ލައިފްސްޓައިލް / މީހުން މެރުން

ޝީނާ މަރާލި ކަމުގެ ދައުވާ އިންދިރާނީ އާއި ޕީޓާއަށް ކޮށްފި

ޝީނާ މަރާލި ކަމުގެ ދައުވާ ލިބޭ ޕީޓާ އާއި އިންދިރާނީ

18 ޖެނުއަރީ 2017 - 05:40

އުމުރުން 24 އަހަރުގެ ޝީނާ ބޯރާ މަރާލުމަށް ފަހު އިންޑިއާގެ މުމްބާއީއާ ކައިރީގައިވާ ހިސާބެއްގައި ވަޅުލިތާ ފަސް އަހަރު ފަހުން އޭނާގެ މަންމަ އިންދިރާނީ މުކަރުޖީ އާއި ދޮންބައްޕަ ޕީޓާ މުކަރުޖީ އަދި އިންދިރާނީގެ ކުރީގެ ފިރިއެއް ކަމަށްވާ ސަންޖީވް ކަންނާގެ މައްޗަށް، ޝީނާ މަރާލަން ރޭވުމާއި މަރާލި ކަމުގެ ދައުވާ ކޮށްފި އެވެ.

ކޯޓުގައި މި މައްސަލަ ބަލަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ.

އިންދިރާނީ އާއި އޭނާގެ ކުރީގެ ފިރިމީހާ ސަންޖީވް ކަންނާގެ މައްޗަށް އިތުރު ދައުވާއެއް ވެސް ސީބީއައިގެ ޚާއްސަ ކޯޓެއްގައި ވަނީ ކޮށްފަ އެވެ. އެއީ ޝީނާގެ ބޭބެ މީކާއިލް ބޯރާ މަރާލަން އުޅުނުކަމުގެ ދައުވާ އެވެ.

ސީބީއައި އިން ބުނެފައި ވަނީ އިންދިރާނީ އޭނާގެ ފިރިހެންދަރިފުޅު މަރާލަން ބޭނުންވީ ޝީނާ ވީ ތަނެއް ނޭނގި ގެއްލުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މާގިނަ ސުވާލުތައް އިންދިރާނީއާ ކުރާތީ ކަމަށެވެ.

އިންދިރާނީގެ ޑްރައިވަރު އަދި މި މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު ވަނަ މީހާ ޝާމްވަރް ރާއީ އަކީ ވެސް ޝީނާ މަރާލުމުގައި އެހީތެރިވީ މީހެކެވެ. ނަމަވެސް އޭނާ ފުލުހުންނަށް ދިން އެއްބާރުލުމުގެ ސަބަބުން އޭނާގެ މައްޗަށް މި ދައުވާއެއް ނުކުރެ އެވެ.

މި މައްސަލަ ފަޅާއަރުވާލީ ވެސް ޑްރައިވަރެވެ. އެއީ އޭނާ މަނާ ހަތިޔާރެއް ގެންގުޅެގެން ހައްޔަރުކުރުމުން އިންދިރާނީ އޭނާ ސަލާމަތްނުކޮށްދިނުމުން އައި ރުޅީގައި ކަމަށްވެ އެވެ. ޑްރައިވަރު ފުލުހުންނަށް ބަޔާން ދިނުމުގެ ކުރިން، ޝީނާ އަށް ވީ ގޮތެއް އެކަކަށް ވެސް ނޭނގެ އެވެ. އިންދިރާނި އެންމެން ގާތު ބުނަނީ ޝީނާ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް ޝީނާ މަރާލި ގޮތާއި އޭނާ މަރާލުމުގައި ބައިވެރިވި އެންމެންނާ ގުޅޭ މައުލޫމާތުތައް ޑްރައިވަރު ވަނީ ފުލުހުންނަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އަދި ޝީނާ އަންދާލި ޖަންގަޔަށް ގޮސް އޭނާ އޮތް ތަން ވެސް ދެއްކީ ޑްރައިވަރެވެ. އެތަނުން އެވަގުތު ވެސް ބައެއް ހެކިތައް ފުލުހުންނަށް ލިބުނެވެ.

