16 ޖުލައި 2023 - 14:32
ނޫސްވެރިން އިސްވެ ކިތަންމެ ވަރަކަށް އެ ސުވާލު ކުރިޔަސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ފަރާތުން އާ ޖަވާބެއް ނުނެރެވޭނެ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.
ޖޭއެސްސީގެ އިތުރުން ޕީޖީ އޮފީހަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެ ދެ އޮފީހުގެ އިސް ވެރިންނާ ބައްދަލުނުވި ކަމަށެވެ. ޕީޖީ ހުސައިން ޝަމީމް މި ވަގުތު ރަށުގައި ނޫޅުއްވާއިރު، ޖޭއެސްސީގެ މެމްބަރަކާ ވެސް އެކި ދުވަސް މަތިން އެ އޮފީހަށް ދިއުމުން ވެސް ބައްދަލުނުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން ޔާމީންގެ އިސްތިއުނާފު މައްސަލަ ނިންމޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. އެއާ އެކު ޔާމީނަށް ކުރިމަތި ނުލެއްވޭނެ ހާލަތެއްގައި އިދިކޮޅުގެ ވިސްނުމަކީ ކޮބައިތޯ ސާފުކުރަން މިއަދު ވެސް ނޫސްވެރިން ސުވާލުކުރުމުން އަދުރޭ ދެއްވީ ހަމަ އެއް ޖަވާބެކެވެ.
"އަޅުގަނޑުމެން ލައްވައި ކިތަންމެ ވަރަކަށް ތި ބޭފުޅުން އިތުރު އެއްޗެއް އަޅުގަނޑުމެން އަނގައިން ނެރެން އުޅުނަސް ތި ކަމެއް ނުވާނެ. އަޅުގަނޑުމެން އެންމެން މި ތިބީ ހިތާއި ރޫހުން [ރިޔާސީ އިންތިހާބަށް އިދިކޮޅުން ޔާމީން ނެރުން] ގޮތެއް ނިންމައިގެން،" އަބަދުވެސް ދެއްވާ ޖަވާބު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން."
އަދުރޭ ވިދާޅުވި ގޮތުގައި ހައި ކޯޓުގައި އޮތް މައްސަލަ ނިންމާއިރު، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޕީޖީއާ ބައްދަލުކުރުމުގެ މައިގަނޑު މަގުސަދަކީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭގޮތުން ޕީޖީން ގެންގުޅޭ ތަފާތުކުރުން ކަމަށެވެ.
އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާ އާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕީޖީން ވަނީ ކޯޓުގައި އެދިފަ އެވެ.
އެކަމާ މީގެ ކުރިން ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޝިޔާމް މިއަދު ވިދާޅުވި ގޮތުގައި ޕީޖީގެ އެ ނިންމުމުން ވެސް ފެންނަނީ ރާއްޖޭގައި މިހާރު އޮތް "ސެލެކްޓިވް ޖަސްޓިސް" ގެ ސަގާފަތެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހެކި ހުށަހެޅުމުގެ މަރުހަލާގެ ތެރެއިން ދައުވާއެއް އަނބުރާ ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"...ދައުވާ އަނބުރާ ގެނެވޭނީ ހަސްމަކަށް އޭގެ ލުޔެއް ނޫނީ މޮޅެއް އޮންނަ ކަމަށް ވަންޏާ. އެ ނޫން ގޮތަކަށް އެ ކަމެއް ނުކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.
އެހެންކަމުން އޭނާ ވިދާޅުވީ، އެކަމަށް ޕީޖީ ޝަމީމް ޖަވާބުދާރީވާންޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
18 July 2023
ޖަލު ކެންޑިޑޭޓް އަދި ރައީސް އަކީ ވެސް ޔާމީން. އެކަން ބަދަލެއް ނުކުރެވޭނެ!
