ރޯދަ މަސް / ނޫރު

ހައްދުފަހަނައެޅުމުގެ ބަދަލުގައި ދީން ބާރު އަޅަނީ މެދުމިންތަކުގައި ހިފަހައްޓަން

ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ ކަމެއްގައި ވެސް އޮންނަ އެންމެ ފުރިހަމަ ގޮތެއް ކަމުގައި ވަނީ އެކަމެއްގެ ހައްދުތައް ފަހަނައަޅައި ނުގޮސް އަދި އެކަމެއްގެ ހައްދުގެ ތެރެއަށް ނުވަދެވޭ ވަރަށް އިހުމާލު ނުވެ، އެ ހައްދުގެ ތެރޭގައި ހުރެވޭ ނަމަ އެވެ. މިސާލަކަށް ކުރީގެ ފަލްސަފާވެރިން ވިދާޅުވާ ގޮތުގައި ދީލަތި ކަމަކީ ހޭދަކުރުމުގައި އޮންނަ އެންމެ ރިވެތި ގޮތެވެ. އެކަމަކު، ދީލަތިވުމުގެ ނަމުގައި އިސްރާފު ކުރުމަކީ ހައްދުފަހަނަ އެޅުމެކެވެ.

އަދި ދީލަތިކަމުގެ ތެރެއަށް ނައިސް ދަހިވެތިވުމަކީ އިހުމާލުވުމެކެވެ. ވީމާ އިސްރާފު ކުރުމާއި ދަހިވެތިވުމަކީ ނުބައި ދެ ސިފަ އެވެ. އެއާ ހިލާފަށް ދީލަތި ކަމަކީ މާތް ސިފައެކެވެ. އިސްލާމްދީނަކީ ކޮންމެ ކަމެއްގައި ވެސް އެންމެ މާތް އެންމެ ހެޔޮ އެންމެ އަދުލުވެރި ގޮތުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. އެހެންކަމުން މުސްލިމުންގެ އުންމަތަކީ އެންމެ ހެޔޮ އެންމެ އަދުލުވެރި މެދުމިނަށް ފެތޭ އުންމަތެއް ކަމުގައި މާތް ﷲ ވަނީ ބަޔާން ކުރައްވާފަ އެވެ.

ކުރީގެ އުންމަތްތައް ވަނީ ހައްދުން ބޭރުގައި

އިސްލާމީ ރިސާލަތު އައިއިރު ޔަހޫދީންގެ އުންމަތަކީ ދިރިއުޅުމުގެ ހަޔާތަށް ވަރަށް ފަރުވާތެރިވާ، މުދަލަށް ނުހަނު ލޯބިކުރާ، ރިބާ އާއި ސޫދުން ވިއަސް މުދާ އެއްކުރުން ހުއްދަ ކަމަށް ދެކޭ އުންމަތްތަކެވެ. އަނެއްކޮޅުން މަސީހީންގެ އުންމަތަކީ ދީންވެރިވުމުގެ ނަމުގައި ރަހުބާނިއްޔަތާއި ނެތް މިނަށް ޒާހިދު ކަމާއި މުދަލަށް ނިކަމެތި ދަރަޖަ ދިނުން ފަދަ ކަންކަން ދަމަހައްޓަމުން ދިޔަ އުންމަތްތަކެވެ. އެ މީހުންގެ ނަޒަރުގައި މުއްސަންޖަކަށް ސުވަރުގެ އަށް ދިއުމަކީ ތިނޯހެއްގެ ފަގައަށް ޖަމަލެއް ވެއްދުމަށް ވުރެ އުނދަގުލުން ނޫނީ ނުވެވޭނެ ކަމެކެވެ.

ނަމަވެސް އިސްލާމްދީން އައިސް މި ދެ މަގު އިންކާރު ކުރި އެވެ. ދިރިއުޅުމުގެ ހަޔާތުގައި މުޅިން މާއްދިއްޔަތަށް ދިއުން މަނާކުރި ނަމަވެސް މުދަލަކީ ދިރިއުޅުމުގެ ހަޔާތުގައި ފެހިކަން ލިބިގެންވާ ނިއުމަތެއްކަން ބަޔާންކޮށް ހައްގު ގޮތުގައި އެ ހޯދުމަށާއި އެ އިން ކުރަންޖެހޭ ހޭދަތައް ކޮށްގެން ހައްގު ގޮތުގައި އޭގެ ބޭނުން ހިފުން ހުއްދަ ކުރި އެވެ.

