މަޑިއެއް: ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް މީހުން ކަންކަން ކުރަމުންދާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކުރި.
29 ޑިސެމްބަރ 2022 - 11:10
ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް މީހުން ކަންކަން ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.
އެ އިދާރާގެ އިއުލާނެއްގައި ބުނީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރަށްރަށަށް ދަތުރުކުރުން އިތުރުވެ، ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ޓޫރިޒަމާ ގުޅޭ ސްނޯކްލިންގް އާއި ޑައިވިން އާއި ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި އާއި ވައިފިޔަމަޑި އާއި މަޑީގެ އެހެން ބާވަތްތައް ބެލުމުގެ ޝައުގުވެރިކަން ވެސް އިިތުރުވެފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ސްނޯކްލިންގް އާއި ޑައިވިން އާއި ކްރޫޒިން އަދި މޫދަށް އެރި އުޅޭއިރު، ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް މީހުންގެ އަމަލުތައް ހުރުމަކީ އެ އެޖެންސީން ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެހެންވެ، އީޕީއޭއިން ބުނިގޮތުގައި، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ އެވެ.
އީޕީއޭއިން އެ އިއުލާން ނެރުނީ ކަނޑުގެ ބައެއް ދިރުންތަކަށް ކާންދޭ މައްސަލަ ބޮޑުވެ، އެ ވާހަކަ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ދައްކަވާފައި ވަނިކޮށެވެ. ކަނޑުގެ ބައެއް ދިރުންތަކަށް އުނދަގޫވާ ގޮތަށް އެ އެއްޗެހި ބަލަން މީހުން ގޮސް އުޅޭ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް އެ ޕްރޮގްރާމްގައި އޭނާ ވިދާޅުވި އެވެ.
ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އެ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އުނދަގޫވާ އަމަލެއް ކުރުމަކީ މަނާކަމެކެވެ.
އީޕީއޭއިން ބުނީ ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރު ކަމުގައި ނުވެފައި، އެ ތަކެތީގައި އަތްލައި ކާންދީ ހެދުމަކީ އޭގެ ތަބީއީ ގޮތްތަކަށާއި ގުދުރަތީ ނިޒާމަށް ބުރޫ އަރައި، އެކި ކަހަލަ ބަލިތަކަށް މި ދިރުންތައް ހުށަހެޅޭނެ އަމަލެއް ކަމަށެވެ.
• އުޅަނދުފަހަރުގައި މަޑި ބަލަން ދާއިރު، މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބުރުނާރާނެ ގޮތަށް މަދުވެގެން ތިން މީޓަރު (10 ފޫޓު) ދުރުގައި އުޅަނދު ބޭއްވުން.
• ބައެއް މަޑީގެ ދިރުންތަކަކީ ކާނާ ހޯދުމަށް ތިލައިގައި އުޅޭ ދިރުންތަކަށް ވާތީ އެ ހާލަތްތަކުގައި އެ ސޮރުމެންނަށް ގޯނާ ނުވާ ގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކުރުން.
• މޫދަށް އެރިއުޅޭ މީހުން ވެސް މަޑިއަށް އުނދަގޫނުވާ ގޮތަށް އުޅުން.
އެންމަޑި އާއި ވައިފިޔަމަޑި އަދި މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކާއި ޖަމިއްޔާތަކުން މަދުވެ، ނެތިގެންދާ ކަމަށް ފާހަގަކޮށްފައިވާ ބާވަތްތައް ކަމަށް އީޕީއޭ އިން ބުންޏެވެ.
"މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާ މެދު މި އޭޖެންސީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން ވެސް އަންގަމެވެ،" އިއުލާނުގައި ބުންޏެވެ.
ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަނޑުގެ ބައެއް ސަރަހައްދުތަކަކަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ. އެކަމަކު އެ ތަންތަން ރަނގަޅަށް މޮނީޓާނުކުރެވި، ޓޫރިސްޓުން ތޮއްޖައްސައި، ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ މައްސަލަ ވަރަށް ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތާނަ
29 December 2022
މޫދަށްއެރޭ މީހުނަށް މަޑީގެ ނުރައްކާ އޮތް އޮތުން ބަދަލުވެ އެމީހުންގެ ފަރާތުން މަޑުއަށް ނުރައްކާވާ ވާކަމަށް ގާނޫނު ވެސް ބަދަލުވީ. އިތުރު އެއްވެސް ކަމެއް ނޫން. ޑޮލުަރުނަގާ ވަކި ގިންތިއެއްގެ މަންފާ. އެމީހުން ދުނިޔޭގެ މީޑިޔާގަވެސް ނުފޫޒު ގަދައީ. ނިކަމެތި މަސްވެރި ރައްޔިތުން އަދަދުން ގިނަޔަސް ޒަމާނީ ވަސީލަތާ ފައިސާއާ ނުފޫޒުގަ ދެރަވީމާ ވާގޮތް! މަދުވަނީ ހުރިހާ ވައްތަރެއްގެ މަޑިއެއް އަދި ހުރިހާ ވައްތަރެއްގެ މިޔަރެއް ނޫން.
ނައީމް
29 December 2022
ފީކަޅާ ވާހަކައެއް.
މަޑިކިލަނބުން ވަގުތުން
29 December 2022
ކޮންކަހަލަ މަޑިއެއް.. ރުކު މަޑިތަ? ބައިސިކަލް މަޑިތަ? ސައިކަލް މަޑިތަ?
މަޑިވަރު
29 December 2022
އެންމެ ގިނައިން ގެއްލުންދެނީ ސައިކަލްގެ މަޑިއަށް..
އޮމްބަޑޮސްގެ އޮފީހުގެ ޕިއޯނަކަށް އުޅޭ ނިކަމެތި ސޮރު
29 December 2022
ބަލަ ބަލަ ބަލަ މިހުރިހާ ތަކެތި ލެއްވީ އިންސާނުންގެ ޚިދުމަތުގައޭ ދެން މިއަކީ ވަކި ބައެއްގެ ތަރިކަ މުދަލެއްނޫން ވީއޔާ
އެންމަޑި
29 December 2022
އެއީ ކޮން ހިދުމަތެއް؟
އުދުހޭ
29 December 2022
ދިވެހިރައްޔިތަކަށް މަޑީގެ ވީޑިއޯއެއް ނަގަން ހަނިފަރު ކައިރިއަށް ޑްރޯނެއް އުދުއްސެނީ އެތަށް ހާސް ރުފިޔާއެއް ދީފަ. ހިމާޔަތްކުރުމުގެ ނަމުގައި ބަޔަކު މީހުން ބޮޑުފައިދާނަގާ ފިޔަފާރިއަކަށް މިކަން ހަދައިފި. އެތަނުގައި ހިމާޔަތްކޮށްފައި އޮންނަނީ ކަނޑާއި މޫދު ސަރަހައްދު. އެކަމަކު ވައިގެ ސަރަހައްދަށްވެސް ވަނުން މަނާ. ގާނޫނު ބުނާގޮތުން ވައިގެ ސަރަހައްދުގެ އިހްތިސާސް އޮންނަނީ ސިވިލްއޭވިއޭޝަނަށް.
ގައި ސްޓީވަންސް
29 December 2022
ޔޫރަޕް ފަތަން ނުދަންނަ ދޮން މީހުން ފާޑުފާޑު ނަންނަމުގަ އެންޖީއޯ ހަދައިގެން އައިސް އޭގެ ބުރަކަށި ތޮރުފާ ވިހި ފޫޓު އެންޓަނާ ހަރުކޮށް އެއަށް ހައްވާފުޅާ ގާސިމް ކަލޭގެފާނު ނަމުން ނަންދީ އެއާ ބެހޭއިރު ކަލޭމެންނަށް އޯކޭ. ދިވެއްސަކު ފޯޓޯއެއް ނަގަން އޭގަ ފިރުމާލިޔަސް މިލިއަނުން ޖުރިމައިނާ
އެންމަޑި
29 December 2022
އޭގެ ބުރަކައްޓައް ގިނަފަހަރު ހަމަލާ އަންނަނީ ލޯންޗް ދުއްވަންހުންނަ ދިވެހި މީހާގެ ސަބަބުން. ބާރަށް ލޯންޗް ދުއްވުމަކީ މާ ކޫލް ކަމެެއް ދިވެހިންނަށް. ދުވަހަކުވެސް ނުދެކެން ތިކިޔާ އެންޖީއޯގެ މީހުން އެއަށް ގޯނާކުރި ތަނެއް. މަންޓާ ބަލަންދާތާ 5 އަހަރުވެއްޖެ. އޭގެ ނުފިރުމާ ފޮޓޯ ނުނެގެނީތަ؟
ރޯންވީހޭ
29 December 2022
މިޤަޢުމުގަ މަށަށް ނެތް ހިމާޔަތް މަޑިތަކަށްވެސް ލިބޭ. އެކަމަކު އުފާވޭ މަޑިތަކަށްވެސް ލިބޭތީ
އެމްސް
29 December 2022
މިއީ އިންސާނުން ނޫން ހުރިހާ މަޚްލޫގެއް ޙިމާޔަތް ވެގެންވާ ޤައުމެއް!
ވަރުމީ
29 December 2022
އެނަމަޑީގަ ކަށި ނެތީމަ ވާގޮތް. ކަށި ހުރި މަޑި ފަހަތަުން ދާކަން ނުކެރޭނެ.
މަޑި
29 December 2022
މަޑިޔާ އެފަދަ އެއްޗެހި އުޅޭ ސަރަހައްދުތަކުން ދަތުރުކުރުކުރުމާ މޫދަން އެރިއުޅުންވެސް މަނާކުރަންވީ
ބަރުބާދު
29 December 2022
ވިލިމާލެ ފަރު ފުނޑާލާފަ އެތިބީދޯ!. ކީއްބާކުރެވުނީ.؟.