ރިޕޯޓް

ޕާޓީ ދޫކޮށްނުލައްވައި، ނަޝީދުގެ ހުދުމުހުތާރުކަން އިތުރު ހަރުފަތަކަށް!

ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ކޮޅަށް ތެދުވެވަޑައިގެން--ފޮޓޯ: މަޖިލިސް

އަނެއްކާވެސް ރާއްޖެ އަށް މި ކުރިމަތިވީ ރައްޔިތުންގެ މަޖިލިހުގެ 12 މެންބަރެއްގެ މައްސަލަ އެވެ. މީގެ ހައެއްކަ އަހަރު ކުރިން ސަރުކާރު ހިންގި ޕާޓީގެ ތެރެއިން ވެސް މަޖިލިހުގެ 12 މެމްބަރަކު ވަކިވެގަނެ، އިދިކޮޅު ހަރަކާތަށް އެރި އެވެ. އޭގެ ނަތީޖާއަކަށް އޭރު ވީ އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމާއި މަޖިލީހުގެ ފާރު މަތިން ނެރެ އެއްލާލުމެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބޮޑު "ދުއްތުރާ" އަކަށް އެ މެމްބަރުން ވި އެވެ.

މިހާރު މި ފެންނަނީ ދާދި އެއް ކަހަލަ މަންޒަރެއް މުޅިން އެހެން ގޮތަކަށެވެ. އަނެއްކާވެސް ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން މަޖިލިހުގެ 12 މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅިއްޖެ އެވެ. އެކަމަކު މި ފަހަރު އެ މެންބަރުން މަޖިލީހުން ބޭރު ކުރުމުގެ ބަދަލުގައި ފެންނަނީ މުޅި މަޖިލީހުގެ ކޮންޓްރޯލް ނަގައި، އަޣުލަބިއްޔަތު އޮތް އެމްޑީޕީ އަށް ކަނޑައަޅާފައިވާ ވަގުތު ބޭނުން ކުރައްވައިގެން ބަހުސް ކުރަން ފުރުސަތު ލިބޭ މަންޒަރެވެ.

އޭރާއި މިހާރު އެއްގޮތް އަނެއް ކަމަކީ ކުރިން ރިޔާސަތުގައި އިންނެވި މުހައްމަދު މަސީހާއި މިހާރު ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަމާޒު ވަނީ "ހުދުމުހުތާރު" ކަމާއި "ނުލަފާކަން" ދެއްކުމުގެ ތުހުމަތެވެ! ނަޝީދުގެ ފެކްޝަންގެ 12 މެމްބަރުން އެމްޑީޕީން ވަކިވިޔަސް އެ މަނިކުފާނު އެ ޕާޓީ ދުލެއް ނުކުރެއްވި އެވެ. އޭގެ ބާރުގައި ރިޔާސަތުގައި އިންނަވައިގެން މިހާރު މާ ބޮޑަށް ވެސް ދައްކަވަނީ ހުދުމުހުތާރު ގޮތްތަކެވެ.

މަޖިލީހުގެ ކޮންމެ ކަމެއް ނަޝީދު ބޭނުންފުޅު ގޮތަކަށް "ޑިކްޓޭޓް" ކުރައްވާ ކަމުގެ ޝަކުވާއަކީ މެންބަރުންތަކެއް ވަކިވި ހިސާބުން ފެންނަ ކަމެއް ނޫނެވެ. އެކަމަކު، މިދިޔަ ހަފުތާގައި ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލާ އެކު އެކަން ނަޝީދު އިތުރު ހިސާބަކަށް ގެންދަވާނެ ކަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލިހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އިން ސާފުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރޭގައި އަބަދުވެސް އޮންނަ ޝަކުވާއަކީ 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބަހުސް ނުކުރާ ވަރަށް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބަހުސްގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ނިޒާމީ މައްސަލަތައް ނެގުމުގެ ފުރުސަތާއި އެ އަށް ޖަވާބުދާރީވުން އޮންނަނީ އެ މަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށެވެ. ގަވައިދު ބޭނުންފުޅުވާ ގޮތަކަށް ލަންބަވާ ކަމުގެ ތުހުމަތެވެ.