އިސްލާމްދީން ގޮވާލަނީ ސީދާ މަގުގައި ދެމިހުރުމަށް

ހަމަ އެފަދައިން އަޅުކަންތައް އަދާކުރުމާއި އުގޫބާތްތައް ދިނުމުގައި ވެސް ޔަހޫދީން ގެންގުޅުނު ހަރުކަށިކަމާއި މަސީހީން ގެންގުޅުނު ލުއިދިނުން އިސްލާމްދީން އިންކާރު ކުރި އެވެ. ކުށް ކުރެވުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލުކޮށް، ތައުބާގެ ފުރުސަތު ހުޅުވައިލި އެވެ. އަދި ސިއްރުގައި ކުރެވޭ ކުށެއް ވިއްޔާ ތައުބާވެ، އެކަން ތަކުރާރު ނުކުރާ ނަމަ އެކަން ފޮރުވައި ބޭއްވުމަށް އިރުޝާދު ދިނެވެ. އެކަމަކު ހަމަ އެއާ އެކު ވެސް ކުށްތަކާއި ފާހިޝް އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުކަށި އުގޫބާތްތައް ކަނޑައަޅައި މީސްތަކުންގެ ހިތްތަކުގައި އެކަންކަމަށް ބިރުވެރިކަން އުފެއްދި އެވެ.

އިސްލާމްދީން އަމުރު ކުރަނީ އިންސާނާ އަބަދުވެސް ސީދާ ވެގެންވާ މަގުގައި ދެމިހުރުމަށެވެ. އަދި އެ މަގު ފިޔަވައި އެހެން މަގަކުން ކަނާއަތުން ވިޔަސް އަދި ވައަތުން ވިޔަސް ނުދިއުމަށެވެ. ﷲ ރުއްސުން ލެއްވި އިބްނު މަސްއޫދު ސީދާ ވެގެންވާ މަގު ތަސައްވުރު ކޮށްދެއްވާފައި ވަނީ އޭގެ ކޮޅު ސުވަރުގޭގައި އޮވެފައި އޭގެ އެންމެ ތިރީގައި މީހުން ތިބެފައި ކަނައަތްފަރާތުގަ އާއި ވައަތްފަރާތުގައި އަހެއް ބާއްވާފައި އޮތުން ފަދައިންނެވެ.

އެއްވެސް މީހަކު އެ މަގު ދޫކޮށް، މަގުގެ އެއްވެސް ފަރާތެއްގައިވާ އަހަށް އަރައިފި ނަމަ އެ މީހާ ދާނީ ނަރަކައާ ދިމާއަށެވެ. ހަގީގަތުގައި ދީންވެރިވުމަށްޓަކައި މިންގަނޑު ފަހަނައަޅައި ބޭރަށް ދިއުމަކީ ފިކުރީ ގޮތުން ސައްހަ ނޫން ފިކުރަށް މީހާ ގެންދާނެ ކަމެކެވެ. އަދި އިންސާނީ ތަބީއަތާ ވެސް ފުށުއަރާނެ ކަމެކެވެ.

އެހެންކަމުން އެގޮތުގައި ހިފަހައްޓާލުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. މި ސަބަބަށްޓަކައި ކީރިތި ޤުރްއާނުގައި އަހުލުކިތާބީންނަށް އެބައިމީހުން ދީނުގައި ހައްދުފަހަނައަޅައި ނުދިއުމަށް ވިދާޅުވުމަށް މާތް ނަބިއްޔާ ﷺ އަށް އަންގަވާފައި ވެ އެވެ. (އަލްމާއިދާ 77). އިސްލާމް ދީނަކީ ދީންވެރި ވުމުގައި ވެސް އަދި ދުނިޔަވީ ކަންކަމުގައި ވެސް ވަކި އަތަކަށް ހައްދުފަހަނައެޅުމެއް ނެތި އަދުލުވެރި ހެޔޮގޮތުގައި މެދުމިނުގައި ހުރުން އެއީ މާތް ސިފައެއް ކަމުގައި ބަލާ ދީނެކެވެ.

