ނާފިޒް ވާހަކަ ދައްކަވަނީ: އިންޝުއަރެންސް ކުރާނެ ކުންފުނި ކަނޑައެޅުމަކީ އުޅަނދުގެ ވެރިފަރާތުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ވިދާޅުވި-- ފޮޓޯ؛ ނިޝާން އަލީ / މިހާރު
15 ޖެނުއަރީ 2017 - 15:28
ކަނޑު އުޅަނދުފަހަރުގެ އިންޝުއަރެންސް (ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް) ގެ ޚިދުމަތް ދިނުން އެލައިޑް އިންޝުއަރެންސާ ހަވާލުކޮށްފައި އޮތަސް އިންޝުއަރެންސްގެ ޚިދުމަތް ދޭ އެހެން ކުންފުނިތަކަށް ވެސް އެ ޚިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އޮގަސްޓް މަހު ހަމަޖައްސާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑު އުޅަނދުތައް ދުއްވޭނީ އިންޝުއަރެންސްކޮށްގެން ކަމަށެވެ. އެ އިންޝުއަރެންސްގެ ޚިދުމަތް ދިނުން އެލައިޑް ކުންފުންޏާ ހަވާލުކޮށްފައިވާތީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ހަލް އިންޝުއަރެންސްގެ ޚިދުމަތް ދެވޭނީ ހަމައެކަނި އެލައިޑަށް ކަމަށް ނިންމާފައި ނޯންނާނެ ކަމަށާއި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެލައިޑާ ދެމެދު އެއްބަސްވުމެއް އޮތުމަކީ އެހެން ކުންފުނިތަކުގެ އިންޝަރެންސް ބަލައިނުގަތުން ނޫން ކަމަށާއި އިންޝުއަރެންސް ކުރާނީ ކޮން ކުންފުންޏަކުންތޯ ނިންމުމަކީ އުޅަނދުތަކުގެ ވެރިފަރާތުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
"ހަމައެކަނި މިތަނުން ގަބޫލުކުރާނީ އެލައިޑުން ދޭ ހަލް އެންޑް މެޝިނަރީ އިންޝުއަރެންސްއޭ ބުނެފައެއް ނޯންނާނެ. އޮޑިވެރިޔާ އަށް އެބައޮތް ރާއްޖޭގައި ތިބި އެހެން އިންޝުއަރެންސް ކުންފުނިތަކުގައި އިންޝުއާ ކުރުމުގެ ފުރުސަތު ވެސް. އެލައިޑާ ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އޮތް އެއްބަސްވުމަކީ އެއްވެސް ފަރާތަކުން އެ ޚިދުމަތް ނުދޭ ހާލަތެއްގައި އެލައިޑް އިންޝުއަރެންސް އޮންނާނެ. އެކަމުގެ ގެރެންޓީއެއް މިއޮތީ ހޯދާފައި،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި އެ ޚިދުމަތް ދިނުން އެލައިޑާ ހަވާލުކުރީ ދެ ފަހަރަށް އިއުލާން ކުރުމުން ވެސް ކުރިމަތިލީ ހަމައެކަނި އެލައިޑުން ކަމަށް ވެފައި، އެހެން ކުންފުނިތަކަށް ވުރެ ހެޔޮ އަގުގައި އެ ޚިދުމަތް ދޭން އެލައިޑުން އެއްބަސްވުމުންނެވެ.
