ދައުރު ނޫހުގެ ސީނިއަ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް އާއި އެ ނޫހުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޒާހިރު (ކ އިން ވ).-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 އެޕްރީލް 2023 - 12:10
ލިޔުނު ރިޕޯޓަކާ ގުޅިގެން "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފް އާއި މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ ޒާހިރު) އަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އެމްޑީޕީ ތެރޭގައި އުފައްދައިގެން އުޅޭ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. މައްސަލަ ބަލަން ގޮވާލައި ގަރާރު ހުށަހެޅި މި ފެކްޝަނުގެ ބައެއް މެމްބަރުން މީގެ ކުރިން ވަނީ އެ ޕާޓީން މި ފަހުން ބޭއްވި އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް، ސަރުކާރުން ފައިސާ ނަގައި ގިނަ ނޫސްވެރިން "ވިކިފައި" ތިބި ކަމަށް ތުހުމަތުކޮށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.
ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ސީނިއާ އެޑިޓަރަކާއި ނޫސްވެރިއަކަށް އިންޒާރު ދީފައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި ސަން ސިޔާމް ރިސޯޓްގެ ވެރިޔާ އަހުމަދު ސިޔާމް އާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
އިންޒާރުގެ މެސެޖުތަކުގައި މަގުމަތިން ދިމާކޮށްލާނެ ކަމަށައި ފުރާނަ ދުއްވާލަން ފަސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެ މައްސަލަ އަށް ތަހުގީގީ އިދާރާތަކުން ފުރިހަމަ އަށް ސަމާލުކަން ދީގެން އަވަސް ފިޔަވަޅު އެޅުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލައިގެ ބަހުސް ކުރައްވަމުން އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން ވަނީ އެ މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި މި ސަރުކާރަށް ނޫސްވެރިންނަށް ވުރެ މުހިންމު ވާނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެވެ. އަދި އެމްޑީއޭ އާއި ސަރުކާރަށް އެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މީގެ ކުރިން ނޫސްވެރިންނަށް ދިން އިންޒާރުތަކުގެ މައްސަލާގައި ފުލުހުން އަޅާނުލައި ދޫކޮށްލާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަތީޖާއަކީ، ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުން ކަމަށާއި މިހާތަނަށް ވެސް މި ސަރުކާރަށް އެކަމުގައި އިންސާފު ހޯދައި ނުދެވޭ ކަަމަށް މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުން ވިދާޅުވީ ނޫސްވެރިންނަށް ދޭ އިންޒާރުތަކާ ގުޅިގެން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމުން އިހުމާލު ނުވެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ފުލުހުންގެ މުއައްސަސާ އިން ފެންނަނީ އިހުމާލުވާތަން ކަމަށް ވިދާޅުވެ މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅިއިރު، ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ.
11 April 2023
ނޫސްވެރިކަމުގެ އަގު ހިފަހައްޓަން ބިލެއް ހުށަހަޅަން ނުވޭބާ؟ މިހާރު ނޫސްވެރިންނާ ސިޔާސީ އެކްޓިވިސްޓުންގެ ތަފާތެއް ނުފެނޭ. ސިޔާސީ ބޭނުމަށް މީސްމީހުންގެ ބޮލުގަ ދޮގުތުހުމަތު އެޅުވާ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން ފިލާތިބުން ހުއްޓުވަން ޖެހޭ.
ޮސިސޖސޖޖ
10 April 2023
ބައެއް ދިވެހި ނޫސްވެރިންނަށް ދިވެހި ބަހުގެ ބޭސިކް ނޭނގޭ ވާހަކަ މަޖިލީހުގަ ދައްކާލަބަލަ. މިއުޅޭ ބިދޭސިންވެސް މާ ގަދަވާނެ ސުކުނަށް މި ވާނުވާ ދިވެހިންނަށްވުރެ
ހަިނިަ
10 April 2023
ތިޔަ މައްސަލަ ރައްދުވާ ފަރާތަކީ މަޖްލިހަށް އާއްމުކޮށް ހާޒިރުވާ މީހަކަށްނުވާތީ ތިކަން ބެލުމުގެ ހަނި ޗާންސެއް އޮވެދާނެ.
ނޫން
10 April 2023
ހަގީގަތަކީ ނޫސްވެރިކަން މިއޮތީ ދުވަހަކުވެސް ނުދާހާ ދަށަށް ވެއްޓިފައި،
ކާތިބު
10 April 2023
މަޖިލިސް ހިސޯރުކޮށްގެން އުޅޭ ގުރޫޕުން މަޖިލިސް ބޭނުން ކުރަނީ ނަހަމަ ގޮތުގައިކަން ވަރަށް ފާހަގަ އެބަވޭ. އެއްވެސް މައްސަލައެއް އެޖެންޑާ ނުކޮށް މުޅިންވެސް ފިކުރު ބޮޑުވާ ކުދިން މުޅިދުވަސް މިދުއްވާލަނީ ތިމާމެންގެ އަމިއްލަ ބޭނުން ފުއްދުމަށް. ވިސްނަންޖެހޭ ކަންކަން. ދެން އޮންނަ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމުގައި ވަރަށް ވިސްނަމާތޯ؟ ޕާޓީ ލައިނެއް ކިޔާނެކަމެއް ނެތް. ޢިލްމީ އަޚްލާގު ރަނގަޅު ބަސްމަގު ރިވެތި ތަޖުރިބާ ހުރި މީހުނަށް ފުރުޞަތުދެމާތޯ؟