13 ޖެނުއަރީ 2023 - 14:36
މެންޗެސްޓާ (ޖެނުއަރީ 13) - މެންޗެސްޓާ ޔުނައިޓެޑުން ލޯނު އުސޫލުން ހޯދަން އުޅުނު ނެދަލެންޑްސްގެ 30 އަހަރުގެ ފޯވާޑް ވައުޓް ވެހޯސްޓްގެ ޑީލް އެ ކްލަބުން ކާމިޔާބު ކޮށްފި އެވެ.
ބާންލީގެ މި ކުޅުންތެރިޔާ ލޯނު އުސޫލުން މި ސީޒަންގައި ކުޅެމުން އައީ ތުރުކީގެ ބެސިކްޓާސް އަށެވެ. ޔުނައިޓެޑުން ވެހޯސްޓް ގެންދަން ބޭނުން ވުމުން ތުރުކީގެ ކްލަބުން ބުނީ ކުޅުންތެރިޔާގެ ލޯން ކޮންޓްރެކްޓް ބާތިލް ކުރާނަމަ ބަދަލު ދައްކަން ޖެހޭނެ ކަމަށެވެ.
ޔުނައިޓެޑުން ވެހޯސްޓްގެ ލޯން ޑީލް ކާމިޔާބު ކުރީ އޭނާގެ އެއްބަސްވުން ބާލިތުލު ކުރުމުން ބެސިކްޓާސް އަށް ކުރިމަތިވާނެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ތިން މިލިއަން ޔޫރޯ ދައްކަން އެއްބަސް ވުމުންނެވެ.
ވެހޯސްޓް ވަނީ ތުރުކީގެ ސުޕަ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން އަށް ގޯލު ޖަހައިފަ އެވެ. އަދި ހަތަރު ގޯލު ޖަހަން އެހީވި އެވެ. އެންމެ ފަހުން އެ ގައުމުގެ ލީގުގައި ކަސިމްޕާސާއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗުގެ ދެވަނަ ލަނޑު ޖެހީ އޭނާ އެވެ.
ވެހޯސްޓް ވަނީ ނިމިދިޔަ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލް ގައި އާޖެންޓީނާއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 ވަނަރަށް މިނިޓަށް ވެފައި ވަނިކޮށް ކުޅެން އަރައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ޕެނަލްޓީގައި ނެދަލެންޑްސް ބަލިވި ނަމަވެސް އޭނާ ޖެހި ޕެނަލްޓީ ކާމިޔާބު ކުރި އެވެ.
ޔުނައިޓެޑުން ވެހޯސްޓް ގެނައީ މިދިޔަ ނޮވެމްބަރު މަހު ކްރިސްޓިއާނޯ ރޮނާލްޑޯ އާ ދެމެދު އޮތް އެއްބަސްވުން އުވާލުމާ ގުޅިގެން އެ މަގާމު ފޫބައްދާށެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސައުދީ އަރަބިއްޔާގެ އަލް ނަސްރު އާ ގުޅިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ނަސްރާ ގުޅުމާ އެކު އެޓީމަށް ކުޅެމުން އަންނަ ކެމަރޫން ގައުމީ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކުރުގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެއީ ރޮނާލްޑޯ ނަސްރާ ގުޅުނު އިރު ވެސް އެ ޓީމުގައި ބިދޭސީ އަށް ކުޅުންތެރިން ތިބުމުންނެވެ.
ރޮނާލްޑޯ ޓީމުގައި ރަޖިސްޓްރީ ކުރަން އެޓީމުން އަބޫބަކުރު ޓީމުން ބޭރު ކޮށްފައި ވާކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޓީމުން ބޭރު ކުރިއަސް އޭނާ ބަދަލުވާނެ ކުލަބެއް ނިންމަންދެން ކުލަބުން އޭނާގެ ކޮންޓްރެކްޓް އުވާނުލާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.
އަބޫބަކުރު އަންނަނީ އަދިވެސް ނަސްރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ވެހޯސްޓް ނެތް ތަން ފޫބައްދަން ބެސިކްތާސް އިން އަންނަނީ އަބޫބަކުރު ގެންދަން ނަސްރާ މަޝްވަރާތައް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy