އާސެނަލްގެ ކެޕްޓަން އޮޑެގާޑް އާއި ބައެއް އެހެން ކުޅުންތެރިން، މެޗުން ބަލިވުމުން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
21 މެއި 2023 - 00:35
ނޮޓިންހަމްޝަޔާ (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން 0-1 އިން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރު ވެއްޖެ އެވެ.
ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި ނޮޓިންހަމް ފޮރެސްޓުން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޓައިވޯ އަވޮނިޔީ އެވެ.
ލީގުގައި އާސެނަލް އަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ވެސް އެޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ތިން މެޗު ބާކީ އޮތް ސިޓީ ވަނީ މިހާރު ވެސް 85 ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގައި ސިޓީ މާދަމާ ރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އާސެނަލް މިރޭ މޮޅުވި ނަމަ ޗެމްޕިއަންކަން ކަށަވަރުކުރަން ސިޓީ އަށް ޖެހޭނީ ޗެލްސީ ބަލިކުރާށެވެ.
މި ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލީއިރު ވެސް އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އޭޕްރިލް މަސް އާސެނަލުން ފެށީ ސިޓީ އަށް ވުރެ އަށް ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އެކަމަކު ފަހުން ކުޅުނު މެޗުތަކުގައި އާސެނަލްގެ ފޯމު ދަށްވިއިރު ސިޓީ އިން ލީގުގައި ޖެހިޖެހިގެން 11 މޮޅު ހޯދި އެވެ.
މީގެ 31 އަހަރު ކުރިން، 1992 ވަނަ އަހަރު ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން މި ސީޒަނާއި ހަމައަށް ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެކަމަކު މި ސީޒަން ހިމަނައިގެން އެންމެ ފަހުގެ ތިން ލީގު ތައްޓާ އެކު ސިޓީ ވަނީ އެ ރެކޯޑާ ހަމަކޮށްފަ އެވެ.
ސިޓީ އިން މިހާރު ވަނީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ. އޭގެ ތެރެއިން ހަތް ފަހަރު ޗެމްޕިއަންކަން ހޯދީ މިދިޔަ 11 އަހަރު ތެރޭގަ އެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އިން ވަނީ ފަސް ފަހަރު ލީގު ތަށި ހޯދައިފަ އެވެ. ގާޑިއޯލާ ވެފައިވަނީ މަދުވެގެން ފަސް ލީގު ތަށި އިނގިރޭސި ވިލާތުގައި ކާމިޔާބުކުރި ހަތަރު ވަނަ ކޯޗަށެވެ. މީގެ ކުރިން އެ ލިސްޓުގައި އޮތީ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އަލެކްސް ފާގަސަން އާއި ލިވަޕޫލަށް ކޯޗުކޮށްދިން ބޮބް ޕެއިސްލީ އަދި އެސްޓަން ވިލާގެ ކޯޗު ޖިއޯޖް ރަމްސީ އެވެ.
ޕްރިމިއާ ލީގުގެ އިތުރުން ސިޓީ އިން އަންނަނީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ ތައްޓަށް ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ސިޓީ ނުކުންނާނީ އަވައްޓެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޖޫން 10 ވަނަ ދުވަހު ކުޅޭނީ އިޓަލީގެ އިންޓަ މިލާންއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލައާދަނު
22 May 2023
ރަދީފު ބުނީ އާސެނަލް އެންމެ ފަހު ވަގުތު ލީގު ސިޓީއަށް ދިނިއްޔޯ.
ލެއްގިކޮމިޝަނަރ
21 May 2023
ފޮރެސްޓްއަތުން އާސެނަލް ބަލިވުމަކީ މައްސަލައެއްނޫން. އެހެނީ ރަދީފްގެ މިންގަޑުން ބަލާނަމަ ފޮރެސްޓަކީ ހުރިހާ ގޮތަކުންވެސް އާސެނަލްއަށްވުރެއް ބޮޑުކުލަބެއް. 20 ނޫނީ 30 އަހަރުފަހުން ޕްރިމިއަރ ލީގަށް ކޮލިފައިންވިޔަސް ރަދީފުގެ ސުކޭލުން މިންއެޅީމަ ފޮރެސްޓްވަނީ މާބޮޑުކުލަބަކަށް. އެހެންވީމާ ރަދީފުދެރަވެ ނުނިދާ ރޯންހުންނާކަށް ނުޖެހޭނެ. ވެތުވެދިޔަ 19 ސީޒަނުގަވެސް އާސެނަލް ލީގުނިންމާލި މިގޮތުގަ. ރަދީފުމެން މިކަންކަމަކަށް އަލެއްނުވާނެ.
