ފޯ ނޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގައި ރަނޭ ޓީމަށް ހިތްވަރު ދެއްވަނީ: އޭނާ ވިދާޅުވީ ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
01 މާޗް 2023 - 12:42
ރާއްޖޭގެ ވޮލީބޯޅައިގައި ދެން މަސައްކަތް ފަށަން ޖެހޭ ހިސާބު ދެނެގަނެވިއްޖެ ކަމަށް ވީއޭއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ރާއްޖޭގައި ނިމިގެންދިޔަ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ގައުމީ އަންހެން ޓީމުން ދެއްކި ކުޅުމަށް ތައުރީފް ކުރަމުން ރަނޭ ވިދާޅުވީ ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅެން އިދިކޮޅު ޓީމުތަކަށް ފަސޭހަ ނުވާނެކަން ފެނިގެން ހިނގައްޖެ ކަމަށެވެ.
ސިންގަޕޫރާ ދެކޮޅަށް ފައިނަލުގައި ގައުމީ އަންހެން ޓީމު ބަލިވީ ފަސް ސެޓަށް ކުޅެގެންނެވެ. ސިންގަޕޫރުން، ސީދާ ތިން ސެޓުން ރާއްޖެ ބަލިކުރުމުގެ އަމާޒުގައި ތިން ވަނަ ސެޓްގައި އެ ޓީމުން ބޮޑު ލީޑެއް ވެސް ނެގި އެވެ. އެކަމަކު ރާއްޖެއިން ވަނީ ލީޑު ފަހަނައަޅައި އެ ސެޓް ކާމިޔާބުކޮށްފަ އެވެ. އަދި ދެން ޖެހިގެން އައި ސެޓް ވެސް ކާމިޔާބުކޮށް ފަސް ވަނަ ސެޓަކަށް ރާއްޖެއިން ގެންދިޔަ އެވެ.
އަންހެން ޑިޗިޝަނުގެ ފައިނަލުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން. --- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑު ވޮލީ ހިންގުމާ ހަވަލުވި ފުރަތަމަ ދުވަހު ވެސް ބުނިން އަޅުގަނޑުގެ އަމާޒަކީ ހަނދަށް ބަޑިޖެހުމޭ. ހަނދަށް ބަޑި ޖަހަން އަމާޒުކުރިއްޔާ ކިރިޔާ ތަރިއެއް އަތުވާނީ. މިފަހަރު މި ހާސިލުވީ ތަރިއެއް،" ފޯ ނޭޝަން ކަޕްގެ ރަނަރަފް މަގާމަށް އިޝާރާތްކޮށް ރަނޭ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ކުރަން ޖެހޭކަމަކީ މި ޓީމު އިތުރަށް ޕޮލިޝް ކުރުން. މެންޓަލީ އިތުރަށް ތަރައްގީކޮށް ދިނުން. ފިޒިކަލީ އިތުރަށް ތަރައްގީ ކުރުން. ގޭމް އިތުރަށް ފުރިހަމަކޮށް ރީތި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުން."
ރަނޭ ވިދާޅުވީ އަންހެން ޓީމުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމުން ވެސް އެ ކުޅުންތެރިންނާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.
"އެ ކުޅުންތެރިންނަށް ވެސް އެނގޭ ޕްރެޝަރުގައި ކުޅެލަން،" ރަނޭ ވިދާޅުވި އެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ދެ ކުޅުންތެރިން --- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ ފިރިހެން ޓީމަށް ފައިނަލަށް ނުދެވުނަސް ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސާ އާއެކު މިދިޔަ އެއް އަހަރު ކުރި މަސައްކަތް ވެސް ރަނގަޅު ކަމަށެވެ.
"ހަސަން ނިލާމް އަކީ ކުރިން ކޯޓްގެ ކަނެއްގައި އެހާ ބޮޑަށް ފާހަގަނުވެ ހުންނަ ކުޅުންތެރިއެއް. އެކަމަކު މި މުބާރާތުތުގައި ފެނިގެން ދިޔައީ ޓީމުގެ އެންމެ މުހިންމު އެޓޭކަރުގެ ގޮތުގައި. މިއިން ޒަމާނަކު ކުޅުންތެރިން ނުކުޅޭހާ މޮޅަށް ކުޅުނު،" އޭނާ ބުންޏެވެ.
ކުރީގެ ސެޓަރު ވިދާޅުވީ ހަގީގީ މަސައްކަތް ދެން ފެށުނީ ކަމަށެވެ.