އެހެންވެ، ދީންވެރިވުމުގައި ވެސް މެދުމިންވެ ހުރުމަށްޓަކައި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ކޮންމެ ކަމެއްގައި ވެސް ހިތްވަރު ލިބި ގަދައަޅައި މަސައްކަތް ކުރަން ފުރުސަތެއް އަންނާނެ ކަމަށެވެ. އަދި މިފަދަ ކޮންމެ ފުރުސަތަކާ އެކު ނިކަމެތި ކަމަކާއި ހަމަހިމޭން ކަމެއް ވެސް އަންނާނެ އެވެ. އެ ފުރުސަތު ލިބުނު މީހާ ވަކި އަތަކަށް ބުރަ ނުވެ، މެދުމިނުގައި އަމާޒަށް ވާސިލުވާން ހިފަހައްޓާލައިފި ނަމަ ފަހެ އެއީ ތިޔަބައި މީހުން ވެސް އުންމީދު ކުރާ ގޮތް ކަމުގައި ހަދާށެވެ! އެކަމަކު އެ ފުރުސަތު ލިބުނު މީހާ މަޝްހޫރު ވުމަށްޓަކައި މެދުމިން ދޫކޮށް، ހައްދުފަހަނައަޅައި ގޮސްފި ނަމަ ފަހެ ތިޔަބައިމީހުން އޭނާ އަށް ނުބަލާށެވެ!" މި ހަދީސްގައި އެފަދަ މީހާ އަށް ނުބަލާށޭ އެ އަންގަވަނީ އެފަދަ މީހާ އަށް ހެޔޮގޮތުގެ މަތީގައި ދެމިނުހުރެވޭނެތީ އެވެ. އަދި ހިތްވަރާއި ގަދައެޅުމުގެ ފުރުސަތުގައި އޭނާ އެ ކުރި އަމަލަކީ ހަގީގަތުގައި ކަން ދެއްކުމުގެ އަމަލެއް ކަމަށް ވާތީ އެވެ.

ދުނިޔަވީ ކަންކަމުގައި ވެސް އެންމެ ހެޔޮ ގޮތަކީ މެދުމިނެވެ.

އިސްލާމް ދީނުގައި ވެސް ހޭދަކުރުމުގައި އޮންނަނީ އިސްރާފު ނުކޮށް އަދި މުށްބާރު ނުކޮށް އެ ދެމެދުގައި ދެމިހުރުން އެއީ ރަޙުމާންވަންތަ ﷲ ގެ ހެޔޮލަފާ އަޅުންގެ ސިފައެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ. (އަލްފުރުޤާން 67). ދީނީ އިލްމު ފޯރުކޮށްދިނުމުގައި ވެސް އެ މީހެއްގެ އިލްމާއި އަމަލު އެއްގޮތް ވުން ލާޒިމުވެގެންވެ އެވެ. ހިތްހެޔޮކަމާއި މާފުކޮށްދިނުމާއި ދޫދިނުން އޮންނަން ޖެހޭނެ އެވެ. އެކަމަކު ހައްގާއި އަދުލުއިންސާފުން ބޭރުނުވާ ވަރަށެވެ. ފަނޑިޔާރެއް ވިޔަސް ގަދަކަމުން މީހުން ލައްވައި އިއުތިރާފު ކުރުވައިގެން އުގޫބާތް ދޭން އުޅުމުގެ ބަދަލުގައި އިސްލާމީ އިރުޝާދަކީ ވީ ވަރަކުން މީހުން އިސްލާހު ކުރުވަން ވިސްނުމެވެ. ފިގުހުގެ ދާއިރާގައި ވެސް ގާނޫނީ ހަމައިން ވިސްނުމުގެ އިތުރަށް އަހުލާގީ ހަމައިން ވެސް ވިސްނަން އިސްލާމްދީން ބާރު އަޅަ އެވެ.

