ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު ކުއާޓާގެ ފަހު ދެ ޖާގަ ރެއާލް މެޑްރިޑާއި ނަޕޯލީ އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އެސްއެސް ނަޕޯލީ ހޯދައިފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން އެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިންްގްލެންޑުގެ ލިވަޕޫލް 1-0 އިން ބަލިކޮށް ދެ ލެގުން 6-2 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ. އެންފީލްޑުގައި ކުޅުނު ފުރަތަމަ ލެގު ރެއާލް ކާމިޔާބުކުރީ 5-2 އިންނެވެ.

އިޓަލީ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތް ނަޕޯލީން ޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ފުރުސަތު ހޯދީ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 3-0 އިން މޮޅުވެގެންނެވެ. ފްރެންކްފަޓުގައި ކުޅުނު ފުރަތަމަ ލެގު ނަޕޯލީ 2-0 އިން ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބުނީ 5-0 ގެ އެގްރިގޭޓުންނެވެ.

މިދިޔަ ސީޒަނުގެ ފައިނަލުން ލިވަޕޫލް 1-0 އިން ބަލިކޮށް މުބާރާތް 14 ވަނަ ފަހަރަށް ކާމިޔާބުކުރި ރެއާލާ ދެކޮޅަށް މި ފަހަރު ލިވަޕޫލް ނުކުތީ ބަދަލު ހިފާށެވެ. އެކަމަކު ފުރަތަމަ ލެގުގައި ނުކުތް ތަފާތު ބޮޑު ނަތީޖާގެ ސަބަބުން، ރޭގެ މެޗަށް ނުކުތް އިރު ވެސް ލިވަޕޫލަށް އޮތީ ގާތްގަނޑަކަށް ފުރުސަތު ގެއްލިފަ އެވެ. ރޭގެ މެޗުގައި ރެއާލުގެ ހަމައެކަނި ގޯލް 78 ވަނަ މިނެޓުގައި، ޖެހީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ.

ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިދިޔަ ސީޒަނުގައި ފަހަތުން އަރައި މެޗުތަކުން މޮޅުވެ ލިބުނު ކާމިޔާބީގެ ސަބަބުން އޭނާގެ ޓީމު އޮތީ ވަރަށް އިތުބާރާ އެކު ކަމަށާއި، ވަރުގަދަ ޓީމެއްގެ އަތުން މި ބުރުގައި ހޯދި މޮޅުން ސާބިތުކޮށްދެނީ އެކަން ކަމަށެވެ.

"އެކަމަކު ހަމައެކަނި އިތުބާރު ހުރެގެން ސެމީ ފައިނަލަށް ނުދާނެ. އަހަރެމެން ޖެހޭނެ އިދިކޮޅު ޓީމު ހައިރާންކޮށްލާ ފަދަ ފުޓްބޯޅައެއް ކުޅެން. ޗެމްޕިއަންސް ލީގަކީ އަބަދުވެސް ވަރަށް އުނދަގޫ މުބާރާތެއް. ފަހު ވަގުތާ ހަމައަށް ވެސް ރަނގަޅަށް ކުޅެ، މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނީ،" އަންޗެލޮޓީ ބުންޏެވެ.

ނޭޕްލްސްގައި ރޭ ނަޕޯލީ އާއި ފްރެންކްފަޓް ކުޅުނު މެޗުގެ ކުރިން، ޖަރުމަން ޓީމުގެ ސަޕޯޓަރުން އެ ސިޓީގައި ހަމަނުޖެހުން ހިންގުމުން މެޗު ކުރިއަށް ގެންދެވިދާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު ޑިއެގޯ މަރަޑޯނާ ސްޓޭޑިއަމުގައި، މެޗު ކުރިއަށް ދިޔައީ ހަމަނުޖެހުމެއް ނެތި އެވެ. މި މެޗުގައި، މިވަގުތު ޔޫރަޕުގައި އެންމެ ފޯމުގައި ހުރި އެއް ފޯވާޑް ކަމަށްވާ ވިކްޓަ އޮސިމްހެން ވަނީ ދެ ގޯލް ޖަހައިފަ އެވެ. އަނެއް ގޯލް ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ.

މި ދެ ޓީމުގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ އިންގްލެންޑުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި ޕޯޗުގަލްގެ ބެންފީކާ އާއި އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާނެވެ. މިއީ، 17 އަހަރުގެ ތެރޭ އިޓަލީގެ ތިން ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކުއާޓާގައި ވާދަކުރަން ޖެހޭ ޓީމުތައް އެނގޭނީ މާދަމާ އޮންނަ ގުރުނެގުމުގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454