މެޗުން ބަލިވެ، ލީގުގެ އުންމީދު ގެއްލުމުން އާސެނަލްގެ މިޑްފީލްޑަރު އެމީލް ސްމިތު-ރޯ މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
15 މެއި 2023 - 00:28
ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިރޭ ބްރައިޓަން އަތުން 3-0 އިން ބަލިވެ ޗެމްޕިއަންކަން ހޯދުމުގެ ހަނި ފުރުސަތު ވެސް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.
އާސެނަލްއާ އެކު ލީގަށް ވާދަކުރަމުން އައި މެންޗެސްޓާ ސިޓީ ވަނީ މިއަދު ރަށުން ބޭރުގައި 3-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ސިޓީގެ މޮޅަށް ގިނަ އިރުތަކެއް ނުވަނީސް އާސެނަލް ބަލިވުމުން އަންނަ ހަފްތާ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ސިޓީ އަށް މިހާރު ވަނީ ފަހިވެފަ އެވެ.
ލީގުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށްގެން ސިޓީ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު އެ މެޗުގެ ކުރިން ހޮނިހިރު ދުވަހު އާސެނަލް އަތުން ނޮޓިންހަމް ފޮރެސްޓް މޮޅުވެއްޖެ ނަމަ ސިޓީ އަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ މިހާރު އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އަށް 36 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް އާސެނަލް އަށް ހަމަކުރެވޭނީ 87 ޕޮއިންޓެވެ.
ލީގުގައި ސިޓީ އަށް ބާކީ އޮތީ ޗެލްސީ އާއި ބްރައިޓަން އަދި ބްރެންޓްފޯޑް މެޗެވެ. ފަހު ދެ މެޗުގައި އާސެނަލް ކުޅޭނީ ފޮރެސްޓް އަދި ވުލްވްސްއާ އެވެ.
ރަނގަޅު ނަތީޖާތަކަކާ އެކު އާސެނަލް މި ސީޒަނުގައި މަސައްކަތް ކުރީ 2003/2004 ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާށެވެ. އެފަހަރު އާސެނަލް ލީގު ނެގީ މެޗަކުން ބަލިނުވެ އެވެ.
ބްރައިޓަން އިން އާސެނަލް ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި ޖެހީ ހޫލިއޯ އެންސިސޯ އެވެ. އެޓީމުގެ ދެވަނަ ގޯލު 86 ވަނަ މިނިޓުގައި ޖެހީ ބެންޗުން ކުޅެން އެރި ޑެނިޒް އުންޑޭވް އެވެ. ދެ ގޯލުގެ ލީޑެއްގައި އޮވެފައި ބްރައިޓަން އިން ފަރަގު ބޮޑުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޕާވިސް އެސްޓުޕީނާން ޖެހި ގޯލުންނެވެ.
ގުންޑޮއާން (ވ) ސިޓީއަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީ އިން އެވަޓަން ބަލިކުރި މެޗުގެ ފުރަތަމަ އެގާރަ އަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކެވިން ޑިބްރޭނާ އާއި ޖެކް ގްރީލިޝް އަދި ޖޯން ސްޓޯންސް އިނީ ބެންޗުގަ އެވެ. އާލިން ބްރައުޓް ހާލަންޑާ އެކު ކުރި ބެލެހެއްޓީ ހޫލިއަން އަލްވަރޭޒް އަދި ފިލް ފޮޑެން އެވެ.
ފުރަތަމަ ހާފު ސިޓީ ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. ލީގު ނެގި ގޯލު 37 ވަނަ މިނިޓުގައި ޖެހީ އިލްކާއީ ގުންޑޮގާން އެވެ. އޭގެ ދެ މިނިޓް ފަހުން ހާލަންޑް ބޮލުން ޖެހި ގޯލާ އެކު ސިޓީ އިން ލީޑު ފުޅާކުރި އެވެ. ސިޓީގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ގުންޑޮގާން އެވެ.
