މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: ސިއްހީ ދާއިރާ އޮތީ މިހާރު މުޅިން އާ މަރުހަލާއެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި --- ފޮޓޯ: ރައިސް އޮފީސް
14 މާޗް 2023 - 23:27
ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އޮތީ މިހާރު މުޅިން އާ މަރުހަލާއެއްގައި ކަމަށާއި ރާއްޖޭގައި ކުރިން ނެތް ސިއްހީ އެތައް ހިދުމަތެއް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޑޮކްޓަރީ ބޭހުގުގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހެންވޭރު ދަނޑުގައި އައިޖީއެމްއެޗުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީވަމުން އައީ ތިން މަރުހަލާއެއްގެ ތެރެއިން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި 1948-1960 އަށް ހޭދަވި 12 އަހަރަކީ ޑޮކްޓަރީ ބޭހުގެ ހިދުމަތް ރާއްޖެއަށް ތައާރަފްވި މަރުހަލާ އެވެ. އޭގެ ފަހުން 1960-1980 އަހަރުގެ ދުވަސްވަރަކީ ޒަމާނީ ސިއްހީ ނިޒާމެއް އެކުލަވާލައި ތަރައްގީކުރަން ފެށުނު 20 އަހަރުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
އެކަމަކު އޭރު ދަތުރުފަތުރު ހުރިގޮތުން ރަށްރަށުގެ ރައްޔިތުންނަށް ޒަމާނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުން ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އެ މުއްދަތުގައި ރަށްރަށުގެ ކޮމިއުނިޓީ ހެލްތު ވޯކަރުން ކުރެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުހަލާއެއްގައި. ސިއްހީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެ އަށް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް އެބަ ކުރެވޭ: ރައީސް
ރައީސް ވިދާޅުވީ 1980 އިން ފެށިގެން ހޭދަވަމުން އަންނަ މުއްދަތަކީ ސިއްހީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މަރުހަލާއެއް ކަމަށެވެ.
ސިއްހީ ދާއިރާ އަށް 40 އަށް ވުރެ ގިނަ އަހަރު ވަންދެން ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވަނީ: ސިއްހީ ދާއިރާގައި މި ސަރުކާރުން އާ ހިދުމަތްތަކެއް ފަށާފައިވާކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑު ކުރިން ދެންނެވި މަރުހަލާތަކަށް ފަހު ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުހަލާއެއްގައި. ސިއްހީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެ އަށް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
1. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަދާ ޓާޝަރީ 5 ހޮސްޕިޓަލް
2. ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީ ކުރާ 50 އެނދުގެ 6 ހޮސްޕިޓަލް
3. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރާ 30 އެނދުގެ 12 ހޮސްޕިޓަލް
4. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އަލަށް ފަށާ ހިދުމަތްތަކާ އެކު ސިއްހީ ދާއިރާގެ ވަޒީފާތައް އިތުރުވެގެން ދިއުން
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ބޮޑެތި މަޝްރޫތަކެއް ހިންގާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫތައް ހިންގަމުން ދިޔަޔަސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދާއިރާ ތަރައްގީކުރުމަށް ރައްޔިތުން އަބަދުވެސް އެދޭނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ އެ ބޭނުންތައް ފުއްދަ ދޭން. މި އަހަރުގެ ބަޖެޓްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގޮތުގައި ސިއްހީ ދާއިރާ ކިތަންމެ ތަރައްގީ ވިޔަސް ޒަމާނާ އެކު އަންނަ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ އެވެ. ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ތާއަބަދު މަސައްކަތް ކުރަން ޖެހޭނީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދިޔައިރު ވެސް ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.
ރާއްޖޭގައި ޑޮކްޓަރީ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އައިޖީއެމްއެޗުން ބޭއްވި ހަފުލާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ސިއްހީ ދާއިރާ އަށް ޕްރައިވެޓް ސެކްޓާއިން ކުރަމުން ގެންދާ މަސައްކަތް ރައީސް ފާހަގަ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް
އެގޮތުން މިހާރު ވެސް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫތަކެއް ހިނަގަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ނަފުސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރީ މި ސަރުކާރުގައި ކަމަށާއި 2020 ގައި ސްޓްރޯކް ސެންޓަރެއްގެ ހިދުމަތް ވެސް ފެށިކަން ރައީސް ފާހަގަކުރެއްވި އެވެ.
"އޭގެ އިތުރުން ވެސް ސިއްހީ ދާއިރާ އަށް ރާއްޖޭގައި ކުރިން ނެތް އެތައް ހިދުމަތެއް މިހާރު އަޅުގަނޑުމެން ފަށައިފިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ 30 ނުވަތަ 25 އަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުގެ މަސައްކަތަކީ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައި ހިދުމަތްތަކެކެވެ. އެފަދަ ތަންތަން ހުޅުވަމަކީ ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރުމަތިކޮށް ޒަމާނީ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
15 March 2023
ރަނގަޅު ވާހަކަ ފުޅެއް. އެކަމަކު ބޮޑެތި ގޯސްތައް އެބަހުރި އަދިވެސް. އަދި ގޯސް ހަދަމުން ދަނީ. ރަނގަޅުކަންތައް 1.ރާއްޖޭގެ އެކިސަރަހައްދުތަކަށް ރަނގަޅު މެޝިނަރީ ހޯދައިދިނުމާއި މިނިސްޓްރީގެ ދަށުން ވަކިކުރުން. ގޯސްކަންތައް 1. ރެގިއުލޭޓަރީ ބޮޑީތަކަށް ރައީސް އޮފީހުންނާއި މިނިސްޓްރީ ނުފޫޒު ފޯރުވުން
ޝޭމްއޮންއޯލް
15 March 2023
75 އަހަރު ފުރުނީ މާލޭގެ ހޮސްޕިޓަލް އަށް ތަ؟ ލަދުން ބޯހަލާކު
ވަހީދުބޭބެ
15 March 2023
ދިވެހިންގެ ސިއްހަތު ބޭރުގައުމެއްގައި އަތްމަތީ ގައި ބާއްވަން ބޭނުން ނުވާތީ ދަރުމަވަންތަ ހޮސްޕިޓަލް އެޅީ. އެކަމަކު އެހޮސްޕިޓަލް ތިބޭފުޅުން ބަދަލު ކޮށްލީ އެބިދޭސިންގެ ހޮސްޕިޓަލުގެ އެޕާޓުމެންޓަކަށް.
ވެލިދުނި
15 March 2023
ރަނގަޅު ވާހަކައެއް. ނޮވެންބަރު 11 އިންް ފެށިގެން އައު ރައީސެއް. އައު މަރުހަލާއެްގައި
ބޮޑުމީހާ
15 March 2023
ހެޔޮނުވާނެ، ދެން އިތުރަށް ތި ދާއިރާ ތަރައްގީކުރާނެ ކަމެއް ނެތް!
ބޮޑުމީހާ
15 March 2023
ސިއްޚީ ދާއިރާ އޮތީ ވެންޓިލޭޓަރުގަ. ގައުމުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އެމްއާރުއައި މެޝިން އެހުރީ ހަލާކުވެފަ. އެކްސްރޭގަނޑެއް ނަގަންޖެހުނަސް ދުވެފަ މާލެއަށް،
މަހުޖަނުންގެ ފެނުބާރު
15 March 2023
އަލޭ ބަލޭ ކިޔައިގެން ވާހަކަ ދެއްކުމެއް ނެތް މިރަށުގަ އަޅަންބުނި ޓާޝަރީ ހަސްފަތާލު ވީއެއްނުވީއެއް އެނގޭ މީހަކު ނެތް އެންމެ ރަނގަޅު ގޮތަކީ މުއްދަތު ކަނޑައެޅިުފަ އޮތް ދައުރު ނިމުނީމަ ދައުލަތުގެ ޚަރަދުގަ ކުރީގެ ރައީސް އިނާޔަތް ލިބިގެން ހުންނެވުން
ފފފފފފ
15 March 2023
ކޮންމެ ގޮތަކަށް ކަންކަން އޮތަސް މައްސަލައެއް ނޯންނާނެ. ދިވެހިގައުމަށް ލިބޭ ހުރިހާ ފައިސާއެއްވަންނާނީ އިންޑިޔާގެ ކޮންމެވެސް ތާކަށް. އެހެންވީމަ އެއްބުރުން ވެރިކަން ނަގައިގަނެވޭނެ. ރޯ އެއޮތީ އެކަން ކޮށްދޭން.
9898
15 March 2023
ދެން ހަމަ، މީހަކު ލިޔެފަ ދޭހާ އެއްޗެއް ކިޔަންޖެހޭތަ؟ ނިކަން ތިހިރަ ދަރުމަވަންތައަށް ވަދެފަ ބަލާލަބަ މެޝިންގތަކުގެ ތެރެއިން ހަލާކުވި އެއްވެސް އެއްޗެއް ހެދިފަ ހުރިތޯ؟
ޢިއްސޭ
15 March 2023
މިމީހުންގެ މަރުހަލާއަކީ ސިއްހީ ދާއިރާ ގަނޑު ތަކުގަ ކުރަހާލާފަ ރައްޔިތުންނައް ދައްކާފަ ގަމާރުންތައް ވާވެއްދުން ލޮލް ޓިނު ސޯލިހު