"އެލައިޑް އިންޝުއަރެންސް އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އެއްބަސްވީ އެ ކުންފުނިން މިހާރު އެ ޚިދުމަތް ދޭ އަގަށް ވުރެ 30 ޕަސެންޓް ހެޔޮކޮށް އެކަންކޮށް ދިނުމަށް. އެހެންވެ ސަރުކާރަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެސް އަދި އޮޑިވެރިންނަށް ވެސް އެންމެ ފަސޭހަ ގޮތަކަށް އެކަން ސަރުކާރުން ނިންމާފައި އޮތީ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އެ ޚިދުމަތް ދިނުން ހަމައެކަނި އެލައިޑަށް ދިނުމުން އެމްއެމްއޭ އިން އެކަމާ މެދު ސުވާލުކުރި ކަމަށާއި އެކަން ހިނގިގޮތް އެމްއެމްއޭ އަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ. އަދި އެކަމަށް އިއުލާން ކުރިފަހުން ވުޖޫދަށް އައި އިންޝުއަރެންސް ކުންފުނިތަކުން އެކަމާ މެދު ކަންބޮޑުވިޔަސް އެ ފަރާތްތަކަށް ވެސް އެ ޚިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އިއުލާން ކުރިއިރު އުފަން ނުވާ ކުންފުނިތައް ވެސް އެބަތިބި. އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ދަންނަވާނީ ކަންބޮޑުވާނެ ކަމެއް ނެތޭ. ވާދަވެރި މާހައުލެއްގައި އެކަން ކުރުމުގެ ފުރުސަތު އެބައޮތޭ ތި ބޭފުޅުންނަށް ވެސް،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވި ގޮތުގައި ކުރިން އިންޝުއަރެންސް ކޮށްފައި ހުރި ކަނޑު އުޅަނދުތަކުގެ އިންޝުއަރެންސް މުއްދަތު ހަމަވަންދެން އަލުން އިންޝުއަރެންސް ކުރާކަށް ނުޖެހޭނެ އެވެ. އެކަމަކު ކުރިން ކޮށްފައިވާ އިންޝުއަރެންސްގެ ތެރޭގައި ވެސް ހަލް އެންޑް މެޝިނަރީގެ ޕޮލިސީ ހިމެނެން ޖެހޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކެނީ
16 January 2017
ރާއްޖޭގައި އިންޝުއަރެންސް ކަން ކަން އަދި ވެސް ކުރިއަރުވަންވީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް. އެގޮތުން ހައްދަވަންވީ ގޮތަކީ ކޮންމެ ދިވެއްސަކު ވެސް ލައިފް އިންޝުއަރެންސް ކުރަން ޖެހޭނެ ކަމަށް ގާނޫނެއް ތައްޔާރު ކޮށް ކޮންމެ ދިވެއްސަކު އުފަންވާ ތާރީޚް އިން ފެށިގެން ކަށްވަޅަށް ދާން ދެން މަަހަކު 100 ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އަށް ދައްކާ ގޮތަށް ގާނޫނެއް ފާސް ކުރަންވީއެވެ. އެއިރުން މިފައިސާ ދެއްކާފައިވާ ފަރާތަކަށް އެދައްކާފައިވާ މުއްދަތަކަށް އައިޑީކާރޑް އަދި ޕާރސްޕޯރޓް ހައްދާ ދެވޭނީ. ކަން މިހެން ހުރުމުން މިފަދަ ގާނޫނެއް އުފަން ކުރުމާއި މެދު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނާނެ ކަމަށް މަމެން މިދެކެނީ.
GAN Island
15 January 2017
ހަދާނަށް އަންނަނީ ތަންކޮޅެއް ކުރީ ޒަމާނެއްގައި ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމަށް ވެސް ތިކަހަލަ ކޯޓާ ތަކެއް ހަދައި ބަޔަކު ފައިދާނެގި ހަދާން. އަދިވެސް އެ ސަކަރާތް ޖަހަން ބޭނުންވަނީކަންނޭގެ. އެއީ މާޒީ ދެން އެކަމެއް ނުވާނެ ހަދާން ނައްތާލާ
ކޮސް
15 January 2017
ކީކުރަންތޯ ބިޑް ހުޅުވާލީ! އެސްޓިއޯއިން ޑިސްކައުންޓް ދެނީ ސަރުކާރުން ހުޅުވާލާ ބިޑެއް ކާމިޔާބުކޮށްގެނެއް ނޫން!
ފިއުޗަރ
15 January 2017
ދިވެހިރާއްޖޭގައި އަދިވެސް އިންޝުއަރެންސް ކަންކަން ރަނގަޅު ކުރަންވީ އެވެ. އެގޮތުން ދިވެހިންނަށް ދޫކުރާ އައިޑީ ކާރޑް ވެސް ދޫކުރަންވީ ބޭރުމީހުން ގޮތަށް 6 މަސް ދުވަހުގެ މުއްދަތަށެވެ. އައިޑީ ކާރޑް އާ ކޮށްދެވޭނީ މެޑިކަލް ޗެކް އަޕްސް ހެދުމަށް ފަހު ގައެވެ. އަދި މިދެންނެވުނު މެޑިކަލް ޗެކް އަޕްސް ހެދޭނީ ހަމަ އެކަނި އައިޖީއެމްއެޗް އާއި އަދި މާލެ ވިލިގިލީ ހޮސްޕިޓަލް އާއި އަދި ހުޅުމާލޭ ހޮސްޕިޓަލް އާއި އަދި ޓްރީ ޓޮޕް ހޮސްޕިޓަލް އިން އެކަނި ކަމަށް ސަރުކާރުން ހަމަ ޖައްސަންވީ ގާނޫނެއްގެ ދަށުން ލާޒިމް ކޮށް ގެން. އަދި އައިޑީ ކާރޑް ހަދައިދެވޭނީ އެމީހެއްގެ އެކްސިޑެންޝަލް އިންޝުއަރެންސް އަށް ވާ ފައިސާ ވެސް އެލައިޑް އިންޝުއަރެންސް އަށް ދެއްކުމުންނެވެ. އެގޮތުން ދައްކާ އިންޝުއަރެންސް ފީ ހެދިދާނެ ނޫންތޯ ބޮލަކަށް 150 ރުފިޔާ މަހެއްގެ މައްޗަށް ނަމަވެސް. އެފައިސާ ދައްކަން ޖެހޭނީ 6 މަސް ދުވަހަށް އެއް ފަހަރާއި އެވެ. މިއުސޫލުން ރާއްޖޭގެ އިންޝުއަރެންސް ކަންކަން އަދިވެސް ވަރުގަަދަ ކުރަންވީ އެލައިޑް މެދުވެރިކޮށް. ރާއްޖޭގެ ހުރިހާ ދިވެހިން މިހާރު މިތިބީ ކޮންމެ މީހަކު ވެސް ފުލް މެޑިކަލް ޗެކް އަޕް އަށް ބޭނުން ވެފައެވެ، ކޮންމެ ތިން މަހުން އެެއް މަހު މެޑިކަލް ޗެކް އަޕް ހަދަން ޖެހޭނެ ކަމަށް ޑަބްލިޔު އެޗްއޯ ސްޓޭންޑަރޑް ބުނަނީ. އެހެން ކަމަށްވާނަމަ ރާއްޖެ ވެސް ޑަބްލިޔު އެޗްއޯގެ ސްޓޭންޑަރޑް އަށް އަމަލު ކުރަން ޖެހޭނެ ނޫންތޯއެވެ. ޔުއަރ ފިއުޗަރ އިޒް މީން ޓު އަސް.
އަހުމަދު
15 January 2017
އިންޝުރެންސް ޚިދުމަތް އުޅަނދުތަކަށް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބިޑުކުރުމަކީ ކޮންކަހަލަ ކަމެއްތޯ.. އިންޝުރެންސް ކުންފުނިތަކުން ކުރިމަތި ނުލީ އެ ސަބަބާހެދި.. ހުރިޔާ އުޅަނދުތަކެއްގެ ރިސްކު ސަރުކާރު ކުންފުންޏަކާ ހަވާލުކުރުމަކީ ނުރައްކަލެއް. ތިކަމުގައި ރައީސް ޔާމިންގެ އިރުޝާދެއް ކުރިން ހޯދާލިނަމަ ތިހެން ނުވީސް.
ނުޖެހޭނެ
15 January 2017
ސަރުކާރުގެ ބަޖެޓް އަރަނި ވަން ދެން ހުރިހާ އިންޝުއަރެންސް އެއް އޮންނަން ޖެހޭނީ ގާނޫނީ ގޮތުން މަޖްބޫރު ކޮށްފައި އެލައިޑް ގައި ކަމަށް އިންޝުއަރ ކުރަން ޖެހޭނީ ސަރުކާރުން ލާޒިމް ކުރާ ހުރިހާ އިންޝުއަރެންސް އެއް. އަމިއްލަ އިންޝުއަރެންސް ކުންފުނި ތައް ހެދީ އެއީ ސަރުކާރުން ބުނެގެން ތޯ. ނޫން ދޯ. ދެނޯ ދެން ކޯއްޗެކޭ ކިޔަންތޭ. އަދި ބަޔަކު ހަޅޭއް ލަވާއިރަށް ސަރުކާރުން ނުޖެހޭނެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ދޫދެން. އެކަން އޮންނަން ޖެހޭނީ ސަރުކާރު މުއްސަނދި ވަން ދެން ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ވަރަށް ކޮންޒަރވޭޓިވް އުސޫލުން ނެވެ.
