15 ޖޫން 2023 - 06:26
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު އެ ކުއްޖާގެ ބޮޑުބޭބެގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރިތާ ތިން އަހަރު ފަހުން އެ ހުކުމް ހައި ކޯޓުން ބާތިލްކޮށް 15 އަހަރަށް ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.
ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް އޯގަސްޓް 15، 2017 ގައި މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ އާއިލީ މައްސަލައެއްގެ ތެރެއިން، ޖިންސީ ގޯނާގެ ވާހަކަ ފަޅާއެރުމުންނެވެ. އެއީ ކުއްޖާގެ މަންމަ އާއި ބައްޕަ އެ ކުއްޖާއަށް އަނިޔާކުރާ ކަމަށްބުނެ ގެއިން ނުކުމެގެން ގޮސް އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުށަހެޅުމުން އާއިލާގެ މީހަކާ ކުއްޖާ ހަވާލުކުރުމުން ކުއްޖާ ދެއްކި ވާހަކަތަކުން ހާމަވި ކަމެކެވެ. އެ ކުއްޖާ ވަނީ މަންމަ ފަރާތު މީހުން ރަނގަޅު ނުވާނެ ކަމަށާއި އެ މީހުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މިހާރު އުމުރުން 20 އަހަރުން މައްޗަށް ގޮސްފައިވާ ކުއްޖާ ދެތިން ދުވަސް ފަހުން އަލުން މަންމަ އާއި ބައްޕަގެ ގާތަށް ދިޔައިރު އެ ވާހަކަ ބައްޕައާ ހިސާބަށް އައިސްފައި އޮތުމުން އިތުރަށް އެކަން އޮޅުންފިލުވައި ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.
ކުއްޖާ ބުނެފައިވާ ގޮތުގައި މާލޭގައި ދިރިއުޅެމުން އައީ މަންމަ އާއި ބައްޕަ އަދި އެއްބަނޑުއެއްބަފާ ތިން ކުދިންނާ އެކު އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި. ކުއްޖާގެ މަންމަ ފަރާތު އާއިލާގެ މީހުން މާލެ އަންނަ ފަހަރުތަކުގައި އެ ގޭގައި ތިބޭ ކަމަށް ބުނެފައިވޭ.
ކުއްޖާ ބުނެފައިވާ ގޮތުގައި މާލޭގައި ދިރިއުޅެމުން އައީ މަންމަ އާއި ބައްޕަ އަދި އެއްބަނޑުއެއްބަފާ ތިން ކުދިންނާ އެކު އެއް ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. ކުއްޖާގެ މަންމަ ފަރާތު އާއިލާގެ މީހުން މާލެ އަންނަ ފަހަރުތަކުގައި އެ ގޭގައި ތިބޭ ކަމަށް ބުނެފައިވެ އެވެ. މިހެން އައި ބޮޑުބޭބެއަކު 2015 ވަނަ އަހަރުގެ އެއް ރެޔަކު ކުއްޖާއާ އެންމެ ފުރަތަމަ ބެހުނީ ސިޓިންރޫމް ސޯފާގައި ނިދާފައި އޮއްވައި ކަމަށާއި ފަހުން ވެސް އެކި ފަހަރުމަތިން ޖިންސީ ގޯނާތައް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެކަމަކު ނޮވެމްބަރު 28، 2019 ގައި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ބޮޑުބޭބެގެ މައްޗަށް އުފުލި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، ގާނޫނުގައި ބުނާ މިންގަނޑުން ސާބިތު ނުވާ ކަމަށެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ ފަސް ހެކި ހުށަހަޅާފައި ނެތް ކަމަށާއި ތުހުމަތާ ގުޅުވާލެވޭ ހަރުދަނާ އިތުރު ހެއްކެއް ގަރީނާއެއް ނުވަތަ ފޮރެންސިކް ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށް ބުނެ އެވެ.
އެކަމަކު ދައުލަތުން މި މައްސަލަ އިސްތިއުނާފުކޮށް ބުނެފައިވަނީ ކުށް ސާބިތުނުވާ ކަމަށް ނިންމީ؛
● ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓަށް ވެސް ނުބަލައި ކަމަށް
● ޖިންސީ ހާނީއްކަކުރުމާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށްފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތަސް އެކަމަށް ރިއާޔަތް ނުކޮށް ކަމަށް
ދައުވާ ލިބުނު މީހާ ބުނެފައިވަނީ ކުއްޖާ އެކި މީހުން ގާތުން މި ވާހަކަ ދައްކާފައިވާ ގޮތުގައި ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. ސައިކޮލޮޖިކަލް ރިޕޯޓުން ފާހަގަވާން ހުރި ކަންކަމަކީ ކުއްޖާގެ މައިންބަފައިން އަނިޔާކުރާނީ ދިމާވެފައިވާ ގޮތް ކަމަށާއި ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގުނަސް އެއީ ދައުވާ ލިބޭ މީހާގެ ފަރާތުން ލިބުނު އަނިޔާއެއް ކަމަށް ނުބުނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކުއްޖާއަށް މައިންބަފައިން އަނިޔާކުރާކަން އެނގުމުން އެ ވާހަކައިގެ މިސްރާބު އަނބުރާލަން ދެއްކި ވާހަކައެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރި އެވެ.
