އާސެނަލްގެ ކޯޗު އާޓެޓާ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2023 - 12:00
ލިވަޕޫލްއާ ފަހު ވަގުތު 2-2 އިން އެއްވަރުވެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ މަސައްކަތުގައި އާސެނަލަށް ކޮންމެވެސް ވަރެއްހެ ހުރަހެއް ދިމާވި މެޗުގެ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ތަކުރާރުކޮށްފި ނަމަ ދެން އޮތީ ކާމިޔާބު ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގައި އާސެނަލުން 8 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެއްލީގެ ލަނޑުން ކުރި ހޯދި އެވެ. އަދި 28 ވަނަ މިނެޓުގައި ގެބްރިއަލް ޖީސުސްގެ ގޯލުން ލީޑު ފުޅާކުރި އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހުކޮޅު މުހައްމަދު ސަލާހުގެ ގޯލުން ލިވަޕޫލް ތަފާތު ކުޑަކުރި އެވެ. އެ ޓީމުން ޕޮއިންޓެއް ހޯދީ 87 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނިއޯ ޖެހި ގޯލުންނެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، އާސެނަލް އަށް ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެކަމަކު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް އިތުރު މެޗެއް އޮތުމުން އެ ޓީމު އެ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލްގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. އާސެނަލް އަށް 73 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަތުގައި އޮތީ 67 ޕޮއިންޓެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މެޗުގެ ފަހު ވަގުތު މިގޮތަށް ޕޮއިންޓް ގެއްލުމުން މާޔޫސްކަން ލިބޭ ކަމަށާއި މިއީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް ކަމަށެވެ. އެގޮތުން ދެ ލަނޑުގެ ލީޑެއް ލިބި، މެޗުން ތިން ޕޮޮއިންޓް ކަށަވަރުކުރަންވީ ވަގުތު ގޯލެއް ވަނީ ކަމަށާއި ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރަންވީ ވަގުތު، ގޯސްތަކެއް ހެދުނީ ކަމަށް އާޓެޓާ ބުންޏެވެ.
"އެކަމަކު ހިނގާ އިންސާފުވެރިކޮށް ވާހަކަދައްކަމާ. އަހަރެމެން ފުރަތަމަ ހާފުގައި ދެއްކީ ތަފާތު މޮޅު ކުޅުމެއް. އެކަމަކު ދެ ވަނަ ހާފުގައި ދެއްކި ކުޅުމަކީ މެޗު ގެއްލިދާނެ ފަދަ ކުޅުމެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ކުރިއަށް އޮތް މެޗުތަކުގައި ތަކުރާރުކޮށްފި ނަމަ އާސެނަލް އަށް އަށް އޮތީ ރަނގަޅު ދުވަސްތަކެއް ކަމަށެވެ. އަދި މި މެޗުން ނަގަންވީ ފިލާވަޅަކީ، މެޗުގެ އޮއިވަރު ކޮންމެ ގޮތަކަށް ބަދަލުވިޔަސް، އާސެނަލުން މެޗާ ދޭތެރޭ ދެކޭ ގޮތާއި ދައްކާ ކުޅުމަށް ބަދަލު ނުގެނައުން ކަމަށެވެ.
"އަހަރެމެންނަށް މިހާ ގިނަ މެޗުތަކުން މި މޮޅުވެވުނީ އެގޮތަށް ކުޅެގެން. އެއީ އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް. މިހިސާބުން ފެށިގެން ސީޒަން ނިމެންދެން ވެސް ކުޅޭނީ އެ ވިސްނުމުގައި،" އާޓެޓާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެނީ
11 April 2023
ސިޓީ ބަލިކޮއްގެން ތަށި ހޯދާތި ކުދިންނޭ.. ލީގު ގެއްލުނަސް ތި ސޮކޮޑް ވަރަށް ފިއުޗާރ ބުރއޓ
ހަޑިގިއްލާ
10 April 2023
އުއްމީދަކީ އާސެނަލް ތަށި އުފުލާލުން!