މި ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލް ލީގުގެ އެއް ވަނައިގައި އޮތެވެ. އެކަމަކު ސިޓީ އިން ފަހަތުން އަރައި އާސެނަލް އަތުލިއިރު ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ސިޓީ އިން ކާމިޔާބުކުރި އެވެ.
އާސެނަލް އަތުން ހޯދި ބޮޑު މޮޅާ އެކު ބްރައިޓަން ވަނީ 34 މެޗުން 58 ޕޮއިންޓް ހަމަކޮށް ލީގުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ ފަސް ވަނައިގައި އޮތީ ބްރައިޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، 62 ޕޮއިންޓް ހޯދައިފައިވާ ލިވަޕޫލް އެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބްރައިޓަން މަސައްކަތްކުރަމުން އަންނަނީ ޔޫރަޕްގެ ޖާގައެއް ހޯދުމަށެވެ.
ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ބްރެންޓްފޯޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އާއި ޔުއޯނޭ ވިސާ އެވެ. މި މޮޅާ އެކު ބްރެންޓްފޯޑް އޮތީ 53 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރަދީފްއޮފިޝަލް
15 May 2023
ފެނޭތެ؟؟
ރަދީފްއޮފިޝަލް
15 May 2023
މަރުހަބާ ސިޓީ.އާސެނަލް ގާތް ގަނޑަކަށް ލީގް ލިބި އެވަނީ އެޕްރީލް މަހުން ފަށައިގެން ސިޓީއަށް ދީފަ.މިއީ ދެރަކަމެއް.ނަމަވެސް ފުޓްބޯޅައިގަ ކަންކަން ނިމިގެންދާ ތަރުތީބުން މި ސީޒަނުގަ އާސެނަލްގެ ޕާގޯމަންސް ރަނގަޅު.އާސެނަލް ކުރި ހިތްވަރު ފާހަނގަކުރަން.ވ.ވެދުން
ލެއްގިކޮމިޝަނަރ
15 May 2023
އާސެނަލްގެ މަސައްކަތް ގޯހެކޭ ލެއްގިކޮމިޝަނަރުވެސް ނުބުނަމޭ. އަދި މިސީޒަނަކީ އާސެނަލްއަށް ވަރަށް ކާމިޔާބުވެސް ސިޒަނެކޭ. އެހެނީ ކުޅުނު އެއްވެސް މުބާރާތެއް ކާމިޔާބު ނުވިތާ ފައިނަލަށްވެސް ނުދޭވީޔާ. ހަތްއަހަރަށްފަހު ޗެމްޕިއަންސްލީގަށް ކޮލިފައިވުމީ ތިބުނާ ބޮޑުކާމިޔާބުތާދޯ؟ އާސެނަލްއަށް މިކަމަކީ 100 ތަށިހޯދުންފަދަ ކަމެއް. މަމެންގެ ސިޓީ ޗެމްޕިއަންސްލީގު ސެމީފައިނަލް ނުކުޅެންޏާ ކޮލިފައިންވި ކަމަކަށްވެސް އަހަރުމެން ނުދެކެން.