ދަ ޑިމޮކްރެޓްސް
17 July 2023
ޔާމީނަށް ކުރިމަތި ނުލެވެންޏާ އެހެންމީހަކަށް ފުރުޞަތު ނުދޭން އޮތީ އެންމެ ސަބަބެއް. އެއީ އެހެންމީހަކު ވެރިކަމަށް އަތުވެއްޖެނަމަ އެހިސާބުން އެމީހާ ވެރިކަމުގައި ހުރިހާ ދުވަހަކު ޕާޓީގެ ބާރު އޮންނާނީ އެމީހާގެ މުށުތެރޭކަމަށްވުން. އެއީ މިޤައުމުގެ މާޒީ ދައްކާފައިވާ މަންޒަރު. ޑީ.އާރްޕީ، އެމް.ޑީ.ޕީ އަށް އޯލްރެޑީ އެހެންވެ ނިމިއްޖެ. އެހެންވެ ޕީޕީއެމް އަށް އެހެންވާން ޔާމީނު އަދި ދެންވެސް މުގުލުގައި ތިބިބަޔަކު ނޭދެނީ. އެެހެން އެއްވެސް ސަބަބެއްނެތް
ދަންތުރަހޭ
17 July 2023
އަދުރޭ ކިތަންމެ އަޑުގަދަކޮށްފަ ޔާމީނޭ ޔާމީނޭ ކިޔަސް ޔާމީނަކަށް ތިކަމެއް ނުވާނެ. އަދި ޔާމީން އެހެން މީހަކު ނެރެން ގަބޫލެއްވެސް ނުވާނެ. އެންމެ ފަހުން ވާނެގޮތަކީ ޕާޓީ ފަޅައިގެންދާނީ. ޕާޓީ ތެރޭގަ ގޭސް އުފެދޭނީ. ގޮވުންތައް ގޮވަންފަށާނީ. ދެން އެކިމީހުން އެކި ދިމާލަށް ދުއްވައިގަންނާނީ. އަންނި ބުނާހެން ފުލުވައް ވެއްޓުނީމަ ދެން ރޫޅޭކަށް ލަހެއް ފަހެއް ނުވާނެ. މައުމޫނު ބޭރުކުރިފަހުން ތިޔަ ޕާޓީން ޕާޓީއެއްގެ ސިފައެއް ނުފެނޭ. ކާމިޔާބެއްވެސް ނުލިބޭ.
މޭނާންޑް
17 July 2023
ކަނޑުކޮސް ގޮވާ ޕާޓީ އެއް. ޖަލުގައި އޮތްމީހަކީ ކެންޑިޑޭޓަކީ. ޝަރުތު ހަމަނުވާ މީހަކު ކެންޑިޑޭޓަކަށް ލައިގެން މި ރިޔާސި އިންތިޚާބު ގަޑުބަޑުކޮށް ގައުމު ހަލަބޮލިކުރުމަށް ތި ރާވާ ނުބައި ރޭވުން ﷲ ތަޢާލާ ސުންނާފަތި ކުރައްވާށި. އާމީން.
އަލީހަމީދު
17 July 2023
އެެއީ ތެދެއް، ކެންޑިޑޭޓަކީ ޔާމީން. ކީއްވެތަ އޮޅިގެންތިއުޅެނީ.
ކަސްއަނދުވާނި
16 July 2023
ތިޔަ ޖަވާބަކުން ދެންކުރާނެ މާބޮޑު ބޭނުމެއް އޮތްހެނެއް ހީއެއް ނުވެއެވެ. ތިޔަ ޖަވާބުގައި އަދުރޭ ހިފަހައްޓަވައިގެން ހުންނަވާށެވެ. އަދިވެސް ޖަމީލުމެން ގޮވާ ކޮސްއަޑުއަހާށެވެ. އެއިރުން މިހާރު އޮތްވަރަށް ވުރެންވެސް ގޯސްވާނެއެވެ.
ގިރާސާ
16 July 2023
ޔާމިނާ އަދުރޭ ހަށީގަހޭހުރިހާ ހިނދަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކައް ނުދޭނެ. މުޅިޕާޓީ މިއޮތީ މިދެމީހުން ހިސޯރުކޮއްފައި.
ޚަދީޖާ އަޙްމަދު
16 July 2023
ޤާސިމާ އެކު ޑީލެއް ހަދައިގެން އަދުރޭ ކުރާ ކަމެއް މިއީ. ޔާމީނު މިނިވަން ކުރުން މަތިކޮށް ޕީޕީއެމް ތެރެއިން މީހަކު ރިޔާސީ އިންތިޚާބަށް ނުނެރެ ޤާސިމަށް ފުރުސަތު ފަހި ކުރަން ބޭނުންވަނީ.
ޚަދީޖާ އަޙްމަދު
17 July 2023
ޑީލު ހަދާފަ އޮތީ . ޔަމީނަށް އިޚްލާސްތެރި އެކަކުވެސް ނެތް. ޕީޕީއެމް ވަރަށް އަވަހަށް ރޫޅިގެން ދާން . އެއްބަޔަކު ޤާސިމު ކޮޅަށް އަނެއް ބަޔަކު އިބޫ ކޮޅަށް.
ހަސަންކުރުސީ
16 July 2023
ކެންޑިޑޭޓަކީ ޔާމީނެއްނޫން. ކެންޑިޑޭޓަކީ ނަޝީދު. ދެން ނޯޓުކޮށްލާފަ ބާއްވާ!!!!!!!!
ޑީލަރ
17 July 2023
އެއޮތީ އެގޮތަށް ޑީލްހަދާނިމިފަ
ނުނން
16 July 2023
އަދުރޭ މީ ޕީޕީއެމްބަޑުން ވިހޭ ޕީއެންސީ ދަރިއެއްތަ ؟؟