ހައި ކޯޓުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ ރިޔާސަތުގައި އިންނަވައިގެން ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުން އިއްވެވި ހުކުމުގައި ބުނެފައިވަނީ މިއީ ކުއްޖާ ނުބައި ނިޔަތެއްގައި ހަދައިގެން ދެއްކި ވާހަކައެއް ކަމަށް، ދައުވާ ލިބޭ ފަރާތުން ބުނާ ބުނުމެއްގެ މައްޗަށް އެކަނި ނުނިންމޭނެ ކަމަށެވެ. ޖިންސީ އަނިޔާ ލިބުނު ގޮތް ކަމަށް ކުއްޖާ ކިޔައިދީފައިވާ ގޮތާއި މެޑިކޯ ލީގަލް ރިޕޯޓުން ފެންނަން ހުރި އަނިޔާތަކާ ދިމާވާތީ ކުއްޖާގެ ވާހަކައާ ހެކިތަކާ ގުޅުވާލެވޭ ކަމަށް ހުކުމުގައިވެ އެވެ.
ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގައި ޝުއޫރު ފާޅުކުރަނީ. -- މިހާރު ފައިލް ފޮޓޯ
ކުއްޖާ ގެއިން ނުކުމެގެން ދިޔައީ މައިންބަފައިން އަނިޔާކުރާތީ ކަމަށް ފުރަތަމަ ބުނި ނަމަވެސް ކުއްޖާ އެންމެ ފުރަތަމަ އެކަމާ ގުޅޭ ގޮތުން ދިން ބަޔާނާއި ވީޑިއޯ އިންޓަވިއުގައި ވެސް، ގައިގައި އަތްލުން ފަދަ ކަމެއް ކުރި ކަމަށް ބުނެފައެއް ނުވެ އެވެ. ކުއްޖާގެ މަންމަ ބުނެފައިވަނީ އަނިޔާކުރާ ކަމަށް ބުނެ ކުއްޖާ ނުކުމެގެން ދިޔައީ ޖިންސީ ގޯނާއާ ކުރިމަތިވާތީކަން ފަހުން އެނގުނު ކަމަށެވެ. އެ ދުވަސްވަރު ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އައި ކަމަށާއި މަންމަ ފަރާތު އާއިލާގެ މީހުން ގެޔަށް އަންނާތީ އެކަމާ ހިތްހަމަ ނުޖެހިގެން އުޅޭ ކަމަށް ވެސް މަންމަ ބަޔާން ދީފައިވެ އެވެ.
މިފަދަ އެތައް ކަމަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިއާޔަތްކޮށް ފަނޑިޔާރުން ނިންމެވީ އިތުބާރުކުރެވޭ މަގާމެއް ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކުއްޖާގެ ބޮޑުބޭބެގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ އެވެ. ކުށްވެރިވި މީހާ ތަހުގީގު މަރުހަލާގައި 32 ދުވަހު ބަންދުގައި ހުރެފައި ވާތީ ހުކުމް އެ މުއްދަތު އުނިވާނެ އެވެ.
ކުޑަކުދިންގެ ކަރާމާތާ ގުޅުން ހުންނަ މިފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގަނީ އާންމުކޮށް ހުޅުވާލައިގެންނެއް ނޫނެވެ. އަދި ހުކުމްތަކުގައި ވެސް ކުއްޖާގެ ވަނަވަރު ހާމަވެދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުން މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
15 June 2023
15 ޖަލަށް ލިއަސް ޖަލުގަ ގިނަ ދުވަހު ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ކޮންމެ 5 އަހަރަކުން ރައީސް އަކު ހޮވާއިރު ބޮޑު އަފްއާމް އެއްދެ އެވެ. އޭގެ ދަށުން އެތައް ބައިވަރު ކުއްވެރީންނެއް ދޫކުރެ އެވެ. އޭގެ ތެރޭގަ ބައެއް ބޮޑެތި ކުއްވެރީންވެސް ހުރެ އެވެ. ހޯރަވެސް ދޫކޮށްލީ އެވެ.
އައްޔަ ބޮޑޭ
15 June 2023
އެއްދީނެއް އެއްގާނޫނެއްްގެ ދަށުން ޝަރީއަތްތަށް ކުރަމުން ދާއިރު ކޯޓުތަކުން ނުކުންނަ ހުކުމް މިހާތަފާތު ބޮޑުވަނީކީއްްވެތޯ.މަތީކޯޓުތަކުގެ ގާނޫނު ހަރުކަށިވެފަ ދަށުކޯޓުތަކުގެ ގާނޫނުތަކަށް ލުއިދީފަވަނީތޯ,
ކަނބާ
15 June 2023
15ވެސް މަދީ، 50 އަހަރު ޖަހަންވީ. ކުރިން އެއީ ހުދުކަފަކޮޅަކަށް ހުކުމް ކުރި ފަނޑިޔާރަށް ވަރަށް ސަލާމް.