އެމްޑީޕީގެ ތެރޭގައި ނަޝީދަށް ތާއީދު ނުކުރައްވާ މެންބަރުން ގިނަވެ، ސީދާ އެ މަނިކުފާނާ ދެކޮޅަށް މަޖިލީހުގައި ވެސް ބަސް ވިދާޅުވާން ފެށި ހިސާބުން އެ ފިއްތުންތަކާއި "ޖެއްސުން" ކުރެއްވުން އިތުރަށް ބޮޑުވެ މެންބަރުންނަށް "އަނގައިން ނުބުނެވޭ" ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

މަޖިލީހުގެ މި ދައުރު ފަށަން ބޭއްވި ޖަލްސާ ހޫނުވެ ސަރުކާރު މެންބަރުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ މިހާތަނަށް އެ މެންބަރުންނަށް ނުފެންނަ ކަމެއް ހިނގުމުންނެވެ.

"ދަ ޑިމޮކްރެޓްސް" ގެ "ޝެޑޯ ލީޑަރެއް" ގެ ގޮތުގައި ހުންނަވައިގެން ނަޝީދު އެ ޕާޓީގެ މެންބަރުންނަށް ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި އެމްޑީޕީގެ ވަގުތުތައް ބޭނުން ކުރެއްވުމެވެ. އަދި ޕާޓީން ވަކިވެއްޖެ ކަން އަމިއްލަ އަށް އެ މެންބަރުން ނާންގަވާހާ ހިނދަކު އެ ޕާޓީ އަށް ވަގުތު ދެއްވާނެ ކަން އިއުލާން ކުރެއްވި އެވެ. މިއީ މިއިން ދުވަހަކު ފެނުނު ގޮތެއް ނޫނެވެ. މަޖިލިހުގައި އެ ޕާޓީއެއް ތަމްސީލް ކުރައްވާ މެމްބަރުންތަކެއް އެ ޕާޓީއަކުން ވަކިވިކަން އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހުގެ ރައީސަށް އެންގެވުމުން ރިޔާސަތުން މަޖިލިހުގައި އެކަން އިއުލާން ކުރެއްވީމާ ނިމޭ ކަމެކެވެ.

އެމްޑީޕީން 12 މެމްބަރުން ވަކިވި ކަމުގެ ސިޓީ އެ ބޭފުޅުން ފޮނުއްވައިފި އެވެ. ދެން އިތުރު ސިޓީއެއް އަނެއްކާ މަޖިލިހުގެ ރައީސަށް ފޮނުއްވަން ޖެހޭ އުސޫލެއް ބަޔާން ކޮށްފައެއް ނެތެވެ. އަނެއްކާ އެ ސިޓީތަކުގައި ގިނަ މެމްބަރުން ސޮއިކުރެއްވީ ނަޝީދުގެ ކުރިފުޅުމަތީގަ އެވެ.

ނަޝީދުގެ މުށު ތެރޭ މަޖިލިސް އޮޅާލަނީ!

އެމްޑީޕީގެ ތެރޭގައި ހުންނެވިޔަސް ނަޝީދުގެ ހިތް މިހާރު އޮތީ އެ މަނިކުފާނު އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށެވެ. ނަޝީދުގެ ލޯޔަލިސްޓުން ޕާޓީން ވަކި ކުރަން ފޯމުގައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅުއްވުމާއި އަލަށް އުފައްދަވާ ޕާޓީގެ ހަރަކާތްތައް ރީ ޓުވީޓް ކުރެއްވުމެވެ. އެންމެ ފަހުން އެ ޕާޓީގެ މަޑު ނޫ ކުލައިގެ ޓައި ތުރު ކުރައްވައިގެން ރަށްރަށަށް ވެސް ވަޑައިގަންނަވަން ނަޝީދޔ ފައްޓަވައިފި އެވެ.

އެހެންވެ މިއީ ނަޝީދު އެމްޑީޕީގެ ތެރޭގައި ހިނގަވާ ފަހު ތަޅާލުންގަނޑު ކަމަށް އެ ޕާޓީގެ ލީޑާޝިޕުން ގަބޫލު ކުރައްވަ އެވެ.

