުރި ގޮތުގައި "ކޮތަރު ކޮއްޓެއް" ކަހަލަ އެތަން ބިމާހަމަވި އިރު، އެތަނުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
ސިފައިން ދަނީ އެތަނުގެ އެތެރެ ބަލައި ފާސްކުރަމުންނެވެ. އިތުރު ހަށިގަނޑުތައް އަދިވެސް ފެންނަމުން އެބަ ދެ އެވެ.
އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި، ތިރީގައި ވެހިކަލް ގަރާޖެއް ހުރި ތިން ބުރީގެ އެ އިމާރާތުގެ މަތީ ދެ ބުރީގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން އުޅެ އެވެ.
"އަހަރެންގެ ކޮއްކޮ ރާއްޖެ އައިތާ އަދި ދެ އަހަރެއްހާ ދުވަސްވީ. އިއްޔެ ވެސް ދިމާވި. އެހެރަ ގޭގައި އުޅޭ ކަމަށް ބުނީ،" އިންޑިއާ އަންހެނަކު، ސެންރޯޒް ދައްކާލަމުން ބުންޏެވެ.
މ. ސެން ރޯސްގެ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ދެންމެ ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މި އައީ ސްޓޭޑިއަމް ވެސް ބަލައިފައި. ފޯނެއް ވެސް ނުނަގާ. މިތަނުން ޖަވާބެއް ނުލިބޭ."
އޭނާ ދެކޮޅަށް ދުވަމުން އިރުއިރުކޮޅާ ފޯނަކުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ގެންދިޔަ އެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ އަށް އާއިލާގެ ފަރާތުން އަންނަ ކޯލްތަކެވެ.
"އުމުރުން އަދި 25 އަހަރު ވެސް ނުވާ ކުއްޖެއް އެއީ،" އޭނާ ރޮމުން ބުނެލި އެވެ.
އިންޑިއާގެ އަންހެނަކު އޭނާގެ ކޮއްކޮ ހޯދަން، ރޯވި ސަރަހައްދުގައި
އެ ސަރަހައްދުގައި ދިރިއުޅޭ އިންޑިއާގެ އެހެން އަންހެނަކު ގޮސް ހުރީ އޭނާގެ ރަހުމަތްތެރިއަކު އެ އިމާރާތުގައި ދިރިއުޅޭތީ އެވެ. އޭނާ ބުނި ގޮތުގައި ރަހުމަތްތެރިޔާގެ ފޯނު ވެސް އޮތީ ނިއްވާލައިފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ތިމާގެ މީހަކު ވަރަށް ފަހުން އެ އިމާރާތުގައި އުޅުމަށް ފަހު ފުރައިގެން ދިޔައީ ދާދި އިހަކަށް ދުވަހު އެވެ.
"އޭނާގެ ނަސީބެއް ކަންނޭނގެ،" 10 މީހުން މަރުވި ވާހަކަ ބުނުމާ އެކު، އޭނާ އަށް ބުނެލެވުނެވެ.
އެ ސަރަހައްދުގައި ބިދޭސީ ބައެއް މީހުން ވަރަށް މޮޅިވެރިކަމުގައި ތިބިތަން ފެނުނެވެ. ބައެއް މީހުންގެ ލޮލުން ކަރުނަ އައިސްފައި ހުރި އިރު އެކަކު ގިސްލާފައި ރޮމުން ދިޔަ އެވެ. އެކަމަކު އޭނާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.
ބަންގްލަދޭޝްގެ ފިރިހެނަކު ބުނި ގޮތުގައި އެ އިމާރާތުގައި ތިބޭ އެންމެންނަކީ ވެސް މަހުންމަހަށް 700ރ. ދީގެން ތިބޭ އިމާރާތެކެވެ. އެ އިމާރާތުގެ ތެރޭގައި ކައްކައި ކެވޭ ގޮތަށް ހުންނަ ކަމަށާއި ބިންމަތީގައި ކުނާ ފަތުރައިގެން ވެސް މީހުން ނިދަ އެވެ. ބަންކް ބެޑް ވެސް ހުރެ އެވެ.
އެއީ ކޮން ކުންފުންޏަކުން ގެނެސްފައި ތިބި ބައެއް ކަމެއް، އަދި އެއީ ކޮންކޮން މަސައްކަތްތަކެއް ކުރާ ބައެއް ކަން މިހާތަނަކަށް ސާފެއް ނުވެ އެވެ.
ރޯވި ގަރާޖުގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ބޮޑު ހޯލެއްހެން އެތެރެ އޮންނާނީ. ކުރިން އެހެން އެ ހޯލް އޮއްވައި ފަހުން ޑެކެއް އަޅައިގެން ވެސް އެތަނުގެ ތެރޭގައި މީހުން ނިދަން ފެށި،" އެތަނުގެ އެތެރެ އޮތް ގޮތް ދުށް މީހަކު ބުންޏެވެ.
