އއ. މާޅޮހަށް ރައީސް ވަޑާއިގަންނަވަނީ--
16 އޯގަސްޓް 2023 - 21:31
ރާއްޖޭގައި ހިންގާ ކުށްތައް އެންމެ ބޮޑަށް މަދުވީ މިދިޔަ ފަސް އަހަރު ކަމަށާއި އުފާވެރި ރާއްޖެއެއް ބިނާ ކުރެވޭނީ އެފަދަ ހަމަޖެހުން ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާޅޮހުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ މަގުމަތީގައި ކޮންމެ މަހަކު ޒުވާނަކު ކަތިލައި ވަޅި ހަރައި މަރާލަމުން ދިޔަ ކަމަށެވެ.
ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވެ، އެ މައްސަލަ ހައްލު ކުރަން ސިފައިން ނެރެން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދިޔަ ފަސް އަހަރު ފެނުނީ އެންމެ ކުށް މަދު ދުވަސްތައް ކަމަށެވެ.
އއ. މާޅޮހުގައި ރައީސް ވާހަކަ ދައްކަވަނީ--
"ފުލުހުންގެ ހިސާބުތަކުންނާއި ހޯމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ކުށްތައް ގިނަ ވަނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުށްކުރާ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުންނެވެ.
މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބައޮތް -- ރައީސް
އެފަދަ ކުށްތައް ގިނަވަމުން ދަނީ އެކަން ކުރާ މީހުންނަށް ބާރު ލިބޭ ކަންތައްތަކެއް، ވެރިކަމުގައި ތިބޭ މީހުން ކުރާތީ ކަމަށާއި އެ ނޫން ނަމަ އެކަމެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ސިޔާސީ ކަންކަމާ ކުރިމަތިލާ އިރު، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނާ ވެސް ގްރޫޕްތަކުން ވާހަކަ ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގަތީ އެ އިން އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި ކަމަށެވެ.
"އެހެންވެ މިދިޔަ ފަސް އަހަރު އެ ހަމަޖެހުން ރާޢްޖެ އަށް ގެނެސްދެވުނީ،" ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކުށްކުރާ މީހުން ބޭކާރު ބަޔަކަށް ހަދައި، މަގުމަތި ކޮށްލުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މީހުންނަށް ގޮތްތަކެއް ހޯދައިދީ، ދިރިއުޅެން މަސައްކަތް ކުރާނެ ގޮތެއް ފަހކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އއ. މާޅޮހުގައި ރައީސް ޒުވާނުންނާއެކު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އާއިލާއެއްގައި ތިބޭ ބަޔަކު މަގުމައްޗަށް ވީއްލުމަކީ ކަންބޮޑުވުމެކެވެ. ކުރިއަށް އޮތް ފަސް އަހަރަށް އެކަންކަން ހައްލު ކުރާނެ ގޮތުގެ ތަފްސީލް މިރޭ އިފްތިތާހު ކުރާ އެމްޑީޕީގެ މެނިފެސްޓޯގެ "އަމާން މުޖުތަމައު" ބައި އިން ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި ލޯންޗު ކުރުން އޮންނާނީ މިރޭ އއ. އުކުޅަހުގަ އެވެ. އެކަމަށްޓަކައި އެ ރަށުގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ރާވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއޮތީ
17 August 2023
މި ފަސްއަހަރު ކުށް މަދުކަން އެންމެންނަށްވެސް އެނގޭ. ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ފުރާނަ އަތަށްލައިގެން ނުކުމެ އުޅުނު ދުވަސްވަރެއްވެސް ދިޔަ. އެކަމަކު މި ސަރުކާރުން އަސްލުވެސް ތަފާތު ދައްކައިފި. އޭގެ ފައިދާ އެންމެނަށް ކުރި އަދި މިއަދުވެސް ދަނީ ކުރަމުން. ތެދުވާނީ ތެދަށް. ކޮންމެ މީހަކު ބުންޏަސް ދޮގެއް ވާނީ ހަމަ ދޮގަކަށް.
އިބޫ ސޯލިހު
17 August 2023
ރޭގަވެސް ދޭ ގުރޫޕަކުން މާރާމާރީ ހިންގި
މެކޭ
17 August 2023
ސްޓެޓިސްޓިކްސް އަކީ އެމީހަކު ހެދި ގޮތަކަށް ހެދޭނެ އެއްޗެއް. މަގޭ ބުއްދި ގަބޫލެއް ނުކުރޭ ކުރިއާއި އަޅާ ބަލާއިރު ކުށް މަދުވިހެނެއް. މިހާރު ހަމަޔަޤީނުން ވެސް ބޮޑެތި ކުށްތައް ކުރުން ކުރިއަށް ވުރެ ގިނަކަން ފާހަގަ ކުރެވޭ. އަދި ސައިބަރ ކްރައިމްސް ހައްދުން ނައްޓާފައިވާ ކަމުގައި ފާހަގަ ކުރެވޭ. އެބުނާހެން މީހުން މެރުން މަދުވެފަ ހުރެދާނެ.
އަންނިގެބޭނުން
17 August 2023
މިހާރު އަންނި ހުންނާނެ ގްރޫޕްތަކާއި ވާހަކަ ދައްކަން.
އެޑްމުންޑޯ
17 August 2023
ކުއްތައް މަދުވެއްޖެތަ ؟؟ މަ ހަމަ ހައިރާންވެއްޖެ
ޖެފަރސަންގެ ޅީދަރި
17 August 2023
ގުރޫޕްތަކާ ގުޅިގެން އެންމެ ގިނަ ޖަރީމާ ހިންގި މީހަކަު ބަލަން ދިރާސާއެއް ހަދަމުން މިދަނީ ވަރަށް އަވަހަށް ބަޔާން އިއްވާނަން
ސަލީމު އިދުރީސް
17 August 2023
މަށައްވެސް ތިއީ ޔާމީނުދެކެ ބިރުގަތްސަބަބަކީ! އެއިރުގަ ފީޕީއެމުން ޒުވާނުން އެއްކޮއްލާއިރު އެތިބެނީ މާލޭގެ މައްސޫރު ގޭގުތަކުމީހުން އެންމެ ކުރީގަ! އަދި އަދީބު ޖަލައްލީމަ ޔާމީނު ނިކަން ފާޅުގަ ބުނީ އަދީބު ނެތަސް ގުރޫޕޫތަކައް ދޭފައިސާ ދޭނަމޭ! މުއީޒު ހޮވިގެން ޔާމީނު ޖަލުން ނެރެދާނެތި ބިރުގަނޭ
ައާއްޓޭ
17 August 2023
ގްރޫޕްތައް މިހާރަކުނެތް ފާސާގެ މައްސަލަތައްބޮޑުވެ ފުޑުފުޑުވެ ބިކަވެއްޖެ.މިހާރު އުޅެނީ ނަފްސީ ނަފްސީ ދެތިން މީހުން އެވެސް ފަޑުއްކަ.
ރުންކުރު
16 August 2023
ކުށް މަދުކުރުމަށް އެކަށޭނަ ސިޔާސަތުތަކެއް އެކުލަވާލާ ތަންފީޒުކުރުމުގެ ހެޔޮ ނަތީޖާ މި ފަސްއަހަރުން ފެނިއްޖެ. ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަމުގައި ކެތްތެރިކަން އިސްކޮށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މި ދައުރުގައި ފެނިއްޖެ. އެހެން ޤައުމުތަކާއިއެކު އެކުވެރި ގުޅުމެއް އޮތުމުގެ ފައިދާ ލިބޭ އެކަށޭނަ އާމްދަނީއިން ފެނިއްޖެ. މިސަރުކާރު ކަމިޔާބު. މަދުނަމަ މަދީ އެވާހަކަތައް ދައްކާ އެކަންކަން ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ރައްޔިތެއް..
ސައުދީ
16 August 2023
ރައީސް ވިދާޅުވީ ތެދެއް. ސީޔާސީ ކަންކަމުގައި އިސްކޮށް އުޅޭ މީހުންނާއި ކުށްކުރާ މީހުންގެ ގުޅުން ވަރަށްވަރުގަދަ. މިދައްކަނީ ހަމައެކަނި މާރާމާރީގެ ވާހަކައެއްނޫން. ބޮޑެތި ވައްކަންކޮށް ދައުލަތަށް ޚިޔާނާތްތެރި ވެފައި ތިބޭމީހުން ތަފާތުއެކި ޑީލްގެ ދަށުން މިނިވަންވާ ވާހަކަ.