އިސް
15 June 2023
ތިކަހަލަ މީހުން ވީ އުމުރު ދުވަހައް ޖަލައް ލާން.
ނިހާދުު
15 June 2023
އަޅުގަނޑުމެންގެ މުޖުތަމައުގައި މިކަހަލަ ސިކް މީހުން އާއްމުކަމީ ހިތާމަހުރިކަމެއް. ކުރިން ރެއަކު 800އަށްވުރެ ގިނަ މީހުން ބަލަމުންދިޔަ ޓިކްޓޮކް ލައިވެއްގަ ލަތީފާ ކިޔާ އައިޑީއަކުންވަނީ 18އަހަރު ނުފުރެނީސް ރޭޕްވި ކުޑަ ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔާ އެކުއްޖާގެ ވަނަވަރު އާއްމުކޮށްފަ. ދެރަކަމަކީ ވިކްޓިމް ބްލޭމްކޮށް، ހީހީފަ އެވާހަކަތައް ދެއްކިއިރު އެއްވެސް މީހަކު އެކަން ގޯސްނުކުރާކަން. ރާއްޖޭގެ ޓިކްޓޮކްގެ މެޖޯރިޓީއަކީ މިކަހަލަ ސިކް މައިންޑެޑް މީހުން
ދަލޭކަ ދައިތަ
15 June 2023
10 އަހަރުން ދަށުގެ އުމުރުގެ ކުދިން އާއިލާގެ ކޮންމެ މީހަކު ކަމުގައިވިޔަސް އުރާލައިގެން، ގަޔާކައިރިކޮށްގެން ނުވަތަ ލޯބިން ބައްދާލާ ގެންގުޅޭއިރު ކުއްޖާގެ މަންމަ ވ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ. ޅޯބިން ގެންގުޅެންވާ ވަރަށްވުރެން ބޮޑަށް އުޅޭހެން ހީވަންޔާ ޝައްކުގެނަޒަރުން ބަލަން ފަށަންވެފަ އެއޮތީ. އާއިލާތެރެއިން ހަމަކޮންމެ މީހަކުވެސް ދަރިފުޅަށް ގޯނާ ކޮށްފާނެކަން ވިސްނަންޖެހޭނެ. ފުރަތަމަ ފަށައިގަންނައިރު ދަރިފުޅަށްވެސް ނޭގޭނެ ކަމެއްގޯސްކޮށް ދާކަންވެސް..
ރަދީފްއޮފިޝަލް
15 June 2023
ވަރަށް ރަނގަޅު ނިންމުމެއް. 25 އަހަރަށް ކަނޑާލެވުނުނަމަ އަދި ފުރިހަމަވީސް.
1206
15 June 2023
ދެން ސޯލިހު ރޮއެފައި ހުކުމް މައާފުކޮށްލީމާ ހަތަރެސްކަން ހަމަވެދާނެ. ނޫނީ އަދުލު އޮންނަނީ ވަށައިޖެހިފައި.
ރަބީއުމ
15 June 2023
މާލޭގައި ދިރިއުޅެ މާލޭގައި ހިނގިކަމެއް މެޖިސްޓރޭޓް ކޯޓަށް ހުށަހެޅުނީ ކީއްވެބާ؟
ހަސަނޭޭ
15 June 2023
ދައުވާ ރައްދުވި މީހާ ދިރިއުޅޭ ރަށުގެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިސާސް ލިބޭތީ
ކަތީބުު
15 June 2023
ރަބީއުއަށްވެސް އެނގެއެއްނު، ކުއްޖާ އެބުނަނީ، ހާދިސާ ހިނގި އިރު މާލޭގައި ދިރިއުޅުނު ވާހަކަކަން. އެހެން ނޫންނަމަ، ދިރިއުޅެމުން "އައީ"ގެ ބަދަލުގައި އޮންނާނީ "ދިރިއުޅެނީ" ކަން.
ޑެންވެލް
15 June 2023
ކުޑަކުދިންނަށް ޖިންސީ އަނިޔާދޭފަރާތްތަކަށް ހަރުކަށި އަދަބު ދެވެންޖެހޭ. އެހެނަސް މިފަދަ ކަންކަން ސާބިތުކުރުމަށް ހަރުދަނާ ހެކި ހޯދާ ވަޒަންކުރެވެންޖެހޭ. ސަބަބަކީ އެގާނޫނުގެ ނާޖާއިޒް ފައިދާއެއް ޢަދާވާތްތެރިކަމުގައި ބޭނުންކުރިޔަ ނުދިނުމަށް. ޚާއްސަކޮށް ކުއްޖާއަށް އަނިޔާކުރާ ބެލެނިވެރިއެއް ފަރާތުން މިފަދަ ކަމެއް ހުށަހެޅުމުން މިކަންކަމަށް އިތުރު ސަމާލުކަމެއް ދޭންފެނޭ.