ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

ބަންގްލަދޭޝްގެ ކުރިއެރުން ވަޒަންކުރެވޭނީ ރާއްޖެ ބަލިކޮށްގެން: ކޯޗު

ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ކަބްރޭރާ، އިއްޔެގެ ޕްރެސް ކޮންފަރެންސްގައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ހަވާލުވެގެން ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ކުރިއެރުން ވަޒަން ކުރެވޭނީ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައި ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖަށް ދަތުރު ކޮށްގެން ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.

"ހަމަ ޔަގީނުންވެސް މި ޓީމަށް ކުރިއެރުން އެބަ ލިބޭ ކަމަށް ގަބޫލު ކުރަން. އެ މަރުހަލާގެ ތެރޭގައި މިއުޅެނީ، ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. އެހެންވީމަ ޓީމުގެ ކުރިއެރުން އައި ކަމަށް ބެލެވޭނީ ރާއްޖެ ބަލިކޮށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިގެން. އެއީ ކޮލިފައިވެއްޖެ ނަމަ އަހަރުމެންނަށް ވަރުގަދަ ޓީމްތަކާ އެކު މެޗުތަކެއް ކުޅެން ލިބޭނެ. އަދި އޭރުން ވަރުގަދަ ޗެލެންޖަސް ތައް ލިބި ޓީމު އިތުރަށް ރަނގަޅުކުރަން މަސައްކަތް ކުރެވޭނެ،" ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ ބުނީ، ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރަން އުނދަގޫ ވާނެ ކަމަށާއި، އުންމީދު ކުރަނީ ދެވަނަ ލެގަށް ދާއިރު ޓީމަށް ހިތްވަރެއް ލިބޭފަދަ ނަތީޖާއެއް މާދަމާގެ މެޗުން ނެރުން ކަމަށެވެ. ދެވަނަ ލެގު މެޗު ބަންގްލަދޭޝްގައި ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ޖޫން، ޖުލައިގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 3-1 އިން ބަލްގްލަދޭޝް އަތުން ބަލިވެފަ އެވެ. މިދިޔަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން 2-0 އިން ރާއްޖެ މޮޅުވި ނަމަވެސް 2021 ވަނަ އަހަރު ސްރީލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައި ރާއްޖެ ބަލިވީ 2-1 އިންނެވެ. އެންމެ ފަހުން މުބާރާތެއްގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ފޯ ނޭޝަންސް ކަޕްގެ ކުރިން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ކޯޗު އަލީ ސުޒޭން އާއެކު ރާއްޖެ ވަނީ 2-0 އިން އެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ކަބްރޭރާ އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވަނީ، މި ޕްރެސްގައި ޓީމު ކެޕްޓަން ޖަމާލް ވެސް ބައިވެރިވި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭން މެޗެއް ނުކުޅުނު ނަމަވެސް ބަންގްލަދޭޝް ވަނީ މިދިޔަ މަހު ލިބުނު އިންޓަނޭޝަނަލް ބްރޭކުގައި އަފްގާނިސްތާނާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ކަބްރޭރާ ބުނީ، އުނދަގޫ ޝެޑިއުލަކާ އެކު ވެސް ބަންގްލަދޭޝްއިން ވަރުގަދަ ޓީމަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެވުމަކީ އެޑްވާންޓޭޖެއް ކަމަށެވެ.

ކަބްރޭރާ ބުނީ ރާއްޖެއާ ދެކޮޅަށް މެޗު ފަސޭހަކޮށް ނުލެވޭނެ ކަމަށާއި ބަންގްލަދޭޝް ޓީމު އޯވާކޮންފިޑެންސް ވެއްޖެ ނަމަ އޭގެ ފައިދާ ރާއްޖޭން ހިފާނެ ކަމަށެވެ. އަދި ރާއްޖޭގެ ޓީމަކީ ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ވެސް ބުނީ ރާއްޖޭގައި ކުޅެން ފަސޭހަ ނުވާނެ ކަމަށެވެ. އަދި އެންމެ ފަހުން ބަންގްލަދޭޝް މޮޅުވި ދެ މެޗަކީ ވެސް ރާއްޖޭން ބޭރުގައި ކުޅެފައި ހުރި މެޗުތަކުން ކަމަށާއި، ޓީމު އޮތީ ވަރަށް ރަނގަޅަށް މެޗަށް ފޯކަސް ކޮށްގެން ކަމަށް އޭނާ ބުންޏެވެ. ހަމަ އެއާ އެކު ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ޓީމަށް ތަރުހީބު ދޭން ދަނޑަށް ވަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އާޖެންޓީނާގެ ކުލަބަކަށް ކުޅެމުން އަންނަ ޖަމާލް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ބަންގްލަދޭޝް ޓީމުގެ ގޯލްކީޕަރު އަނީސުއްރަހްމާން ޒީކޯ އާއި ޑޮފެންޑަރު ޓޯޕޫ ބާމަން އަދި ޒުވާން މިޑްފީލްޑަރު ޝޭހް މޮރްސަލީން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ މިދިޔަ މަހު ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ރާއްޖޭގައި މާޒިޔާ ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި ގައުމަށް ދިޔައިރު ގަވާއިދާ ހިލާފަށް 60 ފުޅި ބަނގުރާ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ކަބްރޭރާ ބުނީ، ތިން ކުޅުންތެރިންނަކީ ވެސް މުހިއްމު ކުޅުންތެރިން ކަމަށާއި، ނަމަވެސް ދިމާވި ކުއްލި މައްސަލައާ ގުޅިގެން ކޮލިފައިންގައި ވާދަކުރާ ސްކޮޑަށް އޭގެ އަސަރު ނުކުރާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި ޓީމުގައި އަލަށް ހިމެނުނު ޒުވާން ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

13 October 2023

ބަންގްލަދޭޝް މެޗަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމް އިން ކުރެވުނު ހަމައެކަނި ކަންތައް:*ކުދިކޮޅެއް ފޮނުވައިގެން ބައްސާމު އަށް ޝުކުރު އަދާކޮށްފަ ބެނާއެއްދެމުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454