"މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ"
އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: އެމްޑީޕީ
24 ސެޕްޓެމްބަރ 2023 - 11:39
ރާއްޖޭގެ މިނިވަންކަމާ ގުޅުވައި ބޭރުގެ ސިފައިން މި ގައުމުގައި ތިބި ކަމަށް ވާދަވެރި ޕީޕީއެމާއި ޕީއެންސީން ކެނޑިނޭޅި ދައްކަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ރައްޔިތުންނަށް ސާބިތުކޮށްދޭން ސިފައިން ތިބި ކަމަށް ތުހުމަތުކުރާ ހުރިހާ ސަރަހައްދެއް ދައްކަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސޯސަން ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް އަދި އެންމެ ފަސްކޮޅެއް ވެސް ބޭރުގެ ބަޔަކަށް ދިނުމަށް އެމަނިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށެވެ. ރޭގަނޑުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް، މި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އެމަނިކުފާނަށް ތުހުމަތު އަމާޒުކުރާ ޕީޕީއެމުން ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ. -- ރައީސް
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އެރޭ ގެނައި އިސްލާހާ ދެކޮޅު ހެއްދެވި ކަމަށާއި ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ބިން މިލްކު ނުކުރެވޭ ގޮތަށް އެ އިސްލާހު އުވާލުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަގައިމު ވެސް ރާއްޖޭގެ އެންމެ ފަސްކޮޅެއް ވެސް އެންމެ އިންޗިއެއް ވެސް މިއަދަކު ބޭރުގެ ގައުމަކަށް މީހަކަށް މިލްކުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކަމާ ޝައްކު ކުރައްވާ ފަރާތްތަކުން އުތުރު ތިލަފަޅާއި ހދ. ހަނިމާދޫ އާއި ލ. ކައްދޫ އެއާޕޯޓަށް ވެސް ވަޑައިގެން ބަލަންވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެންނާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ޔަގީންވެ ކަށަވަރު ވާނީ އަޅުގަނޑުމެންނާއެކީ މި މަސައްކަތުގައި ކުރިޔަށް ވަޑައިގަންނަވާއިރު. އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން." އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާގައި ޖޭޕީގެ ބައެއް މެމްބަރުން ބައިވެރިވަނީ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށްގެން ހަމަހަމަކަމާ އެކު ކުރިއަށް ދިއުމެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ އެންމެ އިސް ކަމަކީ ގައުމުގެ މަސްލަހަތު. އެ ސިޔާސަތުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބަޔަކު ނުތިބޭނެ. ކަން ނިންމާނީ އަޅުގަނޑުމެން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން މިހާރު ރާއްޖެ އަކީ ދުނިޔޭގައި ބަސް ކިޔޭ ގައުމަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އެއް ހެއްކަކީ އދ. ގެ ރިޔާސަތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އައްޔަން ކުރެއްވުމަށް އދ. ގައި ނެގި ވޯޓު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
26 September 2023
ޥަގުތު ނެތޭ ވަގުތު ނެތޭ، ތި ބަލާކަށް މިހާރު ވަގުތެއް ނެތް - ރޯޒުމެންގެ އުނދަގުލުން ސަލާމަތްވާން ބޭނުމީ!
މަރުތެޔޮ
25 September 2023
އެތަންތަން ބަލަން ދާށޭ ރައީސުލް ޖުމްހޫރިއްޔާ ސާފުކޮށް ވިދާޅުވީމަ ދިޔަބަޔަކު ދިޔައީ. ދިޔައިމަ އެމް.އެން.ޑީ.އެފުން ބުނީ ނޭރޭނެޔޭ. ރޮހިތު އަށް ގުޅާށޭ. ދެން ބަޔާން ނެރުނީ ހަތިޔާރުގެ ބޭނުން ކުރެވިދާނެޔޭ ކިޔާހަދާފަ. މިހާވަރުން މީގަ ނުބައެއް އުޅޭކަން ރައްޔިތުންނަށްވެސް ވިސްނޭނެދޯ. ރައީސުލް ޖުމްހޫރިއްޔާގެ ބާރު އޮތީ ކިހާވަރަކަށްތޯ ސުވާލު އުފެދޭ.
ގޫގޮ
25 September 2023
ގޫގްލް ގަ ސާޗް ކޮށްބަލަ އިންޑިޔާ މިލިޓަރީ ބޭސް ހުރިތަންތަން ފެންނާނެ!!!!!!!
އޭކު ސަވާލް
25 September 2023
މިހާރު ހުރިހަަ ކުންފުންޏެނެއްގެ އެމްޑީ އަކީވެސް އިބޫތޭ؟
އެޑްމުންޑޯ
25 September 2023
ދެން ކީއްވެ އިންޑިޔާ ސިފައިން ތިބި އަދަދު ހާމަކުރަން އެދުނީމާ ކޯޓަށް ދިޔައީ އެކަން ނުކުރަންވެގެން ، ގައުމީސަލާމަތަށް ނުރައްކަލެކޭ ކިޔާ ސަކަރާތްޖެހީވެސް ތިބޭފުޅަނޫންތޯ ، މިހާރު ތިކިޔަނީ އެހެން ލަވައެއް ، ބެރާއި ރާގާއި ލަވަޔާއި ދިމާނުވޭ އިގޭތޯ ،
އައލޯ ގާޒީ
25 September 2023
އިންޑއާ ސިފައިންގެ ލަޝްލަރު ނިޒާމުން ގެއްލުވާލީތަ؟
ވައި އަނގަ
25 September 2023
ނުކެތޭނެ ދައްކާކަށް
ނީނާ'
25 September 2023
ކޮބާ އެގުރިމެންޓު ތައް އަވަހައ ދައްކާ
ލަތީފާ
25 September 2023
ކޮބާހޭ ގައުމަށް ނުރައްކާވާ އެގްރީމެންޓް ތައް. ޢެފޮރުވައިގެން މަތި ނޭޅުއްވޭނެ.
ދޮންބެއްޔާ
25 September 2023
އުތުރު ތިލަފަޅު ބަލަން ދިޔަ ނޫސްވެރިންނަށް ނުދައްކާ އަނބުރާ ފޮނުވާލީ. އަދި ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަމޭ. ބަލަން ދާންވީއޯ، ދިޔައިމަ ބެލެނީއެއް ނޫން. ދާމީހާއަށް ބިރުދައްކަނީ ވެސް ދިވެހި ސިފައިން. ރައީސް އޯކޭ ދީގެން ދިޔައިމަ އިންޑިއާ ބޮޑުވަޒީރު ބުނީމަތަ ނޭރުނީ؟
ޙަސަން އަޙްމަދު
25 September 2023
ދައްކާނަމޭ ބުންޏަސް އެމްޑީއެފްގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ހުއްދަނުނަގައި ޢާއްމުކޮށް ހުޅުވައިނުލަނީސް ދާހާ މީހަކަށް އަރައިގަނެވޭތަ؟ ކަލޭމެންގެ ބުއްދި ގޯސްވީތަ؟
ރޮހިތު
25 September 2023
ރައީސް ވިދާޅުވިޔަސް ރޮހިތު ކައިރިން ހުއްދަ ނުނަގާ ތިހެން އައިސް ނޭރޭނެއެއްނު. ކަލޭމެން ހަމަތަ؟ ރިވެތި އަހުލާގު ދަސްކޮށްބަލަ.