ނަމަވެސް ޕާޓީގެ ތެރެއިން ކުރިއެރުމެއް ލިބޭނެ ގޮތެއް ނެތުމުން ނަޝީދުގެ އަރިސް 12 މެންބަރުން އެ ޕާޓީން ވަކިވި އިރު "ފިކުރެއްގެ ދިރުން" އުފަން ކުރުވި ނަޝީދު އަދިވެސް އެމްޑީޕީގެ ތެރޭގައި ކުރަނީ ކީއްތޯ ނޫސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ސުވާލު އުފައްދަވަ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަޝީދު އެމްޑީޕީން އިސްތިއުފާ ނުދެއްވައި ހުންނަވާ ސަބަބު މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އަށް ބެލުމުން އެނގޭނެ އެވެ.

މަޖިލީހުގެ ޕާފޯމަންސް ރިޕޯޓުތަކާ ބެހޭ ގްރެފިކްސްއެއް

މަޖިލީހުގައި މިނިސްޓަރާއި ސުވާލު ކުރުމަށް ފަހު އޮތީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރުމެވެ. އެކަމަށް މަޖިލީހުގެ އެތައް ވަގުތެއް ނަގާލާނެ އެވެ. އެ މަސައްކަތަށް ފަހު ދެން ވެސް އޮތީ ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެންބަރުން ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކުގެ މައްސަލަ އަށް ބަހުސް ކުރުމެވެ.

ސަރުކާރުން ފޮނުވާ ބިލްތަކާއި ކޮމިޓީތަކުގެ މަސައްކަތް އޮތީ އެޖެންޑާގެ ފުލުގަ އެވެ. ގިނަ ފަހަރަށް މެންދުރު 2:00 ގައި މަޖިލީހުގެ ޖަލްސާ ނިންމާލާއިރު، އެ އިން އެއްވެސް މައްސަލައަކަށް ނުފޯރަ އެވެ. އަނެއްކާވެސް ޖެހިގެން އަންނަ ދުވަހުގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނާނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އާ ގަރާރުތަކެވެ.

"މެންބަރުންނަށް ވެސް މަޖިލީހުގެ މުއައްޒަފުންނަށް ވެސް މި ހޭދަ ކުރަނީ ދައުލަތުގެ ފައިސާ އިން. އިސްރާފު ނޫންތޯ މި ކުރަނީ. ފައިދާ ހުރި އެއްވެސް ކަމެއް ކުރަން ޖާގަ ނުދެއްވާ. ޖަގަހަތަކުގައި ބަހުސް ކުރާ އުސޫލުން ގަރާރުތަކެއް ހުށަހަޅައިގެން ސަރުކާރަށް ޖެއްސުން ކުރުން ނޫން އެހެން ކަމެއް ނުކުރައްވާ," އަނދުން ހުސެއިން ވިދާޅުވި އެވެ.

މުޅި މަޖިލިސް އޮންނަނީ ނަޝީދުގެ މުށު ތެރޭ އޮޅާލާފައި. ރިޔާސަތުގައި އެ އިންނަވަނީ އިދިކޮޅު ފަރާތްތަކުން މިހާރު އެ ހުށަހަޅަމުން އަންނަ މައްސަލަތަކަށް ފަހިކޮށް ސަރުކާރަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރަން -- މެންބަރެއް

ވޭތުވެދިޔަ ދެތިން ދައުރުގެ ތެރޭގައި މަޖިލީހުގެ މަސައްކަތްތައް ހިނގީ އެފަދަ ގޮތަކަށެވެ. މީގެ ކުރިން ދުވަހަކު ވެސް ހުށަނާޅާ ވަރަށް މަޖިލީހަށް ގަރާރު އެބަ ހުށަހަޅަ އެވެ. ބިލްތައް ފަހަތަށް ޖައްސަައި ގަރާރުތަކާއި ކުއްލި މައްސަލަތަކާއި މިނިސްޓަރުންނާ ސުވާލު ކުރުން ކުރިޔަށް ނެރުމަށް ފަހު ގިނަ ވޯޓުތައް ކުރިޔަށް ގެންދަނީ ކޮންމެ ދައުރެއްގެ ފަހު ދުވަހު އެވެ. އޭގެ ސަބަބުން ސަރުކާރުން ހުށަހަޅާ ބިލުތައް ރޭޓް ދައުރަކަށް ވުރެ ދައުރެއް ދަށަށް ދެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތަސް ރިޔާސަތުގެ ބާރު ބޭނުން ކުރައްވައިގެން މުޅި މަޖިލީސް ފްލޯ ކޮންޓްރޯލް އޮންނަނީ ނަޝީދުގެ އަތްޕުޅުގަ އެވެ. އަދި އެ މަގާމުގައި ދެމި ހުންނެވިހާ ދުވަހަކު އެ ބާރު ބޭނުން ކުރައްވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި ފެންނާނެ "ދަ ޑިމޮކްރެޓްސް" އަށް ފަހިވާ ގޮތަށެވެ.