އިސްލާމްދީނަކީ އިޖުތިމާއީ ކަންކަމުގައި ވެސް އެންމެ ހެޔޮ މެދުމިން ގޮތް ގެނެސްދޭ ދީނެވެ. މިސާލަކަށް ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުންތަކުގައި ވެސް އަނބިމީހާއަކީ ގޭގައި ބަނދެވިގެން އިންނަ މީހަކަށް ވާކަށް އަދި ބޭރަށް ނުކުމެ އެންމެންގެ ލޯތަކަށް ހުޅުވާލެވިފައިވާ މީހަކަށް ވުމަށް ވެސް އިސްލާމްދީން އިންކާރު ކުރެ އެވެ. ގެއަކީ ޖަލެއް ކަމުގައި ވެގެން ނުވާނެ އެވެ. ހަމަ އެފަދައިން ގެއަކީ އާއިލާގެ މީހުން ކިރިޔަކިރިޔާ އެއްބަޔަކު އަނެއްބަޔަކަށް ހަމއެކަނި ފެނިލާ ތަނަކަށް ވެސް ވެގެން ނުވާނެ އެވެ.

އަންހެނުންނަށް ވެސް އިޖުތިމާއީ ހަޔާތުގައި އިއްފަތްތެރިކަމާ އެކު ބައިވެރިވުމުގެ ފުރުސަތު އިސްލާމްދީނުގައި ދޭ އިރު އެ ހައްގު ހިފެހެއްޓިގެން ނުވާނެ އެވެ. މިފަދަ ހުރިހާ ކަންކަމެއްގައި އިސްލާމީ މެދުމިންވަންތަކަން ހިފަހައްޓާ ނަމަ އިސްލާމީ މުޖުތަމައަކީ އިޖުތިމާއީ ގޮތުން ވަރަށް ހަމަޖެހޭ އުފާވެރި މުޖުތަމައެއް ކަމުގައި ވާނެ އެވެ.

އިގުތިސާދީ މައިދާނަށް ބެލި ކަމުގައިވި އަސް އިސްލާމްދީނަކީ ރައުސްމާލީ ފިކުރުގެ ތެރެއިން މިލްކު ކުރުމުގެ ހައްގު ދޭ ދީނެކެވެ. ނަމަވެސް ކޮންމެ ކޮންމެ ގޮތަކުން މުދާ އެއްކުރާކަށް ފުރުސަތެއް ނުދެ އެވެ. ހަ މައެއާ އެކު ތިމާ އަށް ﷲ ދެއްވާ މުދަލުގައި އެހެން ބައެއްގެ ހައްގުތައް ލައްވާފައިވާ ހިނދު، އެ ހައްގުތައް އަދާކުރުމަށް ވެސް އަންގަވަ އެވެ. މިގޮތަށް އަމަލު ކުރުމުން ކޮމިއުނިޒަމްގައި އާންމުންނަށް ހާސިލުކޮށްދޭ ފުރުސަތުތައް ދެވިގެން އެބަދެ އެވެ. ނަތީޖާއަކީ އިގްތިސާދީ އެހެން ފިކުރުތަކުގައިވާ ހައްދު ފަހަނައެޅުންތައް ނައްތާލައި މެދުމިން ނިޒާމެއް ގެނެސްދެނީ އިސްލާމްދީން ކަމުގައި ވުމެވެ.

މިގޮތުގައި ދީނީ އަދި ދުނިޔަވީ ހުރިހާ ކަމެއްގައި ވެސް އިސްލާމް ދީން ދައްކައިދެނީ އަދުލުވެރި އެންމެ ހެޔޮ މެދުމިންވަންތަ ގޮތެވެ. މިގޮތުގައި ކީރިތި ނަބިއްޔާ ﷺ ދެއްކެވި މަގުން މުސްލިމުން ހިނގައިފި ނަމަ އެހެން އެންމެންގެ މައްޗަށް ހެކިވެރިވާ ބައެއްގެ ގޮތުގައި އާހިރަތުގައި މުސްލިމުން ވާނެ އެވެ. އަދި މުސްލިމުންގެ މައްޗަށް ހެކިވެރިއެއްގެ ގޮތުގައި އެ މާތް ނަބިއްޔާ ވާނެ އެވެ. (އަލްބަޤަރާ 143). ވީއިރު މިއަދު މުސްލިމުން އެހެން މީހުންގެ ނަގުލުގައި ހިފައިގެން އުޅުމުގެ ބަދަލުގައި ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެން އެވާ މަތިވެރި ސީދާ މަގުގައި މެދުމިންވަތަ އުންމަތެއްގެ ގޮތުގައި އުޅެން މަސައްކަތް ކުރުން މުހިންމެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

30 March 2023

އުފައްދަންވީ، މެދު މިނުގެ ޓެރަރިޝްޓުން ތަ؟

The name is already taken The name is available. Register?