ލެއްގިކޮމިޝަނަރ
15 May 2023
ލީގުފެށިގެން އާސެނަލް ކުރީގަ އޮތަސް ރަދީފު ކައިރީ އަބަދުވެސް ލެއްގިކޮމިޝަނަރ ބުނަމުންދިޔައީ ލީގުނަގާނީ މަމެންގެ އަރަބި ތެޔޮވަޅޭ. އާސެނަލް ލީގުނިމޭރު އެއްވަނާގައި އޮތުމުކޭ ނީލަގެރި އެތެއް ފަޅޯގަހުކުރީ އޮތުމެކޭވާނީ ހަމަހަމައޭ. ވަގުތު ޖެހުނުއިރު ފަޅޯގަސް ބިންދައިގެންގޮސް އެއްކަލަ ނީލަގެރި ވެއްޓި އެޔޮތީ ހެލިފެލި ނޫޅެވޭވަރަށް ބަލިވެފަ. ފުޓްބޯޅަ އެނެލިސްކުރަން ރަދީފުމެން އަދި އަހަރުމރންނާ ވާދަކުރަން ބޭނުންވާނެ 100އަހަރު. ރަދީމަށް ބޯކޮށްސަލާން
ރަދީފްއޮފިޝަލް
15 May 2023
ބްރޯގެ ކްލަބުން ހޯދާ ކާމިޔާބީއަށް މަރުހަބާ.އަހަރުމެން ޑިސްއެޕޮއިންޓެއް ނުވޭ.ލިވަޕޫލް މެޗަށް ފަހު އެނގޭ އާސެނަލަށް ލީގް ގެއްލިއްޖެކަން.އިރާދަކުރެއްވިޔާ އަންނަ ސީޒަނުގަ ރަނގަޅު ފައިޓެއް ދެވޭނެ.ޗެލްސީ ، ލިވަޕޫލް ، މެންޔޫ އަދި ސްޕާސް ފަހަތަށް ޖައްސާލާފަ އާސެނަލް މިފަހަރު ދެއްކި ހިތްވަރު ފާހަނގަކުރަން.ވ.ވެދުން
ސަންސިޓީ
15 May 2023
ގާތްގަނޑަކަށް ލިބިފައޭ…. ހީހީ ކޮންއިރަކުތޯ ލިބުނީ…. 30 އަހަރުވަންދެން މަޑުކޮށްލާ… އެހެން ބަޔަކުވެސް 30 އަހަރުފަހުން ހުސްވެފައޮތް ސްޓޭޑިއަމްތަކެއްގަ ކުޅެގެން ލީގުނެގިދޯ…. ހާހާ….. ދެން ރަދީފު ހިންދާލާ މިފަހަރު… ޒީރޯގަ… ސިޓީއާ ވާދަކުރެވޭ ފެންވަރެއް އަދިނެތް… ސިޓީގަ އުޅުނު އެސިސްޓަންޓް ކޯޗަކާ ދެކުޅުންތެރިން ލިބުނީމަ ރަދީފަށް ސައިޒް އޮޅުނީ… ހީކުރީ ދެންމި ލީގު ލިބުނީއޭ…. ހާހާ،،،،
ެައައިނާ
15 May 2023
ރަދީފޫ ހޮރުން ނިކުންނަނަ އުޅޭ!
ރަދީފްއޮފިޝަލް
15 May 2023
އަހަރުމެން މިއީ ތިކަހަލަ ބައެއް ނޫން.ހޮރަށް ވަދެ ފިލާވަރަށްވުރެ އަހަރުމެންގެ ލެވެލް ރަނގަޅުވާނެ.
ސަލީމް އިދްރީސް
15 May 2023
ކޮބާ ރަދީފުގެ ކޮމެންޓެއް ނެތްތަ؟
ލޯންސްޓާ
15 May 2023
ރަދީފު ކަޑަވާނެ.
ރަދީފްއޮފިޝަލް
15 May 2023
ލޯންސްޓާގެ ޗެލްސީ އޮތް ހިސާބު ޓޭބަލުން ފެނޭ ބާ؟؟/ އަދި 800 މިލިއަން ހަރަދުކޮށްލާ.
ލެއްގިކޮމިޝަނަރ
15 May 2023
ރަދީފްއަށް ލަދުން ކޮމެންޓެއް ކޮށްލަންވެސް ނުކެރުނު. މިހާހު އޮންނާނެ ހޮރަށް ވަދެ ފިލާ! މިފަހަރު މަމެންގެ ސިޓީ އިން ޓްރެބުލް ނަގާނެ.
ރަދީފްއޮފިޝަލް
15 May 2023
ކިބުރުވެރިވެ ބޮޑާވެ ނުގަތުމަށް ނަސޭހަތްތެރިވަން.