"މުޅި މަޖިލިސް އޮންނަނީ ނަޝީދުގެ މުށު ތެރޭ އޮޅާލާފައި. ރިޔާސަތުގައި އެ އިންނަވަނީ އިދިކޮޅު ފަރާތްތަކުން މިހާރު އެ ހުށަހަޅަމުން އަންނަ މައްސަލަތަކަށް ފަހިކޮށް ސަރުކާރަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރަން،" އެހެން މެންބަރަކު ވިދާޅުވި އެވެ.

އަނދުން ހުސެއިން ވިދާޅުވި ގޮތުގައި މިވަގުތު އެމްޑީޕީން ވަކި ނުވެ ހުންނަވަނީ މަގާމް ގެއްލުމުގެ ބިރު އެމަނިކުފާނަށް އޮތުމުންނެވެ. މަޖިލީހުގެ 241 ކޮމިޓީގެ ލަފާގެ ދަށުން މަޖިލީސް ރައީސް އަށް ހާއްސަ ކޮށްފައިވާ ގެކޮޅުން ވެސް ނިކުމެވަޑައިގެން ސެކިއުރިޓީގެ ބޮޑެތި ބަދަލުތަކެއް ވެސް ގެންނަން ޖެހޭނެ އެވެ.

ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅާއި ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިއެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒްތައް ނަޝީދަށް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ބޮޑު ކަމަކަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ބޭނުން އެއްޗެއް ހެއްދެވުމުގެ ބާރު ގެއްލޭނެތީ މިވަގުތަށް އިސްތިއުފާ ނުދެއްވާ މަޑު ކުރައްވަނީ ކަމަށް އަނދުން ހުސެއިން ވިދާޅުވި އެވެ.

އެމްޑީޕީގައި ނަޝީދަށް މާ ގިނަ ދުވަހެއް ނެތް!

އެމްޑީޕީން ވަކިވި މެންބަރުން ނަޝީދު ރިޔާސީ އިންތިހާބަށް ނެރެން ވިސްނަވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ. އެމަނިކުފާނު އެމްޑީޕީގައި ހުންނެވިހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. އެހެންވެ އެ ފުރުސަތު ބޭނުން ނަމަ ޕާޓީން ކެނޑެން ދެން އޮތީ ދެ މަހެވެ.

އެމްޑީޕީގެ އިސް މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަޝީދު އަމިއްލަފުޅަށް ޕާޓީން ވަކިވަން ދެން ޕާޓީން ކަނޑާލުމުގެ ވިސްނުމެއް އަދި ނެތެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ޕާޓީގެ ކެމްޕެއިނާއި ހަރަކާތްތައް ފައްޓާއިރު ނަޝީދަށް މަޑު ކުރައްވައިގެން ހުންނަވަން އުނދަގޫވާނެ ކަމަށާއި އަމިއްލަ އަށް ޕާޓީ ދޫކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އާ ޕާޓީން ބޭނުން ކުރާ ކުލައިގެ ޓައި ތުރުކުރައްވައިގެން މީހުންނާ ސަލާން ކުރައްވަނީ--ފޮޓޯ: މަޖިލިސް

