ޖުނައިދު ހާން އޭނާގެ ބައްޕަ އާމިރު ހާން އާއި މަންމަ ކިރަން ރާއޯއާ އެކު.
26 އޮކްޓޯބަރ 2023 - 06:28
އާމިރު ހާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ހާން ބޮލީވުޑަށް ތައާރަފުވާ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ ފިލްމު "މަހާރާޖް" އަންނަ އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. އަދި އަންނަ އަހަރު ކުރީކޮޅުގައި އެ ފިލްމު ޕްރިމިއާ ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޖުނައިދުއާ އެކު އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޝާލިނީ ޕާންޑޭ އެވެ. މުހިންމު ރޯލަކުން ޝަރުވާރީ ވާގް ވެސް ފެންނާނެ އެވެ. އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ "މަހާރާޖް"ގެ ކާސްޓުގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗުކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.
"މަހާރާޖާ" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ފިލްމުގައި ޖުނައިދު ކުޅޭނީ ވެސް އޭރު އުޅުނު ނޫސްވެރިއެއް ކަމަށްވާ ކަރްސަންދާސް މުލްޖީގެ ރޯލެވެ.
އާމިރު އޭނާގެ ދަރިފުޅު ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނައިރު، ދެބަފައިން އެކުގައި މިހާރު ވަރަށް ގިނަ އިވެންޓުތަކުން ވެސް ފެނެ އެވެ. އާމިރު ވެސް އަންނަނީ ފިލްމީ މަސައްކަތްތަކާ ދުރުގައި ދުވަސްކޮޅު ހުރުމަށް ފަހު، އަނެއްކާވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްކޮ
26 October 2023
އާމިރުގެ ދަރި ވައްތަރީ ޗެ ގުވާރާއާ.