މިހާތަނަށް 10 މީހެއްގެ މަރު ވަނީ ކަށަވަރު ވެފަ އެވެ. އެކަމަކު އެ ސަރަހައްދުގެ ބައެއް މީހުން ބުނި ގޮތުގައި އަލިފާން ރޯވި ފަހުން އެ އިމާރާތުން ނުކުތް ކަމަށް ވަނީ އެންމެ ހައެއްކަ މީހުންނެވެ.
"އަޅުގަނޑަކީ ހަމަ ޖެހިގެން މި ހުރި އިމާރާތުގައި އުޅޭ މީހެއް. ހަޅޭއްލަވާ އަޑަށް ބޭރަށް ނުކުތްއިރު މިތާނގައި ހުރީ ރޯވެފައި. އޭރު ހައެއްކަ މީހުން އިމާރާތުން ބޭރަށް ނުކުމެތިބި. އޭގެ ފަހުން މީހުން ނުކުތް ކަމެއް ނޭނގެ،" އޭނާ ކިޔައިދިނެވެ.
އެކަމަކު، އެ އިމާރާތުގެ ތެރޭގައި ދިރިއުޅޭ މީހުން މަދުނުވާނެކަން އެއީ އެންމެންނަށް ވެސް ޔަގީން ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ނިޝާ
10 November 2022
ރައިސް އެބުނާގޮތަށް ބޯހިޔާވެހިކަން ހައްގުވެރީންނަށް ދީގެން މެނުވީ ހައްލެއްނެތް، ސަރުކާރު އަދި ކުންފުނިތަކުގެ ވެރީން ފުލެޓް ނުފޫޒް ފޯރުވާގެން އެނަގައި އެޕާޓްމަންޓު ތަށް ބޮޑުއަގުގައި އެހެން މީހުންނަށް ދޭހާދުވަހަކު މިކަން ހައްލުވާކަށް ނެތް. ފުލެޓު އޮޅުވާލާގެން މޮޅެތި ގޮތްގޮތަށް ބާލާ ހަމަ އެކަނި އެމީހުންނަށް ލިބޭގޮތަށް ހަދާފަ އޮންނަނީ، މިކަން ބަލާނެ ބަޔަކުނެތް، އެސްޓީއޯވެސް ހަމަ މިހާލުގަ. އިންޑިޔާ ކުންފުނި އަކާއި ގުޅިގެން ބޮޑަތި ޖަރީމާ ހިންގަނީ
މޭޔަރުބެ
10 November 2022
ކަމެއްދިމާވީމަ އެންމެންވެސް އެވާހަކަ ދައްކާނީ، ރައިސް ވިދާޅުވަނީ މައްސަލައަކީ ތޮޖެހިގެން އުޅޭތީޔޯ މިހެން މިދިމާވަނީ، ތެދެކެވެ. ސުވާލައަކީ މިކަން ހައްލުކުރަން ބަޔަކު އުޅޭތޯއެވެ. ހުރިހާ ސަރުކާރުތަކުންވެސް މިކަން ހައްލުކުރަން ކިޔާފަ ފުލެޓުތަކުން ނަގަނީ ނާޖާއިޒް ފައިދާއެވެ. މުއްސަދީން އިތުރަށް މުއްސަދިވާގޮތަށް ފުލެޓް ކަޓުވާލަނީއެވެ. މިހާރު އެސްޓިއޯއިން ދޫކުރާ ފުލެޓްވެސް ހަމައެކަނި މުއްސަދި މީހުންނަށް ލިބޭގޮތަށް އެއޮތީ ހަދާފައެވެ. އަޅާލާނެ މީހަކު ނެއް
މަރުޖާނު
10 November 2022
ތިތަނުގެ ވެރިފަރާތް/ތަން ހިންގައި ބަލަހައްޓާ ފަރާތަށް އެތަނުގައި ދިރިއުޅޭ މީހުންގެ/ނިދާ މީހުންގެ މަޢުލޫމާތު ހުންނަންވާނެ ކަމަށް ފެނެއެވެ.
ވިކިލީކްސް
10 November 2022
ބިދޭސީއަކު ހިންގާ ވިޔަފާރިއަކުން އެތައް ފުރާނައެއް ގެއްލުނީއެވެ. މަރުގެ ޒިންމާ ނަގާނެ މުއައްސަސާއެއް ނެތެވެ. ބިދޭސި ވިޔަފާރިތަކާ، ބިދޭސީން ނިދާ ތަންތަނުގެ ހާލު އެންމެނަށް އެނގޭއިރުވެސް ބިދޭސީން ރެގިއުލޭޓްކުރާ ފަރާތުން އެމީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ބަލާކަށް އަހަރަކު 1 ފަހަރުވެސް ނުދެއެވެ. ގައުމާ ދޭތެރޭ ވިސްނުމުގެ ބަދަލުގަ ބޮޑުން ވިސްނަނީ ތިޖޫރިއަށް ވަންނަ ފައިސާއާމެދުގައެވެ. ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށްހުރި ނުރައްކަލަކަށް ވެއްޖެ!
