ޕެސްޓް ޝޯއެއްގައި ލަވަ ކިޔަނީ. -- ފޮޓޯ: މިއުސަމް
24 އޯގަސްޓް 2023 - 15:15
މަސްތުވާތަކެތި ޓްރެފިކް ކުރި ކަމަށް ބުނެ، ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިފްހާމާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ފެބްރުއަރީ، 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ބައެއް ގެތަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކުރުމަށްފަހު އެވެ. އެ މައްސަލާގައި ދެން ދައުވާކުރީ ލ. ގަން ތުނޑީ އަބަދަށްއުފާ މުހައްމަދު ސުއައިދާއި އެރަށު ހަނދުވަރީހިޔާ އަހުމަދު ޝައްމޫނާއި އެރަށު ރޯޝަންހިޔާ އަހުމަދު ހުސާމްގެ މައްޗަށެވެ. ޕެސްޓާއި ސުއައިދުގެ މައްޗަށް ކުރީ ޓްރެފިކިންގެ ދައުވާ އެވެ. ހުސާމްގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ޝައްމޫންގެ މައްޗަށް ކުރީ ކޮށްގެން ހޯދާފައިވާ ފައިސާ ގެންގުޅުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ހެކި ނެތް ކަމަށެވެ.
ޕެސްޓާއި ސުއައިދުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމުގައިވާ ގޮތުން އެ އޮޕަރޭޝަންގެ ދަށުން ބައެއް ގެތައް ފާސް ކުރިއިރު ފުލުހުން އަމަލުކުރީ ހެޔޮ ނިޔަތެއް ނެތި އަދި ޖިނާއީ އިޖްރައާތާ އެއްގޮތަކަށް ނޫނެވެ. އެހެންވެ، އެތަނުން ފެނުނު ހެކިތައް އެ މައްސަލާގައި އެ މީހުންނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެއީ އިޖްރައާތާ އެއްގޮތަށް ކުރި ކަމެއް ކަމަށް ބެލިޔަސް، އެ މީހުންނާ އެތަނާ ގުޅުމެއް އޮތްކަމުގެ އެކަށީގެންވާ ހެކިތަކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ބޯޓަކަށް އަރުވާފައި އޮތް ފަންކާއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދީ ވެސް ރަނގަޅަށް އެއްގޮތަކަށް ނޫން ކަމަށް ހުކުމުގައިވެ އެވެ. އެއީ އެ ފަންކާ ފާސްކުރުމަށްޓަކައި ބޯޓުން ބޭލި ވަގުތު ޕެސްޓާއި ސުއައިދު ވެސް ބޯޓަށް އަރުވާފައި ނުވާތީ އެވެ.
ހުކުމުގައިވާ ގޮތުން ފަންކާ ބޯޓަށް އެރުވި ވަގުތާއި ފުލުހުން އެތަނަށް ދިޔަ ވަގުތާ ދެމެދު ގިނަ ވަގުތުތަކެއް ހޭދަވެފައިވާ ކަމަށެވެ. އަދި ފަންކާ ހުރީ ބޯޓުގެ އެހެން މީހުންނަށް ފެންނަ ހިސާބުގައި ކަމަށްވާތީ އެ ފަންކާ ތެރެއަށް މަސްތުވާތަކެތި އެޅުމުގެ ފުރުސަތު އެހެން މީހުންނަށް ވެސް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ ފަންކާ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ޕެސްޓާއި ސުއައިދާ ގުޅުވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ޕެސްޓާއި ސުއައިދާއި ޝައްމޫންގެ މައްޗަށް ކުރި ކުށްކޮށްގެން ހޯދި މުދަލާއި ފައިސާ ގެންގުޅުމުގެ ދައުވާއާ ގުޅިގެން ހުކުމުގައިވަނީ އެ މައްސަލާގައި އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ބޭންކިން ގާނޫނު އެއްގޮތުން ބޭންކް ސްޓޭޓްމަންޓް ހޯދޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ވާއިރު، ފުލުހުން އެ މައްސަލާގައި ބޭންކް ސްޓޭޓްމަންޓް ހޯދީ އެގޮތަށް ނޫން ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާވުމަކީ ކުށެއް ނޫންކަން ފާހަގަކޮށް، ހުކުމުގައިވަނީ ޑްރަގް ޓްރެފިކިންގެ ކުށް ސާބިތު ނުވާއިރު އަދި އިތުރު ހެއްކެއް ނެތީސް އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ނުނިންމޭނެ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި ފަހުން މިހާތަނަށް ޕެސްޓް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެކަމަކު ހުކުމާ އެކު އޭނާ މިނިވަންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީޓޮލޮޖީ ޓުރޯ
25 August 2023
މަށަކީ އަސްލު ރެޕް ކިންގު. ޕެސްޓަށް ލިރިކްސް ލިޔެދެނީ މަ.