ޝީނާގެ ހަށީގަނޑު ވަނީ އޭގެ މާކުރިން ފުލުހުންނަށް ފެނިގެން ގެންގޮސް ޑީއެންއޭ ސާމްޕަލް ނެގުމަށްފަހު ވަޅުލާފަ އެވެ. އެއީ ޝީނާކަން ޔަގީންވީ ޝީނާގެ ކޮއްކޮ މީކާއިލްގެ ޑީއެންއޭ އާއި ފުލުހުންގެ އަތުގައި ހުރި ޑީއެންއޭ ދިމާވުމުންނެވެ.

ސީބީއައިގެ ރިޕޯޓުގައި ބުނެފައިވަނީ ޝީނާ މަރާލީ އޭނާގެ މަންމަ އިންދިރާނީ ކަމަށާއި އެކަން ކުރީ މުދާތަކެއްގެ މިލްކުވެރިކަމުގެ މައްސަލައެއްގައި ކަމަށެވެ. އަދި ޕީޓާގެ ދަރިފުޅަކާ ޝީނާ ރައްޓެހިވެގެން އުޅޭތީ ވެސް އިންދިރާނީ އާއި ޕީޓާ ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

އޭޕްރީލް 2012 ގައި މުމްބައިގެ ބޭރުގައި ކާރު ތެރޭގައި ކާރު ޑްރައިވަރާއި ކުރީގެ ފިރިމީހާގެ އެހީއާ އެކު ޝީނާ މަރާލީ އޭނާގެ މަންމަ އިންދިރާނީ ކަމަށް ސީބީއައި އިން ބުނެ އެވެ. މަރާލުމަށްފަހު ޖަންގަލިތެރޭގައި ބާއްވާފައި ޝީނާގެ ހަށިގަނޑުގައި ރޯކޮށްލީ ވެސް ހަމަ އެމީހުންނެވެ. ނަމަވެސް ހަށިގަނޑުން ނާނދައި އޮތް ބައި ފުލުހުންނަށް 2015 ގައި ފެނިފައިވެ އެވެ. މި ބައި ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އިންދިރާނީ ވަނީ ހައްޔަރުކޮށްފަ އެވެ.

ޝީނާ މަރާލާފައި އަންދާލީ މުމްބައިގެ ރަށްބޭރުގައިވާ ޖަންގައްޔެއްގެ ތެރޭގައި

ޝީނާ އާއި މީކާއިލް އަކީ އިންދިރާނީ އެންމެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ. އެކުދިން ވަރަށް ކުޑައިރު އިންދިރާނީގެ މައިންބަފައިންނާ ހަވާލުކުރުމަށްފަހު އޭނާ މުމްބައި އަށް ގޮސް އޭގެ ފަހުން ކުދިންނާ އެއްގޮތަކަށް ވެސް އަޅައެއް ނުލަ އެވެ.

ޕީޓާ އާއި އިންދިރާނީ ކައިވެނި ކުރި ފަހުން ޝީނާ އާއި މީކާއިލް ބޮޑުވެގެން މަންމަ ހޯދަން މުމްބައި އަށް ދިއުމުން ވެސް ޕީޓާއަށް އިންދިރާނީ އެކުދިން ތައާރަފްކޮށްދިނީ ކޮއްކޮއިންގެ ގޮތުގަ އެވެ. ޝީނާ މުމްބައިގައި އިންދިރާނީގެ ގޭގައި ދިރިއުޅެން ފެށުމާއެކު ޕީޓާގެ ފިރިހެން ދަރިފުޅު ރާހޫލް އާއި ޝީނާ ލޯބީގެ ގޮތުން ގުޅުނެވެ. މިއީ އިންދިރާނީ އާއި ޕީޓާ ވަރަށް ރުޅިއައި ކަމެކެވެ. ޝީނާ މަރާލުމަށް ނިންމީ މި ސަބަބާ ހެދި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެފައިވެ އެވެ.

އިންދިރާނީ އާއި ޕީޓާގެ ގާނޫނީ ވަކީލުން ބުނަނީ ސީބީއައި އިން ދައްކާފައިވާ އެއްވެސް ވާހަކައެއް ކޯޓުގައި ސާބިތުކޮށް ނުދެވޭނެ ކަމަށެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 79%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454