އަމީތާބް: ބަލިވެ އުޅޭތީ ފިލްމު ޕްރޮމޯޝަނަށް އޭނާއަށް ނުދެވުނު.
25 ޖުލައި 2023 - 06:26
ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު، އަމީތާބު ބައްޗަންގެ ކުރިއަށް އޮތް ފިލްމު "ކަލްކީ"ގެ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓަށް ނުދެވުނީ ބަލިވެ އުޅޭތީ ކަމަށް އޭނާ އިއްޔެ ބުނެފި އެވެ.
"ކަލްކީ"ގެ ފުރަތަމަ ޕްރޮމޯޝަނަލް އިވެންޓު އޮތީ މިދިޔަ ހަފުތާގައި އެމެރިކާގެ ސެން ޑިއޭގޯގައި ބޭއްވި ކޮމިކް ކޮން އިވެންޓުގަ އެވެ. އެ އިވެންޓުގައި ފިލްމުގެ ފަސްޓް ލުކް އާއި ޓީޒާތައް ދައްކާލި އެވެ. އަދި އެ އިވެންޓުގައި އަމީތާބުގެ ވީޑިއޯ މެސެޖެއް ވެސް ދެއްކި އެވެ.
އިވެންޓަށް ނުދިޔައީ ކީއްވެތޯ ފޭނުން ސުވާލުކުރަން ފެށުމުން، 80 އަހަރުގެ އަމީތާބު އޭނާގެ ބްލޮގް ޕޯސްޓެއްގައި ބުނީ މި ދުވަސްކޮޅު އޭނާ އުޅެނީ ކުޑަކޮށް ބަލިވެ ކަމަށެވެ. އަދި އަމިއްލަ އެހެން ބައެއް މަސައްކަތްތަކުގައި ވެސް ބިޒީކޮށް އުޅޭތީ އިވެންޓަށް ނުދެވުނީ އެވެ.
ސައިންސް ފިކްޝަން ފިލްމު "ކަލްކީ 2898 އޭޑީ" ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ތަރި، ދީޕިކާ ޕަދުކޯން އެވެ.
ފިލްމުގެ މުހިންމު ރޯލުތަކުން ޕްރަބާސް އާއި ދީޕިކާއާ އެކު، އަމީތާބު، ކަމަލް ހަސަން، ދިޝާ ޕަޓަނީ އަދި ރާނާ ދަގުބަތީ ވެސް ފެންނާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ނާގް އަޝްވިން އެވެ.
މި ފިލްމަކީ ކޮމިކް ކޮންގައި ބައިވެރިކުރި އިންޑިއާގެ ފުރަތަމަ ފިލްމު ވެސް މެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންބެ
25 July 2023
މުސްލިމުންނަށް މާހެޔޮ މީހެއްނޫން މީނަޔަކީވެސް