ރާއްޖެ އެތެރެކުރި 29 ކިލޯގެ މަސްތުވާތަކެތި. - ފޮޓޯ: މިހާރު
11 ޖޫން 2016 - 22:36
މަސްތުވާތަކެތި ބޭނުންކުރާ މީހުން، ކޯޓު އަމުރެއް ނެތި ރިހެބިލިޓޭޓް ކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މީގެ ދެ ހަފުތާ ކުރިން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މި މަހު ހުށަހަޅުއްވާނެ ކަމަށެވެ. އޭރުން މަސްތުވާތަކެތީގެ ފަރުވާގެ މަގު ކުރުވެ، ފަރުވާ އެތައް ގުނައެއް އަވަސް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ އުސޫލާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މަގުމަތީގައި މަސްތުވެފައި ހުންނަ މީހާ ނަގައިގެން ވަރަށް ގިނަ މަރުހަލާތައް ކަޑައްތުކުރަން ޖެހޭ ކަމަށެވެ. އެ މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ ނަމަ، މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި ގޮތް ނިންމަނީ ކޯޓުންކަން ފާހަގަކުރެއްވި އެވެ.
ބައެއް ފަހަރަށް މައްސަލަތައް ނިންމަން ހަތަރު އަހަރު ހޭދަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު މި ވަކާލާތު ކުރަނީ ސީދާ ރިހެބަށް ފޮނުވާ ގޮތަށް،" އުމަރު ވިދާޅުވި އެވެ.
އެ ގޮތަށް ފޮނުވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުލުހުންގެ އިތުރުން އަދި އެހެން ފަރާތަކުން ވެސް އެ މީހެއްގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކުރުމަށް ފަހު، އެ ދެ ފަހަރު ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުންނެވެ. ފުލުހުން އޭރުން އެ މީހަކީ ފަރުވާ އަށް ޝަރުތު ފުރިހަމަވެފައިވާ މީހެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އެ ބަދަލާއެކު މައްސަލަތައް އަވަސްވުމުގެ އިތުރުން އިދާރީ އެތައް ހަރަދުތަކެއް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.
ގާނޫނަށް އިސްލާހު ގެނައުމަށް ފަހަރެއްގައި ފުލުހުންގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށާއި އެކަމުގައި އެޓާނީ ޖެނެރަލާއި ޕޮރޮސިކިއުޓާ ޖެނެރަލާ އެކު މަޝްވަރާކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެންޓަލިސްޓް
12 June 2016
ބާރުގަދަ ޑްރަގްސް ގެ ރިހެބިލިޓޭޝަންއަކީ ދުނިޔޭގައި ފޭލްވެފައިވާ ކޮންސެޕްޓްއެއް ، އެންމެފަހުން ގޮތްހުސްވެގެން ވިއްކުމުގެ ލައިސަންސް މީސްމީހުނަށް ދީ ބުއިމުގެ ހުއްދަވެސް ދެނީ ބައެއްގައުމުތަކުގައި ، އޭރުން ޑްރަގްސްގެ ބްލެކްމާރކެޓް ނެތި ޑީލަރުންގެ ވިޔަފާރި ވަޅުޖަހާގޮއްވެސް ދިމާވޭ ،
ޢަލީ ރަފީގު
12 June 2016
ޑްރަގް ކޯޓުގެ އަމުރެއް ނެތިވެސް ފަރުވާއަށް އަމިއްލަ އަށް އެދިގެން އާދެވޭ ކަން ހޯމް މިނިސްޓަރު އުމަރު ނަސީރަށް ނޭނގެނީ ދޯ... ހޯމް މިނިސްޓަރު ޢުމަރު ނަސީރަށް މިވަރު ނޭނގުނީތީ ހިތާމަ ކުރަން. ..
ޙަސަން
12 June 2016
އުމަރު ނަސީރަށް އޭނާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގެ ޙާލަތުވެސް އެނގޭ މިންރާ މެދު ސުވާލު އުފެދޭ ... ރީހެބް އޮތީ ފުރި ފައޭ .. ކޮމިޔުނިޓީ ސެންޓަރު އޮތީ ބަންޑުން ވެފައޭ ... ކްލާހުގައި ތިބޭ އިރު ބޮލަށް ފައިބަނީ ބުޅަލުގެ ނަޖިހޭ ...ލޮލު ފިޔަ ޖަހާ އަވަސް މިނުގައި ތަނުން އެހެރަ ދަނީ ކަރަންޓޭ ... ޑްރަގް ކޯޓު އަމުރާ ހެދި އެއް ނޫނޭ އުމަރާ ފަރުވާ އަށް ނުފޮނުވެނީ ... މަރުކަޒުތައް ފުރި ބާރުވޭ އެތަންތަނުގެ ޙާލަތު ދައްވެގެންނޭ .. ފިނި ކޮޓަރީގަ އިނދެގެން މޮޅެތި ޚިޔާލީ ފޮލާ ކެއްކިޔަސް ވާނެ ކަމެއް ނޯންނާނެއޭ ..
ވަހީދާ
11 June 2016
ފުލުހުން ހައްޔަރުކުރާ ތަނުންވެސް ފަރުވާ ދެވޭނީ އެވަރުގެ ކުޅަދާނަކަމެއް ގައުމުގައި ހުރެގެންނޫންހެއްޔެވެ؟ މިހާރުވެސް ޑްރަގް ކޯޓުން އެތައް ބަޔަކަށް ފަރުވާއަށް ހުކުން ކޮށްފައި އެބަތިއްބެވެ. އެކަމަކު ޓްރީޓްމަންޓް ސެންޓަރުތައް ފުރިގެން ޖާގަނުލިބިގެން އެތައް ބަޔަކު ތިބީ ވެއިޓިންގްލިސްޓުގައެވެ. ފުލުހުން ހިފާހައްޔަރުކުރާ ތަނުންވެސް ފަރުވާދެވޭނީ އެވަރަށް ސެންޓަރުތަކާއި، ވަސީލަތްތަކާއި، މީހުން ތިބިގެންނެވެ. އެކަން ކުރެވޭނަމަ ތީ ވަރަށް ރަނގަޅު ބަދަލެކެވެ.
ބްލޫ
11 June 2016
ހަޤީގަތުގައި މިކުރަން އުޅޭކަމަކީ ނިޒާމުގެ ތެރެއިން މިމީހުން ބޭނުން ބަޔަކު ދުއްވާލުން. އިރުއިރުކޮޅާ ޤާނޫނުތައް ބަދަލުކޮށް ހިތުހުރިގޮތެއް ހެދުން ބޭނުމަކީ.