"ނަޝީދު އެމްޑީޕީގެ ތެރޭގައި ހުންނަވަން ބޭނުންހާ ދުވަހަކު ހުންނަވަންވީ. ރައީސަށް ބޮޑަށް ފައިދާ ވާނީ ވެސް އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު ހަމަވަންދެން އެމްޑީޕީން ވަކި ނުވެ ހުންނެވީ އާ. އޭރުން އިންތިހާބުގައި ނަޝީދާ ވާދަ ކުރައްވާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު އަމަލު ކުރައްވާނީ އެމްޑީޕީން ބޮޑު ބައެއް ނެގެން އޮތް ގޮތަކަށެވެ. އެމަނިކުފާނު މިފަހުން ވެސް "ޕާޓީ އަނބުރާ ހޯއްދަވާނެ" ކަމަށް އެ ވިދާޅުވުމުގެ މާނައަކީ އެމްޑީޕީގެ ތެރޭގައި ހުންނަވައިގެން އެމްޑީޕީ އަނބުރާ ހޯދުން ކަމަށް ނުވެދާނެ އެވެ. އޭގެ ބަދަލުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިޔަވަޅުތަކުން ހިންގަވައި ވަކި ޕާޓީއެއް އުފައްދަވައިގެން އެމްޑީޕީގެ އަސްލު ސަޕޯޓަރުން އެމަނިކުފާނު ފަޅިއަށް ގެންދިޔުން ކަމަށް ވެދާނެ އެވެ.

ކޮންމެ ގޮތެއް ވިޔަސް އެމަނިކުފާނު ޕާޓީގައި ހުންނަވާތަން ދެން ފެންނާނީ މަހެއްހާ ދުވަހު ކަމަށް އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ކުރިޔަށް އޮތް މަސް ދުވަހަށް ވުރެ އަވަހަށް ނަޝީދު މި ޕާޓިން ވަކިވާ ތަން ނުވަތަ ކަނޑާލާ މަންޒަރު ފެންނާނެ

ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މިހާރު ނަޝީދު މަޖިލީހުގެ ރިޔާސަތުން ބޭރުކުރަން ހުރިހާ މެންބަރުން އިއްތިފާގުވެ އެވެ. މަޑު ކޮށްލައިގެން ތިއްބެވީ އެމްޑީޕީގެ އެހެން ގުނަވަންތަކުންނާއި ސަރުކާރުގެ އިޝާރާތެއް ލިބެންދެން ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

"ކުރިޔަށް އޮތް މަސް ދުވަހަށް ވުރެ އަވަހަށް ނަޝީދު މި ޕާޓީން ވަކިވާ ތަން ނުވަތަ ކަނޑާލާ މަންޒަރު ފެންނާނެ," އެމްޑީޕީގެ އިސް މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރެއިން 12 މެންބަރުން ވަކިވުމަކީ "ރިހޭ ދަތެއް ވެއްޓުން" ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް ސިފަ ކުރެއްވި ނަމަވެސް މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންނަށް އެ ރިހުން އަދިވެސް ނުފިލަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ މެންބަރުން ކުރިމަތިލާން ޖެހޭ އުނދަގޫތަކާއި ފިއްތުން ބޮޑު ވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކަށް ވާނީ ރިޔާސަތުގައި އިންނަވާ ނަޝީދެވެ.

ޕީޕީއެމުން ވަކިވި 12 މެންބަރުންނާ ހިލާފަށް މި ފަހަރު އެ 12 މެންބަރުން މުޅި މަޖިލިސް ސައިޒު ކުރާނެ އެވެ! މަގުފަހި ކޮށްދެއްވާނީ ނަޝީދެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާ އަށް ބެލުމުން މުސްގަތްގަލް ފެންނަ ގޮތެވެ.

98 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެތޭ ނެތޭ

25 May 2023

ނަޝީދު ވަރުގެ ޑިކްޓޭޓަރެއް ދިވެހި ސިޔާސީ މަސްރަހުގައި ނެތް.

The name is already taken The name is available. Register?

ރަސްދޫ ސައީދު

25 May 2023

އަހަންނަށް ރަގަޅީ ޑިކްޓޭޓަރެއް، އެކަމަކު ނަޝީދެއްނޫން. ރާއްޖެޔަށް ގެނައި ޑިމޮކްރަސީޔަކުން އެންމެން ވެރިކަމާ ހިފަންހަދައިގެން މުޅި ގައުމު ފުނޑިއްޖެ. މިހާރުވެސް މިފެންނަނީ ކޮންމެ އިންތިޚާބެއް ކައިރިވީމަ ފެންނަ، އޭރެއްގަ އޮންނަ ސަރުކާރު ބަދަލްކުރަން އިދިކޮޅު( ވެރިކަންބޭނުން) ހުރިހާ އެންމެން ގައުމު ފަސާދަކުރާތަން. އެމީހުންގެ ކެހިވެރި މަޅީގަ ޖެހިގެން ރައްޔިތުން މިތިބެނީ ވެރިކަން ބަދަލްކުރަން ތައްޔާރަށް. ނަތީޖާޔަކަށް މިވަނީ ރަގަޅު އެއްވެސް ވެރިޔެއްނެތ

The name is already taken The name is available. Register?

ނަޒަރިއްޔާ

23 May 2023

ނަސީދަކީ ހުދުމުހުތާރު މީހެއް! ތާކުން ތާކު ޖެހޭ މީހެއް ނޫން ނަސީދަކީ!

The name is already taken The name is available. Register?

ހުސްގަޔާ

23 May 2023

އެހިސާބައް ކަނަތައް ދިއުމުން ދެންޖިހޭ ނީ ޕާޓީން ވަކިކުރަން އެކަން ކިރާހާ ގާބިލްކަމެއް އަދި ހިތްވަރެއް ގައުމީމަޖިލީހަކުނެތް ދެންއޮތީ ރމަޖިލީސް މަޖިލީހުގެ ރައީސްކަމުން ވަކިކިރުން ސޯލިހް ފަޅީގަ 50މެންބަރުން ތިބިއިރު މަޖިލީހްގެ ރައީސްކަމުން ވަކި ނުކޮށް ތިބުމަކީ ވަރައްބޮޑުސުވާލެއް ދަންނަވަންތޯ ގުންބޯ ރައްޔެތުން ހެއްދުޒަމާން ނިމިއްޖެ ތީޖަހަނީ މަޅިއެއް މިފަހަރު ރައްޔެތުން ތިމަޅީގަ ނުބެދޭނެ ތީބޮޑެތިރޭނުން

The name is already taken The name is available. Register?

ހުސްއޮނިގަޑު

23 May 2023

ޑީ އާރު ޕީ އަށް ވީގޮތް އެމް ޑީ ޕީ އަށް ވާނެ. ސޯލިހް އާއި ބައިވެރިންނަށް ލިބޭނީ 3 އަކުރު. ހުސް އޮނިގަޑު.

The name is already taken The name is available. Register?

ކަނބާ އައިޝާ

24 May 2023

މައުމޫން ފެއަށް ޖައްސާ، ޕީޕީއެމްއަށް ގަދަކަމުން ވެރިވެގަތުމުން، ޔާމީނަށްވެސް ލިބޭނީ ޕީޕީއެމްގެ ތޮށިގަނޑު ކަމަށް ބަޔަކު ކިޔާ އުޅުނު. ރައީސް އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް، ސީދާ ރައްޔިތުންގެ ޖީބަށް ލުއިވާނެ ކިތަންމެ ކަމެއް ވަނީ ކޮށްދެއްވާފައި. ދަނީ ކުރައްވަމުން. މިކަންކަން ހަޖަމު ނުވާ ބަޔަކު ތިހެންވެސް ކިޔާނެ

The name is already taken The name is available. Register?

ރަނާ

23 May 2023

ބާނީއަކީ ކެނެރީގޭ ނަޝީދެއް ނޫން ޕާރޓީ އުފެއްދި އިރުވެސް ޖަލަށް ބިރުން އަމިއްލައަށް ްައަރުވާލެވިގެން އިނގިރޭސި ވިލާތުގަ ހުންނެވި ކަމަށްވަނީ އެހެންބަޔަކު ކުރިކަމެއްގެ ފޮނި މީރުކަމަށް ވެރިވެ ގަތީއޭ ބުނާތީ އިވޭ.

The name is already taken The name is available. Register?

އިއްބެ ސޮލިއްޓެ

23 May 2023

އަދިވެސް ތިޕާޓީގެ ޕްރައިމަރީން ވެސް ވޯޓުން ތަޅާ ބަލި ކުރާނަން. މީގެ ފަހުން ލަދެއްގެ ބެދެން ނޫނީ ވޯޓަކައް ކުރިމަތިނުލާތި ދެން ލަލަލާ ލޮއްލޯ

The name is already taken The name is available. Register?

އާގޯތި އަޙްމަދު

23 May 2023

އެމްޑީޕީ ބައިބައި ވުމުގައި ނަޝީދުގެ އެއްވެސް މައްސަލައެއްނެތް! މައްސަލައަކަށްވީ އެމްޑީޕީގެ ފަލްސަފާ ގަބޫލުނުކުރާ އެމްޑީޕީއާއި އަލަށް ގުޅުނު ޑީއާރުޕީގެ މެންބަރުންތަކެއް އެމްޑީޕީގެ މައްޗަށް ސަވާރުވެ، ރައީސުލްޖުމްހޫރިއްޔާ އެފުރުސަތު އެމީހުންނަށް ފަހި ކޮށްދިނީމާ، ރޮޒޭނާމެން، ނާސިޒުމެން، މަވޯޓާމެން، ޝާހިދުމެން މި އަދި އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ސިޔާސަތުތަކާއި އޭރުވެސް މިހާރުވެސް ދުރުމީހުން. މުޅި ޕާޓީ އެމީހުން ހައިޖެކްކޮށް ހީހޫތަނުން ކާލިތަންފެނުނީ

The name is already taken The name is available. Register?

ރެޑް

22 May 2023

ކުރީ ސަރުކާރުގައި ފަނިއެޅުވި ބަޔަކު ވެރިކަމަށް އާދެވުމުން މި ފެންނަނީ އިދިކޮޅަށް އޮތް ޕާޓީ ފުނޑާލީމަ އަމިއްލަ ޕާޓީ ތެރެއިން އެއަށްވުރެ ވަރުގަދަ އިދިކޮޅެއް ކުރިފަޅައިގެން ހެދުނުތަން. އަދި އަމިއްލަ ވެރިކަމުގަ ފަނިއަޅުވާ ނިންމާލަން އުޅޭތަން. މިހާރު މިއޮތް ވެރިކަމަށް ކާމިޔާބުވާން އޮތީ އެވެރިކަން މަކަރާ ހީލަތުން ނުނިންމިނަމަ. އެކަމު އެހެން އެކަން އޭރު ކޮށްފައިވާނަމަ މިވެރިކަމުގެ ނިމުން އަންނާނީ އެވެރިކަން ނިންމި ގޮތަކަށް. ހަގީގަތް ހިތިވާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2023

މޫސާ ނަސީރު. ތިރީގައި މިވާ ލިންކަށް ފިތާލައްވާ މިހާރުގެ ދިފާޢީވަޒީރުގެ ލިއުމުގެ 5 ވަނަ ޕެރަޤްރާފްގެ ފަހު ފޮޅުވަތުގައި ލިއުއްވާފައިއޮތް ""ޤާނޫނުއަސާސީގައިވާ ގޮތް ނޫން ގޮތަށް ހިންގާ ކޮންމެ އަމަލެއް ވާނީ ޣައިރު ޤާނޫނީ އަދި ބާތިލް އަމަލަކަށް" ކަމުގައި އޮތް އޮތުމުގެ މާނައަކީ ރައީސަށް މަޖިލިސް މެންބަރުންގެ މައްޗަށް އަމުރު ނުކުރެވޭނެ ވާހަކަ. ލިންކް :

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 May 2023

ސޯލިހަކީ ކަނޑުކޮހެއްތަ؟ ބަލަ އެމްޑީޕީގެ ބާނީ އަކީ ރަޢީސް ނަސީދުއޭ! އޮޅިގެން ތިޔައުޅެނީ! މިއަންނަ މަހު 15 ގެ ފަހުން ދަ ޑިމޮކްރެޓިކް ޕާޓީ އަށް އެމްޑީޕީއިން ކެނޑިގެން ވަންނަ މީހުން ގިނަ ކަމުން އިބޫ އާޢި ރޮޒައިނާއަށް ނުވެސް ނިދޭނެ! އެމްޑީޕީ ހުޅުނބުދާނެ! ދެން ލަލަލާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454