ޖައްސާހާލު
10 November 2022
ރަށެއްގަ ހިންގާ މަޝްރޫއެއްގެ މަސައްކަތަށް ގެނައި އިންޑިއާ ބަޔަކު ބާ މިސްކިތެއްގައި އެހާ ނިކަމެތިކޮށް އުޅުނު ހަބަރު މި ނޫހަށް އެރި. އެމީހުންގެ ނިކަމެތިކަމާ ފަގީރުކަމުގެ ފައިދާ ނަގައިގެން މިގައުމުގެ މަސައްކަތްތަކަށް ގެނެސް އެހާ އިހާނެތިކޮށް ހަދަން ހެޔޮނުވާނެ. އަހަރުމެންނަށް ބޭނުންވަނީ އެފަދަ ބައެއްގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން ގައުމަށް ގެންނަ ތަރައްގީއެއް ނޫން. އެމީހުން މިގައުމުގަ ތިބުމުގެ އިންތިޒާމު އެއީ ހަމައެކަނި އެގައުމުގެ ޒިންމާއެއް ނޫން
ބޮޑުމީހާ
10 November 2022
ތިކަންތައްތައް ހައްލުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިގެން،.އެގޮތުން މާލެގެ މޭޔަރާއި ޕްލޭނިންގ މިނިސްޓަރ އަދި އިމިގްރޭޝަން ކޮންޓްރޯލަރ ވަގުތުން ހައްޔަރުކޮށް ފިޔަވަޅު އަޅަންވީ
76532
10 November 2022
ތިތަން ކުއްޔައްދިން ވެރިފަރާތް އަތުން ބިން އަތުލާފަ ޖަލައްލާ.މައްސަލަ ބަލާ ނިމެންދެމް ޖަލުގަ ބާއްވާ.
ގެދާނޯމޮސް
10 November 2022
މިސަރުކާރުގެ އިންތިޚާބު ކައިރި ވެފައޮށްވާ ޖަލައްދާވަހަ އިހައްނުދައްކަބަލާށެވެ .
ބޯހަލާކު! ވެރިންނަކީ ގައްދާރުން! ވަޒީފާ އަދާ ނުކުރޭ އެކަކުވެސް!
10 November 2022
ވެރިކަމައް އަންނަ އެންމެން ބަލަނީ ބޮޑެތި ލޯނު ނަގައިގެން، ބައެއް ޖީބައް ކަޓުވާލާފަ، ފެންވަރު ދައްކޮން ޕްރޮޖެކްޓް ހިންގޭތޯ! މުޅި ގައުމުގަ ސަލާމަތްކަން ކުޑަ ބައިވަރު ކަންކަން. ވަރިހަމަތާ!!! މައްސަލައެއް ނުފެންނަކަމައް ހެދީމަ، އޯކޭ އެންނު!!!
ސުން
10 November 2022
ތިކަހަލަ ތަންތަން ހިންގަނީ ބިދޭސީ ބަންގާޅީން. މައްޗަންގޮޅީ ޗާންދަނީ މަގު އޭމަލާ ކިޔާ ފިހާރަކުރިމަތީގައި ހުންނާނެ ތީގެ 5 ސްޓާރ ތަނެއް. ތިރީގައި ހުންނަނީ ގުދަނެއް. ނަމެއް ޖަހައިގެން ބަންގާޅީން ތިބޭ ފިހާރައެއްވެސް ހުރޭ. ފުލުހަށް އެތަނުގެ މައުލޫމާތު ދެވުނު އަދަދެއް ނޭނގެ. އިކިނޮމިކްސް މިނިސްޓްރީ ސިޓީ ކައުންސިލް ރައީސްއޮފީހަށްވެސް މިތާގެ ދުއްޕާން އެތައްފަހަރަކު ރިޕޯޓް ކުރިން. އެއްކަމެއްވެސް ނުވި
މާޔޫސް
10 November 2022
ނުވާނެ ކަމެއް. އެއީ ކަންކަން ހައްލުކުރަންތިބޭ ބައެއްނޫން.
ބާރު ބާރު ދޭކޯ
10 November 2022
ޙ. ކަޅުހުރާގެ މީހުން ނިދަން ގަދާފައިހުރި ތަނެއްއެއީ. ދިވެއްކު އެތަން ބަލާފިނަމަ އެތަން ހުރިގޮތް ފެނިފައި ށޮނިވެއްޓޭނެ. އެހާވެސް ތާޒާ ތަނެއް. މަތިމައްޗަށް ދަނގަނޑު ހޮޅިއަޅައުގެން ބަލްކް ހަދާލާފަ ހުރީ