ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަނީ: އެ ކުންފުނީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --ފޮޓޯ/މިހާރު
18 ޖެނުއަރީ 2017 - 21:58
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ބޭފުޅުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނު ބުނާ ގޮތުން ސަރުކާރު ނުވަތަ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ނޫޅޭ ޕްރައިވެޓް ސެކްޓާގެ ހަތަރު މެމްބަރަކު ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބަވާނެ އެވެ.
އޭގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ވިޔަފާރި ނުވަތަ އިގްތިސާދު ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާއި މާލީ ދާއިރާ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގައި މަސައްކަތް ކޮށްފައި ވުމާއި ސަރުކާރު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާ ނުކުރުމެވެ.
އެ މަގާމަށް އައްޔަންކުރާނީ އެ ކަމަށް ކަނޑައަޅާ ކޮމެޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ފާސްކުރާ ނަންތަކުގެ ތެރެއިން ރައީސް ބޭނުންފުޅުވާ ބޭފުޅެކެވެ.
ޕްރައިވެޓް ސެކްޓާގެ ހަތަރު މީހުންގެ އިތުރުން އެ ބޯޑުގައި ދެން ތިއްބަވާނީ ބޯޑުގެ ޗެއާޕާސަނާއި ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ އިސް ބޭފުޅަކާއި ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy