ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއެއްގައި ރޯވެ އަނދަނީ.-- ފޮޓޯ: އެންޑީއެމްއޭ
01 ޖޫން 2023 - 12:34
ހއ. ފިއްލަދޫ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
އާއިލާއެއް ދިރިއުޅުނު އެ ގޭގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ
ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރަށު ހިތަށްފިނިވާގޭގައި ރޭ ދަންވަރު އެކެއް ޖަހާކަށް ހާއިރު ހިނގި މި ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ރަށު ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މެންދަމު 2:30 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
ފަސް ކޮޓަރި ހުންނަ އެ ގޭގައި ދިރިއުޅުނީ އުމުރުން ދުވަސްވީ ދެމަފިރިންނާއި އިތުރު ދެ އަންހެނަކާއި ތިން ކުޑަކުދިންނެވެ. ގޭގައި ރޯވި އިރު އެ އެންމެން ތިބީ ނިދައިފަ އެވެ.
"އޭގެ ތެރެއިން އެ އަންހެނަކީ އެ ގޭގެ ކުއްޖަކާ އިނދެގެން އުޅޭ ޖަޕާނު މީހެއް. އޭނާއަށް ހޭލެވުނީ ހޫނުވެގެން. ދެން އޭނާ ކޮޓަރިން ސިޓިން ރޫމަށް ނުކުމެ ބެލި އިރުގައި ފެނުނީ ކަރަންޓު ބޯޑާ ދިމާލުން ސީލިންގުގައި ރޯވެފައި ހުއްޓާ،" ފަތުހުﷲ ވިދާޅުވި އެވެ.
ފިއްލަދޫ ގެއެއްގައި ރޯވެ އަނދާ ހުލިވެފައި.-- ފޮޓޯ: އެންޑީއެމްއޭ
"އޭނާ އެންމެނަށް ގޮވާއި ހޭލައްވައިގެން ގެއިން އެންމެން ނެރުނީ."
ފަތުހުﷲ ވިދާޅުވީ އަލިފާން ނިއްވާލެވުނުއިރު، ގޭގައި ހިފައިގެންގުޅޭ ހުރިހާ ސާމާނެއް އަނދައި ހުލިވެފައިވާ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ގުޅިގެން އާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފިއްލަދޫ ގެއެއްގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ
"ސްކޫލަށް ދާ ކުދިން ތިބީމާ އެ ކުދިންނަށް ކިޔަވަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްކޫލާ ވެސް ވާހަކަދައްކަމުން މި އަންނަނީ. އަދި އާއިލާއަށް ބޭނުންވާ ޒަރޫރީ އެހެން އެއްޗެހި ރައްޔިތުންގެ އެހީތެރިކަމާ އެކު ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި ދިިރިނޫޅެވޭ ވަރަށް އެ ގެ އަނދައިގެން ގޮސްފައި ވާތީ، އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫއ
02 June 2023
އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ . އާމީން
ހުސެންދީ
01 June 2023
މި ކަހަލަ ޙަބަރުތަޢް ގެނެސްދޭއިރު ކީއްވާނީ އެހީތެރިކަމެއް ފޯރުކޮށް ލުމަށްޓަކައި އެމީހުންކައިރީ އަހާލައިގެން އެކައުންޓް ނަންބަރު ހިމަނާލުން. ނޫސްވެރިކަންވެސް ތިކުރަނީ ނަމަކަށް.
އަނދާ ހުލުވި ދެއްތޯ؟
01 June 2023
(ބިރުވެތި ނާމާން ރައިވަރު ރާގައް) ރައްޔިތުންނޭ، ބިރުވެތި ވާށޭ! އަޅެފަހެ ނަރަކައިގެ އަލިފާންގަޑު މިއައްވުރެވެސް މާ ހޫނު ވާހުއްޓެވެ!
ރަދީފްއޮފިޝަލް
01 June 2023
މީހެއްގެ ފުރާނަ ނުގެއްލުނުކަމަށްޓަކައި ހަމްދުކުރަން.މި އައިލާގެ މީހުންގެ ދިރިއުޅުން ކޮޅަށް ޖެހުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުއްމީދުކުރަން.ވ.ވެދުން