މިއަދު ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވާހަކަ ދައްކަވަނީ؛ އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް
23 ފެބުރުއަރީ 2023 - 15:22
ސިޔާސީ ފިކުރު ތަފާތު ބޭފުޅުން ސަރުކާރުގައި ތިއްބަސް މަޝްރޫއުތަކާ ގުޅުވައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް ދޭނެ ކަމަށް ރައީސްގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަފުތާ ބްރީފިންގައި އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކާ ހެދި ސަރުކާރުގެ ބައެއް ވެރިންގެ ސިޔާސީ ފިކުރު ތަފާތުވުމާ ގުޅިގެންނެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ ޕްރައިމަރީގައި ކެމްޕެއިން ކުރެއްވީ ނަޝީދަށެވެ. އެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބޭފުޅުން އަދިވެސް ރައީސްގެ ފަޅިއަކަށް ނާރުއްވަ އެވެ.
އޭގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުން ހުރަހަކަށް ވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ، އެއްވެސް ކުންފުންޏަކުން ދެމުން އަންނަ ހިދުމަތަކަށް ބަދަލު ނާންނާނެ ކަމަށެވެ.
"ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް އެއްވެސް ހިދުމަތަކުން، އާއްމުންނަށް އުނދަނގުލަކާ ކުރިމަތިލާން ނުޖެހޭކަމުގެ ޔަގީންކަން ދެން. އެއްވެސް ރައްޔިތަކަށް ލިބެން ޖެހޭ ހިދުމަތެއް ނުލިބި ނުދާނެ ކަމުގެ ޔަގީންކަން ވެސް ދެން،" ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ނުކުރައްވާ ބައެއް ބޭފުޅުން ބައެއް ކުންފުނިތައް ހިންގެވުމުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އޮތް ތޯ އާއި އެ ބޭފުޅުން މަގާމުތަކުން ވަކިކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލުކުރުމުން މިއުވާން ވިދާޅުވީ، އެ ސުވާލަށް ދެއްވާނެ ޖަވާބެއް ނެތް ކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވި، ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެގްރޯނެޓްގެ މެނޭޑިން ޑިރެކްޓަރު ހާރޫން ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
23 February 2023
ޚިޔާލު އެއްގޮތް ތަންތާނގައި ވެސް ތިޔަ ބުނާ މަޝްރޫއުތަކެއް ނުހިނގާ. މަގުހަދާށޭ ކިޔާފައި ޕާޓީކުދިންނަށް ވަޒީފާދީފައި ބައިތިއްބަނީ ރިޔާސީ އިންތިޚާބު އަންނަންދެން. މަގުތައް ކޮނެފައި އޮންނަތާ އެތައް ޒަމާނެެއްވާއިރު އެންމެ ކުޑަވެގެން އިންޖިނޭރަކު ނުހުރޭ. ކަމެއްވާ ބައެެއްނަމަ އަމީނީމަގު މިހާރު ނިމިއްޖައިސް. 5 އަހަރު ދައުރެއް ނިމިގެންދާއިރު އެންމެ މަގުގަނޑެއް ނުހެދުނު
ބޮޑުމީހާ
23 February 2023
މި ވެރިމީހާއަށް އެއްވެސް ކަމެއް މައްސަލައަކަށްވޭތަ! މަޖްލީހާއި، 1200 ސިޔާސީ މަގާމު އޮވެމެ، އަމީނީ މަގު ނިންމާ ނުލެވުނު. ކޮރަޕްޝަނެއް ނުބެލުނު ނުހުއްޓުނު، ފްލެޓެއް ނޭޅުނު. ޖޭއެސްސީ ބަދަލެއް ނުކުރެވުނު. ދައުލަތް 100 ބިލިއަނުން ދަރުވާލައިފި. ޕްރޮޖެކްޓްތައް އެހާ ސްލޯ. މައްސަލަ ހޯދަންވެސް އެގޭނީ އެކަމުގެ ގާބިލުކަމާއި ކެރުން ހުންނަ ލީޑަރުންނަށް، ކޮންމެ ކަމަކަށް ވަރިހަަމަ މީހަކަށް ވާނެގޮތް މިގައުމުން މިފެންނަނީ
އޮނަރަބްލް އަފީފު ދީދީ
23 February 2023
ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ ވެރިން ރައީސް އާއި ދެކޮޅަށް ނިކުންނަވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމުން އެކަން "ގޯސްކަމަކަށް ވެފައި" ހަމަ އެފަދަ ކުންފުނިތަކުގެ ވެރިން ރައީސް އާއި "އެއްކޮޅަށް" ތިބުން ރަނގަޅު ވާންވީ ކީއްވެ. # މިކަމުގައި އެންމެ ރަގަޅު ގޮތަކީ އެސްޓީއޯއާއި އެމްޓީސީ ފަދަ ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ ވެރިންވެސް ބެންކް އޮފް މޯލްޑިވްސް އާއި ދިރާޤުގެ އިސްވެރިން ފަދައިން އަމަލު ކުރާން ދަސްކުރުން ކަމަށް ދެކެން.
ޖޯޖޯ ޑްރިން
23 February 2023
ތިޔަބުނީ ހެޔޮކޮށް. އެއީ މި ސަރުކާރުގެ ސަޅި ތަންކޮޅަކީ