އ‫ޮންބަޑުގެ އޮފީހުގަ އުޅޭ ދައިތަ

29 March 2023

ހ‫ުރިހާ ކަމެއްވެސް ވެރިފައި ކުރަން އެބައޮތް އަހަރެމެން އުޅެންވާނެ ގޮތް ބަޔާންކޮށް ގުރުއާން އަދި ސުންނަތް މިދޭތީގައި ހިފައިފި މީހަކީ ހަރުކަށިކަމަށް ބުނާ މީހަކީ އަދި މާހަރުކަށި މީހެއް

The name is already taken The name is available. Register?

އުދުހޭ އަސް! ހަނދައް ދާންބޭނުން!

29 March 2023

މިހާރު ތިހެންތިބުނަނީ އެހެންގޮތެއް ނެތުމުން. މުޅި ދުނިޔެ ނަފްރަތު ކުރޭ ހައްދު ފަހަނަ އެޅީމަ. ހަގީގަތަކީ ގިނަ މުސްލިމް ގައުމުތައް ގަމާރުކަންމަތީގަ ބެހެއްޓުމަކީ އެކަމުގެ މާލީ ފައިދާނަގަން ބޭނުންވާ ގައުމުތައް ބޭނުންވާގޮތް. މާބޮޑައް ކިޔަވައިގެން ގައުމު ކުރިއަރާކައް ނޭދޭނެ. މާބޮޑައް އުނދަގޫކުރަންޏާ ދެތިން ހަތިޔާރު ދީފައި އެ ގައުމެއް އަނދަވަޅަކައް ވައްްޓާލާނީ. އެއްބަޔަކު މުއްސަދިވާނީ އަނެއްބަޔަކު ނިކަމެތިވެގެން. އެގޮތުން މިއީ އޯކޭ ކަމެއް!

The name is already taken The name is available. Register?

ހަސަނު

29 March 2023

ކޮންމެ ބަޔަކުވެސް ކޮންމެ މީހަކުވެސް ގަބޫލު ކުރަނީ އެ މީހަކު އެހެރީ ހައްގު ގޮތުގައި މެދުމިނުގައި ކަމަށް.. އަދި އެމީހާ އެ ގަބޫލު ކުރާ ގޮތް އެކަނިކަން ހައްގު ތެދު ގޮތަކީ. އަދި އެނޫން އެންމެން ތިބީ ހައްދުން ބޭރުވެފައި ކަމުގަ.. މި އީ އަހަރުމެންނަށް ކުޑަ އިރުއްސުރެ ދަސްވެފައިވާ ގޮތް.. އެންމެ މޮޅީ އެންމެ އެނގެނީ ތިމާ އަށް ކަމާ، އަނެއް މީހާ އަށް ނުވިސްނެނީ ކަމުގަ..

The name is already taken The name is available. Register?

ހށނ

29 March 2023

މިންގަޑަކީވެސް އެއިރަކަށް މުޖުތަމައުގެ ހޭލުންތެރިކަން ހުންނަ މިންވަރަކުން ބަދަލުވަމުންދާނެ އެއްޗެއް. ސޯޝަލްމީޑިއާއާއި އެކުމިހާރު ކޮންމެމީހކީވެސް ދަންނަބޭކަލެއް. ފެނުނު ކޮންމެ އެއްޗެއް ޝެއަރ ކޮށްގެން އޭގެއިން އެތައްބަޔަކު ދަރުމަލިބިގަނޭ. ތިމާއަށްނޭގޭ އެއްޗެއް އަނެކާއަށް ބުނެދިނުމުގަ އަވަދިނެތި އުޅޭމީހުން ގިނައިރު. މައުލޫމާތު ލިބިގަންނަފަރާތަށް ވެސް އެލިބޭމައުލޫމާތުގެ ތެދުކަން ވެރިފައިކުރުމުގެ ގާބިލުކަމެއްނެތުމުން ހުރިހާބަވަތެއްގެފިކުރުވެސްގިނަވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454