ނަރޭޝް ޖޯޝީ
25 August 2023
ހެޔޮ ނިޔަތޭ ތަހްގީގޭ ކިޔާ މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތް، އިންތިހާބާ ދިމާކޮށް ވޯޓް ހޯދުމުގެ ބޭނުމުގައި ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރީ....
މާލެ މީހެއް
25 August 2023
މީ ކުރިން ސުނެތް ނަމާދު ވެސް ކޮށް އުޅުނު ސޮރެއެއް، ބަލަ މީހާ އައި ބަދަލު، ދެންވެސް ނަމާދު ކޮށް ތައުބާވޭ.
ސައުދީ
25 August 2023
ޒުވާން އުމުރުގަ ބައެއްކުދިން ދާނެ މަގުން ކަސިޔާރު ވެގެން. އެމީހުން ރަނގަޅުގޮތް ވިސްނައިދީ ދިރިއުޅުން އާރާސްތުކުރުމަށް ދެވަނަ ފުރުޞަތެއް ދިނުމަކީ މައްސަލަ އެއްނޫން.
ޙެޔޮނިޔަތް
25 August 2023
ޢެހެން ކަމުން ދެން ފަހެ ފުލުހުން މަސްތުވާތަކެތި ހޯދުމަކީ ހެޔޮ ނިޔަތެއް ނެތި ދިވެހި ޒުވާނުންގެ ވިޔަފާރި ތަކާއި ފައިސާ ތަކަށް ހުރަސް އެޅުން ކަމުގައިވާތީ މަސްތުވާއެއްޗެއް ފުލުހުން އަތު ނުލުމަށް އަންގާ ހުކުމް ކުރަމެވެ. ޢހ
ދެރަ
25 August 2023
ބޮކްސާގެ ތެރެއަށް ލައިގެން ގެންނަ މަސްތުވާތަކެތިވެސް ސާބިތުނުވެ ދެންކޮބާ ހާލަތަކީ.. .
ޓެރޭ
24 August 2023
އެކައުންޓަށް ފައިސާ ޖެމާ ވުމަކީ ކުށަކަށްނުވާއިރު، އެކައުންޓަށް ޖަމާވި ފައިސާ ބޭނުން ކުރިކަމަށްބުނެ މިމަސްތެރޭ ޖަލަށްލާފައިވޭ. އަނެއްކޮޅުން ރައީސް ޔާމީން ވެސް ކުށްވެރިވީ އެކައުންޓަށް މާރުކުރަން ފުނުވި ޑޮލަރުގައި ގޯހެއް އޮތް ކަމަށް ބެލެވިގެން... ކީކޭދެން ބުނާނީ
އަހްމަދ
24 August 2023
ނުހައްގު މުއްސަނދި ކަމކީވެސް ކުށެއްކަން ޤާޒީ އަށް ނޭންގެނީބާ..
ޕެސްޓް ފޭން
24 August 2023
ލަވައެއް ހަދާލަބަ.
ސާފު
24 August 2023
އިބޫމެން ވޯޓަށް ކުރާ ކަންކަން މިފެންނަނީ