"އެކަމަކު ދެން ކުރަން ޖެހޭ މަސައްކަތް މާ ބުރަ ވާނެ،" ރަނޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯދަމަހަށް ފަހު މި އަހަރު ވޮލީ ސީޒަން ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
05 March 2023
ގިނަ ދިވެހިންގެ ވިސްނުން ހުންނަނީ ފުރަތަމަ ވެސް އަރައި ބޮންތީގައި ހިފަން! ވީއޭއެމް އިން ވެސް ކާމިޔާބު ހޯދަން ބޭނުންނަމަ ގްރާސްރޫޓުން ފަށަންވީ! ކުޅިވަރު ކުޅުންތެރިން ޑިސިޕްލިންކޮށް ފުރިހަމަ އެތްލީތުންނަށް ހަދަންވީ! އަހަރެމެންގެ 1 ނަންބަރު ކުޅިވަރަށްވެސް ޖެހިފަމިވަނީ އެކަހަލަ ބައްޔެއް! ދަނޑުމައްޗަށް އަރައި މެސީ،ރޮނާލްޑޯ ފެންވަރަށް ކުޅެންބޭނުންވޭ އެކަމު، އެ ފެންވަރަށް ދާން ދަނޑުބޭރުން ކުރާކަންކަން ކުރާކަށް ނުކެރޭ! ސްޕޯރޓްސް ޑިސިޕްލިން އެއް ނުފެނޭ!
ޢިހްސާސް
02 March 2023
ނިކަން އިންޑިޔާ، ޖަޕާނު ފަދަ ގައުމުތަކުގެ ސީނިއާ ޓީމު ގެނެސް ކުޅެލަބަލަ އޭރުން އަދިކިރިޔާ އަސްލު ފަށަންވީ ހިސާބު އެނގޭނީ.
މަމީ ރިއްސެއްވެސް ނޫން
01 March 2023
އަމިއްލަ ނަފްސަށް އޮޅުވާލައިގެން ތިމާގެ އަމިއްލަ މަންފާއަށް ކުރާ ކަމަކުން ޖެނުއިން ފައިދާއެއް ނުކުރާނެ. ބަލިވިޔަސް ތިމާމެނަށްވުރެ ވަރުގަދަ ޓީމުތައް ގެނެސްގެން މެޗު ކުޅެބަލަ. އޭރުން ހަގީގީ ނަތީޖާއެއް ލިބޭނީ. އެހެނެއްނޫން މިހަދަނީ. ތިމާގެ ދައުރުގަ ރަންމެޑަލް ލިބުނޭ ބުނަން ބަލިކުރެވިދާނެހެން ހީވާ ޓީމުތައް (އެވެސް ގައުމުތަކުގެ އުމުރުފުރާ ޓީމުތައް) ގެނެސް އަމިއްލަ ރެފްރީން ލައގެން އަމިއްލަ ޓީމަށް ފޭވާ ވާގޮތަށް ޝެޑިއުލް ހަދައިގެން މުބާރާތް ކުޅެނީ.
ފޮނިފޮނި
01 March 2023
ތިނޫން އެއްޗެއް ކަލޭމެން ދުލުން ބުނިއަޑެއް އަހަރުމެނެއް ނާހަން. (ވަރަށް ބޮޑު ތަޖުރިބާއެއްމީ / ދެންއޮތީ ނަތީޖާ ނެރުން / މޮޅަކަށް ކުޑަކުޑަ ކަމެއް މަދުވަނީ ) މިއަދު އެބުނީ އަދި ކިރިޔާ ފަށަންވީ ހިސާބު އެގުނުވާހަކަ. ސާބަހޭ ސާބަހޭ
ފޭން އެއް
01 March 2023
ގައުމީ އަންހެން ޓީމް ކުޅެލި ގޮތް ވަރަށް ފައްކާ. ޕްރައުޑް އޮފް ޔޫ ގަރލްސް!! ރަނޭ ބުނިހެން ޕޮލިޝްކޮށްލީމަ އަދި ވަރަށް ސަޅިވާނެ.
ފޮނިފޮނިޓައްޕު ކުމާރު
01 March 2023
ހާދަލަހޭ މިމީހުންނަށް ކަންކަން ދެނެގަނެވޭލެއް. މުހައްމަދު އަމީނު ދައުރުއްސުރެ މިގައުމުގާ ވޮލީކުޅޭ. 70 އަހަރުކުރިން ދެނެނުގަނެވުނުކަމެއް ހަމަ މިއަދު އިރު ބޯމައްޗަށް އެރިތަނާތަ ތިޔަ ދެނެގަނެވުނީ؟ އަލަށްތަ ދިވެހިން ބޭރުބަޔަކާއެކު ވޮލީކުޅެ ބަލިމިވީ. ހުރުހާތާކުވެސް މިތިބީ ހުސް ސުޕުން.
އަފިހުން ގޮއްޔެ
01 March 2023
ދެން ކުރަންވީ ކަމަކީ އެއްވެސް ވަރަކަށް ވޮލީ ނުކުޅޭ ހަތަރު ގައުމުއްގެ އަންޑަ 16ގެ ޓީމުތައް ގެނެސް އޮޅުވާލައިގެން މުބާރާތެއް ބާއްވަންވީ، އޭރުން ފަހަރެއްގަ ތަރިއެއް ނޫން މުޅި ކާއިނާތުވެސް ލިބިދާނެ.