ދިސްވޭ
15 January 2017
ހަލް އިންޝުއަރެންސް ބަދަލު ކޮށްގެން ނުވާނެ އެހެން އިންޝުއަރެންސް ކުންފުންނަކަށް. އަދި އެމްއެމްއޭ ގައި ވެސް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ހުރުމަކީ ވެސް އެއީ ނެތި ނުދާނޭ ކަމެކެވެ. އެމްއެމްއޭ ބުނާ ހުރިހާ ގޮތަށް ސަރުކާރުން ކަންކަން ކުރާން ވެސް ނުޖެހޭ ދޯ. ހަމަ އެގޮތަށް ދެން ހަދަންވީ ގޮތަކީ އައިޖީއެމްއެޗް އިން ބޭރުމީހުންގެ މެޑިކަލް ހައްދާދޭންވީ 300 ރުފިޔާ އަށް. އެއިރުން ހުރިހާ ބޭރު މީހުންގެ މެޑިކަލް ހައްދާނީ އައިޖީއެމްއެޗް އިން ނޫންތޯ. އަދި ގާނޫނަކުން ކަނޑައަޅަންވީ އެކަން ކުރަން ޖެހޭނީ ސަރުކާރުގެ މާލެ ސަރަހައްދުގައި ހުންނަ މާލެ ވިލިގިލި ހޮސްޕިޓާ އަދި ހުޅުމާލޭގެ އާސަންދަ ހޮސްޕިޓާ އަދި އައިޖީއެމްއެޗް އެކަނި ކަމަށް. އެއިރުން ސަރުކާރަށް ބޭރު މީހުންގެ މެޑިކަލް ޗެކް އަޕް އިން އެކަނި ވެސް ދުވާލަކު 2 މިލިއަން ރުފިޔާ ލިބޭނެ ނޫންތޯއެވެ.
ދެނޯ
15 January 2017
ދެން ކީއްވެ ބިދޭސީންގެ ހިދުމަތަށް ހަމައެކަނި އެލައިޑް ހަމަޖައްސާފަ އޮތީ. އަހަރުމެނަށް ދޯ އިނގޭނީ ހިދުމަތް ހޯދާނެ ފަރާތެއް. މާ ރަނގަޅު ހިދުމަތް ދޭނެ ޕާޓީ އެބަތިބި.
ނޫންނޫން
15 January 2017
ހަލް އިންޝުއަރެންސް ކުރުން އޮންނަން ޖެހޭނީ ހަމަ އެކަނި އެލައިޑް އިންޝުއަރެންސް ގެ ބެލުމުގެ ދަށުގައެވެ. އެއްގޮތަކަށް ވެސް އެހެން އަމިއްލަ ކުންފުނި ތަކަށް ދޭން މަމެން އެއްބަސް ނޫނެވެ. ސަބަބަކީ އަމިއްލަ އިންޝުއަރެންސް ކުންފުނި ތަކަށް ތިކަން ހަވާލު ކޮށްފިނަމަ އިންޝުއަރެންސް ކުންފުނީގެ ބޮޑުން ނާއި ގުޅިގެން ކަޓް ޖައްސާލައިގެން ތިކަން ކްރުއަލް މައިންޑް އުސޫލުން ގެންގޮސް އެމެރިކާ ގައި އިންޝުއަރެންސް ފައިސާ ހޯދަން އެމެން ގަންނަ ގަނޑު މިގައުމުގައި ވެސް ގަންނާނެ ކަން މަމެންނަށް ޝައްކު ކުރެވެއެވެ.
ޢަބްދު
15 January 2017
ތިބުނާ ގަނޑު އެންމެ ބޮޑަށް ގަންނަނީ އެލައިޑުން. މަށަށް އެނގޭތީ މި ބުނީ.