ރަދީފްއޮފިޝަލް
21 May 2023
މާ ބޮޑަށް ހުރިހާ ކަމެއް އެނގޭ މީހަކަށް ވެގެން ހުރެ ކާމިޔާބީގަ ވާދަވެރިންނަށް ތިޔަ ފަދަ މޭރުމަކުން ރައްދު ދިނީމަ މީހާ ސިފަވަނީ ހުސް ތޮށިގަނޑެއްގެ ގޮތުގަ.ތަންކޮޅެއް ހަރުދަނާ މީހަކަށް ވެބަލަ.ލަދު ކޮބާ؟؟ ވ.ވެދުން
ލޯންސްޓާ
21 May 2023
ރަދީފޫ! ހޮރުން ނިކުންނަން އުޅޭ!
ރަދީފްއޮފިޝަލް
21 May 2023
ރަދީފްމެން ދުވަހަކުވެސް އުޅުނު ގޮތެއް ނޫން.ބަލިވިޔަސް އިސްއިފުލައިގެން ތިބޭނީ.ފޭން ސައިކޮލޮޖީގެ އެންމެ އަސާސީ ސިފަތައް އެނގިތިބެ މަމެން ސަޕޯޓްކުރަން ނިކުމެ ތިބީ.ދެންވެސް ކަލޭ ބަލާބަލަ މިރޭ ޗެލްސީ މޮޅުވޭތޯ.ވ.ވެދުން
ލެއްގިކޮމިޝަނާރ
21 May 2023
ރަދީފު މިރޭ ނުނިދާ އޮންނާނެ ރޯން. ރަދީފަށް ލަދުން ކޮމެންޓެއް ކޮށްލަންވެސް ނުކެރުނު. އަދިވެސް ބުނެލަން އޮތީ މަމެންގެ ސިޓީ އިން މިފަހަރު ޓްރެބުލް ނަގާނެެ.
ލެއްގިކޮމިޝަނަރ
21 May 2023
އަޅުގަނޑުގެނަން ބޭނުންކޮށްގެން ވަގުކޮމެންޓްކުރާ މީހާއަށް ބުނެލަން ބޭނުންވަނީ ނަން ރަނގަޅަށް ލިޔަން ދަސްކުރާށޭ. އަކުރުތަކާ ފިލިތައް ހަމަކޮށްގެން ނަންލިޔުނީމަ އެހެންމީހުނަށް ހީވާނީ އެއީ މަގޭކޮމެންޓެއްކަން.
ރަދީފްއޮފިޝަލް
21 May 2023
މަރުހަބާ ވާދަވެރި @ލެއްގިކޮމިޝަނަރ.ސިޓީގެ ހުރިހާ ފޭނުންނަށް މަރުހަބާ. ސިޓީ އެއީ މިވަގުތު ޔޫރަޕްގަ އެންމެ ރަނގަޅު ފޯމްގަ އޮތް ކްލަބް. ސަޕޯޓަރުން ގޮވައިގެން ބްރޯ ސައިކަލް ބުރެއް ބާއްވައްޗޭ.ވ.ވެދުން
ލެއްގިކޮމިޝަނަރ
21 May 2023
ޝުކުރިއްޔާ ވާދަވެރި އެކުވެރިޔާ. އަޅުގަނޑު އަބަދުވެސް ބުނަމުން ދިޔައިން ލީގުނަގާނީ ސިޓީއޭ. ލީގު ފެށިގެންގޮސް މިއަހަރުގެ މާޗްމަހުގެ ފަހުކޮޅާހަމައަށް އާސެނަލް 1ވަނާގަ އޮތްއިރުވެސް ލެއްގިކޮމިޝަނައަރ ފެންނަމުންދިޔައީ ސިޓީ ލީގުގެ 1 ވަނައަށް އަރާނެކަމުގެ އަލާމާތްތައް. 38 މެޗްކުޅޭ މިފަދަ ލީގުތަކަށް ވާދަކުރެވޭނީ ސިޓީފަދައިން ހަރަދުކުރާ ކުލަބުތަކަށް. ވަރުގަދަ ސުކޮޑަކާ ފެންވަރުގެ ކޯޗެއްވެސް ހުންނަ ކުލަބަކަށް. ސިޓީއަކީ މިބުނާކަންކަން ފުރިހަމަވެފާވާ ކުލަބެއް.
1828
21 May 2023
މާ އަވަހަށް ސިޓީއިން ތަށި އެނެގީ. ސިޓީއިން ތަށި ނަގަންވާނީ އަސެނަލް ވަރަށް ހިތްދަތިކޮށްފައި.